މިއަދަކީ، އަޟްޙާ ޢީދު ދުވަހެވެ. އެއީ އަހަރުގެ ތެރޭގައި އަންނަ އެންމެ މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ ދުވަހެކެވެ. އެއީއެންމެ މާތް ދިހަ ދުވަހުގެ ފަހު ދުވަހެވެ. މިއީ ޛިކުރުކުރުމާއި ތަކުބީރުގެ ދުވަސްތަކެވެ މާތް ﷲ ވަޙީ ކުރައްވައިފައި ވެއެވެ. ﴿ لِّيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَّعْلُومَاتٍ ﴾ މާނައީ: "އެއީ އެއުރެންނަށް ހުރި (ދީނީ އަދި ދުނިޔެމަތީ މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި އެއުރެން ﷲގެ އިސްމުފުޅު ހަނދުމަކޮށް އުޅުމަށެވެ."މިއަދަކީ ތަކުބީރު ކިޔުމާއި، ޛިކުރު ކުރުމާއި ޝުކުރުކުރުމުގެ ދުވަހެވެ. މިއަދަކީ ޤުރްބާން ކުރުމާއި އުޟްޙިޔާ ކަތިލުމުގެ ދުވަހެވެ. މިއަދަކީ ޙައްޖުވެރިން ޙައްޖުގެ މަނާސިކުގެތެރެއިން ގިނަކަންތައްތަކެއް އަދާކުރާ ދުވަހެވެ އަހުރެމެން މުސްލިމުން މިއަދު ފަށައިގަންނަނީ އީދު ނަމާދުންނެވެ. އެއަށްފަހުގައި އޮތީ އުޟްހިޔާ ކަތިލުމެވެ. ކީރިތި ރަސޫލާ…. ގެ ޙަދީޘެއްގެ މާނައިގާ ވެއެވެ. "ހަމަކަށަވަރުން އަހުރެމެންގެ މި ދުވަސް އަހަރެމެން ފަށާނީ ނަމާދު ކުރުމުންނެވެ. އެއަށްފަހު ގެއަށް ގޮސް އުސްޙިޔާ ކަތިލާނެއެވެ. ފަހެ، މިގޮތަށް ޢަމަލުކޮށްފި މީހާ ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ސުންނަތާ އެއްގޮތަށް ޢަމަލު ކޮށްފިއެވެ."
މުސްލިމް އަޚުންނާއި އުޚުތުންނޭވެ! މާތް ﷲ އެކަލާނގެ ޚަލީލު އިބްރާހީމު ޢަލައިހިއްސަލާމް އިމްތިޙާނު ކުރެއްވީ އެކަލޭގެފާނުގެ އީމާންކަމުގެ ވަރުގަދަކަން ބެއްލެވުމަށްޓަކައެވެ. އެކަލޭގެފާނުގެ ޤަދަރު މަތިވެރި ކުރެއްވުމަށްޓަކައެވެ. މާތް ﷲ އެކަލޭގެފާނާ ކުރިމަތިކުރެއްވީ ކޮންފަދަ ބޮޑު އިމްތިޙާނެއްތޯއެވެ؟ އެއީ ދުނިޔެ މަތީގައި މީހަކާ ކުރިމަތިލާން ނުޖެހޭނެ ފަދަ ބޮޑު އިމްތިޙާނެކެވެ. މިއީ ޢުމުރުން ދުވަސްވެ، މުސްކުޅިފުޅު ވީ ދުވަހު ލިބިވަޑައިގެންނެވި ލޮބުވެތި ދަރިކަލުން ﷲ އަށް ޓަކައި ގުރްބާން ކުރެއްވުމަށް އަންގަވައި ކުރިމަތި ކުރެއްވި ބޮޑުވެގެންވާ އިމްތިޙާނެކެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ﴿ إِنَّ هَٰذَا لَهُوَ الْبَلَاءُ الْمُبِينُ ﴾ މާނައީ: "ހަމަކަށަވަރުން، މިއީ ފާޅުވެ ބަޔާންވެގެންވާ އިމްތިޙާނުކަން ކަށަވަރެވެ." އިބްރާހީމްގެފާނު މި އިމްތިޙާނުން ފާސްވެ ވަޑައިގަތުމުން މާތް ﷲ އެކަލޭގެފާނަށް މަތިވެރި ނިޢުމަތްތަކެއް ދެއްވިއެވެ. އޭގެ ތެރޭގައި އިސްމާޢީލުގެފާނުގެ ބަދަލުގައި ޤުރްބާން ކުރައްވާނެ ކަންބަޅިބަކަރިއެއް ފޮނުއްވުމާއި، އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުމާއި، އެކަލޭގެލާނގެ ޛިކުރާ އާކިރަތާ ޖެހެންދެން ދެމެހެއްޓެވުމާއި އެކަލޭގެފާނަށް އިތުރު ބޭފުޅުން ދެއްވުން ހިމެނެއެވެ. މާތް ﷲ ވަހީ ކުރައްވައިފައި ވެއެވެ. ﴿ وَفَدَيْنَاهُ بِذِبْحٍ عَظِيمٍ ، وَتَرَكْنَا عَلَيْهِ فِي الْآخِرِينَ ، سَلَامٌ عَلَىٰ إِبْرَاهِيمَ ، كَذَٰلِكَ نَجْزِي الْمُحْسِنِينَ ، إِنَّهُ مِنْ عِبَادِنَا الْمُؤْمِنِينَ ، وَبَشَّرْنَاهُ بِإِسْحَاقَ نَبِيًّا مِّنَ الصَّالِحِينَ ، وَبَارَكْنَا عَلَيْهِ وَعَلَىٰ إِسْحَاقَ ﴾ މާނައީ: "އަދި ޤަދަރު ބޮޑުވެގެންވާ (ކަންބަޅި ބަކަރިއެއް) ކަތިލައްވައިގެން ތިމަންރަސްކަލާނގެ، އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ. އަދި ފަހުން އަންނަނިވި އުއްމަތްތަކުގެ މެދުގައި އެކަލޭގެފާނަށް ރިވެތި ޘަނާ ލެހެއްޓެވީމެވެ. އިބަރާހީމް ގެފާނުގެ މައްޗަށް ސަލާމް ހުއްޓެވެ. އިޙްސާންތެރިންނަށް ތިމަންރަސްކަލާންގެ ޖަޒާ ދެއްވަނީ އެފަދައިންނެވެ. ހަމަކަށަވަރުން، އެކަލޭގެފާނު ވަނީ، ތިމަންރަސްކލާނގެ މުއުމިނު އަޅުންގެ ތެރެއިންނެވެ. އަދި ޞާލިޙުންގެ ތެރެއިންވާ ނަބިއްޔަކު ކަމުގައިވާ އިސްޙާޤުފާނު ދެއްވާނެކަމުގެ އުފާވެރި ޚަބަރު، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް ދެއްވީމެވެ. އަދި އެކަލޭގެފާނާއި، އިސްޙާގުފާނުގެ މައްޗަށް ތިމަންރަސްކަލާނގެ ބަރަކާތް ލެއްވީމެވެ."
އިބްރާހީމުގެފާނުގެ މި އިމްތިޙާނުގައި އެކަލޭގެފާނުގެ ދަރިކަލުން އިސްމާއީލުގެފާނު ވެސް ބޮޑު ދައުރެއް އަދާކުރެއްވި އެވެ .އެއީ ﷲ ގެ އަމުރުރުފުޅަކަށް ވާތީ އެކަލޭގެފާނު އެކަލޭގެފާނުގެ ބައްޕާފުޅަށް ކިޔަމަންވެ ވަޑައިގެންނެވި ގޮތެވެ. އެކަލޭގެފާނު މި ދެއްކެވި ކިޔަމަންތެރިކަމުގެ ނަމޫނާ އަކީ މިއަދުގެ ޒުވާނުންނަށް ލިބގެންވާ ހެޔޮ ނަމޫނާއެކެވެ. ﷲ އަށް ކިޔަމަންގަތުމަށް ފަހު މައިންބަފައިންގެ ބަސްއަހަން ޖެހޭނެކަމުގެ ހެޔޮ މިސާލެކެވެ.
އިސްލާމްދީނުގައި އީދު ފެށެނީ ތަކުބީރުންނެވެ. އެއީ އެންމެންނަށް އިޢުލާނުކުރެވޭ އުފާވެރިކަމެކެވެ. ހުރިހާ ގިންތިތަކަކަށާއި، ފަންތިތަކަކަށެވެ. އެއީ އުއްމަތުގެ އެއްވެސް ފަރުދަކު އެކަހެރިކޮށް އެންމެން ޝާމިލުވާ ގޮތަށް އޮތް އުފަލެކެވެ. އަހަރެމެން ބަންގިގޮވާއިރު ތަކުބީރު ކިޔަމެވެ. އަހަރެމެން ގަމަތްދޭއިރު ތަކުބީރު ކިޔަމެވެ. އަހަރެމެން ނަމާދު ފަށަނީ ތަކުބީރުންނެވެ. އަހަރެމެން އެއްޗެއް ކަތިލާނަމަ ތަކުބީރު ކިޔަމެވެ. އަހަރެމެންނަށް ދަރިއަކު ލިބިއްޖެނަމަ އެ ކުއްޖާއަށް ތަކުބީރުން މަރްޙަބާ ކިޔަމެވެ. ޢީދެއް އަތުވެއްޖެނަމަ، ތަކުބީރުން އެ ޢީދު އިސްތިޤުބާލު ކުރަމެވެ. މާތް ﷲ ވަހީ ކުރައްވައިފައި ވެއެވެ. ﴿ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ ﴾ މާނައީ " (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކުބީރު ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރިވުމަށްޓަކައެވެ."
(މަޢުލޫމާތު: ޢީދު ޚުޠުބާ)