الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ޝަހާދަތުގެ ދެކަލިމައާއެކު އިސްލާމްދީނަށް ވަދެފައިވާމީހަކީ އެދެކަލިމައަށް ހެކިވުމަށްފަހު ދެން އިތުރު އެއްވެސް ތަކްލީފެއް އޭނާއަށް ނެތިގޮސްފައިވާ މީހަކަށްނުވެއެވެ. އަދިކިއެއްހެއްޔެވެ! އެދެކަލިމައަށް ހެކިވުމާއެކު އޭނާ ހިތުގެއަޑިންނާއި ގަދައަޑުން އޭނާ އެވަނީ އޭނާގެ އެންމެހައި ގުނަވަނެއް ﷲ سبحانه وتعالى އަށް އަޅުވެތިވެއްޖެ ކަމަށް އިޤްރާރުވެފައެވެ. އަދި އެއަޅުވެތިކަން އަދާކުރާނީ ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ޢަމަލުފުޅުތަކުން އެއަޅުވެތިކަން މާތް ﷲ އަށް އަދާކުރިގޮތަށްކަން ތިމަންނާވެސް އެކަންކަން އަދާކުރާނީ ކަމުގައި ވަރުގަދަ އެއްބަސްވުމަކުން އެއްބަސްވެފައެވެ. ވީމާ ޝަހާދަތަކީ އޭނާގެ މައްޗަށް އިތުރު ތަކްލީފުތަކެއް ވާކަމުގައި އަމިއްލަ ނަފްސަށް ވެވޭ އެއްބަސްވުމެކެވެ. ﷲ سبحانه وتعالى އާއި ރަސޫލާ صلى الله عليه وسلم ކުރަން އެންގެވި ކަންކަން ކުރާނޭ ކަމަށާއި ﷲ سبحانه وتعالى އާއި ރަސޫލާ صلى الله عليه وسلم ދުރުހެލިވާން އަންގަވާ ޙަރާމްކުރެއްވި ކަންކަމުން ދުރުހެލިވާނޭ ކަމުގައި ބުނެ އެދެފަރާތުގެ ކިޔަމަންގަތުމުގެ ތެރެއަށް ވަދެފައެވެ.
މީހަކު އިސްލާމްވުމަށްފަހު ނުވަތަ އިސްލާމްކަންމަތީގައި ބާލިޣުވުމުގެ ޢުމުރަށް ދިއުމަށްފަހު އެމީހެއްގެ މައްޗަށް އެންމެބޮޑަށް ވާޖިބުވެގެންވަނީ އިސްލާމްދީނުގައި ދެން އޮންނަ ހަތަރު ރުކުން އަދާކުރުމެވެ. އެއީ ނަމާދު ޤާއިމްކުރުމާއި، ޒަކާތްދިނުމާއި، ރަމަޟާންމަހުގެ ރޯދަހިފުމާއި ކުޅަދާނަވެގެންވާ މީހާ ޢުމުރުން އެއްފަހަރުނަމަވެސް ޙައްޖުވުމެވެ. މީގެތެރޭގައި ދުވަހުންދުވަހަށް އެއްތަނެއްގައި ހުއްޓިހުރެ ﷲ މަތިން ހަނދާންކުރުމުގައި ދެމިހުންނައަޅުކަމާއި މުދަލުން ހޭދަކޮށްގެން އަދާކުރާ އަޅުކަންވެއެވެ. އަދި ނުކައިނުބޮއި ޝަހްވަތްތަކުން ދުރުވެހުރެ އަދާކުރާ ރޯދައިގެ އަޅުކަން ވެއެވެ. އެންމެފަހު ރުކުނަކީ ޙައްޖެވެ. އެއީ އިސްވެދިޔަ އެންމެހައި އަޅުކަމެއްގެ ބައިތައް އެއަޅުކަމެއްގައި ހިމެނޭ އަޅުކަމެކެވެ. ﷲގެ އިލާހަވަންތަކަމަށް އިޤްރާރުވާއިރު ހަމައެމޭރުމުން އެކަލާނގެ އަޅުވެތިކަމުގައިވާ އަޅަކީމުއޭ ކިޔާ ތަލްބިޔާ ކިޔައެވެ. ނަމާދެކޭ އެއްފަދައިން އެކަލާނގެ ހަނދުކުރުމުގައި ދެމިހުރެއެވެ. ރޯދައެކޭ އެއްފަދައިން ޝަހްވަތްތަކުން ދުރުހެލިވެގެން ހުރެއެވެ. އަދި ޝަހްވަތްތަކަށް މަގުފަހިވާ އަދި މަގުފަހިކުރުވާ ކަންކަމުންވެސް ދުރުހެލިވުމަށް އަމުރުކުރެއްވިއެވެ. އެގޮތުން އިޙްރާމްގައިހުރެ މީހަކު ކައިވެނި ކޮށްދިނުމާއި، އެހެންމީހަކާއި ކައިވެނިކުރުންވެސް ޙަރާމްކުރެއްވިއެވެ. އަދި ޒަކާތެކޭ އެއްފަދައިން އަމިއްލަ މުދަލުގެ ތެރެއިން ނުހަނު ބޮޑުބައެއް އެކަމަށް ހޭދަނުކޮށެއް ޙައްޖެއް ނުވެވެއެވެ. އެހާބޮޑު އެއްޗެއް ﷲ ގެ މަގުގައި ހޭދަކުރަންޖެހެއެވެ. ނަމާދަކީ ﷲ سبحانه وتعالى ގެ ހަނދުމަކުރުމުން ފާފަ ފުހެވޭ އަޅުކަމަކަށްވާއިރު، ޒަކާތަކީ މުދަލުން ހޭދަކުރުމުން ތިމާގެ ފާފަފުހެވޭ އަޅުކަމެކެވެ. ރޯދައަކީ އީމާންކަމާއި ޘަވާބަށްއެދި އެރޯދަހިފުމުން ފާފަ ފުހެވޭ މައްސަރެކެވެ. ޙައްޖަކީ އެމީހެއްގެ އެންމެހައި ފާފަތަކެއް ފުހެވުމުގެ މާތް ދަތުރެކެވެ. މިއީ އިސްލާމްދީނުގެ ތަނބުތަކެވެ. މިއިން އެއްވެސް އަޅުކަމަކަށް މުސްލިމަކު ފަރުވާކުޑަކޮށްގެން ނުވާނެއެވެ. ދީނުގައި ޙަރާމްކުރެއްވި ފާފަތަކަށް ވުރެ މިއަޅުކަންތައް އެޅުމުން އުރެދުންތެރިކަން ބޮޑުވެގެންވެއެވެ. ފާފަވެރިވުން ބޮޑުވެގެންވެއެވެ. މުސްލިމަކަށްވެހުރެ ކުރެވޭނެ އެންމެބޮޑު ފާފައަކީ ނަމާދުއެޅުމެވެ. ދެން ޒަކާތް ނުދިނުމާއި ރޯދަނުހިފުމާއި ކުޅަދާންވެގެންވާ މީހާ ހައްޖުނުވުމެވެ. ވީމާ މިއިން އެއްވެސް ރުކުނަކަށް ފަރުވާކުޑަކުރުމަކީ އާޚިރަތުގެ ފަލާޙާއި ކާމިޔާބަށް އެދިގެން މަސައްކަތްކުރާމީހަކާ އެއްގޮތަކަށްވެސް އެކަށީގެންވާކަމަކަށް ނުވާނެއެވެ.
ޖާމިޢުލް ޢުލޫމް ވަލްޙިކަމްގެ ތިންވަނަ ޙަދީޘްގެ ދަށުން ގެނެސްފައިވާ ގޮތުގައި عَبدُاللهِ بنُ مَسعُود رضي الله عنه ވިދާޅުވިއެވެ: "مَنْ لَـمْ يُزَكِّ فَلاَ صَلاَةَ لَهُ" މާނައީ: "ޒަކާތްނުދޭމީހަކީ އެމީހަކަށް ނަމާދެއް ނުވާމީހެކެވެ." މީގެ ޝަރަޙައިގައި އިބްނު ރަޖަބް ވިދާޅުވިއެވެ: މިތަނުގައި ޤަބޫލުނުވާނޭ ކަމަށް އޮތް ބަހުން އެމީހެއްގެ ނަމާދުގެ ޞައްޙަކަން ގެއްލޭނޭ ކަމެއްކަން ދޭހައެއް ނުވެއެވެ. އަދި އެކަމެއް ދޫކޮށްލުމަށްފަހު އަލުން އެއަޅުކަން އަދާކުރުން ވާޖިބުވުންވެސް މިއަކުން ނަފީއެއް ނުކުރެއެވެ. އެހެނަސް އޭގެ މުރާދަކީ އެގޮތަށް ޢަމަލުކުރުމުން ރުއްސެވުން ނަފީވާ ވާހަކައެވެ. އަދި އެފަދައިން ޢަމަލުކުރާމީހަކަށް ރަނގަޅުމީހެއްގެ ގޮތުގައި ސިފަކުރުން ނަފީވާ ވާހަކައެވެ. އަދި މަލަކޫތީޢާލަމުގައި އެމީހަކަށް ޘަނާއެއް ނުވާވާހަކައާއި މަލާއިކަތުން އެކަން ރަނގަޅުނުކުރާ ވާހަކައެވެ. -اهـ-
މިއަޅުކަންތަކަކީ އެއަޅުކަންތަކުގެ ޘަވާބާއި ދަރުމަ އެހެނިހެން ކަންކަމުގެ ސަބަބުންވެސް އެއަށް އުނިކަން ގެނުވާނޭ އަޅުކަންތަކެކެވެ. މިއަޅުކަންތައް އަދާކޮށްފައިވެސް އަރައިގަންނަ ޙަރާމް ކަންތައްތަކުގެ ސަބަބުން އެކޮށްފައިވާ ހެޔޮޢަމަލުތަކުގެ ދަރުމަ އުނިވެގެންދެއެވެ. އަދާކޮށްފައިވާ ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖުގެ މަތިވެރި ދަރަޖަތަކަށް އުނިކަން ގެނުވައެވެ. އަދި އެފަދަ ފާފަތަކުގެ ސަބަބުން އެމީހެއްގެ އީމާންކަން ބަލިކަށިވެގެން ދިއުމުގެ ސަބަބުން އެމީހާގެ ހެޔޮޢަމަލުތައް ޤަބޫލުނުކުރެވޭ ދަރަޖައަކަށްވެސް ހިނގައިދާނެއެވެ. އޭގެ ބައެއް މިސާލުތަކުގެ ތެރޭގައި ޞަޙީޙް މުސްލިމް ގައި އައިސްފައިވާ ރާބޯ މީހާގެ ވާހަކަ ހިމެނެއެވެ. ޙަދީޘްގައިވެއެވެ: ((مَنْ شَرِبَ الـخَمْرَ لَـمْ يَقْبَلْ اللهُ لَهُ صَلاَةً أَرْبَعِينَ يَوْمًا)) މާނައީ: [ރާބޮއިފި މީހާގެ އެއްވެސް ނަމާދެއް ސާޅީސް ދުވަސްވަންދެން ﷲ ޤަބޫލު ނުކުރައްވާހުއްޓެވެ.] އަދި ޞަޙީޙް މުސްލިމްގައި އައިސްފައިވާ އެހެން ޙަދީޘެއްގައިވެއެވެ: ((مَنْ أَتَى عَرَّافًا فَصَدَّقَهُ بِـمَا يَقُولُ لَـمْ تُقْبَلْ لَهُ صَلاَةً أَرْبَعِينَ يَوْمًا)) މާނައީ: [ފާލުބަލާ މީހެއްގެ ގާތަށް ގޮސް އޭނާ ދައްކާ ވާހަކަ ތެދުކޮށްފި މީހެއްގެ ނަމާދު ސާޅީސް ދުވަސް ވަންދެން އެއްވެސް ނަމާދެއް އޭނާގެ ފަރާތުން ޤަބޫލު ނުވެވޭނެތެވެ.]
މިހެން މިކަންކަން އޮތް ކަމުގައިވީ ނަމަވެސް އެމީހެއްގެ ގައިގައި ދީނުގެ އުޞޫލު، މާނައީ ﷲ سبحانه وتعالى ގެ އެއްކައުވަންތަކަން ފުރިހަމައަށް އިސްތިޤްރާރުވެފައިވާނަމަ، އެއުޞޫލުގެ ތެރެއިން ނިކުންނަ ފަރުޢުން ބައެއް އަދި އުނިވިކަމުގައިވީ ނަމަވެސް އެމީހަކު އިސްލާމްދީނުގެ ތަރަހައިން ބޭރު ނުވާނެއެވެ. ޝަހާދަތުގެ ދެކަލިމައިން ބޭރުނުވާހާ ހިނދަކު އެމީހެއްގެ ކިބައިން އިސްލާމްކަން ނަފީ ނުކުރެވެއެވެ. އިބްނު ޙިއްބާން ޞަޙީޙްގައި ރިވާކުރެއްވި ޙަދީޘެއްގައިވެސް ވާގޮތުން، ނަބިއްޔާ صلى الله عليه وسلم މުއުމިނު މީހާ ސިފަކުރެއްވީ ކަދުރު ރުކެއްގެ ސިފައިގައެވެ. އެކަދުރު ރުކުގެ ގޮފިތަކުން ބައެއް ކެނޑިގެން ރުކާއި ވަކިވެގެން ދިޔަކަމުގައި ވީނަމަވެސް ނުވަތަ އެރުކުގެ މޭވާތަކެއް އެރުކުން ވަކިވެގެން ދިޔަ ކަމުގައި ވީނަމަވެސް އެއީ ރުކެއް ނޫންކަމަކަށް ނުބުނެވޭނެއެވެ. އަދި އެއީ ރުކަކަށް ނުވެ ނުދާނެއެވެ. އެއިން ބައިބައި އުނިވި ކަމުގައިވީ ނަމަވެސް އެއީ އަދިވެސް ކަދުރު ރުކެކެވެ. މުސްލިމް މީހާވެސް ވަނީ އެބީދައިންނެވެ.
އެހެންނަމަވެސް މިހަތަރު ރުކުނަކީ ހާދަހާ މުހިންމުކަން ލިބިގެންވާ އަދި މާތްކަމާއި މަތިވެރިކަން ލިބިގެންވާ ޢަމަލުތަކެކެވެ. އެއިން އެއްވެސް ރުކުނަކަށް އެއްވެސް މުސްލިމަކު ފަރުވާކުޑަކުރުން ހަމަ ހެޔޮނުވާނެއެވެ. އަހަރެމެންގެ ވެރި ރައްބު، ވެރިއިލާހު އެންމެ ވަރުގަދަ އަމުރުތަކުން އަމުރުކުރައްވާފައިވާ ކަންކަމަކީ އެއީއެވެ.
އޭ ހައްދަވާބޮޑުކުރެއްވި އިލާހުއެވެ! އަޅަމެންނީ ބަރާބަރަށް ދީނުގެ ރުކުންތައް އަދާކުރާ ބައެއްގެ ގޮތުގައި ލައްވާނދޭވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.