الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
މިއަދު ސައިންސަކީ ދުނިޔޭގެ އެންމެން ކަހަލަ ގޮތަކަށް އެބައިމީހުން ޤަބޫލުކުރުންތައް އެއެއްޗެއްގެ މައްޗަށް ބަރޯސާކުރާ އެއްޗެކެވެ. އެއްވެސް ކަމެއް ސައިންޓިފިކް ހެއްކެއް ނެތި ޤަބޫލުނުކުރާ މީހުން ނުހަނު ގިނައިރު އިސްލާމްދީނަށް ނިސްބަތްވާ މުސްލިމުންގެ ތެރެއިންވެސް ގިނަބަޔަކު އެބައިމީހުން ޤަބޫލުކުރާ ކޮންމެ ކަމެއް ޤަބޫލުކުރުމުގެ މަރުޖިޢު އަކީ ސައިންސްގެ ރިސާރޗްތަކާއި ސައިންސީ ހޯދުންތަކާއި ހައިޕޯތެސިސްތަކެވެ. މިއީ އޭގެ ޒާތުގައި ގޯސްކަމަކަށް ނުވިކަމުގައިވިޔަސް، ޤުރުއާނާއި ސުންނަތުގައިވާ ޣައިބު ޢިލްމުގެ ވާހަކަތަކާއި ޢަޤީދާގެ ބައިތަކަށް، ސައިންޓިފިކް ހެކި ބޭނުންވެއްޖެނަމަ، އަދި ސައިންޓިފިކަލީ ސާބިތުކަމެއް ނޫންނަމަ، ޤަބޫލު ނުކުރެވޭކަމުގެ ވިސްނުންހުރިނަމަ، ދެން އެކަން ވެގެންދަނީ ވަރަށް ނުބައިކަމަކަށެވެ. އޭގެ ސަބަބުން މީހާ މަގުފުރެދިގެންވާ އެތަކެއް ޢަޤީދާއެއްގެ އަހުލުވެރިއަކަށް އެމީހާވެ އަބާއްޖަވެރިޔަކަށް އެމީހަކު ވެގެންދެއެވެ. އަދި ބައެއް ޙާލަތްތަކުގައި އެމީހުން އިސްލާމްދީނުން ބޭރުވެ ކުފުރުވެގެންވެސް ދެއެވެ.
އިންސާނީ ޤަބޫލުކުރުން މިޒަމާނުގައި ބައްޓަންވެފައިވާ ގޮތަށް ނަޒަރު ހިންގާލާއިރު، ތިމާގެ އަމިއްލަ ހިއްސުތަކުން ދެނެގަނެވޭ ކަންކަން އެއީ ސައިންސް ކަމުގައި ކަނޑައަޅާ އެއީ މައިގަނޑުގޮތެއްގައި ޢިލްމުގެ ނޫރުކަމުގައި ދެކެއެވެ. އަދި ބައެއް މުސްލިމުންގެ ޙާލަތަށް ބަލާލުމުންވެސް ފެންނަނީ ހިތުގެ ތެރޭގައި ވަރަށް ވަރުގަދަ ޔަޤީންކަމެއް ބާއްވައިގެން ސައިންސުން ސާބިތުވާ އެންމެހައި ކަމެއް ބަލައިގަންނަމުން ދާތަނެވެ. އެބައިމީހުންގެ ހިތަށް އުފާވެރިކަން އެފަދަ ހޯދުންތަކުން ގެނުވައެވެ. އެކަމަކީ އެއްދުވަހު ހޯދި ހޯދުމެއް އަނެއްދުވަހު ބަދަލުވެފައިވާ ބީދަޔަކުން ސައިންސްގެ ބައެއް ހޯދުންތައް ހުރިކަމުގައި ވިޔަސް އެބަދަލުވުމުން އުފައްދާދޭ ޝައްކައްވުރެ އެދާއިރާއަށް އޮންނަ ޔަޤީންކަމެއްގެ ބޮޑުކަމުން، އެފަދަ ބަދަލުވުން އެއްވެސް ކަމަކަށްވެސް ނުވެއެވެ. އެއީ އިންސާނީ ޠަބީޢަތުގައިވެސް ހަރުލާފައި ހުންނަ އެއްޗެކެވެ. މިވާހަކަތައް ދީނީ ނަޒަރަކުން ޢައިބުކަމަކަށް ވަނީ އެޤަބޫލުކުރުން ހިތުގައި ބިންވަޅު ނެގިފައިވާ މިންވަރަކުންނެވެ. އޭގެ ޒާތުގައި ކުރިން ބުނިފަދައިން އެއީ ޢައިބެން ނޫނެވެ. އަދި އީމާންކަމުގެ އަހުލުވެރިންނަށް ދީނާ ފުށޫ ނާރާގޮތަށް، އަދިކިއެއް، ދީނުގައި ވާކަމަކާ ސީދާ ދިމާވާގޮތަށް ސައިންސްގެ ހޯދުމެއް އަތުވެއްޖެ ނަމަ އެއީ ދީނުގެ ކަންކަމާމެދު އިތުރު ޔަޤީންކަމެއް އުފެދި އީމާންކަން އިތުރުވާ ކަމަކަށްވެގެން ދެއެވެ.
މުސްލިމުންގެ ގޮތުގައި ތިބެ، ސައިންސީ ހޯދުންތަކަށް ދެވިފައި މިވާ ޤަދަރުން، ޤުރުއާނާއި ސުންނަތުން ހަމަ މިޒާތުގެ ސައިންސްގެ ދާއިރާ އާ ގުޅޭ މައުޟޫޢެއްގެ ވާހަކަ އައުމުންވެސް ސައިންސަށް ދިންފަދަ ޔަޤީންކަމެއް ނުދެވޭނަމަ އެއީ ނުރައްކާތެރިކަމެކެވެ. ވީމާ، ޤުރުއާނުގައި އައިސްފައިވާ މިފަދަ ވާހަކަތައް ކިޔާލާއިރު، ﷲ سبحانه وتعالى ގެ ކުޅަދުންވަންތަކަން ހިތައް އަންނަންޖެހެއެވެ. އެފަދަ ވާހަކައެއް މީގެ ސާދަސަތޭކަ އަހަރުކުރިން ބަޔާންކުރައްވާފައިވުމުން ސައިންސްގެ އަޖައިބުކަމުގެ ބަދަލުގައި ޤުރުއާނުގެ އަޖައިބުކަމާއި މަތިވެރިކަން ހިތައް އަންނަންޖެހެއެވެ. ޤުރުއާނުގައިވާ ވާހަކަތަކުގެ މޮޅުކަމާއި މަތިވެރިކަމާއި ޔަޤީންކަމުން ހިތްތައް ތޮރުފާލަން ޖެހެއެވެ. އެއީ އެކަލާނގެއީ އިންސާނާ އެންމެފުރަތަމަވެސް އުފެއްދެވި، އަދި އަލުން ދެވަނަ ފަހަރުވެސް އުފައްދަވާ ދިރުއްވާނެ އިލާހެވެ. އެހެންކަމުން އެކަލާނގެ އިންސާނާގެ އުފެއްދުމާމެދު ވިޔަސް އަދި ދުނިޔޭގައި އުފައްދަވާފައިވާ ތަކެއްޗާމެދު ވިޔަސް ކަމެއް ބަޔާންކުރައްވައިފި ނަމަ އެއީ އެންމެ ބޮޑަށް ސީދާވާނެ، އެންމެ ތެދު ބަސްފުޅެވެ.
އެގޮތުން ކުޑަކުއްޖާ މައިމީހާގެ ބަނޑުގައި އުފެދި ބޮޑުވާ މަރުޙަލާތައް މާތް ﷲ ވަނީ ޤުރުއާނުގައި ބަޔާންކުރައްވާފައެވެ. އެއީ އެންމެބޮޑު ޙަޤީޤަތެވެ. އެންމެފުރިހަމަ ތެދުވެރި ބަސްފުޅެވެ. އެންމެ އެކިއުރޭޓް ސައިންސެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿وَلَقَدْ خَلَقْنَا الْإِنسَانَ مِن سُلَالَةٍ مِّن طِينٍ (12) ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ (13) ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنشَأْنَاهُ خَلْقًا آخَرَ ۚ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ (14) ثُمَّ إِنَّكُم بَعْدَ ذَٰلِكَ لَمَيِّتُونَ (15)﴾ سورة المؤمنون:12-15 މާނައީ: [ހަމަކަށަވަރުން މަށީގެ ޚުލާޞާއިން އިންސާނާ ތިމަންއިލާހު އުފެއްދެވީމެވެ. އަދި އެއަށްފަހު ތިމަންއިލާހު އެއިންސާނާ ރައްކާތެރި ތަނެއްގައި މަނިތިއްކެއްގެ ގޮތުގައި ލެއްވީމެވެ. ދެން، ތިމަންއިލާހު އެމަނިތިކި ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން، އެގަނޑުލޭކޮޅު މަސްކޮޅަކަށް ހެއްދެވީމެވެ. ދެން، އެމަސްކޮޅު ކަށްޓަށް ހެއްދެވީމެވެ. ދެން، އެކަށީގައި މަސް ލެއްވީމެވެ. ދެން، އެހެން އުފެއްދެވުމަކުން އެއިންސާނާ އުފެއްދެވީމެވެ. ފަހެ، އެންމެ ފުރިހަމައަށް ތަކެތި ހައްދަވާ ﷲ މަތިވެރިވެވޮޑިގެންވެއެވެ.] އަހަރެމެން ޙަޤީޤަތުގައި ޙައިރާންވާވީ ސައިންސްވެރިންގެ ހޯދުންތަކަކުން ނޫނެވެ. ހަޤީޤަތުގައި ޙައިރާންވާވީ މިފަދަ އާޔަތްތައް ފެނިފައެވެ. ކޮންފަދަ ތެދުވެރި ސައިންސްގެ ވާހަކަތަކެއް ހެއްޔެވެ؟ ވަރަށް ސީދަލަށް އޮތް ވާހަކަތަކެކެވެ. އަދި އެއްވެސް އިންސާނެއްގެ ޢިލްމު އެހިސާބަކަށް އެންމެ ފުރިހަމައަށް ފޯރާފައިނުވާ ރަޙިމުގެ ތެރޭގެ ޙަޤީޤަތްތަކެކެވެ. އެރަޙިމުގައި ކުޑަކުއްޖަކު މުސްތަޤްބަލުގައި އުފެދިގެން އައުމަށް ބޭނުންވާ މަނިތިއްކަށް އެއްވެސް ގެއްލުމެއް ނުދެވޭފަދަ ތަނެކެވެ. ރައްކާތެރި ތަނެއްގައި މަނިތިކި އިސްތިޤްރާރުވުން ކޮންފަދަ އެކިއުރޭޓް ވާހަކައެއް ހެއްޔެވެ؟ އެގޮތުގައި އެނުޠްފާ ސާޅީސްދުވަސް ވުމަށްފަހު ޢަލަޤާއަކަށް ގަނޑު ލޭކޮޅަކަށް ބަދަލުވެއެވެ. އެގޮތުގައި ސާޅީސްދުވަސް ވުމުން މުޞްޣާ އަކަށް، މަސްކޮޅަކަށް އޭތި ބަދަލުވެއެވެ. ދެން އޭގެ ސާޅީސްދުވަސް ފަހުން، އަމަޑުމަޑު މަސްކޮޅު ހަރު ކަށްޓަށް ބަދަލުކުރައްވައެވެ. ތިން ސާޅީސް ދުވަސް ހަމަވެ ޖުމްލަ ސަތޭކަވިހި ދުވަސް ހަމަވީއެވެ. ދެން މުޅިން އެހެން އުފެއްދެވުމެކެވެ. އެއީ ފުރާނައަޅުއްވާފައިވާ ދިރިއޮތް ކުއްޖަކަށް ބަދަލުކުރެއްވީއެވެ. އެރިވެތި އިންސާނާ އުފެއްދެވި އިލާހު ކޮންފަދަ މަތިވެރިހެއްޔެވެ؟ އެފުރާނައަށް އަޑުއިވުމާއި ފެނުމާއި ހިތެއް ދެއްވިއެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿ثُمَّ سَوَّىٰهُ وَنَفَخَ فِيهِ مِن رُّوحِهِۦ ۖ وَجَعَلَ لَكُمُ ٱلسَّمْعَ وَٱلْأَبْصَٰرَ وَٱلْأَفْـِٔدَةَ ۚ قَلِيلًا مَّا تَشْكُرُونَ﴾ سورة السجدة:9 މާނައީ: [ދެންއެއަށްފަހު އެނަފްސު ފުރިހަމަ އުފެއްދެވުމަކުން އުފައްދަވާ އެނަފްސުގައި އެކަލާނގެ ފުރާނަ ލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް އިވުމާއި ފެނުމާއި ހިތްތައް އެކަލާނގެ ދެއްވިއެވެ. ތިޔަބައިމީހުން ޝުކުރުވެރިވަނީ ނުހަނު މަދުންނެވެ.]
ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތައް ބަޔާންކުރެއްވުމުން، އެކަލާނގެ މަތިވެރިކަމާއި ކުޅަދުންވަންތަކަން އަޅަމެންގެ ހިތްތަކަށް ވަދެ އީމާންކަން އިތުރުވުމުގެ ހެޔޮނަޞީބު އަޅަމެންނަށް ދެއްވާނދޭވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.