އާރޓިކަލް 69 : ޙަޤީޤަތުގައި ރިވެތި އަޚްލާޤުގެ ވެރިއެއްކަން ދެނެގަންނާނީ ކިހިނެއް؟

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އެއްވެސް މުޖްތަމަޢެއްގައި އެމީހުން އުޅޭއުޅުމުގައި ތަފާތުކޮށްދޭ އެބައެއްގެ އައިޑެންޓިޓީއެއް ނެތް މުޖްތަމަޢެއް ނުވެއެވެ. އެބައެއްގެ މެދުގައި ތަފާތު އާދަތައް ހަރުލާފައި ހުރެއެވެ. ޖުމްލަކޮށް މުޖްތަމަޢުގެ އުޅުން ރަމްޒުކޮށްދޭ އާދަތައް ހުރެއެވެ. އަދި ވަކިވަކި ފަރުދުންގެ ގައިގައި ހަރުލާފައި ހުންނަ އާދަތައްވެސް ހުރެއެވެ. އެހެންވުމުން ގިނަ މުޖްތަމަޢު ތަކުގައި ވަކިވަކި ފަރުދުންނަށް އެމީހުންގެ އުޅުމަށް މަދަޙައިގެ ބަސްބުނުން ނުވަތަ ޢައިބުގެ ބަސްބުނުން ބިނާވަނީ ޖުމްލަކޮށް އެމުޖްތަމަޢެއްގައި ހެޔޮއާދައެއްގެ ގޮތުގައި ބަލައިގަނެފައިވާ އާދަތަކާއި ގޯސްއާދަތަކުގެ ގޮތުގައި ބަލައިގަނެފައިވާ އާދަތަކަށް ބަލައިގެންނެވެ. އެކަން ގިނަފަހަރަށް ދުނިޔޭގެ މާޙައުލުތަކުގައި ނިންމާފައިވަނީ އެބައިމީހުންގެ ގައިގައި ކުރީއްސުރެ ހަރުލާ އިސްތިޤްރާރުވެފައިވާ އާދަތަކަށް ބަލައިގެންނެވެ. ހަރުލާފައި ހުންނަނީ އެމީހުންގެ އަމިއްލަ ބުއްދިން ވިސްނާ ކަނޑައެޅިފައި ހުންނަ ކަންކަމެވެ. އެޤަބޫލުކުރުމަށް ބިނާކޮށް ރަނގަޅުކަމަށް ނިންމާފައިވާ ސިފަތަކަކީ އާދަތަކަކީ އެބައެއްގެ ގާތުގައި ރަނގަޅު އަޚްލާޤެވެ. އަދި ނުބައިކަމަށް ނިންމިފައި ހުންނަ ސިފަތަކަކީ ނުބައި އަޚްލާޤެވެ.

އަޚްލާޤަކީ ނަފްސުގައި ވަކިނުވާނޭހެން ގަދައަށް ހަރުލާފައި ހުންނަ ސިފައެކެވެ. އެސިފައިގެ ސަބަބުން އުނދަގުލަކާއި ނުލައި ފަސޭހަކަމާއެކު މީހާގެ ޢަމަލުތައް އުފެދިގެން އާދެއެވެ. އަދި އެސިފައިގެ ސަބަބުން ނިކުމެގެން އަންނަ ޢަމަލުތައް އޭނާ ގަދަބާރުން އުފައްދާކަށް ނުޖެހެއެވެ. އެކަންކަން ނިކުންނަނީ ވިސްނުމެއް ނެތި ފަސޭހަކަމާއެކުއެވެ. ނަފްސުގައި އެހުންނަ ސިފައިގެ ސަބަބުން އޭނާ އެއްވެސް ވިސްނުމެއް ފިކުރެއް ނެތި އެޢަމަލެއް އޭނާގެ ފަރާތުން ފެނިގެންދެއެވެ. އޭނާގެ ފަރާތުން އެފަދައިން ނިކުމެގެން އަންނަ އުޅުމަށް މިކިޔެނީ އެއީ އޭނާގެ އަޚްލާޤު ކަމަށެވެ. އެނިކުމެގެން އަންނަނީ އެބައެއްގެ މެދުގައި ރަނގަޅު ކަމެއް ނަމަ ބުނަނީ ރަނގަޅު އަޚްލާޤެވެ. އަދި އެފަދަ ގިނަސިފަތަކެއް މީހެއްގެ ގައިގައި ހަރުލާފައިވާނަމަ އެމުޖްތަމަޢަކުން އެމީހަކު ސިފަކުރާނީ އެއީ ރަނގަޅު އަޚްލާޤެއްގެ ވެރިއެއް ކަމުގައެވެ. ނުބައި އަޚްލާޤާއި ނުބައި އަޚްލާޤެއްގެ ވެރިއެއް ކަނޑައެޅުންވެސް އޮންނަނީ ހަމަ އެފަދައިންނެވެ. މިބަހުގެ މާނަ މިފަދައިން ޢަރަބި ބަހުގައި ޚާއްޞަކޮށް ޤުރުއާނާއި ޙަދީޘުންވެސް އިސްތިދްލާލުވެގެން އާދެއެވެ.

