2022 ވަނަ އަހަރުގެ އޭލެވެލްގެ ދިރާސީ އަހަރަށް އަޙްމަދިއްޔާ އިންޓަރނޭޝަނަލަ ސްކޫލަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އަހްމަދިއްޔާގައި އޭލެވެލް ގައި 2 ސްޓްރީމަށް ކިޔަވައިދެއެވެ. އެއީ ސައިންސް ސްޓްރީމާއި ބިޒްނަސް ސްޓްރީމް އެވެ. އޭލެވެލްއަށް ކިޔަވައިދިނުމަށް ރާއްޖޭގައި މިވަގުތު އޮތް އެންމެ ވަރުގަދަ ޓީމް އޮތީ އަޙްމަދިއްޔާގައި ކަމުގައިވެސް އަޙްމަދިއްޔާއިން މަޢުލޫމާތު ދީފައިވެއެވެ.

އަޙްމަދިއްޔާ އިން މަޢުލޫމާތުދިން ގޮތުގައި އޭލެވެލްއަށް ބޭނުންވާނޭ ހުރިހާ ވަސީލަތެއް ސްކޫލްގައި ވަނީ ގާއިމް ކުރެވިފައެވެ. ކިޔަވައިދިނުން ކުރިއަށް ގެންދާނީ އަންހެން ކުދިންނާއި ފިރިހެން ކުދިން ވަކިންނެވެ. އަޙްމަދިއްޔާގެ ހުރިހާ ކުލާސްރޫމް ތަކެއް ވަނީ އެއަރކަންޑިޝަން ކުރެވިފައެވެ. އަދި މަލްޓިމީޑިއާ ވަނީ ގާއިމް ކުރެވިފައެވެ. ސައިންސްގެ މާއްދާތައް ކިޔަވާ ދަރިވަރުންނަށް ލެބޯޓްރީގެ ހުރިހާ ވަސީލަތެއް ލިބިދެވޭނެއެވެ. އަދި އޭލެވެލް އިމްތިހާނުގެ އެންމެ ފަހު ދުވަހާއި ހަމައަށް ޓީޗަރުންގެ އެހީތެރިކަން ދަރިވަރުންނަށް ލިބިދެވޭނެއެވެ.

އަޙްމަދިއްޔާ އިން މަޢުލޫމާތުލިބިފައިވާ ގޮތުގައި މާއްދާތަކާއި ގުޅޭ މަޢުލޫމާތާއި ތަމްރީން ހޯދުމުގެ ދަތުރުތައް އެހެން އަހަރުތަކެކޭ އެއްގޮތަށް ރާއްޖެއާއި ރާއްޖެއިން ބޭރަށް ހަމަޖައްސައި ދެވޭނެއެވެ. އަދި ކުޅިވަރާއި އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދެވޭނެއެވެ. ކެޑޭޓް އަދި ބޭންޑްގެ ހަރަކާތްތަކުގައިވެސް އޭލެވެލް ދަރިވަރުންނަށް ބައިވެރިވެވޭނެއެވެ.
އޭލެވެލް އަށް ކިޔެވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ޝަރުޠު ހަމަވާނަމަ އަޙްމަދިއްޔާގައިވެސް ކިޔަވައިދޭނީ ހިލެއެވެ. ފީދައްކާކަށް ނުޖެހޭނެއެވެ.
ނަންނޯޓް ކުރުން މިއަދުން ފެށިގެން ކުރިއަށް ގެންދެވޭނެއެވެ. 15 އޯގަސްޓް 2022 ންފެށިގެން އެޕްލިކޭޝަން ފޯމް ދޫކުރަން ފަށާނެއެވެ. އެޕްލިކޭޝަން ފޯމް ބަލައިގަންނާނީ 18 އޯގަސްޓް 2022 ން ފެށިގެންނެވެ.