އަހުމަދިއްޔާގައި ސިނޭ މަސައްކަތްކުރާތާ 31 އަހަރަށްވުރެ ގިނަވެއްޖެ .

ސިނޭ: މިއީ އާދައިގެ ޓީޗަރެއް ނޫން!

އެޑިޓަރުގެ ނޯޓު: މިއީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މުދައްރިސް މރ. ސިރިނިވާސަން އާބެހޭގޮތުން “މިހާރު” ނޫހުގެ ސްކޫލް ގައިޑްގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ. ލިޔުއްވާފައިވަނީ، އާލިމް ޢަބްދުއްލަޠީފް އެވެ. އާލިމް އަކީ އަޙްމަދިއްޔާއިން ތައުލީމް ހާޞިލްކުރި ދަރިވަރެކެވެ.

 

ސްކޫލު ނިމި އެތައް އަހަރެއް ފަހުން ވެސް އަހުމަދިއްޔާގެ ދަރިވަރުން ދައްކަނީ މި ޓީޗަރުގެ ވާހަކަ އެވެ. ހެމުން ވެސް، އަދި އިބުރަތެއްގެ ގޮތުން ވެސް އާ ކުރަނީ މި ޓީޗަރުގެ ހަނދާންތަކެވެ. އެ ސްކޫލުން ކިޔެވި ކޮންމެ ދަރިވަރެއްމެ މި ޓީޗަރުގެ ހަނދާން "އުމުރަށް" އާ ކުރެ އެވެ.

ޕޮންނުމޮނީ ސިރްނިވާސަން (ސިނޭ)، 61، އަކީ ދަރިވަރުން "ބިރުގަންނަ" ޓީޗަރެކެވެ. އޭނާ ކިޔަަވައިދޭން ދާކަން އެނގުމުން ދަރިވަރުން ޖެހިލުން ވެއެވެ. ކުލާހަށް ގޮސް ވަނުމުން، "މަރުފަދަ" ހިމޭންކަމެއް އެ ތަނުގައި އެކުލެވެ އެވެ. ހުރިހާ ދަރިވަރުން ހިމޭން ވެއެވެ. ނުވަތަ ހިމޭންވާން މަޖުބޫރު ވެއެވެ.

ރާއްޖޭގައި 31 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ސިނޭ، 1991 ވަނަ އަަހަރު ފުރަތަމަ ދިޔައީ ނ. ހޮޅުދޫގައި ހުންނަ މޭނާ ސްކޫލުގެ ވަޒީފާ އަށެވެ. އެކަމަކު. އެތަނުގައި ނުވަ މަސް ދުވަހު މަސައްކަތް ކުރުމަށްފަހު އޭނާ މާލެ އައިސް ގުޅުނީ އަހުމަދިއްޔާއާ އެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އޭނާ އެ ހުރީ ދެ ގޮތެއް ނުވެ އަހުމަދިއްޔާ އަށް ހިދުމަތްކުރާށެވެ. އަހުމަދިއްޔާ އަށް 40 އަހަރު ފުރުނު އިރު، އެ ސްކޫލަށް އެންމެ ނުވަ އަހަރުގައި އޭނާ އެ ސްކޫލާ ގުޅިއްޖެ އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި ސްކޫލަށް ލޯޔަލް ވާން ޖެހޭނެ. އޭރުން ދަރިވަރުން ވެސް ބެލެނިވެރިން ވެސް ބަލައިގަންނާނީ. ފަހަރަކު ސްކޫލަކަށް ބަދަލުވާކަށް އަހަންނެއް ބޭނުމެއް ނޫން. އަހުމަދިއްޔާގައި މިހާ ދުވަހު މަޑުކުރީ އެހެންވެ،" ސިނޭ ކިޔައިދިނެވެ.

އަހުމަދިއްޔާއަށް ކޮށްދިން ހިދުމަތް އަގުވަޒަންކޮށް ސިނޭ އަށް އަހުމަދިއްޔާގެ 40 ވަނަ އަހަރީ ދުވަހު ހަނދާނީ ފިލައެއް އަރުވަނީ، އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު —

 

"އަހަރެން ގަބޫލުކުރާ ގޮތުގައި ސްކޫލަށް ލޯޔަލް ވާން ޖެހޭނެ. އޭރުން ދަރިވަރުން ވެސް ބެލެނިވެރިން ވެސް ބަލައިގަންނާނީ. ފަހަރަކު ސްކޫލަކަށް ބަދަލުވާކަށް އަހަންނެއް ބޭނުމެއް ނޫން. އަހުމަދިއްޔާގައި މިހާ ދުވަހު މަޑުކުރީ އެހެންވެ،" — ސިނޭ

އަހުމަދިއްޔާގައި އޭނާ ކިޔަވައިދިނީ އެކައުންޓިން އާއި ކޮމާސް އެވެ. ވިހި އަހަރު ވަންދެން ދެ މާއްދާ ކިޔަވައިދިނުމަށް ފަހު، މިހާރު އޭނާ ކިޔަވައިދެނީ ހަމައެކަނި އެކައުންޓިން އެވެ.

ސިނޭ ބުނި ގޮތުގައި، އަމިއްލަ ގައުމު، އިންޑިއާ ދޫކޮށް ރާއްޖެ އައި ފުރަތަމަ ދުވަސްވަރާ މިހާރާ އެތައް ކަމެއް ބަދަލުވެއްޖެ އެވެ. ފުރަތަަމަ ރާއްޖެ އައިސް، އުމުރުން 32 އަހަރުގައި އޭނާ އޭރު ކުރީ ތަފާތު ތަޖުރިބާ އެކެވެ. މައްޗަންގޮޅީގެ އަވަށު ސްކޫލު، އަހުމަދިއްޔާގައި އޭރު ކިޔަވަން އުޅުނީ ގިނައިން "ރާއްޖެތެރޭ" ކުދިންނެވެ. މާ ބޮޑު ތަނަވަސްކަމެއް ނެތި، ވަރަށް ހާލުގައި ކިޔަވަން އުޅޭ ކުދިންނެވެ.

"އޭރު ކުދިންގެ އަހުލާގު މާ ރަނގަޅު. އެހެންވީމަ އޭރުގައި ނަތީޖާ ނެރެން އަސްލު ފަސޭހަ ވޭ. އަހުމަދިއްޔާގައި އޭރު ގިނަވާނީ ރަށްރަށުން އައިސް ތިބި ކުދިން. އެ ކުދިން ވަރަށް ގަދައަޅާ ކިޔަވަން މަސައްކަތް ކުރޭ،" ސިނޭ އޭރުގެ ހާލަތު ކިޔައިދިނެވެ.

ކިޔަވައިދޭން ފަށައި، މާ ގިނަ ދުވަހެއް ނުވެ ދަރިވަރުންގެ ތެރޭގައި މަގުބޫލު ޓީޗަރަކަށް ސިނޭ ވިއެވެ. އޭނާ މަގުބޫލުވީ އަހުމަދިއްޔާގައި އެކަންޏެއް ނޫނެވެ. އެހެން ސްކޫލުތަކުގެ ކުދިންނަށް ވެސް އޭނާ ފާހަގަވި އެވެ. މެނޭޖްމަންޓުތަކަށް ވެސް ފާހަގަވެ، ސަރުކާރުގެ ބައެއް ސުކޫލުތަކުން އޭނާ އަށް އޮފާ ވެސް ލިބުނެވެ. އެކަމަކު، އަހުމަދިއްޔާ ދޫކޮށް ސިނޭ ނުދިޔަ އެވެ.

"މިތަނުގެ މެނޭޖްމަންްޓް އަހަންނަށް ރަނގަޅު. މެނޭޖްމަންޓާ މައްސަލައެއް ނެތް. މުސާރަ ބަރާބަރު. ހުރިހާ ކަމެއް ރަނގަޅު ވީމަ އަހުމަދިއްޔާ ދޫކޮށް ދާކަށް ބޭނުމެއް ނުވި،" އޭނާ ބުންޏެވެ.

ކިޔަވައިދިނުމުގައި ސިނޭ ގެންގުޅޭ އުކުޅު ވަރަށް ތަފާތެވެ. އެހެން ހުރިހާ ޓީޗަރުންނަކަށްވުރެ ބޮޑަށް، ދަރިވަރުންނަށް އޭނާ ފާހަގަވާ ސަބަބަކީ އެއީ އެވެ. ސިނޭއަކީ ދަރިވަރުން ގަބޫލުކުރާ ގޮތުގައި "ރުޅިގަދަ" ޓީޗަރެކެވެ. ފިލާވަޅު ނުނިންމައިފި ނަމަ ކުލާހުން ބޭރަށް ނެެރޭނެ އެވެ. ކުލާހުގައި ވާހަކަ ދެއްކުން އޭނާގެ ގަޑީގައި މަނާ ވާނެ އެވެ. އެކަމަކު، އޭނާގެ ގަޑީގައި ދަރިވަރުން ފޫހިވިޔަކަ ނުދެ އެވެ.

 

އޭރު ކުދިންގެ އަހުލާގު މާ ރަނގަޅު. އެހެންވީމަ އޭރުގައި ނަތީޖާ ނެރެން އަސްލު ފަސޭހަ ވޭ. އަހުމަދިއްޔާގައި އޭރު ގިނަވާނީ ރަށްރަށުން އައިސް ތިބި ކުދިން. އެ ކުދިން ވަރަށް ގަދައަޅާ ކިޔަވަން މަސައްކަތް ކުރޭ، — ސިނޭ

ސިނޭ "މިހާރު"އަށް އިންޓަވިއު ދެނީ — ފޮޓޯ| ފަޔާޒު މޫސާ

"ދަރިވަރުން ސަކަރާތް ޖަހަން ފުރުސަތު ދޭކަށް އަހަރެން ބޭނުމެއް ނުވޭ. އަހަރެންގެ ގަޑީގައި މަނާ ވާނެ ވާހަކަ ދެއްކުން ކުލާސް ތެރޭގައި. އެންމެން ވެސް ވަރަށް މަޑުން ތިބޭނީ،" ސިނޭ ކިޔައިދިނެވެ.

ސިނޭ ކުލާހަށް ވަނުމުން، ކުލާހުގެ އެންމެ ސިޔާސަ ދަރިވަރު ވެސް ހިމޭންވެ އެވެ. ސިނޭގެ ކުރިމަތީ ބަސް ބުނާކަށް އޭނާގެ ދަރިވަރުންނަކަށް ނުކެރެ އެވެ. ސަބަބަކީ، ސިނޭގެ ރުޅިގަދަކަމާ މެދު އިވިފައިވާ ވާހަކަތަކެވެ. ކުލާހުން ބޭރުކޮށްލަ ފާނެތީ އެވެ.

"އަސްލު އަހަންނަށް ފީލް ވަނީ އަހަރެން މާ ކުދިންނާ އެކުވެރިވެގެން ގުޅިގެން ކިޔަވައިދީފިނަމަ އެ ކުދިން ދަސްކުރާކަށް ނޫޅޭނޭ. އެ ކުދިން ޑިސިޕްލިންއެއް ނުވާނެއޭ. ފަހަރެއްގައި މި ނުވެދާނެ އެހެން ޓީޗަރުންގެ ގަބޫލުކުރުމަށް. އެކަމަކު އަހަރެން ކިޔަވައިދިނުމުގައި ގެންގުޅޭ އުސޫލަކީ މިއީ،" ސިނޭ ބުންޏެވެ.

ބައެއް ފަހަރަށް ސިނޭގެ އެ މިޖާޒުގެ ސަބަބުން ދަރިވަރުން ފޫހިވެ އެވެ. ސިނޭއާ ދިމާލަށް އެއްޗެހި ކިޔައި، ރުޅި މޫނު ހަދައިގެން ވެސް ތިބެ އެވެ. އެކަމަކު ސިނޭ ގަބޫލުކުރާ ގޮތުގައި އެ ކުދިންނަށް ނުވިސްނެނީ އެވެ. ސިނޭގެ އެ އުސޫލުތަކުގެ ސަބަބުން ދަރިވަރުންނަށް ފައިދާކުރާނެ ދުވަހެއް އަންނާނެކަން އޭނާ ގަބޫލު ކުރެ އެވެ. އެ ދުވަހަކުން ދަރިވަރުން އޭނާ އަށް ޝުކުރުކުރާނެ ކަމަށް ގަބޫލު ކުރެ އެވެ.

ސިނޭ ކިޔައިދިން ގޮތުގައި، އޭނާދެކެ ރުޅި އަންނަ ބައެއް ދަރިވަރުންނަށް ވެސް، އޭނާ އެކަން ކުރީ ރަނގަޅަށް ކަން ފަހުން ވިސްނެ އެވެ.

"ނެގެޓިވްކޮށް ވެސް ބައެއް ކުދިން ވާހަކަ ދައްކަފާނެ. އެކަމަކު އެ ކުދިންނަށް ނުވިސްނޭތީ އެއީ. ނަތީޖާ ލިބުނީމަ ނޫނީ ދިރިއުޅުމުގައި ވަކި ހިސާބަކުން އެ ކުދިންނަށް ވިސްނޭނެ އަސްލު އަހަރެން މި ގޮތަށް ކަންތައް ކުރަނީ ކީއްވެކަން،" ސިނޭ ބުންޏެވެ.

ސިނޭގެ އެ "ސްޓްރެޓަޖީ" ހަގީގަތުގައި ވަރަށް ކާމިޔާބެވެ. ގިނަ އަހަރުތަކެއްގައި، އަހުމަދިއްޔާގެ 100 ޕަސެންޓު ދަރިވަރުން އޭނާގެ ބުރަ މަސައްކަތުން އެކައުންޓިންއިން ހުރީ ފާސްކޮށްދީފަ އެވެ. އެކަމަކު، މިހާރު ދަރިވަރުންގެ އަހުލާގީ ފެންވަރާއި ކިޔެވުމަށް ވަގުތު ދޭ މިންވަރު ދަށްވުމުން އެ ނަތީޖާ ނެރެން އުނދަގޫކަމަށް ސިނޭ ބުންޏެވެ.

"މިހާރު ބައެއް ކުދިން ކުލާހަކަށް ވެސް ބަރާބަރަކަށް ނާދޭ. ކުލާހަށް ބަރާބަރަށް އަންނަނަމަ ޔަގީން ފާސްވާނެ ކަން. އެކަމަކު، އަހަންނަށް ކިޔަވައިދޭނެ ފުރުސަތު ނޯންނަންޏާ ކުރާނެކަމެއް ނޯންނާނެ،" ސިނޭ ބުންޏެވެ.

"އަހުމަދިއްޔާ ސުކޫލަކީ ރާއްޖޭގެ އެއްވަނަ ސްކޫލު. މި ސްކޫލުން ނެރޭ ނަތީޖާ އެހެން ސްކޫލަކަށް ނުނެރެވޭ. އެކަމަކު ކުދިންގެ އަހުލާގީ ފެންވަރު އަހަރަކަށްވުރެ އަހަރެއް ދަށަށް ދިއުމަކީ ވަރަށް ބޮޑު ޗެލެންޖެއް."

އަހުމަދިއްޔާއަށް ހޯދައިދިން ރަނގަޅު ނަތީޖާގެ އަގުވަަޒަންކޮށް ސިނޭއަށް ހަނދާނީ ފިލައެއް އަރުވަނީ —

ޓީޗިންގެ ދާއިރާގައި ސިނޭ ހާސިލުކުރަން ބޭނުންވެ، ހާސިލުނުވެ އޮތްކަމެއް ނެތެވެ. ދަރިވަރުންނާއި އަހުމަދިއްޔާ ހިތްހަމަޖެހޭ ފަދަ ނަތީޖާތަކެއް ނެރެދެވުނު ކަމަށް އޭނާ ގަބޫލުކުރެ އެވެެ. ކުރެވޭ މަަސައްކަތާ މެދު އޭނާ ހުރީ ހިތްހަމަ ޖެހިފަ އެވެ.

އެކަން ހާމަކޮށްދޭ އެއްކަމަކީ، ދައުލަތުގެ އިސް މަގާމުތަކުގައި ވެސް ސިނޭގެ ދަރިވަރުން ތިބުމެވެ. އަހުމަދިއްޔާގައި ޓީޗަރުންގެ ގޮތުގައި ވެސް އަދި މެނޭޖްމަންޓުގެ ހައި ލެވެލް މަގާމުތަކުގައި ވެސް އޭނާގެ ދަރިވަރުން ވަރަށް ގިނައިން އެބަތިއްބެވެ.

"އެކި މަގާމުތަކުގައި އުޅޭނެ އަހަރެންގެ ދަރިވަރުން. އެހެން ވަކި ހަނދާނެއް ނުވޭ. ޔޫތު މިނިސްޓަރު މަހުލޫފަކީ ވެސް އަޅުގަނޑުގެ ދަރިވަރެއް،" ސިނޭ ބުންޏެވެ.

"އަސްލު ވަރަށް ފަހުރުވެރިވޭ އަހަރެންގެ ދަރިވަރުން ޒިންމާދާރު މަގާމުތަކުގައި ތިބީމަ. ވަރަށް ވަރަށް އުފާވޭ."

އުމުރުން ފަސްދޮޅަހުގެ އަހަރުތައް ގުނަމުން ދިޔަ ނަމަވެސް، އަހުމަދިއްޔާ ދޫކޮށް ދާކަށް އޭނާ އަދި ހިޔާލެއް ނުކުރެ އެވެ. ސިއްހީ ހާލަތު ތަންދޭހާ ދުވަހަކު އޭނާ އަހުމަދިއްޔާގައި ހުންނާނެ އެވެ. ހަކުރު ބައްޔަށް ގަވާއިދުން ބޭސްކަން ޖެހުނު ނަމަވެސް ސިއްހީ ހާލަތު އޭނާގެ ރަނގަޅެވެ.

"ސިއްހީ ހާލަތު ތަންދޭނަމަ އަހަރެން އަހުމަދިއްޔާގައި އަދިވެސް ހުންނާނަން،" ސިނޭ ބުންޏެވެ.

ސިރްނިވާސަން —

އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލަކީ ދަރިވަރުންނާއި ބެލެނިވެރިން އޭނާގެ އަގުވަޒަން ކުރުމެވެ. އެ މީހުންގެ ފަރާތުން ލިބޭ ތައުރީފުގެ ބަސްތަކުން އޭނާއަށް މާ ބޮޑަށް ވެސް ފުދެ އެވެ،

 

ނެގެޓިވްކޮށް ވެސް ބައެއް ކުދިން ވާހަކަ ދައްކަފާނެ. އެކަމަކު އެ ކުދިންނަށް ނުވިސްނޭތީ އެއީ. ނަތީޖާ ލިބުނީމަ ނޫނީ ދިރިއުޅުމުގައި ވަކި ހިސާބަކުން އެ ކުދިންނަށް ވިސްނޭނެ އަސްލު އަހަރެން މި ގޮތަށް ކަންތައް ކުރަނީ ކީއްވެކަން.

ސިނޭގެ ދަރިވަރަކު ބުނި ގޮތުގައި، ސިނޭގެ ގަޑީގައި ދުވަހަކު ވެސް ފޫއްސެއް ނުވާނެ އެވެ. އޭނާއަކީ ރުންކުރު ޓީޗަރެއް ނަމަވެސް، މަޖާޒީ ގޮތަކަށް ކިޔަވައިދޭ ޓީޗަރެއް ކަމުގައި އޭނާ ބުންޏެވެ. އަދި ދުވަހަކު ވެސް ސިނޭގެ "ޑައިލޮގް"ތައް ހަނދާން ނުނެތޭނެ ކަމަށް ބުންޏެވެ.

"ސިނޭ ސަރގެ ޑައިލޮގްތައް ވަރަށް މަޖާ ވާނެ. ރުޅި އައިސްގެން ވެސް ބުނާނީ ވަރަށް މަޖާ އެއްޗެހި. އަހަރެމެންނަށް ކާފަ ދަރިން ލިބުނަސް ހަނދާނެއް ނުނެތޭނެ ސިނޭ ސަރ މަތިންނެއް،" އުމުރުން 21 އަހަރުގެ އެ ޒުވާނާ ބުންޏެވެ.

އަހުމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު، ސިނޭ ސިފަކުރެއްވީ އަހުމަދިއްޔާގެ އެއް "ތަނބު"ގެ ގޮތުގަ އެވެ. ރަޝީދު ވިދާޅުވި ގޮތުގައި، ސިނޭއަކީ ފެށުނީއްސުރެ ވެސް ސްކޫލުގެ ނަތީޖާ ރަނގަޅު ކުރަން ގިނަ މަސައްކަތްތަކެއް ކުރި ޓީޗަރެކެވެ.

"ކުދިންނަށް ރުޅިގަދަ ޓީޗަރެއް ގޮތުގައި ފެނުނަސް އެ ކުދިންގެ އަހުލާގަށް ވަރަށް ރަނގަޅު ބަދަލުތަކެއް ގެނެސްދޭ ޓީޗަރެއް ސިނޭއަކީ. ފުރަތަމަ ސިނޭއަކީ ރުޅިގަދަ ޓީޗަރެއްގެ ގޮތުގައި ސިފަވި ނަމަވެސް ސިނޭގެ ގާތުން ދަސްވާ ކުދިން އާހިރުގައި އޭނާ ދެކެ ވަރަށް ލޯބިވާނެ،" އޭނާ ވިދާޅުވި އެވެ.

ސިނޭ "މިހާރު" އަށް އިންޓަވިއު ދެނީ — ފޮޓޯ| ފަޔާޒު މޫސާ

ރާއްޖޭގައި ސިނޭ އުޅެނީ ހިތްހަމަ ޖެހިގެންނެވެ. އޭނާ ބުނި ގޮތުގައި، ދިވެހި ދަރިވަރުންނާއި ބެލެނިވެރިން ވެސް ވަރަށް ހިތްހެވެވެ. ވަރަށް ރަނގަޅެވެ. ދެ ދަރިންނަށް ސިނޭ ކިޔަވައިދިނީ ވެސް ރާއްޖޭގެ ސްކޫލުތަކުގަ އެވެ.

ދިރިއުޅުމުގެ ތިރީހަށް ވުރެ ގިނަ އަހަރު ރާއްޖޭގައި ހޭދަކުރެވިފައި ވުމުން ރާއްޖެ އަށް ސިނޭގެ ހިތުގައި އޮތީ ވަރުގަދަ ލޯތްބެކެވެ. އަހުމަދިއްޔާ އަށް އޮތް ލޯބި އަދި މާ ހާއްސަ އެވެ. ހަމަ އެ ލޯބި، އަހުމަދިއްޔާގެ ދަރިވަރުންގެ ފަރާތުން އަބަދުމެ އޭނާއަށް ލިބެ އެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *