އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސްކައުޓްގައި އުޅޭ ގްރޭޑް ހައެއްގެ ދަރިވަރުންގެ ޑޯލްފިން ޓްރޫޕް ކޭމްޕް ބާއްވައިފިއެވެ. މި ކޭމްޕް އޮތީ މި މަހުގެ 10ން 11 ޖޫންގެ ނިޔަލަށް މާލެ އަތޮޅު ހިންމަފުށީގައެވެ. މި ކޭމްޕްގައި 31 ދަރިވަރުންނާއި އެކު ސްކައުޓް އެސޯޝިއޭޝަންގެ ބައެއް ލީޑަރުންނާއި، ސްކޫލްގެ ބައެއް އިސްވެރިންގެ އިތުރުން ބައެއް ޓީޗަރުންނާއި، ބެލެނިވެރިން ބައިވެރިވިއެވެ.

މިކޭމްޕްގައި ހިންމަފުށީ ޕްރީ ސްކޫލްގެ ގޯތި ތެރޭގައި ޓެންޓް ޖަހައިގެން ދަރިވަރުންނަށް އެކިއެކި ހަރަކާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ކޮވިޑްއައުމާއިއެކު ގިނަދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތް ޔުނީފޯމް ބޮޑީ ހަރަކާތްތައް މިވަނީ ސްކޫލްތަކުގައި ފަށާފައެވެ. އެގޮތުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންގެ ގިނަ ހަރަކާތްކެއް މިވަނީ މިއަހަރުގެ ދިރާސީ އަހަރު ނިމުމުގެ ކުރިން ކުރިއަށް ގެންގޮސްފައެވެ.

މި ކޭމްޕްގައި ދަރިވަރުންނަށް ވަރަށް ގިނަ ކަންތައްތަކުގެ ޓްރެއިނިންގ ވަނީ ދީފައެވެ. އެގޮތުން ތަފާތުވައްތަރުގެ ނޮޓްސް ޖަހާނެގޮތާއި، އަދި ގަޑިއަށް ސަމާލުކަން ދިނުމުގެ މުހިންމުކަން އަންގައި ދިނުމަށް ވެސް ވަނީ އެކިއެކި ހަރަކާތްތައް ހިންގާފައެވެ. މި ކޭމްޕްގައި ބައިވެރިވި ސްކައުޓުންގެ ޕެޓްރޯލްތަކުގެ ލީޑަރުންގެ ޒިންމާތައް ވެސް މި ކޭމްޕް ނިމުނުއިރު އެ ލީޑަރުންނަށް ވަނީ ދަސްވެފައެވެ. މީގެއިތުރުން އެންމެ ރަނގަޅު ޕެޓްރޯލް ލީޑަރ ހޮވުންވެސް އޮތެވެ.

މިއީ ސްކައުޓުން ތަފާތު މާހައުލަކަށް ގޮސް ކުރި އާ ތަޖުރިބާއެކެވެ. އެގޮތުން އެހެންދަރިވަރުންނާއެކު އޮންނަ ގުޅުމާއި، އެކަކު އަނެކަކަށް އެހީތެރިވުމާއި، ސްކައުޓްލީޑަރުން އަންގާއެންގުމަށް އަމަލުކުރާނެގޮތް ވެސް މިކޭމްޕް ނިމުނު އިރު މިވަނީ އެ ދަރިވަރުންނަށް ދަސްވެފައެވެ. މީގެއިތުރުން މައިންބަފައިންނާއި ދުރުގައި އުޅޭއިރު ވެސް ކަންކުރާނެއެތައް ގޮތެއް މި ކޭމްޕުން ދަރިވަރުންނަށް ދަސްކޮށްދެވުނެވެ. މި ކޭމްޕްވެގެން ދިޔައީ ސްކައުޓު ކުދިންނަށް ބޭއްވުނު ވަރަށް ކާމިޔާބު ކޭމްޕަކަށެވެ.