އަޙްމަދިއްޔާގައި ކިޔެވުމުގެ ނަސީބު ލިބުމުން މުސްތަޤްބަލަށް އެތައް ދޮރުތަކެއް ހުޅުވިއްޖެ: ޝާހާ

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސާނަވީ ބައިން 2019 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށްވުމުގެ ފަޚުރު ހޯދި ފާޠިމަތު ޝާހާ ޙުސައިންއަކީ ކިޔެވުމާއި އިތުރު ހަރަކާތްތަކާއި އަޚްލާޤީ ގޮތުން ވެސް ސްކޫލުން އެންމެ ފާހަގަކޮށްލެވޭ އެއް ދަރިވަރެވެ. މޮޅު، ރަނގަޅު އެތައް ކުދިންނެއްގެ ތެރެއިން ހުނިޖަހާލާފައި ޝާހާ އެ މަގާމަށް ހޮވުނީ ޝާހާގެ ކިބައިގައިވާ މިފަދަ އެތައް ރީތި ސިފަތަކެއްގެ ސަބަބުންކަން ޔަގީނެވެ.

އަޙްމަދިއްޔާއާ މެދު ޝާހާގެ ޝުޢޫރު

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ވަންނަން ނިންމި ނިންމުމަކީ މުޅި ހަޔާތުގައި ވެސް މިހާތަނަށް ނިންމުނު އެންމެ ރަނގަޅު ނިންމުންކަން ފާހަގަކުރަމުން،  ގްރޭޑް 12 ސީ ގައި ކިޔަވަމުން އަންނަ ޝާހާ ބުނީ އަޙްމަދިއްޔާގެ ސަބަބުން ޝާހާގެ މުސްތަޤްބަލަށް އެތައް ގިނަ ދޮރުތަކެއް ހުޅުވިގެން ހިނގައްޖެ ކަމަށެވެ.

"އަޙްމަދިއްޔާގެ ސަބަބުން އަޅުގަނޑަށް ވަރަށް ގިނަ ފުރުޞަތުތައް ލިބުނު. މިއީ އަޅުގަނޑުގެ ވިސްނުން ފުޅާކޮށްދިން ސްކޫލް. މި ސްކޫލްގެ ސަބަބުން މުސްތަޤްބަލަށް އެތައް އެތައް ދޮރުތަކެއް ހުޅުވިގެން ހިނގައްޖެ. މުސްތަޤްބަލަށްޓަކައި ބޭނުންތެރި ގިނަގުނަ އެތައް ފިލާވަޅުތަކެއް އަޅުގަނޑަށް ލިބިއްޖެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޙްމަދިއްޔާއަށް ވަންނަން ނިންމި ނިންމުމަކީ އަޅުގަނޑު މުޅި ހަޔާތުގައި ވެސް މިހާތަނަށް ނިންމުނު އެންމެ ރަނގަޅު ނިންމުން." އަޙްމަދިއްޔާއަށް ވަދެވުނީތީ ނިކަން ބޮޑަށް ފަޚުރުވެރިވެފައި ހުރި ޝާހާގެ ޝުއޫރުތައް ބަންޑުންކޮށްލިއެވެ.

2019 ވަނަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ޝާހާ އަށް މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. އިބްރާހީމް ޙަސަން އެވޯޑް ހަވާލުކޮށްދެއްވަނީ.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

އެންމެ މޮޅުދަރިވަރުގެ މަގާމަށް މަގުކޮށުން

ޝާހާ ބުނާ ގޮތުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށްވުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެކެވެ. އޭރު ކަޅާހުދުގެ އެ ހުވަފެން ބަލަން ފެށުނު ގޮތް ވެސް ޝާހާ ކިޔައިދިނެވެ.

"އަޅުގަނޑު މޭނާ ސްކޫލްގައި އުޅުނުއިރު، ކޮންމެ އަހަރަކު އެ ސްކޫލްގެ އެންމެ މޮޅު ދަރިވަރުގެ ނަން އިޢުލާން ކުރާއިރު، އެ މަގާމަށް ހޮވޭ ދަރިވަރަށް އެންމެންގެ ތައުރީފް ލިބި ލޯބި ލިބުމުން، އެ ދަރިވަރުންނަށް ހާސިލްކުރެވޭ އާދަޔާ ޚިލާފު އުފާވެރިކަން ފެންނަ ކޮންމެ ފަހަރަކު އަޅުގަނޑު އަޒުމްކަނޑައެޅިން ހަމަ މި ޝަރަފު މާތްﷲގެ އިރާދަފުޅާއި މިންވަރުފުޅުން އަދި އަޅުގަނޑު ވެސް ހޯދާނަމޭ. އެންމެންގެ ލޯތްބާއި ތައުރީފު ލިބުމުން އެ ކުދިން އެ އިހުސްސާކުރާ އުފާވެރިކަން ތަޖުރިބާކުރާނަމޭ." ޝާހާ ކިޔައިދިނެވެ. "އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މި ޝަރަފު ހޯދަން މަސައްކަތްކުރީ ބެސްޓް އޯލް ރައުންޑަކަށް ވުމަކީ އެހާ ފަސޭހަ މަސައްކަތަކަށް ނުވާނެކަން އެނގިހުރެ. އަޅުގަނޑަށް އެނގޭ މި އެވޯޑަށް 'ބެސްޓް އޯލް ރައުންޑް' ގެ ނަމުން ނަންދީފައި މިވަނީ ސަބަބުތަކެއް ވެސް ހުރެގެންކަން. އެހެންވެ މި އިނާމަށް ވަރަށް ބުރަކޮށް މަސައްކަތްކުރިން."

ޝާހާ: ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުމަށްފަހު މަތީ ތަޢުލީމާބެހޭ ވަޒީރާއި އަދި ސްކޫލްގެ ޕްރިންސިޕަލާއެކު… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ޝާހާގެ ބުނާ ގޮތުން "އެ މަގާމަށް ވާދަކުރާ ދަރިވަރަކީ ހަމައެކަނި ކިޔެވުމަށް މޮޅު ދަރިވަރަކަށް ވެގެން ނުވާނެ ކަމާ، އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވެ، އެހެން މީހުންނަށް ރަނގަޅު ރޯލް މޮޑެލްއަކަށް ވާން ޖެހޭ ކަން" އެނގިހުރެ، އެ ވާބޯ މަގު ސާފުކުރުމުގެ މަސައްކަތް ފެށީ ނުހަނު ވަރުގަދަ އަޒުމަކާއި ހިތްވަރަކާ އެކުގައެވެ. ޔަގީންވެ ކަށަވަރުވާ ކަމަކީ ކޮށައި ސާފުކޮށް އަލިކުރަމުންދިޔަ މަގުން ސަރާސަރު ބިމަށް ވާސިލްވެވޭނީ "ކޮށިދަނޑާއި ކަތިވަޅިއާއި މަރިޔަނބާ ދޭތެރޭ ވެސް ނުހަނު ސަމާލުވެ ހުރެގެންކަމެވެ."

ޝުކުރުގެ ލިސްޓު

އެ ފަޚުރުވެރި ކާމިޔާބީއަށްފަހު ނިކަން އުފަލުންހުރި ޝާހާގެ ޝުކުރުގެ ލިސްޓަށް ދަމާ ހިނގާށެވެ. "އަޅުގަނޑުގެ މަންމަ އާއި ބައްޕަ އަޅުގަނޑަށް ލޯތްބާއި ކުލުނާއެކު ދިން ހުރިހާ އެހީތެރިކަމަކާއި ކުޑަވެސް ފަސްޖެހުމެއް، ޝަކުވާއެއް ނެތި އަޅުގަނޑަށް ކޮށްދިން ހުރިހާ ކަމަކަށް ޝުކުރު އަދާކުރަން. އެ ބޭފުޅުންނާއި މުޅި އާއިލާ ފޫހިކަމުގެ އިޝާރާތެއް ވެސް އަޅުގަނޑަށް ނުދައްކައި އަޅުގަނޑަށްޓަކައި ވީ ގުރުބާނީ ފާހަގަކުރަން. އަޅުގަނޑެކޭ އެއްފަދައިން އެއިން ހަމަ އެކަކުވެސް އަޅުގަނޑުގެ އަމާޒުގެ މަތިން ހިނދުކޮޅަކަށް ވެސް ހަނދާން ނައްތާނުލާ."

ޝާހާ މަންމައާއެކު..

އެންމެ ފުރަތަމަ ޝާހާ ޝުކުރުވެރިވީ މައިންބަފައިންނާއި އާއިލާއިން ކުރި މަސައްކަތަށެވެ. އެއަށް ފަހު، ޓީޗަރުންނަށެވެ.

"އަޅުގަނޑުގެ ހުރިހާ ޓީޗަރުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މިހާތަނަށް އަޅުގަނޑާ ބައްދަލުވި ހަމަ ހުރިހާ ޓީޗަރުން މި ޝުކުރުގަ ޝާމިލްކުރަން. ތިޔަ ހުރިހާ ބޭފުޅުންނާ ނުލައި އަޅުގަނޑަށް މި ކާމިޔާބީއެއް ނުލިބުނީސް. ފޮތްތަކުންނާއި ފޮތްތަކުގެ ބޭރުން ދެއްވި ހުރިހާ ފިލާވަޅުތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަނޑު ކުރި ކޮންމެ ސުވާލަކަށް ފޫހިކަމެއް ނެތި ތިޔަ ދެއްވި ކޮންމެ ޖަވާބަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މި ޝުކުރުގެ ލިސްޓުގަ ވަރަށް ޚާއްސަކޮށް އެސިސްޓެންޓް ޕްރިންސިޕަލް ޝިއުނާ މިސް ފާހަގަކުރަން. މިސްއަކީ ހަމައެކަނި އަޅުގަނޑަށް މުދައްރިސެއް ނޫން. ގައިޑަރެއް އަދި މުޝީރެއް. އެއީ ޙަޤީޤަތުގައި އަޅުގަނޑުގެ ލޯ ހުޅުވައި، މުސްތަޤްބަލަށް އިތުރަށް ހޭލުންތެރިކުރުވި ކަނބަލަކީ. ޝުކުރިއްޔާ މިސް."

ބައެއް ކާމިޔާބީތައް

ގްރޭޑް އެކަކުން ފެށިގެން އޭ ރިޕޯޓު ހޯދަމުން އަންނަ ޝާހާއަކީ ޖެނެރަލް ޕްރޮފިޝެނެސީ ޕްރައިޒް އާއި، ކްލާސް ޕްރައިޒްއާއި ސަބްޖެކްޓް ޕްރައިޒް ފަދަ، މޮޅަށް ކިޔަވާ ދަރިވަރަކަށް ލިބޭނެ ހުރިހާ އިނާމެއް ހޯދަމުން އައިސް އޯލެވެލްގެ ގަދަ ދިހައެއްގެ ފަޚުރުވެރި އެއްވަނަ ހޯދާފައިވާ ތޫނުފިލި ދަރިވަރެކެވެ. މީގެ އިތުރުން އެކައުންޓިންގ އިން ދުނިޔޭގެ ގަދަ ދިހައެއްގެ ހަ ވަނަ، އަދި މުޅި ރާއްޖެއިން އެއްވަނަ ހޯދައި ބްރިލިއަންސް އެވޯރޑް ހޯދާފައެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ޑެޕިއުޓީ ސްކޫލް ކެޕްޓަންކަމުގެ ބުރަ ޒިންމާ އަދާކުރަމުން މިހާރު ވެސް ޝާހާ އެ ދަނީ ސްކޫލްގައި ބާއްވާ ހުރިހާ އިތުރު ހަރަކާތެއްގައިހެން ބައިވެރިވަމުންނެވެ.

2021 ވަނަ އަހަރު ބޭއްވި ޤައުމީ ޤުރުއާން މުބާރާތުން  ޝާހާ ވަނީ ބައިވެރިވި އުމުރުފުރާއިން އެއްވަނަ، އަދި މުޅި މުބާރާތުން 2 ވަނަ ހޯދާފައި. ފޮޓޯ: ރައީސް އޮފީސް

ޝާހާއަކީ ކިޔެވުމުގެ އިތުރުން ޤުރުއާން ކިޔެވުމުގެ މުބާރާތްތަކާއި އަދަބީ މުބާރާތްތަކުގައި ވެސް އަލިގަދަ ތަރިއެކެވެ. އެގޮތުން ދިވެހިރާއްޖޭގެ އަޑުގެ ޤުރުއާން މުބާރާތާއި، އަތޮޅު ޤުރުއާން މުބާރާތާއި، ފަލާޙް ޤުރުއާން މުބާރާތާއި އަލްކައުނު ޤުރުއާން މުބާރާތުގައި ބައިވެރިވެ، އެކި ފަހަރު މަތިން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދާފައިވެއެވެ. އިއުފަވި ޤުރުއާން މުބާރާތުން އެއްވަނަ އަދި ޤައުމީ ޤުރުއާން މުބާރާތުން ވެސް އެކި ވަނަތައް ހޯދާފައިވެއެވެ. މިދިޔަ 2021 ވަނަ އަހަރު ބޭއްވި ޤައުމީ ޤުރުއާން މުބާރާތުން ޝާހާ ވަނީ ބައިވެރިވި އުމުރުފުރާއިން އެއްވަނަ، ހިތުން ކިޔުމުން އެއް ވަނަ، އަދި މުޅި މުބާރާތުން ދެވަނަ ހޯދާފައެވެ. މީގެ އިތުރުން ޝާހާ ވަނީ ޕެންޝަން ކުއިޒުގެ ރަނަރަޕް ކަމާއި، އަޙްމަދިއްޔާގެ ހިޔާ އީދުގެ ބަހުސްކުރުމުން ތިންވަނަ، ބަނދިކިޔުމުން ދެވަނަ، މަޒުމޫނު ލިޔުމުން އެއްވަނަ އަދި މުޅި މުބާރާތުން ދެވަނަ ހޯދާފައެވެ.

ޝާހާއާ މެދު މުދައްރިސުންގެ ޝުޢޫރު ހުރީ ކިހިނެއް؟

ޝާހާއާ މެދު އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް ޝިއުނާ އިބްރާހީމް ނަސީރު (ޝިއުނާ މިސް)ގެ ޝުޢޫރުތައް ބަންޑުންކޮށްލީ މިހެންނެވެ.

ޝިއުނާ މިސް އަކީ، އަޅުގަނޑުގެ ލޯ ހުޅުވައި، މުސްތަޤްބަލަށް އިތުރަށް ހޭލުންތެރިކުރުވި ކަނބަލެއް. ޝާހާ

"ޝާހާއާ ބެހޭ ގޮތުން ކޮމެންޓެއް ކުރަންޏާ، ޝާހާގެ ރަނގަޅު ސިފަތަކުގެ ވާހަކަދައްކައި ކޮޅުންނުލާނެ. ކުރުކޮށް ބުނަންޏާ ޝާހާއަކީ ވަރަށް ކިޔަމަންތެރި މޮޅު ދަރިވަރެއް. ވަރަށް އަޒުމް ވަރުގަދަ ކުއްޖެއް. ޝާހާ ކޮންމެ ކަމަކާ ކުރިމަތިލީ ކަމުގައި ވިޔަސް ޝާހާގެ ވަނަ އަކީ އަބަދުވެސް އެއްވަނަ. ދެވަނަ އަކީ ޝާހާ ގަބޫލުކުރާ ވަނައެއް ނޫން. އެއްވަނަ ހޯދުމުގެ އަޒުމުގަ އެ ރޫހުގަ ޝާހާ މަސައްކަތްކުރާނީ. ޝާހާއަކީ ކިޔެވުމާއި އިތުރު ހަރަކާތްތަކުގައި ވެސް އެހެން ކުދިންނަށް ނަމޫނާ ދަރިވަރެއް. އެ ދެ ކަންތައް ވެސް ބެލެންސްކޮށް ގެންދާ ދަރިވަރެއް. ގިނަ ދަރިވަރުންގެ ނުހުންނަ އަޚްލާގީ ވަރަށް ރީތި ސިފަތަކެއް ވެސް ހުންނަ ކުއްޖެއް ޝާހާއަކީ. ތިމާގެ ބަލިފައި ގަބޫލުކޮށް، އެކަންކަން ހާމަކުރަން ކެރޭ، އެކަންކަން ރަނގަޅުކުރުމަށް މަސައްކަތްކޮށް ކާމިޔާބާ ހަމައަށް ވާސިލްވެވެންދެން މަސައްކަތްކުރާ، ކެރޭ، ހިތްވަރުގަދަ ދަރިވަރެއް. ދީނީ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދޭ ދަރިވަރެއް. މައިންބަފައިންނާ މުދައްރިސުންންނަށް އިޙްތިރާމްކުރަން ދަންނަ ބަސްއަހާ ދަރިވަރެއް. މިސް ވަރަށް ވަރަށް ފަޚުރުވެރިވޭ ޝާހާއާ މެދު. މިސް އެދެނީ މާތްﷲ ޝާހާއަށް އުޖާލާ މުސްތަޤްބަލެއް ދެއްވުން."

ޝާހާއަކީ މޭނާ ސްކޫލުންނާއި އިމާދުއްދީން ސްކޫލުން ކިޔެވުމަށްފަހު ގްރޭޑް އަށަކަށް އަޙްމަދިއްޔާއަށް ބަދަލުވެ، ކުރު މުއްދަތެއްގެ ތެރޭގައި ދަރިވަރުންނާއި، މުދައްރިސުންނާއި މެނޭޖްމަންޓުގެ އިހުތިރާމާއި ލޯބި ހޯދި ދަރިވަރެކެވެ. ޝާހާއަށް ގްރޭޑް 8 އަދި ގްރޭޑް 9 ގައި ކެމިސްޓްރީ ކިޔަވައިދެއްވި ތަޖުރިބާކާރު ޓީޗަރ ފާތިމަތު ރަޝީދާ (ފާތުން މިސް) ވެސް ވިދާޅުވީ ޝާހާއަކީ ވަރަށް ބަސްއަހާ ކުދިންނާއި ޓީޗަރުންނާ ގުޅިގެން މަސައްކަތްކުރާ މޮޅު ދަރިވަރެއް ކަމަށާއި، އިތުރު ހަރަކާތްތަކުގައި އުޅެމުން ވެސް ކިޔެވުމުގެ ކަންތައް އެންމެ ފުރިހަމައަށް ކުރަމުންދާ ހިތްވަރުގަދަކުއްޖެއް ކަމަށެވެ.

"މިސް ޝާހާއަށް ކިޔަވައިދިން އިރު ދުވަހަކު ވެސް ހޯމްވޯރކެއް ނަހަދާ ޝާހާ އައި ހަނދާނެއް ނެތް. ޝާހާއަކީ ވަރަށް ހިތްހެޔޮ ވެސް ކުއްޖެއް. އަބަދުވެސް ފެންނާނީ ހިނިތުންވެފަ ހުންނަ ތަން. ދެން ވަރަށް ލޯބިވާ ދަރިވަރެއް އެއީ. ޝާހާ ގާތު ބުނެލަން ބޭނުން ވަނީ ތި ގޮތުގަ ކުރިއަށްދާށޭ. މިސްގެ ހެޔޮ ދުޢާ އަބަދުވެސް ޝާހާއާ އެކީ ވާނެއޭ." ފާތުން މިސް ވިދާޅުވިއެވެ.

2019 ވަނަ އަހަރު ސާނަވީ އިމްތިހާނުން ގަދަ ދިހައަކުން 1 ވަނަ ޙާޞިލް ކުރުމުން ޝާހާއަށް ރައީސް އިނާމު ހަވާލުކޮށްދެއްވަނީ.. ފޮޓޯ: ރައީސް އޮފީސް

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ބައިގެ ލީޑިންގ ޓީޗަރު ހަސްމާ އަޙުމަދު ނަސީރު ވިދާޅުވީ ޝާހާ އަކީ މަޑުމައިތިރި ދަރިވަރެއް ނަމަވެސް ހުރިހާ ކަމެއްގައި ވެސް ވަރަށް ހަރަކާތްތެރި، ކުދިންނާ ގުޅޭ "ފިސާރި ލީޑަރެއް" ކަމަށެވެ.

" ޝާހާއަކީ މީހުންނަށް އިޙްތިރާމްކުރުމުގަ ނަމޫނާ ދަރިވަރެއް. ކުރަން ހަވާލުކުރާ ޓާސްކްތައް ވަގުތަށް ނިންމާ، އަދި ކޮންމެ ދަނޑިވަޅެއްގަ ކަމެއް ކުރަން ޖެހުނަސް އިސްވެ އެ ކަމެއް ކުރާ، ހުނަރުވެރި، ވަގުތަށް ކަމޭހިތާ ދަރިވަރެއް. މިސްއަށް ޝާހާގެ އެންމެ ފާހަގަކުރެވޭ ކަމަކީ ހުރިހާ ކަމެއްގަ ވެސް ޕޮޒިޓިވްކޮށް ވިސްނާކަން. މިސް ޝާހާއަށް އެދެނީ ފުރިހަމަ ކާމިޔާބީއަށް. ޝާހާ ކަހަލަ ކުއްޖަކު އަޙްމަދިއްޔާގަ ހުރީމަ މިސްމެން ވަރަށް އުފާވޭ. ވަރަށް ފަޚުރުވެރި ވެސް ވޭ. މިސްގެ ދުޢާއަކީ ޝާހާގެ މުސްތަޤްބަލް އުޖާލާވުން. އަދި ޝާހާ ކަހަލަ އެތައް ޝާހާއެއް އަޙްމަދިއްޔާގައި އުފެދުން." ހަސްމާ މިސް ވިދާޅުވިއެވެ.

ޝާހާގެ ތަޖުރިބާގެ ދަތުރު ގްރޭޑް 10ގެ ބައެއް ދަރިވަރުންނަށް ހިއްސާކުރަނީ.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ޝާހާގެ އުއްމީދަކީ ނިއުރޯސާޖަން އަކަށް ވުމެވެ. އަޅުގަނޑުމެންގެ ދުޢާއަކީ ޝާހާގެ މި އުއްމީދުގައި ކުލަޖެހި، ހުނަރުވެރި މޮޅު ޑޮކްޓަރަކަށް ޝާހާވުމެވެ. ޝާހާއަށް އުފާފާގަތި ދުވަސްތަކެއް މިންވަރުކުރެއްވުމެވެ. މުސްތަޤްބަލުގައި ވެސް އަޙްމަދިއްޔާ އެ ދަރިވަރަކަށްޓަކައި ފަޚުރުވެރިވާނޭ ފަދަ ޤައުމީ ޚިދުމަތްތެރިއަކަށް ޝާހާވުމެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *