އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 10ގެ ކުލާސްތަކުގެ މެދުގައި ކުޅެވުނު އިންޓަރ ކްލާސް ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން 10 އޭ ހޯދައިފިއެވެ. ފައިނަލްގައި 10 ސީ ކުލާހާއި ބައްދަލުކޮށް 10އޭ ޗެމްޕިއަންކަން ހޯދީ 5 ލަނޑު 1 ލަނޑުންނެވެ.
އޯލެވެލް އިމްތިހާން ނިމި، ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ މަގްޞަދުގައި ބޭއްވި މި މުބާރާތުގެ ކުޅުން ކުރިއަށް ގެންދިޔައީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާ ގޮތަށެވެ. އެގޮތުން އިއްޔެ ވަނީ 2 މެޗް ކުޅެފައެވެ. ފުރަތަމަ ބައްދަލުކުރީ، 10އޭ އާއި 10ބީ އެވެ. މިމެޗް 3-3 ން ވީ އެއްވަރެވެ. 2 ވަނަ މެޗްގައި ބައްދަލުކުރީ 10ބީ އާއި 10 ސީއެވެ. މިމެޗް 3-4 ން މޮޅުވީ 10ސީ އެވެ. މިއަދު އެންމެ ފުރަތަމަ ކުޅުނީ 10އޭ އާއި 10ސީ އެވެ މި މެޗް 3-0 ން ކާމިޔާބު ކުރީ 10އޭ ކުލާހެވެ.
10އޭ ކުލާސް ފައިނަލަށް ދަތުރުކުރީ 1 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވެގެންނެވެ. 10ސީ ކުލާހަށް ފައިނަލުން ޖާގަ ލިބުނީ، 1 މެޗުން މޮޅުވެގެންނެވެ.


މެޗް ނިމުމުން މުބާރާތުގެ ވަނަވަނައަށް ދިޔަ ޓީމާއި ދަރިވަރުންނަށް ތަށި ހަވާލުކޮށްދެއްވީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. ހޭންޑްބޯލް މުބާރާތުން އެންމެ މޮޅު 5 ކުޅުންތެރިނަނަށް ހޮވުނީ، 10އޭގެ ޙައްވާ ރައިމް އަޙްމަދު ޝިފާޢު، އާމިނަތު މާހިޔާ މުޙައްމަދު، 10ބީގެ އާމިނަތު ނިހްލާ ފުއާދު، 10ސީގެ ފާޠިމަތު ސަމްހާ އަޙްމަދު އަދި އާމިނަތު މަންހާ މުޙައްމަދު ޝުޖާޢު އެވެ.