މިއަހަރުގެ އޯލެވެލް އިމްތިހާން ފަށައިފި

މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިހާނު  ރާއްޖޭގައި މިއަދު ފަށައިފި އެވެ. މިއަދު މިފެށި އިމްތިހާނުގައި އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލުން ބައިވެރިވެފައިވަނީ  182 ދަރިވަރުންނެވެ. މިއަދު ކުރިއަށް ދިޔައީ ސައިންސް ސްޓްރީމްގެ ދަރިވަރުންނަށް ކެމިސްޓްރީ ކަރުދާހެކެވެ. މާދަމާ އިނގިރޭސި ކަރުދާހާއެކު ބިޒިނަސް ސްޓްރީމްގެ ދަރިވަރުންގެ އިމްތިހާންތައްވެސް ފެށޭނެއެވެ.  އެސްއެސްސީ އިމްތިހާނު ފެށޭނީ ޖޫންމަހުގެ 1 ވަނަ ދުވަހު އިސްލާމް މާއްދާގެ ކަރުދާހުންނެވެ. އޯލެވެލް އިމްތިހާންގެ އެންމެ ފަހު ކަރުދާސް އޮންނާނީ އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

މިއަދު ފެށުނު އިމްތިޙާންގައި އަޙްމަދިއްޔާއިން ބައިވެރިވި ބައެއް ދަރިވަރުން.. ފޮޓޯ: ޢަލީ އާސިމް

މިއަހަރުގެ އިމްތިހާނުގައި ރާއްޖޭގެ 239 ސެންޓަރަކުން 5939 ދަރިވަރުން ބައިވެރިވިއެވެ. މީގެ އިތުރަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންގެ ބެލުމުގެ ދަށުން، ސްރީ ލަންކާގައި ހުންނަ މޯލްޑިވްސް ކަލްޗަރަލް ސެންޓަރާއި މެލޭޝިއާގައި ހުންނަ މޯލްޑިވްސް ސެންޓަރުގައި ވެސް ދިވެހި ދަރިވަރުން މި އިމްތިހާނުގައި ބައިވެރިވި އެވެ.

މިއަދު ފެށުނު އިމްތިޙާންގައި އަޙްމަދިއްޔާއިން ބައިވެރިވި ބައެއް ދަރިވަރުން.. ފޮޓޯ: ޢަލީ އާސިމް

މީގެ ކުރިން ރާއްޖޭގައި އޯލެވެލް އިމްތިހާނު ބާއްވަމުން އައީ އޮކްޓޯބަރު/ނޮވެމްބަރުގަ އެވެ. އެކަމަކު 2020 ވަނަ އަހަރު ކޮވިޑްގެ ސަބަބުން މުއްދަތެއް ނެތް ގޮތަށް އޯލެވެލް އިމްތިހާނު ފަސްކުރުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފަށާ ގޮތަށް ބަދަލުކޮށް މެއި/ޖޫންގައި އޯލެވެލް އިމްތިހާނު ބާއްވާ ގޮތަށް ބަދަލުކުރާށެވެ.

މި އިމްތިޙާނަށް ތައްޔާރު ވުމުގެ ގޮތުން ގިނަ ސްކޫލްތަކުން ތަފާތު ހަރަކާތްތަކެއް ގުރޭޑް ދިހައެއްގައި ކިޔަވަމުން ދިޔަ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔައެވެ. އޭގެ ތެރޭގައި ތަފާތު ކޭންޕު ތަކާއި މަސައްކަތު ބައްދަލުވުންތައް ހިމެނެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *