އެޑިޓަރުގެ ނޯޓު: މިއީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ކެޕްޓަން އިޔާން ޢަލީ މޫސާ އާބެހޭގޮތުން "މިހާރު" ނޫހުގެ ސްކޫލް ގައިޑްގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ. ލިޔުއްވާފައިވަނީ، އަޙްމަދު އަރުޝަމް އެވެ.
ދިރިއުޅުމުގެ މާހައުލަށް ކުއްޖާ ތައްޔާރު ކޮށްދިނުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރަނީ އެ ކުދިން ސްކޫލުގައި ހޭދަކުރާ 10 އަހަރެވެ. އުމުރުން އެންމެ ހަ އަހަރުން ފެށިގެން 16 އަހަރާ ހަމައަށް އެ ކުއްޖާގެ ދިރިއުޅުމުގެ ގިނަ ވަގުތުތައް ހޭދަކުރާނީ ސްކޫލުގެ މާހައުލުގަ އެވެ.
އެ ދުވަސްވަރަކީ ހަމައެކަނި ކިޔަވަން ހޭދަކުރާ ދުވަސްތަކެއް ނޫނެވެ. އިތުރު ހަރަކާތްތަކާއި، ދަތުރުތަކާއި، ދިމާވާ އުފާވެރި އަދި ހިތާމަވެރި ހާދިސާތަކާއި، ދިމާވާ މަޖާ ކަންކަމާއި، ރައްޓެހި ކުދިންނާ އެކު ހޭދަކުރާ ވަގުތުތަކަކީ ފޮހެލަން އުނދަގޫ ހަނދާންތަކެކެވެ.
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ސެކަންޑްރީ ސްކޫލް ކެޕްޓަން އިޔާން އަލީ މޫސާގެ ވެސް ހުރީ ހަމަ އެއް އިހުސާސްތަކެކެވެ.
އޭނާ މި އަހަރު އޯލެވެލް ނިންމައި، ދެން އޮތް މިސްރާބަކީ އޭލެވެލް އެވެ. އެކަމަކު އޭނާގެ ހަނދާންތައް ހުއްޓި ހުރީ އަހުމަދިއްޔާގެ ތެރޭގަ އެވެ.
ބުރަ މަސައްކަތާއި ގިނަ ވަގުތުތަކެއް ކިޔެވުމުގައި ހޭދަކުރުމަށް ފަހު، ސާނަވީ ތައުލީމު ނިންމާލެވުމުން އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. އެކަމަކު އެކުގައި އުޅުނު ރައްޓެހިންނާއި ސްކޫލުގައި ހޭދަކުރި އުފާވެރި ދުވަސްތަކާ ވަކިވުމަކީ، އެހެން ކުދިން ފަދައިން އޭނާ އަށް ވެސް ފަސޭހަ ކަމެއް ނޫނެވެ.

"އެހާ ދުވަހު ގިނަ އަދި ބުރަ މަސައްކަތްތަކެއް ކޮށް، އިމްތިހާންތައް ނިންމާލެވުނީމަ ވަރަށް އުފާވޭ. ހަމައެއާކު ވަރަށް ދެރަ ވެސް ވޭ. އުފާ ވަނީ އެ މަސައްކަތްތައް ނިންމާލެވުނީމަ، މިކަން ވެއްޖެއޭ އިހުސާސް ކުރެވޭތީ،" އޭނާ ކިޔައިދިނެވެ.
"އެކަމަކު ރެއާ ދުވާލު ޓީޗަރުންނާއި ރައްޓެހިންނާ އެކު ހޭދަކުރި ވަގުތުތަކާއި، ސްކޫލްގެ މަޖާ މާހައުލު މަތިން އަބަދުވެސް ވަރަށް ހަނދާން ވާނެ. އެގޮތަށް އެއްކޮށް އެހާ ގިނަ ދުވަހު އުޅުނީމާ އަޅުގަނޑަށް އިހުސާސް ވަނީ އެއީ ވެސް އާއިލާއެކޭ. އެ އާއިލާ ދޫކޮށްފައި ދާން ޖެހޭތީ ވަރަށް ދެރަވޭ."
ރަހުމަތްތެރިންނަކީ ސްކޫލް ދުވަސްވަރު ދަރިވަރުންނަށް ވަރަށް މުހިންމު ބައެކެވެ. ރަނގަޅު އެކުވެރިން އިހްތިޔާރު ކުރުމަކީ އެ ކުދިންގެ ކިޔެވުމަށާއި ދިރިއުޅުމަށް އޭގެ ފައިދާ ކުރާ ކަމެކެވެ.
"އެންމެ ބޮޑަށް ހަނދާން ވާނީ ރަހުމަތްތެރިން މަތިން. ކިޔަވާހިތް ނުވާ ދުވަސްތަކުގައި ވެސް ސްކޫލަށް ދަނީ އެ މީހުންނާ ބައްދަލުކޮށްލާ ހިތުން. އެ ކުދިންނާ ދިމާވެ، މަޖާކޮށްލާ، ވާ ކަންކަން ހިއްސާ ކޮށްލާ، އެ ލިބޭ ހިތްހަމަޖެހުން އެއީ ވަރަށް އުފާވެރި ހަނދާންތަކަކަށް ވާނެ،" ސްކޫލު ނިންމާލުމަށް ފަހު އެންމެ ހަނދާން ވާނީ ކޮން ކަމެއްތޯ އެހުމުން އޭނާ ބުންޏެވެ.

ކިޔެވުމާއި އެހެނިހެން ކަންކަމުގައި އިޔާންގެ އެކުވެރިން ދިން އެހީތެރިކަން ހަނދާނުން ފޮހެލުމަކީ އޭނާ އަށް ދަތިކަމެކެވެ. ދިރިއުޅުމުގައި ދިމާވާ ވާހަކަތައް ހިއްސާކުރުުމުން، އެ ވާހަކަތައް އަޑުއަހާ، އެކަމަށް ހައްލު ހޯދައިދިނުމުގައި އިޔާންގެ އެކުވެރިން އެހީތެރިވެއެވެ.
ތައުލީމީ ރޮނގުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ އިޔާންގެ ސްކޫލް ދައުރުގެ އެންމެ ހާއްސަވި އަހަރަކީ ގްރޭޑް 10 ގެ އަހަރެވެ. އެއީ ނިމިގެން މި ދާ ދިރާސީ އަހަރެވެ.
"ބައެއް ކުދިންނަށް ހީވެދާނެ ގްރޭޑް 10 އަކީ ބުރަ އަހަރެކޭ، ކީއްވެހޭ އެ އަހަރު ހާއްސަ ވަނީ. އެ އަހަރަށް އައުމުން އިހުސާސްކުރެވުނީ، މިއީ 10 އަހަރު ދުވަހު ކުރި މަސައްކަތުގެ އެންމެ ފަހު މަރުހަލާއޭ. އެ އަހަރު ދަސްވެގެން ދިޔަ ކަންކަމާއި، ހޭދަކުރި އެންމެ ފަހު ވަގުތުތައް ވީ ވަރަށް ހާއްސަ ވަގުތުތަކަކަށް،" އިޔާން ކިޔައިދިނެވެ.

