އާރޓިކަލް 71 : އަމާނާތްތެރިކަން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ޢަރަބި ބަހުގައި އަމާނާތަކީ ޢަހުދަށް ވަފާތެރިވުމެވެ. ކުރާ ކަންކަމުގައި ތެދުވެރިވުމާއި އިޚްލާޞްތެރިވުމެވެ. މިސިފަތައް އެމީހެއްގެ ކިބައިގައި ހުންނަނަމަ އެއީ އަމާނާތްތެރިއެއްގެ ގޮތުގައި މުޖްތަމަޢުތަކުގައި އެމީހަކު ސިފަކުރެއެވެ. އެގޮތުން އިސްލާމްދީން އައުމުގެ މާކުރިންވެސް ކީރިތި ރަސޫލާ صلى الله عليه وسلم މައްކާގެ އަހުލުވެރިންގެ ގާތުގައި މަޝްހޫރުވެފައިވަނީ الأَمِين ގެ ގޮތުގައެވެ. މާނައަކީ އަމާނާތްތެރިޔާއެވެ. ޝަރުޢީ އިޞްޠިލާޙުގައި އަމާނާތަކީ އިންސާނާގެ މައްޗަށް އެކަމަކަށް ރައްކާތެރިވެ އެކަމެއް އަދާކުރުން އިންސާނާގެ މައްޗަށް ވާޖިބުވާ ކޮންމެ ކަމެކެވެ. އަދި ބައެއް ޢިލްމުވެރިން މާނަކުރައްވާ ގޮތުގައި އަމާނާތަކީ އަޅުތަކުންގެ މައްޗަށް ފަރުޟުކުރެވުނު ކޮންމެ ކަމެކެވެ.

ވީމާ ޢާއްމުކޮށް ބުނާނަމަ އަމާނާތަކީ އިންސާނާއަށް ކުރަން ފަރުޟުކުރެވިފައިވާ އެންމެހައި ކަމެއް ރަނގަޅަށް އަދާކުރުމެވެ. އެކަންކަމަށް ފުރިހަމައަށް ރައްކާތެރިވުމެވެ. އޭނާގެ މައްޗަށް އޮތް ތަކްލީފުތައް ފުރިހަމަކުރުމެވެ. މިއީ މާތް ﷲ ގެ އެންމެހައި މަޚްލޫޤުންގެ ތެރެއިން އިންސާނާ އުފުލި އަދި ބޮލުގައި އެޅުވި ކަމެކެވެ. އެކަން ބަޔާންކުރައްވާ ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿إِنَّا عَرَضْنَا ٱلْأَمَانَةَ عَلَى ٱلسَّمَٰوَٰتِ وَٱلْأَرْضِ وَٱلْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا ٱلْإِنسَٰنُ ۖ إِنَّهُۥ كَانَ ظَلُومًا جَهُولًا﴾ سورة الأحزاب:72 މާނައީ: [ހަމަކަށަވަރުން އުޑުތަކާއި ބިމަށާއި ފަރުބަދަތަކަށް ތިމަންއިލާހު އަމާނާތް ހުށަހެޅުއްވީމެވެ. ފަހެ އެހުރިހައި ތަކެއްޗެއް އެކަން އުފުލަން ދެކޮޅުހަދާ އެކަމުން (ﷲ ގެ ޢަޛާބަށް) ބިރުވެތިވިއެވެ. ދެން އިންސާނާ އެއުފުލިއެވެ. ހަމަކަށަވަރުން އެއިންސާނާއަކީ އަނިޔާވެރިކަން ބޮޑު ޖާހިލުކަން ބޮޑު މީހެކެވެ.] އަލްއިމާމް އިބްނު ކަޘީރު މިއަމާނާތާއި މެދު ވިދާޅުވަނީ އެއީ ތަކްލީފު އުފުލުންކަމުގައެވެ. އަދި އަމުރުފުޅުތަކާއި ނަހީތައް އޭގެ އެންމެހައި ޝަރުޠުތަކަކާއިއެކު ޤަބޫލުކުރުމެވެ. އަދި އެޝަރުޠުތަކަކީ އެކަންކަން ކޮށްފިނަމަ ޘަވާބުލިބުމާއި އެކަންކަން ނުކޮށް ދޫކޮށްލައިފިނަމަ ޢުޤޫބާތް ލިބުމެވެ. ދެންފަހެ އިންސާނާ އޭނާގެ ޖާހިލުކަމާއި ނިކަމެތިކަމާއި އޭނާގެ އަނިޔާވެރިކަމާއެކުވެސް އެކަންކަން ޤަބޫލުކުރިއެވެ. އަދި އަލްއިމާމް އަލްޤުރްޠުބީ ވިދާޅުވިއެވެ: އަމާނާތުގެ މާނައިގައި ޖުމްހޫރުންގެ ގައުލަކީ އަދި ގައުލުތަކުގެ ތެރެއިން އެންމެ ޞައްޙަ ގައުލަކީ އޭގެ ތެރޭގައި ދީނުގެވާ ހުރިހައި ވަޒީފާތަކެއް ހިމެނޭނޭ ކަމެވެ.

ވީމާ އިންސާނާ ވަނީ އޭނާއާ ޙަވާލުވެފައިވާ ތަކްލީފުތަކާއި ވާޖިބުތަކަށް އަމާނާތްތެރިވާން ޙަވާލުވެފައެވެ. އޭނާވަނީ އެކަލާނގެ އޭނާއާ ކުރަން ޙަވާލުކުރެއްވި އެންމެހައި ކަމެއް ބަރާބަރަށް އަދާކުރުމަށް އެއްބަސްވެފައެވެ. ނަމަވެސް އެބޮޑު މަސްއޫލިއްޔަތާއި ހަވާލުވުމަށްފަހު ވަރަށް މަދު އިންސާނަކު ނޫނީ އެކަންކަމަށް ވަނީ ޚިޔާނާތްތެރިވެފައެވެ. އެކަންކަން ދެނެހުރިކަމަކަށްވެސް ނަހަދާފައެވެ. ގިނަ މީސްތަކުންނަށް ބަލައިލުމުން ތިމާގެ ބޮލުގައި އެފަދަ ވާޖިބުތަކެއް މަސްއޫލިއްޔަތުތަކެއް އެޅިފައިވެސް ނެތްކަހަލައެވެ. އެކަލާނގެއަށް ކާފިރުވެފައިވާ މީހުން ދުނިޔެއަށް އައުމުގެ ކުރިން މިކަމަށް ﷲ ގެ ޙަޟްރަތުގައި އެއްބަސްވެ އިޤްރާރުވެފައިވެ، މިދުނިޔޭގައި އެކަމަށް ފާޅުގައި އިންކާރުކޮށް އެބައިމީހުންވަނީ އަނިޔާވެރި ޖާހިލުބައެއްގެ ގޮތުގައިވެ ހައްދުފަހަނައަޅާފައެވެ. މުސްލިމުންގެ ބައެއްމީހުން މިދުނިޔޭގައިވެސް އެކަމަށް އިޤްރާރުވިއެއް ކަމަކު، ޢަހްދަށް ވަފާތެރިވުމުގައި ވަނީ ފަރުވާކުޑަކޮށްފައެވެ. ﷲ سبحانه وتعالى ގެ އެންގެވުންތައް ފުރިހަމައަށް އަދާކުރުމަށްވަނީ ފަސްޖެހި އޭގެ މައްޗަށް މިދުނިޔެ އިސްކޮށްފައެވެ. ނަމަވެސް މިއެއްބަސްވުމަށް ވަފާތެރިވެފައިވަނީ މިދުނިޔޭގައި އުޅޭ ނުހަނު މަދު ބައެކެވެ. އަދި ޚިޔާނާތްތެރިވެފައިވާ މީސްތަކުންގެ ޢަދަދު ގިނަކަމުން ގޮސް، އެކަލާނގެ ޤުރުއާނުގައި ބަޔާންކުރެއްވީ އިންސާނާ ވަނީ އަނިޔާވެރި ޖާހިލު މީހަކަށެވެ. އެއީ އެކަމުން ސަލާމަތްވެގެންވާ މީސްތަކުންގެ މަދުކަމުންނެވެ.

އަދިވެސް މުއުމިނުންގެ ސިފަތައް ބަޔާންކުރައްވަވަމުން ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ﴾ سورة المعارج:32 މާނައީ: [އަދި އެބައިމީހުންނީ އެބައިމީހުންގެ އަމާނާތްތަކަށް އަދި ޢަހުދުތަކަށް ރައްކާތެރިވާމީހުންނެވެ.] އަލްއިމާމް އައްޝަންޤީޠީ ވިދާޅުވިއެވެ: "ތިބާއަށް ﷲ ދޫކުރެއްވި ކޮންމެ ކަމަކަށް އަދި ތިބާއަށް އަމުރުކުރެއްވި ކޮންމެކަމަކަށް ރައްކާތެރިވުން މީގެ ތެރެއަށް ވަންނާނެއެވެ. ފަހެ އޭގެ ތެރެއަށް ﷲ ރުއްސަވާގޮތުގައި ތިބާގެ ގުނަވަންތައް ރައްކާތެރިކުރުން ވަންނާނެއެވެ. އަދި އިންސާނުންގެ ޙައްޤުތަކުގެ ތެރެއިން ތިބާއާ ޙަވާލުކުރެވޭ ކަންކަމާއި ތަކެއްޗަށް ރައްކާތެރިވުންވެސް މީގެ ތެރެއަށް ވަންނާނެއެވެ."

ވީމާ އެހެންމީހުންގެ ކަންކަމަށް އަމާނާތްތެރިވުމަކީ ވެސް އަމާނާތްތެރިވުމުގެ ތެރޭގައި ހިމެނޭ ނުހަނު ބޮޑުބައެކެވެ. ޚާއްޞަގޮތެއްގައި އަމާނާތްތަކަށް ރައްކާތެރިވުމޭ ބުނެވުމުން ނިކުންނަ މާނައަކީ ވެސް އެއީއެވެ. އެއީ އެހެންމީހުންގެ ޙައްޤުތަކުގެ ތެރެއިން އިންސާނާގެ މައްޗަށް ވާޖިބުވެގެންވާ ކަންކަމާއި ތަކެތި ރައްކާތެރިކުރުމާއި އަދި އެތަކެއްޗާއި ކަންކަން އެބައިމީހުންނަށް އަދާކޮށްދިނުމެވެ.

މީގެ ތެރޭގައި ވަދީޢާއަށް ރައްކާތެރިވުން ހިމެނެއެވެ. ވަދީޢާ އަކީ މީހަކު ތިމާގެ އަތަށް، ވަކިމުއްދަތަކަށް ފޮރުވާފައި ބޭއްވުމަށް ޙަވާލުކުރާ ތަކެއްޗެވެ. ޢާއްމުކޮށް އެގޮތަށް ފޮރުވަންދޭނީ ވަރަށް އަގުހުރި ތަކެއްޗެވެ. އެއީ ސީދާ އެމީހާއާ އަނެކާއާ ދެމެދުގައިވެވޭ މާލީ ޢަޤްދެކެވެ. އަގުހުރި މުދަލެއް ރައްކާތެރިކޮށް ބަލަހައްޓާނޭ ކަމަށާއި އަނެކަކު ބޭނުންޖެހޭ ގަޑީގައި އެއެއްޗެއް އަނބުރާ ރައްދުކުރާނޭ ކަމުގެ މައްޗަށް ވާ ޢަޤްދެކެވެ. މިއީ އެހެންމީސްތަކުންގެ ޙައްޤުތަކުގެ މައްޗަށް އަމާނާތްތެރިވުމަށް ވެވޭ އެއްބަސްވުމުގެ ތެރެއިން އެންމެ މުހިންމު އެއް އެއްބަސްވުމެވެ. މިޙައްޤަށް ރައްކާތެރިވެ އަމާނާތްތެރިވުމަށް އަމުރުކުރައްވާ ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿إِنَّ ٱللَّهَ يَأْمُرُكُمْ أَن تُؤَدُّواْ ٱلْأَمَٰنَٰتِ إِلَىٰٓ أَهْلِهَا﴾ سورة النساء:58 މާނައީ: [ހަމަކަށަވަރުން އަމާނާތްތަކުގެ އަހުލުވެރިންނަށް އަމާނާތްތައް އަދާކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވައެވެ.] ވީމާ އެހެންމީހަކު މިގޮތަށް ޙަވާލުކޮށްފައިވާ ތަކެތި ވަރަށް ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭނެއެވެ. އަދި އެމީހަކު އެއެއްޗެއް ދިނުމަށް އެދޭވަގުތުގައި ރައްކާތެރިކަމާއެކު ބެލެހެއްޓި އެއްޗެއް އެއްވެސް ގެއްލުމެއް ނުދީ އަނބުރާ ރައްދުކުރަންވާނެއެވެ. އެކަންއެގޮތަށް ނުކޮށްފިނަމަ އެމީހަކު ބެލެވޭނީ ޚިޔާނާތްތެރިއެއްގެ ގޮތުގައެވެ. މިގޮތަށް ޚިޔާނާތްތެރިވުމަކީ ޙަރާމްކަމެކެވެ. އެފަދައިން ގިނަގިނައިން ކަންތައް ކުރާމީހުންގެ ކިބައިގައި އެހުންނަނީ މުނާފިޤުންގެ ސިފައެކެވެ. ބުޚާރީއާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((أَرْبَعٌ مَنْ كُنَّ فِيهِ كَانَ مُنَافِقًا خَالِصًا ، وَمَنْ كَانَتْ فِيهِ خَصْلَةٌ مِنْهُنَّ كَانَتْ فِيهِ خَصْلَةٌ مِنَ النِّفَاقِ حَتَّى يَدَعَهَا : إِذَا اؤْتُمِنَ خَانَ ، وَإِذَا حَدَّثَ كَذَبَ وَإِذَا عَاهَدَ غَدَرَ ، وَإِذَا خَاصَمَ فَجَرَ)) މާނައީ: [ހަތަރުކަމެއް އެމީހެއްގެ ކިބައިގައި ހުރެއްޖެނަމަ އެއީ ހަމަސީދާ މުނާފިޤެކެވެ. އަދި އެއިން އެއްކަމެއް އެމީހެއްގެ ކިބައިގައި ހުރިނަމަ އެމީހަކު އެކަމެއް ދޫކޮށްލުމަށް ދާންދެން އޭނާގެ ކިބައިގައި އެވަނީ ނިފާޤުކަމުގެ ސިފަތަކުގެ ތެރެއިން ސިފައެކެވެ. އޭނާއާ އަމާނާތެއް ޙަވާލުކުރެވިއްޖެ ނަމަ ޚިޔާނާތްތެރިވެއެވެ. އަދި ވާހަކައެއްގެ ދައްކައިފިނަމަ ދޮގުހަދައެވެ. އަދި ޢަހުދެއްވެއްޖެ ނަމަ ޣައްދާރުވެއެވެ. އަދި ދެބަސްވެއްޖެނަމަ އޭނާ ޙައްޤު ގޮތުން އެއްކިބާވެގެން ދެއެވެ.]

ދެވަނަ ވައްތަރުގެ އަމާނާތަކީ ސީދާގޮތުން ހަވާލުވާ އަމާނާތްތަކެއް ނޫނެވެ. ނަމަވެސް އެހެންކަމަކާއި ވިދިގެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށް ބަދަލުވާ ކަންކަމެވެ. ވީމާ އެފަދަ އަމާނާތްތައް އަންނާނީ އެހެންމީހަކާއެކު ކޮށްފައިވާ އެހެން ޢަޤްދަކަށް ތަބާވެގެން އޭގެ ފަހަތުންނެވެ. މިސާލަކަށް ކުއްޔަށް ދޭތަކެއްޗާއި، ޢާރިޔާގެ ގޮތުގައި އެހެންމީހަކު ބޭނުންކޮށްލަން ދޭތަކެއްޗާއި ވަކީލުކަމާއި ރަހުނާއި ކުންފުނީގެ ތަކެއްޗެވެ. މިފަދަ ޢަޤްދުތައް ކުރުމަށްފަހު އެޙަވާލުވާ ތަކެއްޗަށްވެސް އަމާނާތްތެރިވުން ވާޖިބުވެގެންވެއެވެ. އަދި އެއްވެސް ޢަޤްދަކާއި ނުލައިވެސް މީހުންގެ ޙައްޤުތަކަށް ރައްކާތެރިވެ އަމާނާތްތެރިވާންޖެހެއެވެ. މިސާލަކަށް މަގުމަތިން ހޮވާތަކެއްޗެވެ. އޭގައިވެސް އަމާނާތްތެރިވުމަށް ޝަރުޢުގައި ކަނޑައެޅިފައިވާ މުއްދަތަށް އެއަށް އަމާނާތްތެރިވުން ވާޖިބުވެގެންވެއެވެ.

އަދި މިފަދަ މުދަލާއި ފައިސާއާ ގުޅޭ ކަންކަމުން ބޭރުންވެސް އަމާނާތްތެރިވާންޖެހޭ ކަންކަން އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވެއެވެ. އެފަދަ ކަންކަމަށް އެހެންމަޤާމެއްގައި ބަލައިލުމަކީ މުހިންމު ކަމެއް ކަމުގައިދެކެމެވެ.

އަޅަމެންނީ އަޅަމެންނާ ޝަރުޢީގޮތުން ޙަވާލުވެފައިވާ މާތް ﷲ ގެ ޙައްޤުތަކަށް ރައްކާތެރިވެ އަމާނާތްތެރިވާ ބައެއްގެ ގޮތުގައި ލައްވާށި! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *