ވިލާ ކޮލެޖުން ބޭއްވި ޓްރިޕްލް ތްރެޓް ބާސްކެޓް ބޯޅަ ޓޯރނަމެންޓުގެ އަންހެން ޑިވިޜަންގެ ފައިވް އޮން ފައިވް ބައިގެ ރަނަރަޕްކަން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ހޯދައިފިއެވެ.
މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތަކާއި ޔުނިވަރސިޓީ އަދި ކޮލެޖުތަކަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ ފައިނަލްގައި އަޙްމަދިއްޔާއާ ވާދަކޮށް 25-11 އިން މެޗު ކާމިޔާބުކޮށް ޗެންޕިއަންކަން ހޯދީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗް އެސް އީ)ގެ ޓީމެވެ. އެ ޓީމު ފައިނަލަށް ދިޔައީ ވިލާ ކޮލެޖު ބަލިކޮށްފައެވެ. އަޙްމަދިއްޔާ ފައިނަލަށް ދިޔައީ މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ޓީމް ބަލިކޮށްފައެވެ.
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން އާ ގުޅިގެން ވިލާކޮލެޖުގެ ސްޓޫޑެންޓް ޔުނިއަން އިން މިދިޔަ މަހުގެ 30 ވަނަ ދުވަހު ފެށި، މި މުބާރާތަކީ ފައިވް އޮން ފައިވް އާއި ތްރީ އޮން ތްރީ، މި ދެ ބަޔަށް ބަހާލައިގެން ފިރިހެން އަދި އަންހެން ޑިވިޜަނަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ. އަޙްމަދިއްޔާ އިން ބައިވެރިވީ ހަމަ އެކަނި އަންހެން ޑިވިޜަންގެ ފައިވް އޮން ފައިވް ބައިގައެވެ.