ބުރާސްފަތި, 17 އޭޕްރިލް 2025

ލައިލަތުލް ޤަދުރި ވިލޭރޭ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ ކޮންމެ ބޭފުޅަކުވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް – ޝައިޚް ޔަޢުޤޫބު

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެޕްރައިމަރީ އަދި ޕްރީ ސްކޫލްގެ ޓިޗަރުންނަށް އަމާޒުކޮށްގެން ދަރުސްއެއް ބާއްވައިފިއެވެ. މިދަރުސް އޮތީ މިއަދު ހެނދުނު ސްކޫލްގެ ހޯލުގައެވެ. މި ދަރުސްގައި އައްޝައިޚް ޔަޢުޤޫބު ވިދާޅުވީ ރަމަޟާން މަހުގެ ފަހު ދިހައަށް އެޅުމުން އެ މަހުގައި އަންނަ ލައިލަތުލް ޤަދުރި ވިލޭރޭ ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ ކޮންމެ ބޭފުޅަކުވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއްކަމުގައެވެ. އެއްހާސް މައްސަރުގެ ހެޔޮކަން ލިބޭ އެންމެ ރެއެއް އަންނައިރު އެރެއަކީ ކަނޑައެޅިގެން ވަކި ރެއެއްކަން އެނގިފައި ނުވާއިރު ރަމަޟާންމަހުގެ ފަހުދިހައިގެ ރޭތަކުގައި ގިނަގިނައިން ދުޢާކޮށް މާތްﷲގެ ހަޟުރަތުގައި ދަރުމައާއި ސަވާބުހޯދުމަށް އެދުމަށެވެ.

ޕްރައިމަރީ ޓީޗަރުންނަށް ބޭއްވި ދަރުސްގެ ތެރެއިން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

މީގެއިތުރުން މި ދަރުސަކީ ޚާއްޞަކޮށް މި މާތް މައްސަރުގެ ހެޔޮކަމަށް އަލިއަޅުވާލައިގެން ކުރިއަށް ގެންދެވި ދަރުސެކެވެ. އެގޮތުން ގިނަގިނައިން ތައުބާ ވުމަށާއި، ޞަދަޤާތްކުރުމަށާއި، ހިތްތައް ސާފުކުރުމަށް ވެސް މި ދަރުސްގައި އަލިއަޅުވާލެއްވިއެވެ. ހަމައެހެންމެ ކޮންމެ އިންސާނަކީ ވެސް ފާފަކުރެވޭނެ އިންސާނަކަށް ވާތީ އަޅުގަނޑުމެންގެ ޢަމަލުތައް ސީދާ ކުރުމަށްޓަކައި މި މައްސަރުގައި ގިނަގިނައިން ނަމާދުކޮށް ދުޢާކޮށް ޤުރުއާން ކިޔަވައި ހެދުމަކީ ވެސް ނުހަނު ބޭނުންތެރިކަމެއް ކަމުގައި ޝައިޚު ވިދާޅުވިއެވެ.

ޕްރައިމަރީ ޓީޗަރުންނަށް ބޭއްވި ދަރުސްގެ ތެރެއިން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

އަޅުގަނޑުމެން އުޅެންވީގޮތް ކީރިތި ރަސޫލާގެ ކިބައިން ނަމޫނާ ލިބިގަތުމަކީ މުހިންމު ކަމެއްކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުންވެސް ރަމަޟާން މަހުގެ މާތްކަމުގެ އެތައް ވާހަކަތަކެއް މިއަދުގެ ދަރުސުން ހާމަވެގެން ދިޔައެވެ. ހަމައެހެންމެ މި ދަރުސް ވެގެންދިޔައީ ނުހަނު ބޭނުންތެރި އެތައް މައުލޫމާތުތަކެއް ލިބިގެންދިޔަ ދަރުސަކަށެވެ. އެއްގަޑިއިރަށް ކުރިއަށް ގެންދެވުނު މި ދަރުސަކީ އަޙްމަދިއްޔާގައި މަސައްކަތްކުރައްވާ ހުރިހާ ޓީޗަރުންނަށް ވެސް ވަރަށް ބޭނުންތެރި އެހާމެ އަގުހުރި ދަރުސެކެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *