ސްކޫލުތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރަން ސްކޫލުތަކަށް އެންގީ ޖަމާލުއްދީން ސުކޫލަށް މީހަކު ވަނުމާއި ގުޅިގެންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، މިއަދު މަޖިލީހަށް ހާޒިރުވެ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ސްކޫލުތަކުގެ ގޭޓް ތަޅުލާފައި ބަހައްޓަން ސްކޫލުތަކަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސާކިއުލާއެއް ފޮނުވާފައެވެ. މިކަމާ ގުޅޭ ގޮތުން މިއަދުގެ ޖަލްސާގައި އާދަމް ޝަރީފް ވަނީ މިނިސްޓަރާ ސުވާލު ކުރައްވާފައެވެ. މިގޮތުން ވިދާޅުވީ، ސުކޫލުތަކުގައި ސެކިއުރިޓީ ވަރުގަދަ ކޮށްފައި ވަނީ ދީނީ ހަރުކަށި ފިކުރުގެ ސަބަބުންތޯ ނޫނީ ލާދީނީ ވިސްނުމެއް ނުވަތަ ޓެރަރިޒަމްގެ ބިރުވެރިކަމެއް އޮވެދާނެތީތޯއެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސެކިއުރިޓީ ވަރުގަދަ ކުރުމަށް އެންގީ ޖަމާލުއްދީން ސްކޫލަށް މީހަކު ހުއްދަނެތި ވަނުމުން ކަމަށެވެ. އަދި ސުކޫލުގައި ދަރިވަރުން އުޅޭވަގުތުތަކުގައި ސުކޫލުގެ ގޭޓުތައް ބަންދުކުރެވިފައި ހުންނަންޖެހޭނެ ކަމަށާއި އެކަން އަލުން ސަމާލު ކަމަށް ގެނެސްފައިވާނެ ކަމަށެވެ.
މިނިސްޓްރީގެ އެންގުމުގައި ދަރިވަރުންނާއި މުވައްޒަފުން އަދި ބެލެނިވެރިން ސްކޫލަށް ވަދެ ނުކުތުމުގައި އަމަލުކުރާނެ ގޮތްތަކެއް ވެސް ވަނީ އަންގައިފަ އެވެ.
ސްކޫލުތަކުން އަމަލުކުރަން އެންގި ގޮތް:
- މިހާރެކޭ ވެސް އެއްގޮތަށް، ސެޝަންތައް ކުރިއަށްދާ ވަގުތު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ހުރިހާ ގޭޓެއްގައި ވެސް ސެކިއުރިޓީ ބެލެހެއްޓުމަށް ސަމާލުވުން.
- ސެޝަން ފެށޭ ވަގުތު (މުވައްޒަފުންނާއި ދަރިވަރުން ހާޒިރުވާ ވަގުތު) ފިޔަވައި އެހެން ހުރިހާ ވަގުތެއްގައި ވެސް ގޭޓް އެތެރެއިން ތަޅުލާފައި ބެހެއްޓުން.
- ސެޝަން ފެށުމަށް ފަހު މުވައްޒަފުންނާއި ދަރިވަރުންނަށް ސްކޫލަށް ވަދެ ނިކުތުމުގައި ހާއްސަ އިންތިޒާމުތައް ސްކޫލުން ހަމަޖެއްސުން.
- ސެޝަން ކުރިއަށްދާއިރު ބެލެނިވެރިން ނުވަތަ އާންމުންނަށް ސްކޫލު ގޭޓުން އެތެރެވެވޭނީ ސެކިއުރިޓީ އޮފިސަރު މެދުވެރިކޮށް އެ މީހަކު ސްކޫލަށް ހާޒިރުވި ސަބަބު އޮޅުންފިލުވައިދިނުމުން.
- ބެލެނިވެރިން ސްކޫލަށް ހާޒިރުވާއިރު، ސްކޫލުން ދީފައިވާ ބެލެނިވެރިޔާ ކާޑް އޮތްތޯ ސުކޫލުން ކަށަވަރުކުރުން.
އެޑިއުކޭޝަނުން ވަނީ މި ކަންކަން ވަގުތުން ތަންފީޒުކުރަން ފެށުމަށް އަންގައިފަ އެވެ. ނަމަވެސް ބައެއް ސްކޫލްތަކުގައި މި ކަންކަން ކުރެވޭނެ އިންތިޒާމު ނެތްކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.