ﷲ ވަޙީކުރެއްވިއެވެ: ﴿إِنْ هَذَا إِلَّا خُلُقُ الْأَوَّلِينَ﴾ سورة الشعراء:137 މާނައީ: [އެއީ އިހުގެ މީހުންގެ ޚުލުޤު ނޫން އެހެން އެއްޗެއް ކަމުގައި ނޫނީ ނުވެއެވެ.] އައްޠަބަރީގައި އިބްނު ޢައްބާސް އަދި އެހެނިހެން ބޭކަލުންގެ އަރިހުން މީގެ ތަފްސީރުގައި ބުނެވިފައިވާ ގޮތުން އެއީ އެމީހުންގެ ދީނާއި އާދަކާދައާއި އެމީހުން އަޚްލާޤާއި އެބައިމީހުން އެގޮތެއްގެ މަތީގައި ތިބިގޮތެވެ. އަދި އައްސަޢުދީ ވެސް ތަފްސީރުގައި ވިދާޅުވަނީ އެއީ އެމީހުން އެއެއްޗެއްގެ މައްޗަށް ބިނާވެފައިވާ އިހުގެ މީހުންގެ އާދަކާދަ ކަމުގައެވެ.

ވީމާ އަޚްލާޤު ކިޔެނީ ބައެއްގެ ގައިގައި ގަދައަށް ހަރުލާފައިވާ ސިފަޔަކަށެވެ. ނަފްސުގައިވާ ސިފައެއްގެ ސަބަބުން ޢާއްމުކޮށް ވިސްނާލުމެއް ނެތި ކުރެވޭ ކަންކަމަށެވެ. އޭގެ ބަދަލުގައި ހަމައެކަނި ވަކިމާޙައުލެއްގައި ވަކިޚާއްޞަ ސަބަބަކަށްޓަކައި މީހެއްގެ ކިބައިން ހަމައެކަނި ވަކި މަޤާމެއްގައި ނުވަތަ ވަކި މާޙައުލެއްގައި ފެންނަ އާދަތަކަކީ ޙަޤީޤަތުގައި އެމީހާގެ އަޚްލާޤު ކަމުގައި ނުނިންމޭނެއެވެ. އިތުރަށް މިކަން ތަފްޞީލު ކޮށްލަމާ ހިންގަވާށެވެ! މިސްކިތަށް ނަމާދަށް ދާމީހެކެވެ. އެދަނީ ނުހަނު ރަނގަޅު ޢަމަލެއް ކުރުމަށެވެ. އަދި ކިއެއްހެއްޔެވެ. އެންމެ މަތިވެރި އަޅުކަން ކުރުމަށެވެ. ވީމާ އެފަދައިން ގިނައިން ދާމީހަކަށް ނިސްބަތްކޮށް ވަރަށް ޞާލިޙު މީހެކޭވެސް ބުނެވެއެވެ. ވިސްނާލަން ޖެހޭ ކަމަކީ އެމީހަކު އެދަނީ ވަކި މާހައުލަކަށެވެ. އެއީ ވަކިޚާއްޞަ މަޤާމެކެވެ. ވީމާ ހަމައެކަނި އެތަނުގައި އޭނާ ޢަމަލުކުރާގޮތް އެއީ ޢާންމުކޮށް އޭނާގެ ފަރާތުން ފެންނަ ކަމެއް ކަމުގައި ނުވެދާނެއެވެ. މިސްކިތަކީ އަދި އަމުދުން މުސްލިމުން ޢާންމުކޮށް ހުންނަ އާދަކާދައިގެ ޢަމަލުތައް ބަދަލުކޮށްގެން ވަކިފިކުރަކާ ވިސްނުމަކާއެކު ތަފާތުކޮށް އެތަނެއްގައި އެމީހެއްގެ ޢަމަލުތައް ބަހައްޓާނޭ ތަނެކެވެ. އެތަނުގައި އެމީހެއްގެ ވަށައިގެންވާ މީހުންނަށް އޭނާގެ ފަރާތުން ފެންނަންޖެހޭނޭ ކަމަށް އޭނާ ޤަބޫލުކުރާ ކަންކަމާމެދު އެމީހަކު ވިސްނާނެއެވެ. އެފަދައިން އެތަނުގައި އުޅުން ބައްޓަންކުރަން މަސައްކަތް ކުރާނެއެވެ. ވީމާ އެތަނުން އޭނާގެ ކިބައިން ފެންނަ އާދަތަކަކީ އެއީ އޭނާގެ ކިބައިން އެހެން ތަންތަނުން ފެންނަ އާދަތަކާ ވަރަށްވެސް ތަފާތު އާދަތަކަކަށް ވެދާނެއެވެ. އެހެން މިސާލެކެވެ. މީހާގެ މަސައްކަތު މާޙައުލެވެ. ވަޒީފާގެ މާޙައުލެވެ. މަސްއޫލިއްޔަތު ތަކެއް އަދާކުރަންޖެހޭ މާޙައުލެކެވެ. އެމީހެއްގެ މަސައްކަތްތަކަށް އެހެންމީހަކު ނުވަތަ އެހެންބަޔަކު ފާރަވެރިވާ ނުވަތަ އޮބްޒާރވް ކުރާ ތަނެކެވެ. އެމީހަކު އެކަން ރަނގަޅަށް ދަނެގެން އެކަމަށް ވިސްނައިގެން އެމީހާގެ އާދަތައް ބައްޓަންކުރަމުންދާ ތަނެކެވެ. އެފަދަ ތަނަކުން އޭނާގެ ނަފްސުގައި ގަދަޔަށް ހަރުލާފައިހުރި ސިފައެއްގެ ސަބަބުން ވިސްނުމެއް ފިކުރެއްނެތި އުފެދިގެން ނިކުމެގެން އަންނަ ޢަމަލުތަކެއް ނުވަތަ އާދަތަކެއް ނުފެނިދާނެއެވެ. އެތަނުގައި އޭނާގެ ކިބައިން ނިކުންނަ ޢަމަލުތަކާއި އާދަތައް އޭނާ ނެރޭނީ ނުވަތަ އެހެންމީހުންނަށް ދައްކާނީ، ވަކިގޮތަކަށް ބައްޓަންކޮށްގެން އުފައްދައިގެންނެވެ. ވީމާ އެއާދަތަކަށް ނިސްބަތްކޮށް އެއީ އޭނާގެ އަޚްލާޤު ކަމަކަށް ނުނިންމޭނެއެވެ. އެފަދަ މީހަކު އެހެންތަނެއްގައި އޭނާގެ ގާތްރަޙްމަތްތެރިންނާއެކު ނުވަތަ މަގުމަތީގައި ނުވަތަ މީހުން އެއްވާ ޢާންމު ތަނެއްގައި ހުންނަގޮތް ވެސް ތަފާތުވެދާނެއެވެ. އެއިން ކޮންމެތަނެއްގައި މަންޒަރު ބަލާމީހަކަށް އޭނާ ވަކިގޮތަކަށް އުޅުމަށް ކަނޑަޅާފައިވާ ގޮތްތަކެއް ނުވަތަ އާދަތަކެއް، ފެނިދާނެއެވެ. އެކިތަންތަނުގައި ތަފާތުވެސް ވެދާނެއެވެ. ނަމަވެސް ޢާންމުކޮށް މާބޮޑު ތަފާތުތަކެއްވެސް ނުފެންނާނެއެވެ. އަދި މިހެން މިވާހަކަ ބުނެވިދިޔަޔަސް ހަމަމިފަދަ މާޙައުލެއްގައިވެސް ދިމާވާ ކުއްލި ކަމެއްގެ ސަބަބުން އޭނާގެ ގައިގައި ބިންވަޅު ނެގި ހަރުލާފައިވާ ސިފަތަކުގެ ތެރެއިން ސިފައެއް ޢަމަލީގޮތުން އޭނާގެ ވިސްނުމެއް ނެތި ނިކުމެގެން އައިސް އެއާދައެއް ފެނިގެންވެސް ހިނގައިދާނެއެވެ. މިސާލަކަށް ކުއްލިއަކަށް ވަރަށް ރުޅިއަންނަ ކަމެއް ދިމާވެގެން އޭނާ ޢަމަލުކުރާގޮތެވެ. ކުއްލި ދެރައެއް ހިތާމައެއް ނުވަތަ ކުއްލި އުފަލެއްގެ ސަބަބުން އޭނާ ވިސްނުމެއް ނެތި ޢަމަލުކުރާގޮތެވެ. އެނިކުމެގެން އަންނަނީ އޭނާގެ އަސްލު އަޚްލާޤެވެ. ވީމާ ޢާންމުކޮށް މީހެއްގެ ކިބައިން ވަކި މާޙައުލެއްގައި ފެންނަމުންދާ ގޮތަކަށް ބަލާ އެކޮމިއުނިޓީއެއްގައި އުޅޭ ބަޔަކު އޭނާއަކީ ވަރަށް އަޚްލާޤު ރަނގަޅު މީހެއް ކަމަށް ނިންމައިގެން ތިއްބާ، އެއްދުވަހަކު ދިމާވި ކުއްލި ކަމެއްގެ ސަބަބުން އެސޮސައިޓީން ވަރަށްގޯސްކަމަށް ޤަބޫލުކުރާ ގޮތަކަށް އޭނާގެ ޢަމަލުތައް ފެނިދާނެއެވެ. ދެން އެބަޔަކު ބުނެފާނެއެވެ. އަހަރެމެން ހީކުރީ އެއީ ވަރަށް އަޚްލާޤު ރަނގަޅު މީހެއް ކަމަށެވެ. ނަމަވެސް މިއަދު އެއީ ރަނގަޅު އަޚްލާޤެއްގެ މީހެއް ނޫންކަން އެނގިއްޖެއެވެ.

ވީމާ، ސުވާލަކީ މިފަދަ ތަފާތު އާދަތަކެއް ގިނަބައެއްގެ ފަރާތުން ފެނިގެން ދާއިރު، އެބައެއްގެ އަސްލު ޙަޤީޤީ އަޚްލާޤުގެ ގޮތުގައި ނިންމާނީ ކޮންތަނަކުން ފެންނަ ޢަމަލުތަކެއް ހެއްޔެވެ؟ އަސްލު އެމީހެއްގެ ގައިގައި ހަރުލާފައިވާ ހަޤީޤީ ސިފަތަކުން ނިކުންނަ ޢަމަލުތައް ނިކުންނަނީ އޭނާ ކޮންތަނެއްގައި އުޅޭއިރު ހެއްޔެވެ؟ ވިސްނާލަމާއެވެ! ކޮންމެ މީހެއްގެ ވެސް އެންމެ އާދަވެފައިވާ ނުވަތަ ނުނެއްޓި ހަރުލާފައިވާ އާދަތަށް ހުންނަ މާޙައުލަކީ އޭނާ ދިރިއުޅޭ ގެ ނޫން އެހެންތަނަކަށް ވާނެހެއްޔެވެ؟ ޝައްކެއްވެސް ނެތެވެ. އެއީ އޭނާ އާދަކޮށް ކައިބޮއި ހަދާތަނެވެ. ނިދުމާއި ނިދިންހޭލައިގެން ތެދުވާ ތަނެވެ. އަސްލު ދިރިއުޅުމުގެ މާޙައުލެވެ. ވީމާ އެމީހެއްގެ ވިސްނުމެއް ނެތި ނިކުންނަ އާދަތައް ނިކުތުމަށް އެންމެ އެކަށޭނަ މާޙައުލަކީ ވެސް އެއީއެވެ. އޭނާގެ ޙަޤީޤީ އަޚްލާޤު ފެނުން އެންމެ އެކަށީގެންވަނީ އެމާޙައުލުގައި އުޅޭ މީހުންނަށެވެ. ގޭތެރޭގެ އަހުލުވެރިންނަށެވެ. އޭނާގެ މައިންބަފައިންނަށާއި އޭނާގެ އަނބިދަރިންނަށެވެ. އަދި އޭގެ ތެރެއިންވެސް ޚާއްޞަކޮށް އެމީހެއްގެ އަނބިމީހާއަށެވެ. ރަސޫލާ صلى الله عليه وسلم ގެ ޙަދީޘުން ބާރުލިބޭ ގޮތަކީވެސް މިއީއެވެ. ނިކަން ވިސްނާލުންހުއްޓެވެ. ރަސޫލާ صلى الله عليه وسلم އަންގަވާދެއްވީ އެންމެ އަޚްލާޤު ރަނގަޅުމީހަކީ އެމީހެއްގެ އަނބީންނަށް އެންމެ ހެޔޮމީހާގެ ގޮތުގައެވެ. އައްތިރްމިޛީ ޞައްޙަކަން ބަޔާންކުރައްވާ ޖާމިޢުގައި ރިވާވެގެންވާ ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((أكْملُ المؤمنينَ إيمانًا أحسنُهُم خلقًا. وخيارُكُم خيارُكُم لنسائِهِمْ)) މާނައީ: [މުއުމިނުންގެ ތެރެއިން އެންމެ އީމާންކަން ފުރިހަމަވެގެންވަނީ އެބައެއްގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮމީހަކީ އެބައިމީހުންގެ އަނބީންނަށް އެންމެ ހެޔޮމީހާއެވެ.] އަދި ތިރްމިޛީ ގެ އެހެން ރިވާޔަތެއްގައިވެއެވެ: ((ألْطفُهم بأهْلِه)) މާނައި: [އެބައިމީހުންގެ ތެރެއިން އޭނާގެ އަހުލުންނަށް އެންމެ އޯގާތެރިކޮށް ކަންކުރާމީހާއެވެ.] މާނައީ އެއަނބީންނާ ދިރިއުޅުމުގެ މުޢާމަލާތްތަކުގައި ހެޔޮރަނގަޅު އަޚްލާޤުން މުޢާމަލާ ކުރުމެވެ. މިމަޤާމުގައި އޭނާ މުޢާމަލާ ކުރަންޖެހެނީ އޭނާގެ ކުރިމަތީގައި ނިކަމެތި ބަލިކަށި ބަޔަކާއެވެ. މިމަޤާމަކީ ރަޙްމަތާއި އޯގާތެރިކަން އޭނާގެ ފަރާތުން ބޭނުންވާ މަޤާމެކެވެ. އޭނާއަކީ އަމިއްލަ ބާރުއޮންނަ މީހެއްގެ ގޮތުގައި ހުންނަ މާޙައުލެއްގައި ވާމީހެކެވެ. ޙަޤީޤަތުގައި ރަނގަޅު ރިވެތި އަޚްލާޤު ފެންނަންޖެހޭ ތަނަކީ އެމީހަކު ދިރިއުޅޭ ގޭތެރެއެވެ. ގޭތެރެ ނޫން އެހެން މާޙައުލުތަކުގައި ހަމައެކަނި އެމީހެއްގެ ކިބައިން ރަނގަޅު އަޚްލާޤު ފެނުމަކުން އަދި އެއީ ރަނގަޅު އަޚްލާޤެއްގެ މީހަކަށް ޙަޤީޤަތުގައި ނުވެއެވެ. އެއާ އެކު އަނބިދަރީންނާއި މައިންބަފައިންނަށްވެސް އަޚްލާޤު ރަނގަޅު މީހަކަށް ވުމުން އެއީ ޙަޤީޤަތުގައި އެންމެ އަޚަލާޤު ރަނގަޅުމީހާއެވެ.

އަޅަމެންނީ އަޅަމެންގެ ފަރާތުން ދިރުއުޅޭ ހުރިހައި މާޙައުލެއްގައިވެސް އަޚްލާޤު ރަނގަޅު ބަޔަކު ކަމުގައި ލައްވާނދޭވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ކިޔުންތެރިންގެ ޚިޔާލުތައް

  1. ތިޔަށްވުރެ ބޮޑު ތެދެއްނުވޭ

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *