އާރޓިކަލް 76 : ޤަދަރުގައި އެންމެހައިކަމެއް ލިޔެވިފައިވުމުން އަހަރެމެން ކަންކުރަންވީ ކިހިނެއް ހެއްޔެވެ؟

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ރާއްޖޭގެ ސްކޫލުތަކުން ކިޔަވައިގެން ނިކުންނަ އެންމެހައި ދަރިވަރުންވެސް ދަސްކޮށްގެން ނިކުންނަ ވަރަށް މުހިންމު ޢަޤީދާއެއްގެ ވާހަކަ މިއަދު ޛިކުރުކޮށްލުން މުހިންމެވެ. އެޢަޤީދާއަކީ އެންމެހައި ޞަޙާބީންނާއި ތާބިޢީންނާއި އެނޫންވެސް އޭގެ ފަހުން ވަޑައިގެންނެވި އަހްލުއްސުންނާ ވަލްޖަމާޢަތުގެ އެންމެހައި ޢިލްމުވެރިންނާއި، މަގުފުރެދިފައިވި އެންމެހައި ފިރުޤާތަކުން އެއްކިބާވެފައިވި ސުންނަތްޖަމާޢަތަށް ނިސްބަތްވާ އެންމެހައި މުސްލިމުންގެވެސް ޤަބޫލުކުރުމެވެ. އެއީ ޤުރުއާނާއި ސުންނަތުން އެޤަބޫލުކުރުމަކަށް ބާރުލިބޭ ޤަބޫލުކުރުމެވެ. އެއީ އެންމެހައި މީސްތަކުން އުފެއްދެވުމުގެ މާކުރިންވެސް ކޮންމެ މީހެއްގެ އެންމެހައި ޢަމަލުތަކަކާއި ނިމުން އަންނާނެގޮތް ލިޔެވިފައިވުމެވެ. ލައުޙުލްމަޙްފޫޡު ގައެވެ. އެއީ އެކަލާނގެ ޙިކްމަތްވަންތަކަމާއެކު އެކަލާނގެ ޤަލަމަށް ކުރެއްވި އަމުރުފުޅަށް ލިޔެވިފައިވާ ފޮތެވެ. އެކަލާނގެ ޢިލްމުފުޅުގެ މަތިވެރިކަމާއެވެ. އެއްވެސް މަޚްލޫޤަކަށް އޭގެ މައްޗަށް ބާރުނުހިންގޭނެއެވެ.

މުސްލިމުންގެ ތެރެއިން މިޢަޤީދާގައި އަންގަވާފައިވާ ގޮތް ބަދަލުކޮށް އެހެންގޮތަކަށް ޤަބޫލުކުރި މީހުން ޢިލްމުވެރިން ލެއްވީ މަގުފުރެދިފައިވާ ފިރުޤާތަކަށެވެ. އޭގެ ތެރެއިން އެންމެ މަޝްހޫރުވެފައިވަނީ ޤަދަރިއްޔާ އިންނާއި ޖަބަރިއްޔާ އިންނެވެ. އެއީ ކަމެއްވުމުގެ ކުރިން ﷲ سبحانه وتعالى އަށް އެކަމެއް ދެނެވޮޑިނުގަންނަވާނޭ ކަމަށް ބުނިމީހުންނާއި އިންސާނުންނަށް އިޚްތިޔާރު ލިބިގެންވާ ކަމަށް އިންކާރުކުރި މީހުންނެވެ. މިއީ ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން ސާބިތުވާން އޮތްގޮތާއި މުޅިން ޚިލާފު ދެގޮތެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿أَلَمْ تَعْلَمْ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَآءِ وَٱلْأَرْضِ ۗ إِنَّ ذَٰلِكَ فِى كِتَٰبٍ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ﴾ سورة الحج:70 މާނައީ: [ހަމަކަށަވަރުން އުޑާއި ބިމުގައިވާހައި ކަމެއް ﷲ ދެނެވޮޑިގެންވާކަން ތިބާއަށް ނޭނގެނީހެއްޔެވެ؟ ހަމަކަށަވަރުން އެކަންތައްވަނީ ފޮތެއްގައި ލިޔުއްވާފައެވެ. ހަމަކަށަވަރުން އެކަންތަކަކީ ﷲ އަށް ދާދި ފަސޭހަކަމެކެވެ.] އަދިވެސް ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿مَآ أَصَابَ مِن مُّصِيبَةٍۢ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَٰبٍۢ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ﴾ سورة الحديد:22 މާނައީ: [އެއްވެސް މުޞީބާތެއް ތިމަންއިލާހު އެމުޞީބާތެއް ވުޖޫދަށް ނެރުއްވުމުގެ ކުރިން ފޮތެއްގައި (އެބަހީ: ލައުޙުލްމަޙްފޫޡުގައި) ލިޔުއްވާފައިވާ ޙާލުގައި މެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން، އެކަންތަކަކީ ﷲ އަށް ދާދި ފަސޭހަ ކަމެކެވެ.] އެކަލާނގެ ކަލާނގެވަންތަ ކަމުގެ ފުރިހަމަ ސިފަފުޅުތައް މިފަދަ އާޔަތްތަކުން އެނގިގެންދެއެވެ. އެކަލާނގެ ޢިލްމުފުޅުގެ މަތިވެރިކަން ދެނެގަނެވެއެވެ. ކޮންފަދަ މަތިވެރި ފަރާތެއް ހެއްޔެވެ! އެކަލާނގެއީ ޙައްޤުވެގެންވާ ހަމައެކަނި އިލާހެވެ. އިލާހެއްގައި ހުންނަންޖެހޭ ފުރިހަމަ ސިފަފުޅުތައް އެވަނީ އެކަލާނގެއަށެވެ.

ނަމަވެސް މިފަދަ އާޔަތްތަކުގެ އަލީގައި އެހެނިހެން އާޔަތްތައް ނަފީކޮށް އިންސާނާގެ އަމިއްލަ އިޚްތިޔާރުވެސް ނެތްކަމަށްބުނެ، އަމިއްލަ ބުއްދި އާޔަތްތަކުގެ މައްޗަށް އިސްކޮށް، ރަސޫލާ މިދުނިޔެ ދޫކުރެއްވި ފަހުން އައިބަޔަކު ނަފީކުރިއެވެ. އަދި ދުނިޔޭގައި ހުރިހައި ކަމެއްމެ އަމިއްލަ އިޚްތިޔާރުގައި ކުރެވޭކަން އަމިއްލަ ނަފްސަށް އެނގިހުރެ އެކަމުގެ ޙަޤީޤަތް އަމިއްލަ ނަފްސުގެ ޢަމަލުތަކުން ޙަޤީޤަތުގައިވެސް ފެންނަމުންދިޔަ އިރު އެބައިމީހުން ދުލުން ނުބައިވެގެންވާ ދޮގެއް ހެދިއެވެ. އެއީ އިންސާނުންވަނީ މަޖްބޫރު ކުރެވިފައި ކަމުގައެވެ. ދުނިޔޭގައި ފެންނަމުންދާ ޙަޤީޤަތްވެސް އަމިއްލަ ބުއްދިއަށް ނުވިސްނުނު ފަދައެވެ. އަޅެފަހެ އޭނާކުރާ އެންމެހައި ކަމެއްގެ ތެރެއިން ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ ހުރިހައި ކަމެއްގައި އޭނާ ބޭނުންނަމަ އެކަން ކުރެވޭކަމާއި އޭނާ ބޭނުންނަމަ އެކަން ނުކޮށް ހުރެވޭކަންވެސް އޭނާއަށް ކަށަވަރުންވެސް އެނގޭނެއެވެ. މިއިޚްތިޔާރު ދެއްވިކަން މިހާވަރަށް ކަށަވަރުވާއިރުވެސް ބައެއް މުސްލިމުން މަގުފުރެދި މަޖްބޫރުވެފައިވާ ކަމުގައި ބުނެ ދީނުގެ މައްޗަށް ދޮގުހަދާ ބޮޑުދޮގުވެރި ބަޔަކަށް އެބައިމީހުން ވެގެން ދިޔައެވެ. އެބައިމީހުންނަށް ނަންދެވުނީ ޖަބަރިއްޔާގެ ނަމުންނެވެ. އިޚްތިޔާރެއް ނެތްމީހަކު ލައްވާ ތިމާބޭނުންވާ ގޮތަށް އޭނާ ލައްވާ ކަންތައް ކުރުވާފައި އޭނާއަށް އޭގެ ސަޒާ ދިނުމަކީ ހަމައެއް ނޫންކަންވެސް ނުވިސްނެނީ ހެއްޔެވެ؟

އެމީހަކު އަމިއްލައަށް ކުރަންވީ ކަމެއް އިޚްތިޔާރުކުރެއެވެ. ނުބައިކަންތައް ކުރަން ބޭނުންވާ މީހާ އެކަން ކުރެއެވެ. އޭގެ ބަދަލުގައި ހެޔޮޢަމަލު ކުރަންބޭނުންވާ މީހުން ހެޔޮޢަމަލު ކުރެއެވެ. ދެންކުންތެރި ހިތެއް އިޚްލާޞްތެރި ހިތަކަށް ބަދަލުކޮށްލަން ބޭނުންމީހުން އެކަންވެސް ކޮށްގެން ހެޔޮޢަމަލު ކުރަމުން ދެއެވެ. ދެންކެން ބޭނުންވާމީހާ ދެއްކިގެން ފޮނިކަނޑައިގެން އެމީހަކު ކުރާ ހެޔޮޢަމަލުތައް ބާޠިލުކުރަން ބޭނުންވާ މީހާ، އޭނާގެ އަމިއްލަ އިޚްތިޔާރުގައި އެކަންވެސް ކުރެއެވެ. އެމީހަކު ކުރާ ހެޔޮޢަމަލުތައް އެހެންމީހުންނަށް ފޮރުވަން ބޭނުންވެއްޖެ ނަމަ އެވާހަކަތައް ނުދައްކާ ހުރުމުގެ އިޚްތިޔާރުވެސް އޭނާއަށް އޮވެއެވެ. އޭގެ ސަބަބުން އޭނާ އިޚްލާޞްތެރިވެ، ﷲ سبحانه وتعالى އޭނާގެ ހެޔޮޢަމަލު ޤަބޫލުކުރައްވައެވެ. އެކަން ކުރަންބޭނުން ނުވާމީހާ ދެއްކުންތެރިކަމާއެކު ހެޔޮޢަމަލުތައް ކޮށްކޮށް ކިތަންމެހައި ގިނަވިޔަސް އޭނާގެ އަމިއްލަ އިޚްތިޔާރުގައި ރަނގަޅުކުރެވެން އޮތް އެކަންތައް ރަނގަޅުނުކޮށް ހުރެ، ޞާލިޙު ޢަމަލު ކުރާމީހެއްގެ ގޮތުގައި ފެންނާން ހުއްޓަސް ޢަމަލުތައް ބޭކާރުވެ ނަރަކަވަންތަވެރިއަކަށް އެމީހަކު ވެގެންދެއެވެ. މީގައި އެންމެންނަށްވެސް އެނގޭ އަދި ފާހަގަކުރަން ބޭނުންވާ ނުކުތާއަކީ އިންސާނާ އޭނާ ކުރާ ކަންތައްތައް ކުރަނީ އަމިއްލަ އިޚްތިޔާރުގައި ކަމާއި، އޭނާއަށް ﷲ ޖަޒާ ދެއްވަނީ އޭނާ އަމިއްލަ އިޚްތިޔާރުގައި ކުރި ކަންތަކަށް ކަމެވެ. އޭނާ ޤިޔާމަތްދުވަހުގައި ޒިންމާ ވާންޖެހެނީ އޭނާ އަމިއްލަ އިޚްތިޔާރުގައި ކުރި ޢަމަލުތަކަށް ކަމެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿كُلُّ ٱمْرِئٍ بِمَا كَسَبَ رَهِينٌ﴾ سورة الطور:21 މާނައީ: [ކޮންމެ މީހަކީވެސް އެމީހަކު ހޯދައިގަތް ޢަމަލަކަށް ކަނޑައަޅުއްވާފައިވާ ޖަޒާ ލިބޭނޭ މީހެކެވެ.]

ނަމަވެސް އެމީހެއްގެ އެންމެހައި ކަމެއް މާތް ﷲ ލިޔުއްވާފައިވާ ކަމުގެ ވާހަކަ ބަޔާންކުރެވޭއިރަށް ބައެއްމީހުންގެ ވިސްނުމަށް އަންނަނީ، ދެން އެހެންވިއްޔާ ތިމަންނާއަކަށް ވާނޭ ގޮތެއް ނޭނގެޔޭއެވެ. ތިމަންނާ ކިތަންމެ ހެޔޮޢަމަލެއް ކުރިނަމަވެސް ﷲ ތިމަންނާ ނަރަކައަށް ގެންދަވާފާނެއޭއެވެ. ވީމާ އަހަރެން ހެޔޮޢަމަލު ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ހެޔޮޢަމަލެއް ނުކޮށް ދުނިޔޭގައި މަޖާކޮށްލީމާ ނިމުނީ ނޫންހެއްޔެވެ؟ سبحان ﷲ އެވެ! ތިބާ ދުނިޔޭގައި ނުބައިކޮށް އުޅުމަށްފަހުގައި ޤިޔާމަތުގެ ޢަޛާބަށް ތައްޔާރުވަނީ ހެއްޔެވެ؟ އެއީ ކިހާވަރެއްގެ ޢަޛާބެއް ކަމެއްވެސް ނުދަންނަނީ ހެއްޔެވެ؟ އަލިފާނުގައި އިރުކޮޅަކޮޅާ އަތްލުމަށްފަހު ކުޑަ މިންވަރެއް ތަޖްރިބާ ކޮށްލުން އެފަދަ ނިކަމެތި ބުއްދީގެ އަހުލުވެރިއަކަށް ރަނގަޅުވާނެ ކަމަށް ފެނެއެވެ. އަޖައިބެކެވެ. ތިމަންނާއަށް ވާނެގޮތް ނޭނގޭ ކަމަށްވާނެ ނަމަ އަބަދު ރޯންވީނޫން ހެއްޔެވެ؟ ގިނައިރު އެކަލާނގެއަށް ސަޖިދައިގައި އޮވެ ގިނައިން އާދޭސްކޮށްފައި ދަންނަވަން ވީނޫން ހެއްޔެވެ؟ ތިމާގެ މުޅި ޙަޔާތް ރަނގަޅު ޞާލިޙު ޙަޔާތަކަށް ބަދަލުކޮށްލަންވީ ނޫންހެއްޔެވެ؟ އެންމެހައި ކަމެއްގެ ބާރު ފުރިހަމައަށް ލިބިވޮޑިގެންވާ އިލާހަށް ކުރުނީސްކޮށް ނިކަމެތިކަން ފާޅުކޮށް އެކަލާނގެ މަތިވެރިކަމުގެ މައްޗަށް އަބަދު އިޢުތިރާފުގެ ބަސްތައް ބުނެ އެކަލާނގެއަށް ޛިކުރުކޮށް ފުރިހަމައަށް އަޅުކަންތައް އަދާކޮށް ފުރިހަމަ އަޅުވެތިވުމަކުން އަޅުވެތިވާންވީ ނޫންހެއްޔެވެ؟

މިއުނދަގޫ ވިސްނުމާމެދު ރަސޫލާއާ ސުވާލުކުރެވުނު ހިނދު ރަސޫލާ صلى الله عليه وسلم ނަޞޭޙަތްތެރިވެ ލެއްވިގޮތް ބުޚާރީ އާއި މުސްލިމްގައި އައިސްފައިވެއެވެ: ޢަލީ ބުން އަބީޠާލިބް رضي الله عنه ވިދާޅުވިއެވެ: ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((مَا مِن نَفْسٍ مَنفُوسَةٍ إِلاَّ وَقَدْ كَتَبَ اللهُ مَكَانَهَا مِنَ الْـجَنَّةِ أَوِ النَّارِ، وَإِلاَّ قَدْ كُتِبَتْ شَقِيَّةً أَوْ سَعِيدَةً)) މާނައީ: [އެމީހެއްގެ ތަނެއްގެ ގޮތުގައި ސުވަރުގެ ނޫނީ ނަރަކަ ލިބޭނޭ ކަމަށް ﷲ ލިޔުއްވާފައިވާ މީހަކު ނޫނީ އުފަންވެފައިވާ މީހެއްގެ ގޮތުގައި ހަމަކަށަވަރުންވެސް ނުވެއެވެ. ނޫނީ އަބާއްޖަވެރިއެއްގެ ގޮތުގައި ނުވަތަ ބާއްޖަވެރިއެއްގެ ގޮތުގައި އެމީހަކާމެދު ލިޔެވިފައިވާ މީހަކު ނޫނީ ނުވެއެވެ.] މިފަދައިން ޙަދީޘްކުރެއްވުމުން މީހަކު ބުންޏެވެ: ފަހެ އަހަރެމެންނާމެދު ލިޔެވިފައިވާ ގޮތުގައި އަހަރެމެން ހޭދަނުކުރަމުހެއްޔެވެ؟ އަދި އަހަރެމެން ޢަމަލު ދޫކޮށްލަންވީތޯއެވެ؟ ދެންފަހެ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: ((اِعْمَلُوا، فَكُلٌّ مُيَسَّرٌ لِمَا خُلِقَ لَهُ، أَمَّا أَهْلُ السَّعَادَةِ فَيُيَسِّرُونَ لِعَمَلِ أَهْلِ السَّعَادَةِ، وَأَمَّا أَهْلُ الشَّقَاوَةِ فَيُيَسِّرُونَ لِعَمَلِ أَهْلِ الشَّقَاوَةِ)) މާނައީ: [ތިޔަބައިމީހުން ޢަމަލުކުރާށެވެ! ފަހެ ކޮންމެ މީހަކު އެމީހަކު ނިމުން އަންނާނޭ ގޮތުގެ މައްޗަށް ޢަމަލުކުރަން އެމީހަކަށް ފަސޭހަކުރެވިފައިވެއެވެ. ދެންފަހެ ބާއްޖަވެރި އަހުލުވެރިންނަށް ބާއްޖަވެރި އަހުލުވެރިންގެ ޢަމަލު ކުރުމަށް ފަސޭހަކުރެވިގެން ވެއެވެ. އަދި ދެންފަހެ އަބާއްޖަވެރި އަހުލުވެރިންނަށް އަބާއްޖަވެރި އަހުލުވެރިންގެ ޢަމަލު ކުރުމަށް ފަސޭހަކުރެވިގެންވެއެވެ.]

ވީމާ އިންސާނާއަށް ޢަމަލު ކުރުމުގެ އިޚްތިޔާރު ދެއްވިއެވެ. އޭނާގެ އަމިއްލަ އިޚްތިޔާރުގައި ހެޔޮޢަމަލުތައް ކުރަންވީއެވެ. އަދި ނުބައިހާ ޢަމަލުތަކުން ދުރުހެލިވާންވީއެވެ. އިންސާނާއަށް އޮތީ އެގޮތެވެ. އަދި ހެޔޮޢަމަލު ކުރުމަށް އޭނާއަށް ފަސޭހަވާނޭ މިންވަރަށް އޭނާ ހޭނެންވީއެވެ. އެފަދަ މީހެއްގެ ގޮތުގައި ލެއްވުމަށް އެދި މާތް ﷲ އަށް އާދޭސް ދަންނަވަންވީއެވެ. ޤަދަރާއި މެދު ދެކޭ ވިޔާނުދާ ވިސްނުންތައް ދޫކޮށްލަންވީއެވެ. ކިތަންމެ ވަރަކަށް ފިލަން އުޅުނަސް މަރަކާއި ނުފިލޭނެއެވެ. އެމަރުއައިސް އިންސާނާ އަތުލައިގަންނާނެއެވެ. އެމަރަށް ތައްޔާރުވުން ނޫން ގޮތެއް ބާއްޖަވެރިވާން އެދޭ މީހަކަށް ނެތެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿قُلْ إِنَّ ٱلْمَوْتَ ٱلَّذِى تَفِرُّونَ مِنْهُ فَإِنَّهُۥ مُلَٰقِيكُمْ ۖ ثُمَّ تُرَدُّونَ إِلَىٰ عَٰلِمِ ٱلْغَيْبِ وَٱلشَّهَٰدَةِ فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ﴾ سورة الجمعة:8 މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުންވެސް ތިޔަބައިމީހުން އެމަރަކުން ފިލަންދުވާ މަރު އައިސް ތިޔަބައިމީހުންނާ ބައްދަލުކުރާނޭކަން ކަށަވަރެވެ. ދެން އެއަށްފަހު ޣައިބާއި ފެންނަންހުރި ކަންކަންވެސް މޮޅަށް ދެނެވޮޑިގަންނަވާ އިލާހުގެ ޙަޟްރަތަށް ތިޔަބައިމީހުން ރައްދުކުރެވޭ ހުއްޓެވެ. އަދި އެއަށްފަހު ތިޔަބައިމީހުން ކޮށްއުޅުނު ޢަމަލުތަކާއި މެދު ތިޔަބައިމީހުންނަށް ޚަބަރުދެވޭ ހުއްޓެވެ.]

ބާއްޖަވެރިންގެ ގޮތުގައި އަޅަމެންގެ ނިމުން ގެންނެވުމަށް އެދި އާދޭސްކޮށް ﷲ ގެ ޙަޟްރަތުގައި އެދި ދަންނަވަމެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *