ކުޑަކުދިންގެ ދުވަސް ފާހަގަކުރާއިރު…

އާދެ، މިއަދަކީ، "ދުނިޔޭގެ ކުޑަކުދިންގެ ދުވަސް" ދިވެހިރާއްޖޭގައި ފާހަގަކުރާ ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ހިތުގެ އެންމެ އިޚްލާޞްތެރި ލޯތްބާއި ހެޔޮއެދުންތައް ރައްދުކުރަމެވެ.

އާދެ، [ޔުނިވަރސަލް ޗިލްޑްރެންސް ޑޭ] ނުވަތަ [ދުނިޔޭގެ ކުޑަކުދިންގެ ދުވަހަކީ] ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ފާހަގަކުރެވޭ ދުވަހެކެވެ. އެކި ޤައުމުގައި އެ ދުވަސް ފާހަގަކުރެވެނީ އެކިދުވަހުއެވެ. ދިވެހިރާއްޖޭގައި އެދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. ދިވެހިރާއްޖޭގެ ކުޑަކުދިންގެ ދުވަސް ކަމުގައި މިއަދު ހަމަޖެހިފައި މިވަނީ، ދިވެހިރާއްޖޭގެ ތުއްތު ކުދިންނަށް ތަޢުލީމު ދިނުމަށް އެންމެ ފުރަތަމަ ޚާއްޞަކުރި މޮންޓެސޫރީ ސްކޫލް (މިހާރުގެ އިސްކަންދަރު ސްކޫލް) ހުޅުވިފައިވަނީ، މީގެ އެތަކެއް އަހަރު ކުރިން، މެއި މަހުގެ 10 ވަނަ ދުވަހު ކަމަށްވާތީއެވެ.

އަޙްމަދިއްޔާގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުން 2018… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ޝައްކެއްނެތްގޮތުގައި، ކުޑަކުދިންނަކީ ކޮންމެ މުޖްތަމަޢެއްގައިވެސް ވަރަށް ޚާއްޞަ ބައެކެވެ. އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންފަދަ އިސްލާމީ މުޖްތަމަޢެއްގައި ކުޑަކުދިންނަށް ދެވިފައި އޮންނަންވާނީ، ވަރަށް މަތިވެރި މަޤާމެކެވެ. އާދެ، ކުޑަކުދިންދެކެ ލޯބިވުމަށެވެ. ކުޑަކުދިންނަށް އޯގާތެރި ވުމަށެވެ. ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރި ވުމަށެވެ.  އަދި ހަރުދަނާ އިސްލާމީ އުޞޫލުތަކެއްގެ މަތިން ކުޑަކުދިން ތަރުބިއްޔަތު ކުރުމަށެވެ. މިބާވަތުގެ ހުރިހާ ކަމަކަށްވަނީ މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް މަތިވެރި އިރުޝާދުތަކެއް ދެއްވާފައެވެ. ކުޑަކުދިން ދުނިޔެއަށް މާތް ﷲ ފޮނުއްވާއިރު ފޮނުއްވަނީ ފިޠުރަތުގެ ސާފު ޠާހިރުކަންމަތީގައެވެ. އެއްވެސް ކުށެއް، ފާފައެއްނެތް މަޢުޞޫމް ބައެއްގެ ގޮތުގައެވެ. މިފަދަ ސާފުޠާހިރު މަޢުޞޫމް ފިޠުރަތެއްގެ މަތިން އެކުދިން މި ދުނިޔެއަށް ފޮނުއްވުމަށްފަހު، އެކުދިންގެ މިޒާޖާއި އުޅުން އެކިގޮތްގޮތަށް ލަންބުވަނީ އެކުދިންގެ މައިންބަފައިން ކަމުގައިވެސް ވަނީ މާތް ރަސޫލާ އަންގަވާފައެވެ. އާދެ، ކަންއޮތީ މިހެން ކަމަށްވުމާއެކު، ރަނގަޅު ގޮތެއްގައި ކުޑަކުދިން ތަރުބިއްޔަތު ކުރުމަކީ، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މަންމައެއްގެވެސް އަދި ކޮންމެ ބައްޕައެއްގެވެސް ބޮލުގައި އެޅިފައިވާ ވަރަށް މުހިންމު މަސްއޫލިއްޔަތެއް ކަމުގައި ނޫނީ ނުވާނެއެވެ.

އަޙްމަދިއްޔާގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުން 2017… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ކުޑަކުދިންގެ ޙައްޤުތަކާމެދު އަޅުގަނޑުމެން ވިސްނާއިރު، ތަފާތު ރޮނގުރޮނގުން ޚިޔާލުކުރަން ޖެހޭނެއެވެ. އެންމެ ފުރަތަމަ ކަމަކީ ކުޑަކުދިންގެ ޞިއްޙަތު ސަލާމަތްކުރުމެވެ. އެކުދިން ބަލިތަކުން ރައްކާތެރިކުރުމާއި، އަދި ބަލިވެއްޖެނަމަ ލަސްނުކޮށް އެކަށީގެންވާ ފަރުވާދިނުމެވެ. ދެވަނަކަމަކީ، ކުޑަކުދިންނަށް ތަޢުލީމް ޙާޞިލުކުރުމުގެ މަގުތައް ފަހިކޮށްދިނުމެވެ. އެދެވޭ ރަނގަޅު ތަޢުލީމަކާ ނުލައި، އެއްވެސް ކުއްޖަކީ، އެ ކުއްޖާގެ މުޖުތަމަޢަށް ނުވަތަ ޤައުމަށް ފައިދާކުރާނެ ކުއްޖަކަށް ނުވާނެއެވެ.

ކުދިން ތަރުބިއްޔަތު ކުރުމުގައި އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ ކަމެއް ކަމުގައި ކޮންމެ ކުއްޖަކީވެސް އެކުއްޖާ ބޮޑުވުމުން، މަސްއޫލިއްޔަތު އުފުލަން ކެރޭ، ހިތްވަރާއި ޢަޒުމުން ފުރިގެންވާ، ހަރުދަނާ އަމިއްލަ ޝަޚްޞިއްޔަތެއް ލިބިގެންވާ ޒުވާނެއް ކަމުގައި ހެދުމެވެ. މުޖުތަމަޢުގެ އެންމެހާ އަފްރާދުންނަކީ، ޢާންމުކޮށް ބަލާއިރު، އެއް އުޞޫލުތަކަކަށް ޙުރްމަތްތެރިކޮށްހިތާ، އެއް މިޞްރާބަކަށް ދަތުރުކުރާ ބަޔަކަށްވުމީ ކޮންމެހެން ލާޒިމުކަމެކެވެ. އެހެން ނަމަވެސް، ކޮންމެ އިންސާނަކީވެސް ވަރަށް ޚާއްޞަ މީހެކެވެ. އެހެން މީހުންނާ ތަފާތު އަމިއްލަވަންތަ ކަމެއް އެމީހެއްގައި ޤުދްރަތީގޮތުން އެކުލެވިގެންވާ މީހެކެވެ. ތަފާތު އެކި ރޮނގުރޮނގުން އެކިމީހުންގެ ނަން ވިދާ، މަޝްހޫރުވެ، ތަފާތު އެކި ޙައިޘިއްޔަތުން އެކި މީހުންގެ ޚިދްމަތްތައް އެމީހުންގެ ޤައުމުތަކަށާއި، މުޅި އިންސާނިއްޔަތަށް ލިބެމުންދާ ދިއުމުގެ ސިއްރަކީ، އަމިއްލަވަންތަކަމެވެ. އެހެންކަމުން ކުދިން ތަރުބިއްޔަތު ކުރުމުގައި، ޤުދްރަތީގޮތުން އެކި ކުދިންނަށް ލިބިފައިވާ އެކިބާވަތުގެ ޤާބިލިއްޔަތުތައް ތަރައްޤީކޮށް، ކޮންމެ ކުއްޖަކީވެސް އަމިއްލަ ޝަޚްޞިއްޔަތެއްގެ ވެރިޔަކަށްވުމުގައި އަޅުގަނޑުމެންގެ އެހީތެރިކަން އެކުދިންނަށް ލިބެންވާނެއެވެ.

އަޙްމަދިއްޔާގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރުން 2017… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

އަޅުގަނޑުމެން އެންމެންވެސް އަޅުގަނޑުމެންގެ ދަރިންގެ ބޭނުންތައް ފުއްދައިދެވޭތޯ މަސައްކަތް ކުރަމުއެވެ. އެކުދިންނަށް ރަނގަޅު ކާނާއާއި، ބަލިވެއްޖެނަމަ ބޭސްފަރުވާއާއި، އަދި ތަޢުލީމް ޙާޞިލުކުރުމުގެ ފުރްޞަތު ހޯދައިދެވޭތޯ ބެލުމަކީ  އަޅުގަނޑުމެންގެ ވަރަށްބޮޑު ވާޖިބެކެވެ. އެހެންނަމަވެސް މިބާވަތުގެ ބޭނުންތައް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ދަރިންނަށް ފުއްދައިދެވެނީ އެކި މީހުންނަށް އެކިވަރަށެވެ. އެމީހެއްގެ ތަނަވަސްކަން ހުރި މިންވަރަކުންނެވެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް އެހެން މީހުންނާ އެއްވަރަށް ކުރެވިދާނެ ވަރަށްބޮޑު ކަމެއް އެބައޮތެވެ. އެއީ އަޅުގަނޑު ދެކޭގޮތުގައި، ކުދިން ބަލައިބޮޑުކުރުމުގައި އެންމެ މުހިންމު ކަންތަކެވެ. އާދެ، އެކަމަކީ ދަރިންދެކެ ލޯބިވުމެވެ. ދަރިންދެކެ މައިންބަފައިންވާ ލޯތްބަކީ އެންމެ މާތް ލޯބިކަމާމެދަކު ޝައްކެއްނެތެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ދަރިންދެކެ އެކަށީގެންވާ ވަރަށް ލޯބިވެވޭނަމަ، އަދި އަޅުގަނޑުމެން އެކުދިންދެކެ ލޯބިވާކަން އެކުދިންނަށް ދެއްކޭނަމަ، ކުދިން ތަރުބިއްޔަތު ކުރުމުގެ އެންމެ ފުރަތަމަ ހަރުފަތް އަޅުގަނޑުމެންނަށް އޮންނާނީ ގިރާކުރެވިފައެވެ. ދަރިންދެކެ ލޯބިވާކަން ހަމައެކަނި އަޅުގަނޑުމެންނަށް އިޙްސާސް ކުރެވުނަސް، އެވަރަކުން ނުފުދޭނެއެވެ. އަޅުގަނޑުމެން އެކުދިންދެކެ ލޯބިވާކަން އެކުދިންނަށްވެސް ފުރިހަމައަށް ގަބޫލުކުރެވޭ ވަރަށް އަޅުގަނޑުމެންގެ ޢަމަލުތަކުން ފެންނަންވާނެއެވެ. އަޅުގަނޑުމެންކުރެ ކޮންމެ މީހަކީ، ދިރިއުޅުމަށް ކުރާ މަސައްކަތުގައި ވަރަށްގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހިފައިވާ މީހެކެވެ. އެހެން ކަމުގައިވިޔަސް، އަޅުގަނޑުމެން ވަގުތު ހޯދައިގެން އަޅުގަނޑުމެންގެ ކުދިންގެ ކަންތައްތައް ހަމަޖައްސައިދިނުމާއި، އެކުދިންނަށް އޯގާވެރިކަމާއެކު ކަންތައްތައް އޮޅުންފިލުވައިދީ، އިރުޝާދުދީ ހެދުމާ، މިބާވަތުގެ ކަންތައްތަކަށް އެކަށީގެންވާ ވަގުތު ހޭދަކުރަންވާނެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *