އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރީ އަދި ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންގެ އިންޓަރކްލާސް މަދަޙަ މުބަރާތް ނިމި ދަރިވަރުންނަށް ތަށްޓާއި ސެޓްފިކެޓް ދިނުން ބާއްވައިފިއެވެ. މިއަދުގެ ޖަލްސާ ގައި އޮތީ ޕްރައިމަރީ ގްރޭޑް ތަކުގެ ދަރިވަރުންގެ ވަނަތައް ހޮވުމެވެ. މިކަން ކުރިއަށް ގެންދެވުނީ ސްކޫލްގެ ހޯލުގައެވެ.

މި މުބާރާތުގައި ބައިވެރިވެ ވަނަތައް ހޯދި ދަރިވަރުންނަށް ތަށްޓާއި ،އިނާމާއި، ސެޓްފިކެޓް ދެއްވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުހައްމަދު ރަޝީދެވެ. މި މުބާރާތަކީ ކޮންމެ އަހަރަކުވެސް އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް ބާއްވަމުން އަންނަ މުބާރާތެކެވެ. މިއީ އާންމުކޮށް ސްކޫލްގެ ޕްރައިމަރީ އިސްލާމް ޑިޕާޓްމަންޓުން ރާވާ ހިންގާ މުބާރާތެކެވެ.

އިންޓަރކްލާސް މަދަޙަ މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން އެ ދަރިވަރަކު ބޭނުން މަދަޙައެއް ކިއުމުގެ ފުރުސަތު އޮތެވެ. އެގޮތުން ދިވެހި، އަރަބިކް، އަދި އިނގިރޭސި މަދަޙަ ކިޔުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ. މީގެއިތުރުން ތަފާތު ވައްތަރުގެ މަދަޙަތައް މި މުބާރާތުގައި ބައިވެރިވި ބައިވެރިން ހުށައަޅައިދިނެވެ. އެހެންކަމުން ކޮންމެ ދަރިވަރަކަށް ވެސް ކިޔޭނީ މަދަހައެއްގެ ކަޑިއަކާއި މައިގަނޑެކެވެ.

މި މުބާރާތުގައި ވަނަތައް ހޮވުމުގައި ބަލާފައިވަނީ ކޮންމެ ކްލާހަކުން އެންމެ މޮޅު ފަސްދަރިވަރަކު ހޮވުމަށެވެ. މީގެ އިތުރުން މުޅި މުބާރާތުން އެންމެ މޮޅު ދިހަ ދަރިވަރުން ހޮވުން އޮތެވެ. މުޅި މުބާރާތުން އެންމެ މޮޅު ތިން ކްލާސް ހޮވައި އެކުލާސްތަކަށް ތަށިދެވުނެވެ.

މި މުބާރާތުގެ މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި މަދަޙަ ކިއުމަށް ލޯބި ޖެއްސުމާއި،ވަކިވަކި ދަރިވަރުންގެ ހުނަރުތައް ދެނެގަތުމެވެ. އެހެންކަމުން މި މުބާރާތް ވެގެންދިޔައީ ދަރިވަރުންގެ ހުނަރުތައް ފެނިގެންދިޔަ ވަރަށް ކާމިޔާބު މުބާރާތަކަށެވެ. ކުރިއަށް އޮތްތަނުގައި ވެސް މިފަދަ އެހެން މުބާރާތްތައް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ކިޔަވަމުން ދާ ދަރިވަރުންގެ ކިބައިން ފެންނާނެ ކަމީ ކުޑަވެސް ޝައްކެއް އޮތް ކަމެއްނޫނެވެ.