މިއަހަރު އެސް.އެސް.ސީ އިމްތިހާނުހަދާ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވަމުންދާ "ސްޓަޑީ ކޭންޕު"ގެ ތެރެއިން އިސްލާމް މާއްދާއަށް އަމާޒުކޮށްގެން ބާއްވާ ސެޝަންތައް އިއްޔެ އާއި މިއަދު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ މާލަމުގައި ބާއްވައިފިއެވެ. މިއީ އަޙްމަދިއްޔާގައި މިދިރާސީއަހަރު ބޭއްވޭ އެންމެ ފަހު ކޭންޕެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އިސްލާމް އެޗް.އޯ.ޑީ ޙަލީމަތު ރަޙީމާ ވިދާޅުވެފައިވަނީ، އެންމެ ފަހުވަގުތު މުހިއްމު ހުރިހައި އެއްޗިއްސެއް އެއްތަނެއްގައި ތިބެ މުޠާލިޔާ ކޮށްލުމަކީ ކާމިޔާބު ގޮތެއް ކަމަށާއި މިކަމުގެ ސަބަބުން ވަގުތު ސަލާމަތްވެ އިތުރަށް ކިޔަވަން ވަގުތުވެސް ލިބޭކަމަށެވެ. އަދި މޮކް އެގްޒާމްގައި ތަންކޮޅެއް ދަށުން ލިބޭ ދަރިވަރުންވެސް ކޭންޕުގައި ބައިވެރިވެ، ކޭންޕުން ލިބޭ ފިލާވަޅުތަކުގެ އެހީގެ އަލީގައި ނަތީޖާއަށް އެދެވޭ ބަދަލުތަކެއް ގެންނަން މަސައްކަތް ކުރާކަން ވެސް ފާހަގަކުރެވޭކަމުގައެވެ.

އިއްޔެ ހެނދުނު 8:00 ން މެންދުރު 12:00 އަށް މެންދުރު ފަހުގެ 2:00 ން ހަވީރު 5:00 އަށް އަދި ރޭގަނޑު 7:00 ން 10:00 އަށް ކޭންޕު ކުރިއަށް ގެންދިޔައީ ގްރޭޑް 10 އޭ 10ބީ އަދި 10ސީ ގެ ދަރިވަރުންނަށެވެ. މިއަދު ހަމަ އެގަޑިތަކުގައި ކޭންޕު ކުރިއަށް ގެންދަނީ ގްރޭޑް 10ޑީ 10އީ އަދި 10އެފް ގެ ދަރިވަރުންނަށެވެ.

މިއަހަރުގެ އެންމެ ފުރަތަމަ ކޭންޕު ފަށާފައިވަނީ ދިވެހި މާއްދާއިންނެވެ. އެއަށްފަހު ބިޒްނަސް ސްޓަޑީ ކޭންޕު ވެސް ބޭއްވިއެވެ. ދެން ކުރިއަށް ގެންދިޔައީ، ސައިންސް ކޭންޕެވެ. ސައިންސް ކޭންޕު ބޭއްވީ ކެމިސްޓްރީ ބަޔޮލޮޖީ އަދި ފިޒިކްސް މާއްދާ ވަކިންނެވެ.