އޯލެވެލް އިމްތިހާނަށް އަހުމަދިއްޔާ ސްކޫލު އަބަދުވެސް ތައްޔާރު ވަނީ ވަރަށް ބުރަކޮށެވެ. ބެލެނިވެރިންނާއި ސްކޫލުގެ ޓީޗަރުންނާއި މެނޭޖްމަންްޓް ވެސް ތިބެނީ ދުރާލައި އެކަމަށް ތައްޔާރުވަމުންނެވެ. އެ ސްކޫލުން އޯލެވެލްގައި ބައިވެރިކުރާ ދަރިވަރުންނަށް އަބަދުވެސް އެކްސްޓްރާ ކްލާސްތައް އޮވެ އެވެ. އެހެންވެ، ދުވަހުގެ ގާތްގަނޑަކަށް ހުރިހާ ވަގުތެއްހެން ސްކޫލުގައި އުޅެން ޖެހޭ ދުވަސްދުވަސް މަދެއް ނޫނެވެ. އެކަމަކު، ދަރިވަރުން ތިބީ އެކަމަށް ޝަކުވާ ކުރާކަށް ނޫނެވެ. އިއާން ވެސް ބުނަނީ އެހެންނެވެ. އޭނާ ދެން ވެސް ސްކޫލަށް ދާން ޖެހިއްޖިއްޔާ އެކަމަށް ތައްޔާރު ކަމަށެވެ.
"އެނީ ޑޭ، އެނީ ޓައިމް. އަލުން ސްކޫލަށް ދާން ފުރުސަތު ލިބިއްޖެއްޔާ އަބަދުވެސް ދާނަން. އެއީ ސްކޫލްގެ މާހައުލުގައި އެލިބޭ ތަފާތު ތަޖުރިބާތަކާއި، އެއިހުސާސްތައް ދުވަހަކު ވެސް އެހެން ތަނަކުންް ތަޖުރިބާ ނުކުރެވޭނެތީ،" އޭނާ ބުންޏެވެ.

"ދަރިވަރެއްްގެ ގައިގައި ހުންނަން ޖެހޭ އެންމެ މުހިންމު ސިފައަކީ ރަނގަޅު އަހުލާގެއް،" އިޔާން ބުންޏެވެ.
"އަހުލާގީ މިންގަނޑު ދަށް ކުއްޖެއްގެ ދެންހުރި ކަންކަން ރަނގަޅު ކުރަން އުނދަގޫވާނެ. ކާމިޔާބު ސްކޫލް ހަޔާތެއް ނިންމާލަން ބޭނުންމިއްޔާ ރަނގަޅު އަހުލާގެއް ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް،."
ކިޔެވުމާ ގުޅޭގޮތުން އިޔާން ދިން އެންމެ މުހިންމު ނަސޭހަތަކީ މި އެވެ؛ ފަހަށް ކަންކަން ކުރަން ނުބެހެއްޓުމެވެ.
ފިލާވަޅުތައް ފަހަށް ހަދަން، ނުވަތަ ފަހުން ޓެސްޓަށް ދަސްކުރަން ބަހައްޓައިގެން އުނދަގޫވާނެ ކަމަށް އިއާން ބުންޏެވެ. އޭނާ ބުނާ ގޮތުން ހުރިހާ ކަމެއް އެއްފަހަރާ ލައިގަތީމާ އެ ކަންތައްތައް ގިނަފަހަރަށް އެކަން އޮންނާނީ ވެސް ނުވެފަ އެވެ. އޭގެ އިތުރުން އިތުރު ހަރަކާތްތަކުގެ މުހިންމުކަން އޭނާ ފާހަގަކުރި އެވެ.
"ސްކޫލެއްގެ މަގްސަދަކީ ދަރިވަރުން މުޖުތަމައު އަށް ނިކުންނައިރު، ރަނގަޅު ތަރުބިއްޔަތަކާ އެކު އެއްބަޔަކު އަނެއް ބަޔަކާ ގުޅިގެން އުޅެން ދަސްކޮށްދިނުން. ހަމައެކަނި ޓެސްޓު ޕޭޕަރު ދިނުމެއް ނޫން. ސްކޫލްތަކުގައި ބާއްވާ އިތުރު ހަރަކާތްތަކުގެ ސަބަބުން މިކަމަށް މަގުފަހިކޮށްދޭ،" އޭނާ ބުންޏެވެ.
އިޔާން ދެކޭގޮތުގައި އިތުރު ހަރަކާތުގެ ސަބަބުން ކުދިންގެ ގައިގައި ހުންނަ ހުނަރުތައް އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު ލިބެއެވެ.
