ބުރާސްފަތި, 17 އޭޕްރިލް 2025

އާރޓިކަލް 75 : ބޮޑުޢީދުގެ ޙަޤީޤަތަކީ ކޮބައިހެއްޔެވެ.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ދިވެހިންނަކީ މުސްލިމް ޘަޤާފަތެއްގެ އަހުލުވެރި ބައެކެވެ. ދިވެހިންގެ މެދުގައި އޮންނަނީ އިސްލާމްދީނުގައި ޝަރުޢިކުރެއްވިފަދައިން ދެޢީދެވެ. ނަމަވެސް އިސްލާމްދީނުގައި ފިޠުރު ޢީދާއި އަޟްޙާ ޢީދު އޮންނައިރު ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައި އޮންނަނީ ބޮޑުޢީދާއި ކުޑަޢީދެވެ. ބޮޑުޢީދު މިކިޔަނީ އަޟްޙާ ޢީދަށެވެ.

ޢަރަބިބަހުގައި ޢީދު އެބަސް ނެގިފައިވާ ޢަރަބި ބަހުގެ މާނައަކީ އެނބުރި އައުމެވެ. ވީމާ އެއީ އާދަވެގެން ތަކުރާރުކޮށް އަނބުރާ ފަހުން އަނެއްކާ އަންނަގޮތަށް އޮންނަ ދުވަހެކެވެ. އެދުވަހުގައި މީސްތަކުން އެދުވަހުގެ މުނާސަބަތުގައި އެއްވެއެވެ. އެގޮތަށް ވަކިމުނާސަބަތެއްގައި މީސްތަކުން އެއްވުމަށް އިސްލާމްދީނުގައި ޝަރުޢުކުރެއްވީ އަހަރެއްގައި ދެދުވަހުއެވެ. އަނެއްކާ އަނެއް އަހަރު ހަމައެދެދުވަސް އަނބުރާ އަންނާނެއެވެ. ވީމާ އާދަވެގެން ކޮންމެ އަހަރަކު އެދެދުވަސް ތަކުރާރު ވާތީ އެދެދުވަހަށް އިސްލާމީ އިޞްޠިލާޙުގައިވެސް ޢީދު ކިޔުނީއެވެ. އެދެދުވަހުގައި ޢީދު ނަމާދު ޝަރުޢުކުރައްވާ ޢީދު ނަމާދަށް އެންމެން އެއްތަނަކަށް ޖަމާވުން ޝަރުޢުކުރެއްވިއެވެ. އެގޮތަށް ކޮންމެ ހަފްތާއަކު އެއްފަހަރު ހުކުރަށް އެންމެން ޖަމާވާތީ ހުކުރަކީވެސް މުސްލިމުންގެ ޢީދެކެވެ. އެއީ ކޮންމެ ހަފްތާއަކު އެއްފަހަރު އެއެއްވުން ތަކުރާރުވާތީއެވެ. އައްޝަރުޙުލް މުމްތިޢުގައި އައްޝައިޚް އިބްނުލް ޢުޘައިމީން رحمه الله ވިދާޅުވިއެވެ: "އަދި ތިންވަނަ ޢީދެއްވެއެވެ. އެއީ ހަފްތާގެ ނިމުން އަންނަދުވަހެވެ. އެއީ ހުކުރު ދުވަހެވެ. އަދި އެދުވަސް ކޮންމެ ހަފްތާއަކު އެއްފަހަރު ތަކުރާރުވެއެވެ. އަދި މިތިން ޢީދު ފިޔަވައި އިސްލާމްދީނުގައި އެހެން ޢީދެއް ނުވެއެވެ: ފިޠުރު ޢީދާއި، އަޟްޙާޢީދާއި ހުކުރުދުވަހެވެ."

ފިޠުރުޢީދާއި އަޟްޙާޢީދާ މިދެދުވަސް ޢީދުގެ ގޮތުގައި އިސްލާމީ ޝަރީޢަތުގައި ލެއްވީ އިސްލާމްދީނުގެ ވަރަށްމަތިވެރި ދެއަޅުކަމަކަށް ފަހުގައެވެ. ރަމަޟާން މަހުގެ ތިރީސް ނުވަތަ އޮނަތިރީސް ދުވަހުގެ ޖެހިޖެހިގެން ނުކައިނުބޮއި ތިބެފައި، ކެއުމާއި ބުއިން އެންމެހައި މީސްތަކުން، ފިޠުރު ޒަކާތުގެ ގޮތުގައި ބަހާ ޞަދަޤާތް ކުރުމަށް އޮންނަ ފިޠުރު ޢީދެވެ. އަދި ޙައްޖުމަހުގެ ދިގުދަތުރުތަކެއްކޮށް މާތް ﷲ ޝަރުޢުކުރެއްވި ޙައްޖުގެ އަޅުކަމުގެ ޢަރަފާތު ދުވަސް ނުވަތަ ޙައްޖުދުވަސް ނިމިގެން އަންނަ އަޟްޙާޢީދެވެ. އެކަލާނގެ ޙައްޖުވެރިޔާއަށް މަޣްފިރަތުގެ ދޮރުތައް ހުޅުވައިދެއްވާ ފާފަފުއްސެވުން ލެއްވުމުން އެކަލާނގެއަށް ޝުކުރުއަދާކޮށް އެކަލާނގެ މަގުގައި ޤުރުބާންކުރުން ލެއްވި އަޟްޙާ ޢީދެވެ. ޝައްވާލު މަހުގެ ފުރަތަމަ ދުވަހަކީ ފިޠުރުޢީދު ކަމުގައިވީއިރު، ޙައްޖުމަހުގެ ދިހަވަނަ ދުވަހަކީ އަޟްޙާ ޢީދު ދުވަހެވެ. އެދެދުވަސް ރަސޫލާ صلى الله عليه وسلم މިއުންމަތަށް ޝަރުޢު ކޮށްދެއްވުމުން އެއީ ހަމައެކަނި މުސްލިމުންގެ ގާތުގައި ޢީދު ކަމުގައި ވެގެންދިޔައީއެވެ. އެދެޢީދަކީ އެހެންބައެއްގެ ޢީދެއް ނޫނެވެ. ދުނިޔޭގައި އުޅޭ އެކި ދީންތަކުގެ މީހުން އެބައެއްގެ އަމިއްލަ ޢަޤީދާތަކާއި އެބައެއްގެ ކާބަފައިންގެ ފަރާތުން އެބަޔަކަށް ލިބިފައިވާ އެކިވާހަކަތަކާއި ޚުރާފާތްތަކުގެ މައްޗަށް ބިނާކޮށް ތަފާތު ޢީދުތަކާއި މުނާސަބާތަކަށް ޚާއްޞަ ވަކިދުވަސްތައް ވެއެވެ. އެއީ އެބައިމީހުންގެ ޢީދުދުވަސްތަކެވެ. އެއީކީ މުސްލިމުންގެ ޢީދެއް ނޫނެވެ. އަދި އެއީ މުސްލިމުން ފާހަގަކުރާ ދުވަސްތަކަކަށް ހަދައިގެންވެސް ނުވާނެއެވެ. ސުނަނު އަބޫދާވޫދުގައި ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ: عن أنسٍ رَضِيَ اللهُ عنه، قال: قدِم النبيُّ صلَّى اللهُ عليه وسلَّم المدينةَ ولهم يومانِ يَلعَبونَ فيهما، فقال((قدْ أبْدَلكم اللهُ تعالى بهما خيرًا منهما؛ يومَ الفِطرِ والأضحى)) މާނައީ: އަނަސް رَضِيَ اللهُ عنه ވިދާޅުވިއެވެ: ނަބިއްޔާ صلى الله عليه وسلم މަދީނާއަށް ވަޑައިގެންނެވިއިރު އެބައިމީހުން (މާނައީ މަދީނާގައި އުޅޭ ޣައިރުމުސްލިމުން) އެދުވަހެއްގައި ކުޅެހަދާ ފާހަގަކުރާ ދެދުވަސްވިއެވެ. ދެން އެނަބިއްޔާ ޙަދީޘްކުރެއްވިއެވެ: [ހަމަކަށަވަރުން ﷲ تعالى ތިޔަބައިމީހުންނަށް އެދެދުވަހުގެ ބަދަލުގައި މާހެޔޮކަންބޮޑު އެހެން ދެދުވަހެއް ބަދަލުކުރައްވައިފިއެވެ. އެއީ ފިޠުރުޢީދު ދުވަހާއި އަޟްޙާޢީދު ދުވަހެވެ.] މިޙަދީޘުން އެނގޭ ގޮތުގައި އިސްލާމްދީނުގައި މިދެޢީދު ޝަރުޢުކުރެއްވުމުގެ ކުރީގައި މަދީނާގައި އެބައިމީހުންގެ ޢީދުގެ ގޮތުގައި ފާހަގަކުރި ދެދުވަސް އެވަނީ މުސްލިމުން ފާހަގަކޮށްގެން ނުވާނޭ ގޮތަށް ބަދަލުކުރައްވާފައެވެ. ބަދަލު ކުރުމުން އޭގެ މާނައަކީ ކުރިން ފާހަގަކުރި ދުވަސް ފާހަގަކޮށްގެން ނުވާނޭ ކަމެވެ. އަދި ފަހުން ހަމަޖެއްސި ދެދުވަސް ފާހަގަކުރަން ފަށަންވީ ވާހަކައެވެ. ވީމާ ބަދަލުކުރުމުން ކުރީއެތި މާޟީވެގެން ދިޔައީއެވެ. އެބައި ޖެހޭނީ އެއްކޮށް ދޫކޮށްލާށެވެ. އޭގެ މާނައަކީ މުސްލިމުން އެހެންދީންތަކުގެ އެންމެހައި މީސްތަކުން ޢީދުގެ ގޮތުގައި ފާހަގަކުރާ އެންމެހައި ދުވަސްތައް ދޫކޮށްލަންވީކަމެވެ. އެހެންދީންތަކުގެ އެއްވެސް ބަޔަކާ ގުޅެންވެގެންވެސް އަދި އެބައިމީހުންގެ ހިތްތައް ރުއްސަންވެސް މިފަދަ ޢީދުތަކުގައި އެބައިމީހުންނާ ބައިވެރި ނުވުމެވެ. އޭގެ ބަދަލުގައި މުސްލިމުންނަށް އޮތީ ދެޢީދު ދެދުވަހެވެ. އަދި މިޙަދީޘުން އެނގޭ ގޮތުގައި ޢީދުދުވަހަކީ ކުޅިވަރުތައް ކުޅުމުގެ ދުވަހެކެވެ. މަދީނާގެ އަހުލުވެރިން ޖާހިލިއްޔަ ޒަމާނުގައި އެމީހުންގެ ޢީދުގައި ކުޅިވަރު ކުޅުނުކަން މިޙަދީޘުން އެނގެއެވެ. އަދި އެމީހުންގެ އެކަންތައް ރަސޫލާ صلى الله عليه وسلم ނަފީނުކުރައްވައެވެ. އެކަންތައް އެގޮތުގައި ދެމެހެއްޓެވީއެވެ.

ފިޠުރު ޢީދެކޭ އެއްފަދައިން އަޟްޙާޢީދުގައިވެސް ދުވަސްފަށަނީ ޢީދު ނަމާދުންނެވެ. އަދި އޭގެ ކުރީން މުސްލިމުން އެޢީދުގެ މުނާސަބަތުގައި ތަކްބީރު ކިޔަމުން ދެއެވެ. އެތަކްބީރު ޙައްޖުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ތިން ދުވަސް ކަމުގައިވާ ޙައްޖުމަހުގެ 11، 12 އަދި 13 ވަނަ ދުވަހުގެ ނިޔަލަށް ޢާއްމުކޮށް ކޮންމެދުވަހަކު އެކިވަގުތުތަކުގައި އަޑުހަރުކޮށް ކިޔުން ސުންނަތެއްގެ ގޮތުގައި ނަބިއްޔާ صلى الله عليه وسلم ވަނީ ލައްވާފައެވެ. އަދި ޚާއްޞްކޮށް ވަކިވަގުތަކަށްވެސް އެކަންތައްވަނީ ޝަރުޢު ކުރައްވާފައެވެ. އެއީ ޢަރަފާތު ދުވަހުގެ ފަތިސްނަމާދު ނިމުމާއެއްކޮށް އެނަމާދުގެ ސަލާމްދިނުމާއެކު ތަކްބީރު ކިޔަންފެށުމެވެ. ދެން އެއަށްފަހު ޙައްޖުމަހުގެ ތޭރަވަނަ ދުވަހުގެ ޢަޞްރު ނަމާދުގެ ނިޔަލަށް ކޮންމެ ނަމާދެއްގެ ފަހުން މިގޮތަށް މިޚާއްޞަ ވަގުތުގައި ކޮންމެ ނަމާދެއްގެ ފަހުގައި ތަކްބީރު ކިޔުމެވެ.

އަޟްޙާ ޢީދުދުވަސް ދެން ޚާއްޞަވަނީ ﷲ سبحانه وتعالى ގެ މަގުގައި ކުރެވޭ ޤުރުބާންކުރުމަށެވެ. އެއީ ނަޢަމްސޫފިގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކޮންމެވެސް ޖަނަވާރެއް ޢީދުދުވަހުގެ ޢީދުނަމާދަށް ފަހުގައި ޤުރުބާންކުރުމެވެ. ނަޢަމްސޫފީގެ ތެރޭގައި ހިމެނެނީ ގެރި، ބަކަރި، ކަންބަލި އަދި ޖަމަލެވެ. މި ޤުރުބާން ކުރުމުން އުޟްޙިޔާ ކަތިލިކަމުގެ މަތިވެރި ދަރުމަޔާއި ޘަވާބު އޭނާއަށް ލިބިގެންދެއެވެ. އެދަރުމަ ހޯދުމަށް ޢީދުދުވަހާއި އައްޔާމުއްތަޝްރީޤު ތިންދުވަހުން ކޮންމެ ދުވަހެއްގައިވެސް މިކަތިލުން ކަތިލެވިދާނެއެވެ. އެންމެމޮޅު އިތުރުވެގެންވަނީ ޢީދުދުވަހުގައި އެކަން ކުރުމެވެ. އެކަތިލެވޭ ތަކެތިން އެބައިމީހުންގެ ޢާއިލާ ކެއުން ސުންނަތްވެގެންވެއެވެ. އަވައްޓެރިންނާއި ގާތްތިމާގެ މީހުންނާއި ފަޤީރުންނާއި މިސްކީނުންނަށް އެއިން ޞަދަޤާތްކުރުންވެސް ސުންނަތްވެގެން ވެއެވެ. މިޤުރުބާން ކުރުން ފިޠުރު ޢީދުދުވަހުގައި ނޯވެއެވެ. ކުޑަޢީދުގައި އެބަޔަކު ޢާންމުކޮށް ކައިބޮއި އުޅޭ ތަކެތި މުޖްތަމަޢުގައި އުޅޭ ފަޤީރުންނަށްވެސް ދީ އެބައިމީހުންވެސް އެކެއުމުގައި ބައިވެރިކުރުން ސުންނަތްކުރެއްވިއެވެ. ނަމަވެސް އަޟްޙާ ޢީދު އެއަށްވުރެ ބޮޑެވެ. އެއީ މަސްމީރު ޖަނަވާރު ޤުރުބާންކުރުމަށް ޢީދުދުވަހާއި އޭގެ އިތުރަށް ތިންދުވަސް ޝަރުޢުކުރެއްވުމުންނެވެ. އެއީ ހުސްކައިބޮއި ޞަދަޤާތްކޮށް ހަދަން ޝަރުޢުކުރެއްވި ދުވަސްތަކެވެ. އަޟްޙާ ޢީދު ބޮޑުވެގެންދަނީ މައިގަނޑު ގޮތެއްގައި މިސަބަބާހެދިއެވެ. އަދި ފިޠުރުޢީދުގައި އެދުވަހުގައި ޢީދު ނަމާދާއި އެކު ތަކްބީރުކިޔުން ހުއްޓިގެން ދިޔަކަމުގައިވިޔަސް އަޟްޙާޢީދުގައި ޢާއްމުކޮށް ކިޔުމަށް ތޭރަދުވަސް ޝަރުޢުކުރެއްވިއެވެ. އަދި ޚާއްޟަކޮށް 23 ނަމާދުގެ ފަހުގައި ކިޔުން ޝަރުޢުކުރެއްވިއެވެ. މިއީވެސް އަޟްޙާ ޢީދު ފިޠުރުޢީދަށްވުރެ ބޮޑުވެގެންދާ ސަބަބެކެވެ. ވީމާ މިޢީދުގައި ކެއުމާއި ބުއިމުގައި ފާހަގަކުރާ ދުވަސްތައް ގިނަވެފައި ތަކްބީރުކިޔުންވެސް ގިނަވުމުން ދެމިގެންދާ ފާހަގަކުރުމެއް މިޢީދުގައި ފާހަގަކުރެވެއެވެ. ދިވެހިން އަޟްޙާޢީދު ދުވަހަށް ބޮޑުޢީދު ކީ މިސަބަބުތަކާހުރެ ކަމަށްވުން އެކަށީގެންވެއެވެ.

އަޟްޙާޢީދުގެ ޤުރުބާންކުރުމަށް އިޝާރާތްކުރައްވާ މާތް ﷲ ވަޙީކުރެއްވިއެވެ: ﴿فَصَلِّ لِرَبِّكَ وَٱنْحَرْ﴾ سورة الكوثر:2  މާނައީ: [އަދި ކަލޭގެފާނުގެ ވެރިއިލާހުއަށް ނަމާދުކުރައްވާށެވެ. އަދި ޤުރުބާންކުރައްވާށެވެ.] ޢިކްރިމާ، ޢަޠާއު އަދި ޤަތާދާ މިއާޔަތުގެ ތަފްސީރުގައި ވިދާޅުވިއެވެ: އެއީ އަޟްޙާޢީދު ދުވަހުގައި ކުރެވޭ ޢީދުނަމާދާއި އެދުވަހުގެ ޤުރުބާނީއެވެ.

ބުޚާރީއާއި މުސްލިމްގައި ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((من ضحَّى قبلَ الصلاةِ ، فإنما ذبح لنفسِه ، و من ذبح بعد الصلاةِ ، فقد تمَّ نُسُكُه ، و أصاب سُنَّةَ المسلمِين)) މާނައީ: [ޢީދު ނަމާދުގެ ކުރިން ޤުރުބާން ކޮށްފިމީހާ ފަހެ އެއީ ހަމައެކަނި އަމިއްލަ ނަފްސަށް ކޮށްލި ޤުރުބާނީއެކެވެ. (މާނައަކީ އެއީ ޢީދުގެ އުޟްޙިޔާއެއް ނޫނެވެ.) އަދި ޢީދުނަމާދުގެ ފަހުން ޤުރުބާންކޮށްފިމީހާ ފަހެ އޭނާ އޭނާގެ އުޟްޙިޔާ އަދާކޮށްފުރިހަމަ ކޮށްފިއެވެ. އަދި މުސްލިމުންގެ ސުންނަތާއި އޭނާގެ ޢަމަލު ދިމާވެއްޖެއެވެ.]

ޢީދުނަމާދުކުރުމާއި، ތަކްބީރުގެ އަޑުން ރަށުތެރެ ގުގުމާލުމާއި ޤުރުބާންކުރުމާއި ޤުރުބާނުގެ މަސްތައް ޞަދަޤާތް ކުރުމުން މުޅިމުޖްތަމަޢު ތަފާތުކޮށްލާ މީސްތަކުން މިކަންކަމުގައި ޖަމާވެގެން އެއްތަނަކަށް ގިނަވެގެން އުޅުމުގެ ސަބަބުން ދިވެހިންނަށް މާކުރިންސުރެ މިއީ ބޮޑުކޮށް އޮތް ބޮޑުޢީދެވެ. ނަމަވެސް މިއަދު އިސްވެބުނެވުނު ކަންކަމަށް މީސްތަކުން ޖަމާވުން ކުޑަވެ، ކުޑަޢީދެކޭ އެއްފަދައިން ހަމައެކަނި ފެންނަނީ ޢީދު ނަމާދުކޮށްލަން އެކަނި ޖަމާވާތަނެވެ. ބޮޑުޢީދު ބޮޑުވާ އެއްވެސް ސަބަބެއް މިއަދު ދިވެހިރާއްޖޭގެ މުޖްތަމަޢުން އެއްގޮތަކަށްވެސް ނުފެންނަ ކަހަލައެވެ. މިއީ އިސްލާމީ ޝިޢާރުތައް ފަނޑުވެގެންދާ ކަމުގެ އެއް ޢަލާމާތެވެ. ކާބަފައިން ކިޔަމުން އައި ބޮޑުޢީދު ވެސް ކުޑަވެއްޖެ ކަހަލައެވެ. މިއަދު މުސްލިމުން މިކަމަށް ދެވޭ ސަމާލުކަން އިތުރުކޮށް މިޢީދު ބޮޑުކޮށްލާ، އަހަރެމެންގެ މާތް ރަސޫލާ صلى الله عليه وسلم ގެ ސުންނަތް ދިރުވާ އާލާކުރުން އެއީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި ހަދަންޖެހިއްޖެއެވެ.

އަޅަމެން ދިވެހި މުސްލިމް ގައުމުގައި އޭގެ އެންމެ ފުރިހަމަގޮތުގައި އަޟްޙާޢީދު ފާހަގަކުރާ ބައެއްގެ ގޮތުގައި ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *