الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
އިންސާނުންނަކީ ވަރަށްގިނައިން ނުބައި މަގުމަގަށް ދެވޭބައެކެވެ. އަދި ކޮންމެވެސް ނުބައިޢަމަލެއް ކުރުމާއި ވަރަށްގާތުގައި ތިބޭ ބައެކެވެ. ދެމީހަކު ވާހަކަދައްކަން ތިބެފައި އަނެކާއަށް ހަޑިހުތުރު އެއްޗެތި ގޮވައިގަންފާނެއެވެ. އަނެކަކު ދެރަކޮށްލައި ނިކަމެތިކޮށްލަފާނެއެވެ. ނުވަތަ އަނެކާގެ ގައިގައި ޖަހާފާނެއެވެ. ގާތްތިމާގެ މީހުންނަށް ދެރަ ނިކަމެތިކަމެއް ކޮށްފާނެއެވެ. އަވަށްޓެރިޔާއަށް އުނދަގުލެއް ކޮށްފާނެއެވެ. އެއްވެސް ކަމަކާއި ނުލައި މަގުމަތީގައި އޭނާގެ ވަގުތުތައް ހޭދަކޮށްފާނެއެވެ. މިހެން ބުނުމުން ބައެއް ބޭފުޅުންގެ ހިތަށް އަރާފާނެއެވެ. މަގުމަތީގައި ތިބުންވެސް އެއީ ކުށެއް ހެއްޔެވެ؟ އާއެކެވެ. އެއްވެސް ކަމަކާއި ނުލައި މަގުމަތީގައި ތިބުންވެސް ރަސޫލާ صلى الله عليه وسلم ވަނީ އެކަލޭގެފާނުގެ ޞަޙާބީންނަށް ނަހީކުރައްވާފައެވެ. އެޒަމާނަކީ މިޒަމާނާއި އަޅާބަލާއިރު މަގުމަތީގައި މާގިނަ ދުއްވާއެއްޗިއްސަކާއި މީހުންވެސް އެހާވަރަކަށް ގިނަ ޒަމާނަކަށް ނުވާނެއެވެ. އަދި މުސްލިމުންގެ މުޖްތަމަޢުގައި މާބޮޑަށްވެސް ހެދުން އެޅުމުގެ އިސްލާމީ އާދަތަކަށް މީހުން ތަބާވެގެންވާނެ ޒަމާނެއްކަންވެސް ކަށަވަރެވެ. އެއާއެކުވެސް ކޮންމެހެން މަގުމަތީގައި ހުންނަންޖެހިގެން ނޫންގޮތަކަށް މަގުމަތީގައި ކަމަކާނުލައި ވަގުތުތައް ހޭދަކުރުން މަނާކުރެއްވުމުން އެނގެނީ މިޒަމާނުގައި އަދި އޭރަށްވުރެ މަގުމަތިން އުފެދޭ ނުބައި ނަތީޖާ މާބޮޑުވާނެތީ އެކަން މިޒަމާނުގައި އޭރަށްވުރެ ގޯސްވެދާނެކަމެވެ. ކޮންމެއަކަސް މިއީވެސް އަހަރެމެންގެ ދިރިއުޅުމުގައި ވަރަށްގިނަ ކުދިކުދި ފާފަތަކެއް ނިކުމެދާނެ ދިމާއެކެވެ. މަސައްކަތުގެ މާޙައުލުގައިވެސް އުޅެވޭ ގޮތްތަކުން ކުދި ފާފަތަކަށް އަރައިގަނެވިދާނެއެވެ. ކޮންމެ މިފަދަ ކުދި ފާފައަކަން ތިޔައީ ފާފައެކޭ ބުނެ ސްޓޭމްޕް ޖަހާދޭނޭ މީހަކު ނުހުއްޓެއް ކަމަކު ވިސްނާ ފިކުރުކުރާ މީހާއަށް މިކަންކަމުން ޣާފިލު ނުވާހުއްޓެވެ. އިމާމް އައްތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((كُلُّ ابنِ آدمَ خطَّاءٌ ، وخيرُ الخطَّائينَ التَّوَّابونَ)) މާނައީ: [ކޮންމެ އާދަމުގެ ދަރިޔަކީ ގިނައިން ކުށްކުރާމީހެކެވެ. އަދި ގިނައިން ކުށްކުރާމީހުންގެ ތެރެއިން އެންމެހެޔޮ މީހަކީ ގިނައިން ތައުބާވާމީހުންނެވެ.] މިގޮތަށް ގަސްތުގައި ކުށްނުކުރެވޭނޭ މަޢުޞޫމުބަޔަކީ ނަބީންނެވެ. އެނޫން އިންސާނުންނަކީ ގަސްދުގައިވެސް ގިނައިން ކުށްތަކެއް ކުރާ ބައެކެވެ. ނަމަވެސް މިހާގިނައިން ކުށްކުރެވޭކަން އަމިއްލައަށް ވަޒަން ކުރެވޭނީ ދީނީ ޢިލްމުގެ އަލީގައި ތިމާގެ އަމިއްލަ ނަފްސު ހިސާބުކޮށްލައި އެޢިލްމާއި ތިމާގެ އުޅުމާއި އަޅައިކިޔައިލުމުންނެވެ. އެކަން ނުކުރާމީހަކަށް ތިމާއަކީ ކިތަންމެ ފާޅުކަން ބޮޑު ނުބައެއް ހިންގަމުން ދިޔަޔަސް ގޯސްކަމެއް ކުރެވޭމީހެއް ކަމުގެ އެއްވެސް އިހްސާސެއް ނުކުރެވޭނެއެވެ. ވީމާ ޙަޤީޤަތަކީ އިންސާނުންނަކީ ގިނައިން ކުށްކުރާ ބަޔަކަށްވުމެވެ.
ނަމަވެސް ސުވާލަކީ މިއޮއްހާ ކުށްތައް ބޮލުއަޅައިގެން ހަމަޤިޔާމަތަށް ތިމާމެން ދާންޖެހުން ނޫންގޮތެއް ނެތީހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. ﷲ سبحانه وتعالى ވަނީ މިދުނިޔޭގައި އިންސާނާ އޭނާގެ އުޅުން ބަހައްޓާ ގޮތަކުންވެސް އެކުށް ޤިޔާމަތުގެ ކުރިން ފިލައިގެން ދާނޭ ގޮތް ކަނޑައަޅުއްވާ ދެއްވާފައެވެ. އެގޮތުން ވަރަށްބޮޑެތި އަދި އެންމެބޮޑެތި ކުށްކަމުގައިވާ ޝިރުކު ކުރިކަމުގައިވިޔަސް އެކަމުން ތައުބާވުމުގެ ދޮރު އެކަލާނގެ ވަނީ ހުޅުއްވާދެއްވާފައެވެ. އަދި އެނޫން އެހެންހުރިހައި ފާފައެއް އެފާފައަށްވުރެ ފާފަކަން ބޮޑެއް ނުވާހުއްޓެވެ. ވީމާ އެންމެހައި ފާފައެއްގައިވެސް އެކަލާނގެ ވަނީ ތައުބާގެ މަގުހުޅުއްވައި ދެއްވާފައެވެ. ވުމާއެކު ތައުބާވާމީހުންނީ އެންމެ ހެޔޮ މީހުންނެވެ. އެކަން ހެޔޮވަނީ ތައުބާވުމުން އޭނާގެ އެންމެހައި ފާފަތަކެއް ފުހެވިގެންދާތީއެވެ. އިބްނު މާޖާ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((التَّائِبُ مِنْ الذَّنْبِ كَمَنْ لَا ذَنْبَ لَهُ)) މާނައީ: [ފާފައިން ތައުބާވާމީހާއީ އޭނާގެ އެއްވެސް ފާފައެއް ނެތް މީހެއް ފަދަ މީހެކެވެ.] މާނައަކީ އޭނާގެ އެންމެހައި ފާފައެއް ފުހެވިގެންދިޔައީއެވެ. މީހާ ފާފައެއް ކުރުމަކީ އެކަލާނގެ ކޯފާވެވޮޑިގަންނަވާނޭ ކަމެކެވެ. ކޯފާއަކީ އެމީހަކަށް ޤިޔާމަތްދުވަހުން ޢަޛާބު ލިބުން ޙައްޤުވެދާނެ ކަމެކެވެ. ނަމަވެސް އެކަލާނގެއަށްޓަކައި އަދާކުރެވޭ ހެޔޮޢަމަލަކީ އެކަލާނގެ ލޯބިވެވޮޑިގަންނަވާނޭ ކަމެކެވެ. ވީމާ އެލޯބިވެވޮޑިގަންނަވާ ހެޔޮޢަމަލުން އެކަލާނގެ ލޯބި އެމީހަކަށް ލިބެއެވެ. އެކަލާނގެ ލޯބިވެވޮޑިގެންނެވުމުން އެކަލާނގެ ކޯފާވެވޮޑިގެންނެވި ފާފަތައް ފުއްސަވާދެއްވަވައެވެ. އެއީ ބޮޑުފާފައެއް ނަމަ އެކަލާނގެ ލޯބިވެވޮޑިގަންނަވަނީ ތައުބާގެ ހެޔޮޢަމަލެވެ. އަދި އެނޫން ފާފަތަކަކީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ އެހެނިހެން ހެޔޮޢަމަލުތަކުންވެސް ފުއްސަވާދެއްވާ އެއްޗެކެވެ.
އަދި އޭގެ އިތުރުން ފާފައިން ތައުބާނުވެ ހުރިކަމުގައިވިޔަސް އޭނާގެ ހެޔޮޢަމަލުތަކުންވެސް އެމީހަކު ކުރަމުންދާ ކުދިކުދި ގިނަގުނަ ފާފަތައްވެސް ފުހެވިގެންދާނޭ ގޮތް ﷲ سبحانه وتعالى ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ﴾ سورة هود:114 މާނައީ: [ހަމަކަށަވަރުން ހެޔޮކަންކަމަކީ ނުބައިކަންކަން ފުހެލާ އެއްޗެކެވެ.] ވީމާ މުސްލިމް މީހާ ހެޔޮކަމެއް ކުރުމާއި އެކު އޭނާގެ ފާފަތަކެއް ފުހެވިގެންދެއެވެ. އެއީ ޛިކުރު ކުރުމާއި ވުޟޫކުރުމުން ފެށިގެން ގޮސް އެހެން ހުރިހައި އަޅުކަންތަކެކެވެ. އަބޫދާވޫދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((مَا مِنْ عَبْدٍ يُذْنِبُ ذَنْباً فَيُحْسِنُ الطُّهُورَ، ثُمَّ يَقُومُ فَيُصَلِّي رَكْعَتَيْنِ، ثُمَّ يَسْتَغْفِرُ اللَّهَ إلاَّ غَفَرَ اللَّهُ لَهُ)) މާނައީ: [އެއްވެސް އަޅަކު ފާފައެއްކޮށް އޭނާ ރަނގަޅަށް (ހިނައިގަނެ ނުވަތަ ވުޟޫކޮށް) ޠާހިރުވެ އެއަށްފަހު ތެދުވެ ދެރަކްޢަތުގެ ނަމާދެއްކޮށް ދެން އެއަށްފަހު ފާފަފުއްސެވުމަށް އެދި ﷲ އަށް ދަންނަވައިފިނަމަ ﷲ އޭނާއަށް ފާފަ ނުފުއްސަވައެއް ނުދާނެއެވެ.] އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((الصَّلَوَاتُ الخَمْسُ، وَالْجُمْعَةُ إلى الجُمْعَةِ، وَرَمَضَانُ إلى رَمَضَانَ، مُكَفِّرَاتٌ ما بيْنَهُنَّ إِذَا اجْتَنَبَ الكَبَائِرَ)) މާނައީ: [ފަސްނަމާދާއި އެއްހުކުރުން އަނެއްހުކުރަށާއި އެއްރަމަޟާންމަހުން އަނެއް ރަމަޟާން މަހަށް، ބޮޑެތިފާފަތަކުން ދުރުހެލިވެގެންވާނަމަ، އެއީ އެދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެއް ކަމުގައިވެއެވެ.] ކައްފާރާއެކޭ ބުނެވޭ ބަހުގެ މާނައީ އެދެމެދުގައި އެކުރެވޭ ނަމާދުތަކާއި ހުކުރުނަމާދާއި ރޯދަތަކަކީ އެފާފަތައް ފުހެވިގެންދާނޭ ކަމެއް ކަމުގައި ވުމެވެ.
އިސްވެ އެދިޔައީ އެމީހަކު މާތްﷲ އަށް އަދާކުރާ އަޅުކަންތަކުގެ ސަބަބުން އޭނާގެ ފާފަތައް ފުހެވެމުންދާ ދިއުމުގެ ވާހަކައެވެ. އަދި އޭގެ އިތުރުން އެހެންމީހުންނާމެދު އެމީހެއްގެ އަޚްލާޤު ބަހައްޓާ ރިވެތިގޮތުގެ ސަބަބުންވެސް އެމީހެއްގެ ފާފަތައް ފުހެވިގެންދެއެވެ. އެއީވެސް ހެޔޮޢަމަލެކެވެ. މުސްލިމް އަޚާއަށް ހިނިތުންވުމާއެކު ބައްދަލުވުންވެސް އެއީ ޞަދަޤާތެއްކަމަށް ޙަދީޘްގައިވެއެވެ. މާނައަކީ އެއީވެސް ހެޔޮކަމެކެވެ. ވީމާ އެފަދަ އެންމެހައި ހެޔޮކަމަކީވެސް ނުބައިކަންކަމުގެ ކައްފާރާއަކަށް ވެދެއެވެ. އެހެންމީހުންނާ ދެމެދު ތިމާ މުޢާމަލާކުރާގޮތް ރިވެތިކުރަންޖެހެއެވެ. އެއީވެސް ހެޔޮކަމަކަށްވާތީއެވެ. ރިވެތި އަޚްލާޤު އަންނަންވީ އެހެންމީހުންނާއެކު އުޅޭ ހުރިހައި ޙާލަތެއްގައެވެ. އެއީ ހަމައެކަނި ތިމާ އުފާވެ ތިމާއަށް މޮޅުކަމެއް ލިބޭވަގުތުގައި އެކަންޏެއް ނޫނެވެ. ތިމާއަށް ދެރަގޮތެއް އަދި ހާސްކަމެއް އަދި އަތުން މޮޅެތި ކަންތައްތަކެއް ބީވެގެންދާ ހިނދުގައިވެސް އެހެންމީހުންނާއެކު އުޅޭ އުޅުމުގައި ރިވެތި އަޚްލާޤު ބެހެއްޓުން ވެގެންދަނީ ޙަޤީޤަތުގައިވެސް ހެޔޮޢަމަލަކަށެވެ. އެހެޔޮޢަމަލަކީ އޭނާގެ ކުށްތައް ފުހެލާނޭ އެއްޗަކަށްވާނެއެވެ. އިމާމް އައްތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((اتَّقِ اللَّهَ حَيْثُمَا كُنْتَ وأَتْبِعِ السَّيِّئَةَ الْحسنةَ تَمْحُهَا، وخَالقِ النَّاسَ بخُلُقٍ حَسَنٍ)) މާނައީ: [ތިބާވީކޮންމެ ތަނެއްގައިމެ ﷲ އަށް ތަޤްވާވެރިވާށެވެ. އަދި ކުރެވޭ ފާފަ ފުހެވޭނޭ ހެޔޮކަމެއް ފާފައެއް ކުރެވޭ ހިނދުގައި އެފާފައެއްގެ ފަހަތުން ކުރާށެވެ. އަދި ހެޔޮރަނގަޅު އަޚްލާޤުން މީސްތަކުންނާއެކުގައި އުޅޭ އުޅުމުގައި މުޢާމަލާކުރަން އާދަކުރާށެވެ.]
ވީމާ ފާފައެއް ކުރެވިއްޖެކަން އިޙްސާސްވުމާއެކު އެންމެކުޑަމިނުން ﷲ އަށް ތަސްބީޙަ ކިޔާ އިސްތިޣްފާރުކޮށް އެކަލާނގެއަށް ތަކްބީރާއި ތަޙްލީލާއި ޙަމްދު ކޮށްލައިގެން ވިޔަސް ހެޔޮކަމެއް ގެނެސްގަނެވޭތޯ މަސައްކަތް ކުރުން މުހިންމެވެ. ނުވަތަ ވުޟޫކޮށްލައި ޤުރުއާން ކިޔަވާލައި ސުންނަތް ނަމާދެއް ކޮށްލައި ނުވަތަ ރޯދައެއް ހިފާލާށެވެ. އެފަދަކަމެއް ކުރުމަށް އުނދަގޫވެއްޖެނަމަ އެންމެކުޑަ މިނުން އެހެންމީހުންނާއެކުގައި އަބަދުމެ އުޅޭއިރު އެމީހުންނާއެކުގައި ރިވެތިއަޚްލާޤުން މުޢާމަލާކުރުމަށް އާދަކޮށްލާށެވެ. އެވަރުންވެސް އެފަދަ ފާފަތައް ފުހެވިދިއުމަށް ފުދޭހުއްޓެވެ. އެހެންމީހަކަށް އެހީތެރިކަމެއް ފޯރުކޮށްލަދީގެން ނަމަވެސް ތިމާއަށް ކުރެވިފައިވާ ފާފައެއް ފުހެވޭތޯ ގަދައަޅާ މަސައްކަތް ކުރާށެވެ.
އަޅަމެންނީ ހެޔޮޢަމަލުތައް ކުރުމަށް ގިނަގިނައިން ހަނދުމަވާ އަދި އެފަދައިން ހެޔޮޢަމަލުކުރުމަށް އާދަވެފައިވާ ބަޔަކު ކަމުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.