الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ތެދުވެރިކަމަކީ ޙަޤީޤަތާ އެއްގޮތްވުމެވެ. ބުނާބަހުގައި، ކުރާޢަމަލުގައި އަދި ޤަބޫލުކުރާ ގޮތުގައިވެސް މުސްލިމުންނަކީ ތެދުވެރި ބަޔަކަށް ވާންޖެހެއެވެ. މުސްލިމެއް ނަމަ އޭނާ ދައްކާ ކޮންމެ ވާހަކައަކީ ޙަޤީޤަތާ އެއްގޮތަށް ދައްކާ ވާހަކައަށް ވާންޖެހެއެވެ. ކުރާ ޢަމަލަކީ ޙަޤީޤަތާ އެއްގޮތަށް ކުރާ ޢަމަލަކަށްވެސް ވާންޖެހެއެވެ. އަދި އެންމެ ކުޑަމިނުން އެމީހެއްގެ ހިތުގައި އޮންނަ ގޮތަކީވެސް ދުލުން ބުނާ ބަސްތަކާއި ގުނަވަންތަކުން ކުރާ ޢަމަލުތަކާ ފުށޫނާރާ ފަދައަކުން ތެދުވެރި ޤަބޫލުކުރުމަކާއި ތެދުވެރި ނިންމުންތަކެއް އޮންނަ ތަނަކަށް ވާންޖެހެއެވެ. ދުލުން ބުނާ ބަހަކީ ހިތުގައިވާ ގޮތާއި ދިމާވާ ގޮތަކަށް އޮންނަ އެއްޗަކަށް ވާންޖެހެއެވެ. އަދި ކުރާ ޢަމަލުތަކަކީވެސް ހިތުގައި އޮތްގޮތާއި އެއްގޮތްވާ ކަންކަމަށް ހަދަންޖެހެއެވެ.
ދެފުށް ދިމާވާ މީހަކަށްވެގެން ނޫނީ ފުރިހަމަ މުއުމިނަކަށްވެސް ނުވެއެވެ. ފުރިހަމަ މުސްލިމަކަށްވެސް ނުވެއެވެ. ހިތާއި ބޭރުފުށް ދިމާނުވާ މީހަކީ މުނާފިޤެކެވެ. ނުވަތަ މުނާފިޤުންގެ ސިފަ ލިބިގެންވާ މީހެކެވެ. ޢަޤީދާގެ ކަންކަމުގައި އެމީހެއްގެ ހިތާއި ގުނަވަންތަކުގެ ޢަމަލުތަކާއި ދިމާ ނުވާ ނަމަ އެއީ އެމީހެއްގެ ޢަޤީދާގައި ތެދުވެރި މީހަކަށް ނުވެއެވެ. އެފަދަ މީހަކީ ޢަޤީދާގެ ގޮތުން މުނާފިޤަކަށް ވެއެވެ. އެއީ އަސްލުގައި މުސްލިމެއް ގޮތަށް ބޭރުފުށަށް ފެނުނެއް ކަމަކު ޙަޤީޤަތުގައި ހިތުގައިވާ ކުފުރެއްގެ ސަބަބުން ކުފުރުވެފައިވާ މީހެކެވެ. ނަމަވެސް އެކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ سبحانه وتعالى އެވެ. ވީމާ ޝަހާދަތުގެ ދެކަލިމަ ކިޔުމުގައިވެސް މީހާ އެކަލިމަ ދުލުން ކިޔައި ދުލުން އެކިޔާ އެއްޗަކާއި ހިތުގައިވާ އެއްޗަކާއި އެއްގޮތް ކުރަންޖެހެއެވެ. އެގޮތަށް އެއްގޮތްވެގެން ނޫނީ މުއުމިނެއް ކަމުގައި އޭނާ ނުވެއެވެ.
މުސްނަދު އަޙްމަދުގައި ރިވާވެގެންވާ ގޮތުގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((أبشِروا وبَشِّروا النَّاسَ؛ مَن قال: لا إلهَ إلَّا اللهُ، صادقًا بها دَخَلَ الجنَّةَ)) މާނައީ: [ހެޔޮޚަބަރު ލިބިގަންނާށެވެ. އަދި މީސްތަކުންނަށް ހެޔޮޚަބަރުދޭށެވެ. ތެދުވެރި ކަމާއެކު لا إلهَ إلَّا اللهُ މިފަދައިން ކިޔާމީހާ އޭގެ ސަބަބުން ސުވަރުގެ ވަންނާނެއެވެ.] މިޙަދީޘުން އެނގޭ ގޮތުގައި ޝަހާދަތުގެ ދެކަލިމަ ހަމަ ހުރެފައި ދުލުން ކިޔުމަކުން އެއަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. ނަމަވެސް އެފަދައިން ކިޔުމުގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކެއް ވެއެވެ. އޭގެ ތެރެއިން އެއްޝަރުޠު މިތަނުގައި އެވަނީ ބުނެދީފައެވެ. އެއީ އެކަލިމަ ކިޔުމުގައި ތެދުވެރިވުމެވެ. މާނައަކީ އެކަލިމައިގައި ދުލުން އެބުނާ ވާހަކަ؛ ﷲ سبحانه وتعالى މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވެއެވެ. މިފަދައިން އޭނާގެ ހިތުންވެސް ތެދުކުރަންޖެހޭނެއެވެ. ހިތުގައި އެފަދައިން ޤަބޫލުކުރުމެއް ނެތި ދުލުން އެފަދައިން ކިޔުމަކުން އޭގެ އެއްވެސް ފައިދާއެއް ނުވެއެވެ. މިރާއްޖޭގައި ތަފާތު މަސައްކަތްތައް ކުރަން ޒަމާނުއް ސުރެ އައިސްތިބި ޣައިރު މުސްލިމުން އުޅެއެވެ. އެފަދަ ބައެއް މީހުންނަކީ އެތަކެއް ޒަމާންތަކެއް ވައްދެން ރާއްޖޭގައި އުޅެފައިވާ މީހުންނެވެ. ރާއްޖޭގެ އާދަކައިދައިގެ ތެރެއަށް އެމީހުން ތިބެނީ ރަނގަޅަށް ހޭނިފައެވެ. އެގޮތުން ރާއްޖޭގެ މީހުން ވަރަށްގިނަ ފަހަރަށް ޙައިރާންވެގެން لا إلهَ إلَّا اللهُ މިފަދައިން ކިޔައެވެ. ހަމަ އެބީދައިން މިމާޙައުލަށް ހޭނިފައިވާ ޣައިރު މުސްލިމުން ޙައިރާންވެގެން އެފަދައިން ކިޔައެވެ. ނަމަވެސް އެމީހުން އެފަދައިން ކިޔުމުގައި ޝަހާދަތުގެ ކަލިމަ ކިޔުމުގެ އެއްވެސް ޝަރުޠެއް ފުރިހަމައެއް ނުވެއެވެ. އެކަލިމަ ކިޔުމުގައި ފުރިހަމަވާންޖެހޭ ހަތް ޝަރުޠު ވާއިރު އެއިން ހަ ޝަރުޠު ފުރިހަމަވެ، އެންމެ ޝަރުޠެއްވެސް ފުރިހަމަ ނުވެއްޖެ ނަމަވެސް އެމީހަކު އެކަލިމައަކުން އިސްލާމަކަށް ހަދައެއް ނުދެއެވެ. ކާފިރުކަމުން މުއުމިނަކަށް ބަދަލެއް ނުވެއެވެ. އެގޮތުގެ މަތިން މިކަލިމަ ކިތަންމެ ވަރަކަށް ކިޔަސް ހިތުގައި ތެދުވެރިކަމެއް ނެތިއްޔާ އެމީހަކީ ބޭރުފުށުން އިސްލާމެއް ކަމަށް ދަޢުވާ ކުރިނަމަވެސް އެއީ މުނާފިޤެކެވެ. އެއީ ޢަޤީދާގައި މުނާފިޤެކެވެ. އޭގެ ސަބަބުން ޤިޔާމަތްދުވަހުން ދުވަހަކުވެސް އެމީހަކު ނަރަކައިން ސަލާމަތްވުމެއް ނުވެއެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿إِنَّ ٱلْمُنَٰفِقِينَ فِى ٱلدَّرْكِ ٱلْأَسْفَلِ مِنَ ٱلنَّارِ﴾ سورة النساء:145 މާނައީ: [ހަމަކަށަވަރުން މުނާފިޤުންވަނީ ނަރަކައިގެ އެންމެއަޑީ ބައިގައެވެ.] ވީމާ އިސްލާމްކަމާއި އީމާންކަން ފެށެނީވެސް ތެދުވެރިކަމުންނެވެ. ތެދުވެރިޔަކަށް ވެގެންނެވެ. ދޮގުވެރިކަމުން އެކީއެކައްޗަކަށް ދުރުހެލިވެގެންނެވެ. ތެދުވެރިކަމާ ފުށޫއަރާ އެންމެހައި ވިޔާނުދާ ސިފަތަކުން މުސްލިމް މީހާ ދުރުހެލިވެ ރައްކާތެރިވާންޖެހޭނެއެވެ.
އަދި ޝަހާދަތް ތެދުވެރި ކަމާއެކި ކިޔައިފައިވީނަމަވެސް އެމީހަކު ބުނާ ބަސްތަކުގައި ދޮގުހެދުން ހުރުމަކީ އެއީ ވެސް މުނާފިޤުންގެ ސިފައެވެ. އޭނާގެ އީމާންކަމުގައި ނުވަތަ ޢަޤީދާގައި ކިތަންމެ ތެދުވެރިކަމުގައި ވިޔަސް ޢާންމުކޮށް ބަސްތައް ބުނާއިރު ޙަޤީޤަތާއި ޚިލާފު ވާހަކަތައް ދައްކާނީ ދޮގުވެރީންނެވެ. އެއީ ތެދުވެރި މުއުމިނުންގެ ސިފައެއް ނޫނެވެ. ނަމަވެސް އެއީ ޢަމަލުގައި މުނާފިޤުކަން ހުންނަ މީހުންގެ ސިފައެކެވެ. އެމީހަކީ އެމީހެއްގެ ހިތުގައި ކާފަރުކަން އޮތް މީހެއް ނޫނެވެ. ނަމަވެސް އެއީ ކާފިރުންގެ ޢަމަލުތަކުން ޢަމަލުކުރާ މީހެކެވެ. އެހެންވުމުން އެއީ ޙަޤީޤަތުގައި މުސްލިމުންނެވެ. ނަމަވެސް ދޮގުހެދުމުގެ ޢަމަލު ކުރުމުން އެކުރެވެނީ ފާފައެކެވެ. އެއީ ވާހަކަ ދެއްކުމުގައި މުނާފިޤެކެވެ. ޞަޙީޙް ބުޚާރީގައިވާ ޙަދީޘެއްގައިވެއެވެ: ((آيَةُ الـمُنَافِقِ ثَلَاثٌ: إذَا حَدَّثَ كَذَبَ، وإذَا وعَدَ أخْلَفَ، وإذَا اؤْتُمِنَ خَانَ)) މާނައީ: [މުނާފިޤުންގެ ޢަލާމާތް ތިނެކެވެ. ވާހަކާއިރު ދޮގުހަދައެވެ. އަދި ވަޢުދެއްވިޔަސް އެއާ ޚިލާފުވެއެވެ. އަދި އަމާނާތެއް ޙަވާލުކުރެވުނަސް އެއަށް ޚިޔާނާތްތެރިވެއެވެ.]
ތެދުވެރިކަމުގެ ސިފައަކީ އެންމެހައި ޞަޙާބީން އެސިފައަކުން ސިފަލިބިގެންފާވާ ސިފައެކެވެ. އެހެންވުމުން އިސްލާމީ ޢަޤީދާއަކީ އެންމެހައި ޞަޙާބީންނަކީ ތެދުވެރީންނެވެ. އަދި ޢަދުލުވެރީންނެވެ. އެއީ މުޅި އުންމަތުގެ އެންމެންނަށްވެސް އަމުރުވެވިގެންވާ ގޮތެވެ. މިއުންމަތުގެ ރިސާލަތު ނުވަތަ އިސްލާމީ ޝަރީޢަތް ރައްކާތެރިވެގެން ދިޔަ ސަބަބަކީ އެންމެހައި ޞަޙާބީން ތެދުވެރީން ކަމުގައިވުމެވެ. ވީމާ ޞަޙާބީންގެ ފަހުންވެސް މިއުންމަތުގައި ތެދުވެރިކަން އޮތުމަކީ މިރިސާލަތު ޤިޔާމަތާއި ޖެހެންދެން ރައްކާތެރިކަމުގައި އޮތުމަށް ބޭނުންވާ އެންމެމުހިންމު އެއްސިފައެވެ. އެއީ އެހެންމީސްތަކުންނަށް މިދީން ފޯރުކޮށްދިނުމުގައި މިޢިލްމު ލިބިގަނެފައިވާ މީހުން ތެދުވެރިވުމެވެ.
ތެދުވެރިކަން ވަނީ ހުރިހައި ހެޔޮޢަމަލުތަކާއިވެސް ގުޅިފައެވެ. އެމީހެއްގެ ތެދުވެރިކަން އިތުރުވާވަރަކަށް ހެޔޮޢަމަލުތަކުގައި ކުރިއަރާދާންވެސް އަވަސްވާނެއެވެ. އެހެޔޮމަގުން އޭނާއަށް ހިނގުމަށް ފަސޭހަވާނެއެވެ. އޭގެ ސަބަބުން ތެދުވެރިކަމަކީ މީހާ ސުވަރުގެއަށް ވާޞިލުކޮށްދޭ ހެޔޮރަނގަޅު ޢަމަލެކެވެ. ރިވެތި އަޚްލާޤެކެވެ. ތެދުވެރީންނަކީ ﷲ سبحانه وتعالى އެބައެއްގެ ދަރަޖަ ނުހަނު މަތިވެރި ކުރައްވާނޭ ބައެކެވެ. ބުޚާރީގައިވާ ޙަދީޘެއްގައިވެއެވެ: ((إنَّ الصِّدقَ يَهدي إلى البِرِّ وإنَّ البِرَّ يَهدي إلى الجنَّةِ وإنَّ الرَّجلَ ليصدقُ ويتحرَّى الصِّدقَ حتَّى يُكتبَ عندَ اللَّهِ صدِّيقًا وإنَّ الكذبَ يَهدي إلى الفجورِ وإنَّ الفجورَ يَهدي إلى النَّارِ وإنَّ الرَّجُلَ ليَكذِبُ ويتحرَّى الكذِبَ حتَّى يُكتَبَ عندَ اللَّهِ كذَّابًا)) މާނައީ: [ހަމަކަށަވަރުން ތެދުވެރިކަން ހެޔޮކަންކަމަށް މަގުދައްކައިދެއެވެ. އަދި ހަމަކަށަވަރުން ހެޔޮކަންކަން މަގުދައްކައިދެނީ ސުވަރުގެއަށެވެ. އަދި ހަމަކަށަވަރުން މީހާ ތެދުބުނެ، އަދި ތެދުބުނުމުގައި ރައްކާތެރިވެއެވެ. އަދި ﷲ ގެ ޙަޟްރަތުގައި އޭނާ ޞިއްދީޤެއްގެ ގޮތުގައި ލިޔެވިއްޖައުމަށް ދާންދެން އޭނާ އެގޮތުގައި ދެމިހުރެއެވެ. އަދި ހަމަކަށަވަރުންވެސް ދޮގަކީ ނުބައިކަންކަމަށް މަގުދައްކައިދޭ ކަމަކެވެ. އަދި ނުބައިކަންކަން މަގުދައްކައިދެނީ ނަރަކައަށެވެ. އަދި ހަމަކަށަވަރުން މީހާ ދޮގުހަދައެވެ. އަދި ﷲ ގެ ޙަޟްރަތުގައި އޭނާއީ ދޮގިވެރިއެއްގެ ގޮތުގައި ލިޔެވިއްޖައުމަށް ދާންދެން އޭނާ ދޮގުހެދުމުގައި ދެމިހުރެއެވެ." މިޙަދީޘްތަކުން އެނގިގެންދަނީ ތެދުބުނުމަކީ އަބަދާއި އަބަދު އެކަމަކަށް އަހަރެމެން މުސްލިމުން ރައްކާތެރިވާންޖެހޭ ވަރަށްވެސް މުހިންމު ސިފައެއް ކަމެވެ. އަދި އޭގެ އިދިކޮޅު ސިފަކަމުގައިވާ ދޮގު ހެދުމުގެ ނުބައިކަމެވެ. އޭގެ ސަބަބުން ﷲ ގެ ހަޟްރަތުގައި ދެގޮވެރިއެއްގެ ގޮތުގައި ލިޔެވިއްޖެ ނަމަ އެމީހަކަށް ކޮންފަދަ ބޮޑު ހަލާކެއް ހެއްޔެވެ.
ހައްދަވާބޮޑުކުރައްވާ އިލާހެވެ. އަޅަމެންނީ އަބަދުވެސް ތެދުބުނާ ތެދުވެރިބަޔަކު ކަމުގައި ލައްވާނދޭވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.