އާރޓިކަލް 72 : ކޮންމެތަނެއްގައިވިޔަސް ﷲ سبحانه وتعالى އަށް ތަޤްވާވެރިވާށެވެ!

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އިންސާނުންނަކީ އެބައެއްގެ ގައިގައި ފާފަކުރުމުގެ އާދަ ވަރަށްބޮޑަށް ހަރުލާފައިވާ ބައެކެވެ. އެއީ އެކި މިންވަރަށް ކަމުގައިވިޔަސް އެކަމުގައި ހުއްޓުމެއްނެތި މަސައްކަތް ކުރާނޭ މަޚްލޫޤެއް އިންސާނާގެ ގާތުގައިވެއެވެ. އެއީ އިބިލީހާއި އޭނާގެ އަޢުވާނުންނެވެ. އެބައިމީހުންގެ ރެއާދުވާލުގެ މަސައްކަތަކީ އިންސާނުންނަށް ތަފާތު އެކި ނުބައި ވަސްވާސްތައް ދިނުމެވެ. އެވަސްވާސްތައް ބައެއް ފަހަރު ނުފެނެއެވެ. އެއީ ޖިންނީންގެ ތެރެއިންވާ ޝައިޠާނުން ހިތަށް ވަސްވާސް ދޭއިރު އިންސާނާއަށް އެކަން އެހާބޮޑަށް އިޙްސާސް ނުވެ އޭނާއަށް ހެއްލިގެންދާތީއެވެ. ޚާއްޞަކޮށް ހިތަށް އަންނަހާކަމެއް ކޮށް އެއިން ކަމެއް ކުރުމުގެ ކުރިން ކުރަންއުޅޭ ކަންކަމާއި މެދު ވިސްނާލުމެއް ނުބަހައްޓާ މީހުންނަށެވެ. އަދި އެވަސްވާސްދޭތަން ރީތިކޮށް ފެނި އަޑުއަހާ ފަހަރުވެސް ދެއެވެ. އެއީ އިންސާނުންގެ ތެރެއިންވާ ޝައިޠާނުންގެ ބަސްތަކަށް ހެއްލިގެންދާއިރުއެވެ. އެބައިމީހުންވަނީ ދުނިޔޭގައި އުޅޭއުޅުމުގައި ނުބައިކޮށް އުޅުމަށާއި އަދި އެހެންމީހުން އެނުބައި މަގަށް ގެންދިއުމަށް އަޒުމުކޮށް އެގޮތުގައި މަސައްކަތްކުރުމުގައި އަމާޒު ހިފާފައެވެ. އަދި ވަށައިގެންވާ މާޙައުލުތަކުގައި ހިނގާ ކަންކަމުގެ ސަބަބުންވެސް ރަނގަޅަށް އުޅޭ އިންސާނުން ވަސްވާސްތަކުގެ ޝިކާރައަކަށްވެ އަތުންފައިން ގޯސްހަދާ ފާފައިގެ ތެރެއަށް ވެއްޓިގެންދެއެވެ. އެފާފަތައް ބައެއްފަހަރު އަނިޔާވެރިކަމާ ހަމައަށް ވާޞިލުވެ، މީސްތަކުން މެރުމާއި ހަނގުރާމައާ ހިސާބަށް އިންސާނުން ގެންދެއެވެ. އިންސާނުންގެ ދަރިފަސްކޮޅު ދުނިޔޭގައި ލައްވަވާ ވާހަކަ ﷲ سبحانه وتعالى ވަޙީކުރެއްވުމުން މަލާއިކަތް ބޭކަލުން ދެންނެވީ އެވާހަކައެވެ. ﴿قَالُوٓاْ أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ ٱلدِّمَآءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ ﴾ سورة البقرة:30  މާނައީ: [އެބޭކަލުން ދެންނެވިއެވެ: އެތަނުގައި (އެބަހީ އެބިމުގައި) ފަސާދަކުރާނޭ އަދި ލޭއޮހޮރުވާނޭ ބަޔަކު އިބައިލާހު ލައްވަނީތޯއެވެ؟ އަދި ތިމަންމެންނީ އިބައިލާހަށް ޙަމްދުކޮށް ތަސްބީޙަކިޔާ ބަޔަކީމުއެވެ. އަދި ތިމަންމެން އިބައިލާހަށް ތަޤްދީސްކުރަމުއެވެ.] ނަމަވެސް މިފަދަ އެންމެހައި ކަމެއްގެ ޙިކްމަތް މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ މަތިވެރި ޢިލްމާ އެއްފަދަ އެއްވެސް ޢިލްމެއް އެހެން އެއްވެސް މަޚްލޫޤަކަށް ލިބިގެން ނުވެއެވެ. އެކަލާނގެ ޢިލްމުފުޅު އެއަށްވުރެ މާމަތިވެރިއެވެ. އެހެންވެ ހަމަމިއާޔަތުގައި ވިދިގެން އެކަލާނގެ ވަޙީކުރައްވަނީ: ﴿قَالَ إِنِّىٓ أَعْلَمُ مَا لَا تَعْلَمُونَ﴾ سورة البقرة:30  މާނައީ: [އެކަލާނގެ ވަޙީކުރެއްވިއެވެ: ހަމަކަށަވަރުން ތިޔަބައިމީހުންނަށް އެނގިގެންނުވާ ކަންކަން ތިމަންއިލާހު ދެނެވޮޑިގެންވަމުއެވެ.]

އަދި އިންސާނުން މިފަދަ ފާފަތަކެއްގައި އުޅޭނޭ ބައެއްގެ ގޮތުގައި ވާއިރު އެކަލާނގެ ކީރިތި ޤުރުއާނުގައި ތަކުރާރުކޮށް އިންސާނާއަށް ނަޞޭޙަތްތެރިވަނީ އެއިން ކޮންމެ ފާފައަކަށް އިންސާނާ ރައްކާތެރިވެ، ފާފައެއް ކުރުވާ ޙާލަތެއް މެދުވެރިވުމުން އެއިން އެއްކިބާވުމަށެވެ. ތޫނު ކަށިތަކުން ފުރިފައިވާ ވަލަކުން ދަތުރުކުރާ ބީދައިންނެވެ. ވަރަށް ހުށިޔާރުކަމާއި ރައްކާތެރިކަމާއެކު އެއްވެސް ދިމާލެއްގައި ފަޔަށް ހެރިދާނޭ ކައްޓެއް އިންތޯ ބަލަމުން އެއިން ދިމާލެއްގައި ފައި އެޅިދާނެކަމަށް ބަލަމުން އެކަށިތަކުން ދުރުވެ ރައްކާތެރި ވެގެން ހިނގާފައި ދިއުމެވެ. ދުނިޔޭގައި އުޅުމަކީވެސް އެފަދަ ކަމެކެވެ. ކުރިމަތިވާ ކޮންމެ ފާފައަކުން ދުރުހެލިވެ ރައްކާތެރިވެގެންނެވެ. އެއަށް މިކިޔަނީ ތަޤްވާވެރިއެއްގެ ގޮތުގައި ދުނިޔޭގައި އުޅުމެވެ. އެއީ ފަރުޟު ކުރެއްވި އެންމެހައި އަޅުކަންތައް އިންސާނާއަށް ފަސޭހަކޮށްދޭ ކަންތަކެވެ. ނަމާދާއި ރޯދަޔާއި ޒަކާތާއި ޙައްޖު އިންސާނާ ތަރުބިއްޔަތު ކުރަނީ ތަޤްވާވެރިއަކަށް ވުމަށެވެ. ފާޅުގައި ތަޤްވާވެރިވުމަށް ވުރެވެސް އުނދަގޫވެގެންވަނީ ސިއްރިއްޔާތުގައި ވަންހަނާވެފައިވާ ދުނިޔެއެއްގައި އިންސާނާ އުޅޭއިރު ތަޤްވާވެރިވުމެވެ. ވީމާ އިންސާނަކަށް ބައެއް ޙާލަތްތަކުގައި ބައެއްތަންތަނުގައި ތަޤްވާވެރިވާން ފަސޭހައިރު އަނެއްބައި ޙާލަތްތަކުގައި އަދި ތަންތަނުގައި ތަޤްވާވެރިވުމަކީ ނުހަނު އުނދަގޫ ކަމެކެވެ. އެއީ ހަމަ ކަށިން ފުރިފައިވާ ވަލެއްގައި ހިނގުންފަދަ އުނދަގޫ ކަމެކެވެ. މިސާލަކަށް ނަމާދަށް މިސްކިތަށް ދާހިނދު އަދި އެތަނުގައި އަޅުކަން ކުރަން ހުންނަ ހިނދު އެއަޅުކަމުގެ ބޭރުންވެސް އެމިސްކިތުގައި އެފަދަ ފާފައަކަށް އަރައިގަތުން އެއީ ވަރަށް ދުރުކަމެކެވެ. ވަރަށްވެސް މަދުންނޫނީ ނުހިނގާ ކަމެކެވެ. އެހެން އެތަނުގައި ތަޤްވާވެރިވުމަކީ ނުހަނު ފަސޭހަކަމަކަށްވުމާއެކު އެއީ ހުސްހެޔޮކަންތަކުން ފުރިގެންވާ ތަނަކަށްވުމުން އެތަނަށް ވަންނަ ކޮންމެ މުސްލިމެއްގެ ހިތްވެސް ވަނީ ރަނގަޅު ހެޔޮކަންކަމާ ގުޅިފައެވެ. ހަމައެފަދައިން ރޯދަޔަށް ހުންނަ ރޯދަވެރިޔާއެވެ. ޙައްޖަށް ގޮސްއުޅޭ ޙައްޖުވެރިޔާއެވެ. ނަމަވެސް މިއާޚިލާފަށް ޢާންމު ދިރިއުޅުމުގައި ތަފާތު ޙާލަތްތައް އާދެއެވެ. އެގޮތުން ނުބައިކަންކަމުގައި އުޅޭ ރަޙްމަތްތެރިންތަކަކާއި އެކު ނުވަތަ ނުބައިޢަމަލުތައް ހިންގާ ރަޙްމަތްތެރިޔަކާއެކު ވަގުތު ހޭދަކުރާނަމަ، ތަޤްވާވެރިކަމުގެ ވިސްނުމާއި އިޙްސާސްތައް ކިތަންމެ ރަނގަޅުމީހެއްގެވެސް ހިތާ ގުނަވަންތައް ބަލިކަށިކޮށްލަފާނެއެވެ. އަދި ނުބައިކަންކަމަށް ހިތްވަރުދޭ ފަދަ ކަންކަން ހިނގާ މާޙައުލެއްގައި ހުރެއްޖެނަމަވެސް އެފަދައިން މީހާގެ ހިތްފަސާދަކޮށްލާ އީމާންކަން ބަލިކަށިކޮށްލާ ފާފަތަކަށް އަރައިގަނެ އޭނާގެ ތަޤްވާވެރިކަން ގެއްލޭފަދަ ޙާލަތަކަށް ހިނގައިދިއުމަކީ އެކަށީގެންވާ ކަމެކެވެ. ބަޔަކާއެކު ކަމުގައި އޭނާހުއްޓަސް އަދި އެފަދަ މާޙައުލެއްގައި އޭނާ އެކަނި ހުއްޓަސް މެއެވެ. އަދި އެކަނިވާ ފަހަރުފަހަރު ތަޤްވާވެރިކަމުގެ މަގު އިޚްތިޔާރު ނުކޮށްފިނަމަ، އޭނާ ދެން ދާހުށީ އެއްވެސް މީހަކަށް ނުފެންނަ ޙާލަތެއްގައި ވުމުން ޝައިޠާނާގެ ވަސްވާސްތަކާއި ގާތްވަމުންނެވެ. އަދި ޝައިޠާނާއަށްވެސް އޭނާ ޝިކާރަކޮށްލަން ފަސޭހަ މަގެއްކަމުގައި އޭނާދެކި އޭނާގެ މަސައްކަތްވެސް އިހުނަށްވުރެ ބޮޑުކޮށް، އޭނާ މަގުފުރައްދާލައެވެ. ސަބަބަކީ ތަޤްވާވެރިކަމުގެ ވިސްނުމުން އޭނާ ދުރުހެލިވެ އެގޮތުގައި ޢަމަލު ނުކުރުމެވެ. ނަމަވެސް އެފަދަ ޙާލަތްތަކުގައިވެސް އޭނާއަކީ ޢިލްމު އުނގެނުމާއި ޛިކުރުކުރުމާއި ނަމާދު ކުރުމާއި ދުޢާކުރުން އިސްކޮށްފައިވާ މީހަކު ނަމަ އޭނާ އެވަނީ ކޮންމެ ތަނެއްގައިވެސް ތަޤްވާވެރިވެފައެވެ. ރަސޫލާ صلى الله عليه وسلم ގެ އިރުޝާދުތަކާއި ނަޞޭޙަތް އޭނާއެވަނީ ޤަބޫލުކޮށްގެންނެވެ. އަލްއިމާމް އައްތިރްމިޛީ ރިވާކުރެއްވި ގޮތުގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((اتَّقِ اللَّهَ حيثُ ما كنتَ)) މާނައީ: [ތިބާވީ ކޮންމެތަނެއްގައިވެސް ﷲ އަށް ތަޤްވާވެރިވާށެވެ.] "ޖާމިޢުލް ޢުލޫމް ވަލްޙިކަމް" ގައި ގެނެސްފައިވެއެވެ. އަލްޙަސަން އަލް ބަޞަރީ رحمه الله ވިދާޅުވިއެވެ: "ތަޤްވާވެރީންނަކީ އެބައިމީހުންގެ މައްޗަށް ޙަރާމްކުރެއްވި ކަންތައްތަކުން ރައްކާތެރިވެގަންނަ އަދި އެބައިމީހުންގެ މައްޗަށް ފަރުޟު ކުރެވުނު ކަންތައްތައް އަދާކުރާމީހުންނެވެ."

ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ﴾ سورة آل عمران:102

މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ތަޤްވާވެރިވުން ޙައްޤު ގޮތުގައި ﷲ އަށް ތަޤްވާވެރިވާށެވެ.] އިބްނު މަސްޢޫދު رضي الله عنه މިއާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ: "އެއީ އެކަލާނގެއަށް ކިޔަމަންތެރިވުމެވެ. އަދި އެކަލާނގެއަށް ނުއުރެދުމެވެ. އަދި އެކަލާނގެ ހަނދުމަކުރުމެވެ. އެކަލާނގެ މަތިން ހަނދާން ނައްތާ ނުލުމެވެ. އަދި އެކަލާނގެއަށް ޝުކުރުވެރިވުމެވެ. އެކަލާނގެއަށް ކުފުރު ނުވުމެވެ."

ވީމާ ތިމާ ކޮންމެ ތަނެއްގައި ހުރެވުނު ކަމުގައިވިޔަސް އެކަލާނގެއަށް ތަޤްވާވެރިވާންޖެހެއެވެ. ދެދުނިޔޭގެ ފަލާޙާއި ކާމިޔާބު ލިބުން ވަނީ އެފަދަ ހިތްވަރުގަދަ ފަހުލަވާނަކަށެވެ. ކޮންމެތަނެއްގައި ހުރެމެވެސް އެކަލާނގެއަށް ކިޔަމަންގަނެވޭ ކޮންމެ ތަނެއްގައި ހުރެމެވެސް އެކަލާނގެއަށް އެއްވެސް އުރުދުމެއް ނުވާ ފާފަތަކުން ދުރުހެލިވެގެންވާ މީހަކަށެވެ.

އަޅަމެންނީ ރަމަޟާން މަހާއި ޙައްޖު މަހުގައިވެސް އަދި އެނޫން އެހެން ހުރިހައި މައްސަރެއްގައިވެސް އަދި ތިމާ އުޅޭ ކޮންމެ ޙާލަތެއްގައިވެސް އަދި ކޮންމެ ތަނެއްގައިވީ ނަމަވެސް ﷲ އަށް ތަޤްވާވެރިވާ ބަޔަކު ކަމުގައި ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *