الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
މިއަދު މުސްލިމު އުންމަތުގެ މީހުން މާތްﷲ ގެ ޤަޟާޤަދަރާއި މެދު ވިސްނާ ފިކުރުކުރަނީ ކިތައްކިތައް މީހުންބާއެވެ. ތިމާއާމެދު ލިޔެވިފައިވާ ގޮތާއި، ތިމާގެ ނިމުން އޮތީ ކިހިނެއް ކަމާއިމެދު ކަންބޮޑުވެ ﷲ سبحانه وتعالى ގެ ޙަޟްރަތަށް ކުއްތަންވަނީ ކިތައް އިންސާނުންބާއެވެ. މިއުންމަތުގެ މީހުންގެ ތެރެއިން އެންމެ ފުރިހަމައަށް ރައްބާނީ ތަރުބިއްޔަތު ލިބުނު މާތް ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބުންނާއި އެނަބިއްޔާ އާ ބައްދަލުވުމާއި ނުހަނު ގާތަށް ގޮސް އެކަން ފުރިހަމަ ނުވެދިޔަ ތާބީޢީންނާއި އޭގެ ފަހުން އައި އަތުބާޢުއް ތާބިޢީންގެ ފަރާތުން ފޮތްތަކުން ފެންނަން އޮތީ ވަރަށްވެސް ތަފާތު މަންޒަރެކެވެ. އެބޭކަލުންގެ އުޅުމާއި އެބޭކަލުން ނިމުން އައިސްދާނެ ގޮތަކާއި މެދު ނުހަނު ބޮޑަށް ކަންބޮޑުވެ ވަޑައިގެން އުޅުއްވި ތަނެވެ.
ބާއްޖަވެރިއަކަށް ވުމަށް މަސައްކަތް ކުރުމަކީ އާޚިރަތަށް އެދޭ ހަމަ ކޮންމެ މީހެއްގެ ޒިންމާއެކެވެ. ދުނިޔޭގައި ބާއްޖަވެރިއަކަށް ވެގެން ނޫނީ އާޚިރަތުގައި ބާއްޖަވެރިއަކަށް ނުވެވޭނެއެވެ. ދުނިޔެއަކީ އެޖަޒާ ހޯދުމަށް ޢަމަލުކުރާ މައިދާނެވެ. އެކުރާ ޢަމަލުތަކުން އޭނާ ބާއްޖަވެރިއަކަށް ވަނީ އިންސާނާގެ ހިތުގެ ޢަމަލުތަކާއި ބޭރުފުށުގެ ޢަމަލުތައްވެސް ފުރިހަމައަށް އިޞްލާޙުވެގެންނެވެ. ބޭރުފުށުގެ ޢަމަލުތައް ދީނުގެ ތަރަހައިގެ ތެރެއަށް ފެތިފައި، އެމީހެއްގެ ހިތުގައި ހިނގާ ޢަމަލުތައް ފަސާދަވެއްޖެ ނަމަވެސް އެއްކަލަ ޞާލިޙު ކަމަށް ކިޔާއުޅުނު މީހަކު އާޚިރަތުގައި އަބާއްޖަވެރިއަކަށް ވެދާނެއެވެ. އަދި ޢަމަލަކާއި ނުލައި އެޢަމަލެއް ތިމަންނަ ކުރާނަމަ ކުރާނީ ރަނގަޅަށޭ ހިތާ އެކަން ހިތުގައި ބާއްވައިގެން އުޅުމަކުން އެއަކުން އެއްވެސް ނަތީޖާއެއް ނުކުންނާނެއެވެ. އެއްވެސް ޢަމަލަކާއި ނުލައި އީމާންކަމުގެ ނަތީޖާއެއް ނުނުކުންނައިރު އެއީވެސް އަބާއްޖަވެރިއެކެވެ. އަދި ހިތްފަސާދަވެ އެމީހުންގެ ބޭރުފުށުންވެސް އެއްވެސް ޢަމަލެއް ނުކުރާމީހާގެ ޙާލަކީ ކޮބައިހެއްޔެވެ؟ އެފަދަމީހަކު ތިމަންނާއަކީ ބާއްޖަވެރިއަކަށް ވާނޭ ކަމަށް ކުރާ އުންމީދަކީ އަވާމެންދުރަކަށް ވުން ނުހަނު ގާތެވެ. ވީމާ ތިމާގެ ޢަމަލުތައް ރަނގަޅުކުރަން ގަދައަޅާ މަސައްކަތް ކުރަންޖެހެއެވެ. އެފަދަ މީހަކު މާތް ﷲ ގެއްލެނި ނުކުރައްވާނެތެވެ. އެއީ އިޙްސާންތެރީންނެވެ. މުސްލިމުންނާއި މުއުމިނުންނަށްވުރެ މަތިވެރި ދަރަޖައަކީ އެއީއެވެ. އެއްއިންސާނަކު އަނެއް އިންސާނަކަށް އިޙްސާންތެރި ވުމުގައި އިޙްސާންތެރިއަކީ ތިމާއާމެދު ރަނގަޅަށް ކަންތައް ކުރާމީހަކަށް ހެޔޮކޮށް ހިތުމެއް ނޫނެވެ. ނަމަވެސް ޙަޤީޤީ އިޙްސާންތެރިއަކީ ތިމާއާމެދު ގޯސްކޮށް ކަންތައް ކުރިމީހާއާ މެދު ތިމާ ހެޔޮކޮށް ކަންތައް ކުރުމެވެ. އަދި ﷲ سبحانه وتعالى އާ މެދު އިޙްސާންތެރިވުމަކީ އެކަލާނގެއަށް އަޅުކަން ކުރުމުގައި އިޚްލާޞްތެރިކަމާއެކު ދުނިޔެވީ އެހެން އެއްވެސް ބޭނުމެއް ނެތި އަޅުކަން ކުރުމެވެ. ހަމައެކަނި އެކަލާނގެ ދެކެދެކެ ހުންނަ ޙާލުގައި އެކަލާނގެއަށް އަޅުކަން ކުރުމެވެ. އެބައިމީހުން މާތް ﷲ ގެއްލެނި ނުކުރައްވާނެތެވެ. އެކަން ބަޔާންކުރައްވާ ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَالَّذِينَ جَاهَدُوا فِينَا لَنَهْدِيَنَّهُمْ سُبُلَنَا ۚ وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ﴾ سورة العنكبوت:69 މާނައީ: [ތިމަންއިލާހުގެ މަގުގައި (ޢަދުއްވުންނާއި، ނަފްސާއި، ޝައިޠާނާއާއި ދެކޮޅަށް، އަދި ﷲ ގެ ލޯބިހޯދުމަށް ގަދައަޅާ މަސައްކަތްކޮށް) ޖިހާދު ކުރިމީހުން ދަންނާށެވެ! ހަމަކަށަވަރުން އެމީހަކަށް ތިމަންއިލާހުގެ މަގުން މަގު ދައްކަވާހުށީމެވެ! ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ އިޙްސާންތެރީންނާ އެކުގައެވެ.]
އެއާޚިލާފަށް އެތެރެފުށާއި ބޭރުފުށުގެ ޢަމަލުތަކުން އިޞްލާޙުވާން ބޭނުން ނުވާ އަދި އިޙްސާންތެރި ނޫންމީހާ މާތް ﷲ އަބާއްޖަވެރި ކުރައްވައެވެ. ނިމުން އައިސްދާނެ ގޮތްތަކާއި މެދު ބިރުވެތިވާން ޖެހެނީ މިހެންވެގެންނެވެ. ތިމާގެ ވެރިއިލާހަށް އަޅުވެތިވުމުގައި ފަރުވާކުޑަކުރުމާއި ގޮތްދެކުމާއި މިހާރުން މިހާރަށް ދުރުހެލިވާންޖެހެނީ މިސަބަބަށްޓަކައެވެ.
ރަސޫލާ صلى الله عليه وسلم ގެ ޒަމާނުގައި ހިނގާފައިވާ އަންނަނިވި ޙާދިޘާއަކީ ޢިބްރަތުން ފުރިގެންވާ ޙާދިޘާއެކެވެ. ބުޚާރީއާއި މުސްލިމްގައި ސަހުލު ބުން ސަޢުދު رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. ނަބިއްޔާ އާއި މުޝްރިކުންނާއި ހަނގުރާމައިގައި ބައްދަލުވީ ހިނދު އެކަލޭގެފާނުގެ އަޞްޙާބުންގެ ތެރޭގައި މީހަކު ވިއެވެ. އެމީހަކު މުޝްރިކުންގެ ލަޝްކަރުން އެކަހެރިވެ ގަންނަ މީހަކުވެސް އަދި އެލަޝްކަރުގައި ހަނގުރާމައަށް ނުވަދެ ދުރުގައި އެކަހެރިވެ ހުންނަމީހަކު ދޫނުކުރެއެވެ. އެފަދަ މީހުންވެސް އޭނާގެ ކުޅަދާނަކަމުން އޭނާގެ ކަނޑިންދޭ ހަމަލާގައި ޤަތުލުކުރެއެވެ. ދެން އަޞްޙާބުން ވިދާޅުވިއެވެ: މިވެނި މީހަކަށް ޖަޒާ ލިބޭނޭ ފަދައިން އަހަރެމެން އެއްވެސް މީހަކަށް މިއަދު ޖަޒާއެއް ނުލިބޭނެއެވެ. (މާނައީ އެބައިމީހުން އޭނާއަށް ލިބޭނޭ ޖަޒާއާމެދު މަދަޙައިގެ ބަސްތައްބުނެ އޭނާ ސުވަރުގެއަށް ދާނޭ ކަމަށް ނިންމިއެވެ.) ދެން ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((هُوَ مِنْ أَهْلِ النَّارِ)) މާނައީ: [އޭނާއަކީ ނަރަކައިގެ އަހުލުވެރިއެވެ.] ދެން އަޞްޙާބުންގެ ބޭކަލަކު (أكثَمُ بنُ أبي الجَوْنِ الخُزاعيُّ رَضيَ اللهُ عنه) ވިދާޅުވިއެވެ. ތިމަންނާއީ އޭނާގެ އެކުވެރިޔާ ކަމުގައި ވީމުއެވެ. އަދި އެމީހާގެ ފަހަތުން އެޞަޙާބީ ހަނގުރާމަ ކުރެއްވިއެވެ. (އެޞަޙާބީ އެމީހާގެ ފަހަތުން ދިޔަ ސަބަބަކީ ބޭރުފުށުން ޞާލިޙު ރަނގަޅުމީހެއްގެ ގޮތުގައި ފެނުނުއިރު ވެސް، ނަބިއްޔާ އެމީހަކީ ނަރަކަވަންތަވެރިއެއް ކަމަށް ޙަދީޘްކުރެއްވުމުން އޭގެ ސަބަބު ހޯއްދެވުމަށްޓަކައެވެ.) ފަހެ އެހިނދު އެމީހާ ވަރަށްބޮޑު ޒަޚަމަކުން ޒަޚަމްވިއެވެ. އަދި އޭނާ އަވަހަށް މަރުވާން ބޭނުންވެގެން އުޅުނެވެ. އެހިނދު އޭނާ ކަނޑީގެ އެއްކޮޅު ބިމުގައި ޖެއްސިއެވެ. އަދި ކަނޑީގެ ތޫނުކޮޅު މޭމަތީގައި ޖެއްސިއެވެ. އެއަށްފަހު ކަނޑީގެ ކޮޅަށް ގައިގެ ބަރުދަން ދޫކޮށްލާ އޭގެ މައްޗަށް އަމިއްލައަށް ވެއްޓި އަމިއްލައަށް މަރުވިއެވެ. ދެން އެޞަޙާބީ ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. ތިޔައީ ﷲ ގެ ރަސޫލާ ކަމުގައި ކަށަވަރުކޮށް ހެކިވަމެވެ. އަދި އެވާހަކަތައް އެނަބިއްޔާއަށް ކިޔައިދެއްވިއެވެ. ދެން ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((إِنَّ الرَّجُلَ لَيَعْمَلُ عَمَلَ أَهْلِ الـجَنَّةِ فِيْمَا يَبْدُو لِلنَّاسِ وَهُوَ مِنْ أَهْلِ النَّارِ. وَإِنَّ الرَّجُلَ لَيَعْمَلُ أَهْلَ النَّارِ فِيمَا يَبْدُو لِلنَّاسِ وَهُوَ مِنْ أَهْلِ الـجَنَّةِ)) މާނައީ: [ހަމަކަށަވަރުން އެހެންމީހުންނަށް ފެންނަގޮތުގައި ސުވަރުގޭގެ އަހުލުވެރިންގެ ޢަމަލުން މީހަކު ޢަމަލުކުރެއެވެ. ނަމަވެސް އެމީހަކު ނަރަކައިގެ އަހުލުވެރިއަކަށް ވެދެއެވެ. އަދި އެހެންމީހުންނަށް ފެންނަގޮތުގައި ނަރަކައިގެ އަހުވެރިންގެ ޢަމަލުން މީހަކު ޢަމަލުކުރެއެވެ. ނަމަވެސް އެމީހަކު ސުވަރުގޭގެ އަހުލުވެރިއަކަށް ވެދެއެވެ.] އަދި ބައެއް ރިވާޔަތްތަކުގެ ވެއެވެ. ((إِنَّمَا الأَعْمَالُ بِالـخوَاتِيمِ)) މާނައީ: [ހަމަކަށަވަރުންވެސް މީހާގެ ފަރާތުން ނަތީޖާ ނެރެދޭނެ ޢަމަލުތަކަކީ އެމީހަކު އެޢަމަލަކުން ނިމިގެންދާ ޢަމަލުތަކެވެ.] އެއްވެސް މީހަކަށް މިނިމުން އަންނާނޭ ވަގުތު ނޭނގެއެވެ. އެހެންވުމުގެ ސަބަބުން ހެޔޮޢަމަލުތަކަށް އަވަސްވެގަންނަން ޖެހެއެވެ.
ރަސޫލާގެ އަޞްޙާބުންނާއި އޭގެ ފަހުންއައި މާތް ޞާލިޙު ޢިލްމުވެރި ބޭކަލުން އެހައި ގިނައިން ހެޔޮޢަމަލުތައް ކުރުމުގައި ދެމިހުންނެވިއިރު ނިމުން އައިސްދާނެ ގޮތަކާއިމެދު ނުހަނު ބިރުވެތިވެ ވަޑައިގެންނެވިއިރު، އަހަރެމެން ހެޔޮޢަމަލުތަކާއި އެހާ ދުރު ބަޔަކު އަދި ފާފަކުރުމުގައި ތަކުރާރުކުރާ ބަޔަކު ހެޔޮ ނިމުމެއްގެ އުންމީދުތަކެއްގައި އުފަލާއި މަޖަލުގައި ހިތުހުރި ގޮތަކަށް އުޅެމުން ދިއުން، ފެންނަނީ ވަރަށް ހަމަނުޖެހޭ ސިފައެއްގެ ގޮތުގައެވެ. ބުއްދިވެރިކަމާ ވަރަށްބޮޑަށް ފުށޫއަރާ އުޅުމެއްގެ ގޮތުގައެވެ. މިޙަދީޘްގެ މާނައިގައި މިވާ "މީސްތަކުންނަށް ފެންނަ ފެނުމުގައި" މިއީ ނުހަނު ބޮޑަށް ތަދައްބުރު ކުރުން ލާޒިމް ޢިބާރާތެކެވެ. އޭގެ މުރާދަކީ ބޭރުފުށުން ހެޔޮޢަމަލުތައް ގުނަވަންތަކުން ކުރަމުންދާއިރު، މާނައީ ނަމާދުތަކާއި ރޯދައާއި ޒަކާތާއި ޞަދަޤާތާއި ޢިލްމުވެރިކަމުގައި މީސްތަކުންނަށް ދަރުސްދީ ނަޞޭޙަތްދީ ހެދުމާއި ރިވެތި ރާގުތަކުން ޤުރުއާން ކިޔަވަމުންދިއުމާއި މިފަދަ ނުހަނު ރަނގަޅު ޞާލިޙު ޢަމަލުތައް ކުރަމުންދާއިރު މީސްތަކުންގެ ދުލުން ބުނަމުން ދާނީ އެމީހެއްގެ ރަނގަޅު ވާހަކައެވެ. އެމީހެއްގެ ޞާލިޙުކަމެވެ. ނަމަވެސް އެއްވެސް މީހަކަށް ނޭނގޭ ތަނަކީ އެއްވެސް މީހެއްގެ ހިތެވެ. ނިޔަތެވެ. ﷲ އަށް އެދިގެން ކުރާ ޢަމަލެއްތޯ ނުވަތަ ދުނިޔެވީ ބޭނުމެއްގައި ކުރާ ޢަމަލެއްތޯއެވެ؟ މިއީ މީސްތަކުންނަށް އެނގުމެއް ނުވާ މާތްﷲ މޮޅަށް ބައްލަވާވޮޑިގަންނަވާ ދެނެވޮޑިގަންނަވާ ކަންކަމެވެ. އަދި ނުބައިޢަމަލުތަކުގައި އުޅުން ހޭދަކުރާމީހަކު، އެމީހެއްގެ ނަފްސުގެ އެތެރޭގައި ފޮރުވިފައިވާ އެހެންމީހުންނަށް އެކަމުގެ އެނގުމެއް ނުވާ ހެޔޮސިފައެއް ހުރެދާނެއެވެ. އެސިފައިގެ ސަބަބުން އެމީހަކުގެ ނިމުން ރަނގަޅު ނިމުމަކަށް ވުމަށް ބާރުއަޅާފާނެތެވެ. މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.
މިބިރުވެތިކަން ސަލަފުއްޞާލިޙުންގެ ގައިގައި އިންތިހާއަށް ހުއްޓެވެ. އެބައިމީހުންގެ ނިމުމާމެދު އެބައިމީހުން ވަރަށްބޮޑަށް ބިރުވެތިވެވަޑައިގެންނެވިއެވެ. ބައެއް ޞަޙާބީން އެބޭފުޅުންގެ މަރުގެ ވަގުތު ގާތްވެއްޖެކަން އެނގުމުން ވަރަށް ގަދަޔަށް ރޮއި ހެއްދެވިއެވެ. އަދި އެރުއިމާ މެދު އެބޭކަލުންނާ ސުވާލުކުރެވުމުން އޭގެ ބައެއް ބޭކަލުން ވިދާޅުވެފައިވާ ކަމަށް އިމާމް އަޙްމަދު ރިވާކުރެއްވިއެވެ: ތިމަންނާ ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި އަޑު އެއްސެވީމެވެ: ((إِنَّ اللهَ تَعَالَى قَبَضَ خَلْقَهُ قَبْضَتَيْنِ فَقَالَ: هَؤلاَءِ فِي الـجَنَّةِ وَهَؤلاَءِ فِي النَّارِ)) މާނައީ: [ހަމަކަށަވަރުން ﷲ تَعَالَى އެކަލާނގެ ޚަލްޤުތަކުން ދެބަޔަކަށް ބައްސަވާ ހިއްޕެވިއެވެ. އަދި ވަޙީކުރެއްވިއެވެ: މިބައިމީހުންނީ ސުވަރުގޭގެ މީހުންނެވެ. އަދި މިބައިމީހުންނީ ނަރަކައިގެ މީހުންނެވެ.]
ޖާމިޢުލް ޢުލޫމް ވަލް ޙިކަމްގައި އައިސްފައިވެއެވެ: ބައެއް ސަލަފުއްޞާލިޙުން ވިދާޅުވިކަމަށް ރިވާވެގެންވިއެވެ: ކުރިން ފޮތުގައި ލިޔެވިފައިވި ކަންކަމާމެދު ރުއިވަރަށް، އެހެންކަމެއްގައި (އެބައިމީހުންގެ) ލޯތައް ރޮއިފައި ނުވެއެވެ.
ތާބިޢީ ބޭކަލެއް ކަމުގައިވާ ސުފްޔާން رحمه الله، ކުރިއަށް ކުރެވިފައިވި ޢަމަލުތަކާއި ނިމުންއަންނާނެ ޢަމަލުތަކާއި މެދުގައި ވަރަށްބޮޑަށް ހިތާމަކުރައްވާ ކަމުގައިވިއެވެ. އަދި ވިދާޅުވެއެވެ: މައިފޮތުގައި އަބާއްޖަވެރިއެއްގެ ގޮތުގައި ތިމަން ވެދާނެ ކަމާމެދު ތިމަންނާ ބިރުގަނެއެވެ. އަދި ކީރިތި ކުރައްވާ ވިދާޅުވިއެވެ: މަރުގެ ވަގުތުގައި ތިމަންނާގެ އީމާންކަން ނިގުޅިގެން ހިނގައިދާނެ ކަމާމެދު ތިމަންނާ ބިރުގަނެއެވެ.
އެހެން ތާބިޢީ ބޭކަލެއް ކަމުގައިވާ މާލިކު ބުން ދީނާރު رحمه الله ނުނިދާ (ކަންބޮޑުވެވަޑައިގެން) އެކަލޭގެފާނުގެ ތުބުޅިފުޅުގައި ހިއްޕަވައިގެން މުޅިރޭ ހޭދަކުރައްވަމުން ވިދާޅުވެއެވެ: އޭ ހައްދަވާބޮޑުކުރެއްވި އިލާހެވެ! ހަމަކަށަވަރުންވެސް ސުވަރުގޭގައި އުޅޭނޭ މީހުންނާއި ނަރަކައިގައި އުޅޭނޭ މީހުން އިބައިލާހު މޮޅަށް ދެނެވޮޑިގެންވެއެވެ. އަޅެ އެދެގޮވެތިން މާލިކު ވަނީ ކޮން މަންޒިލެއްގައިތޯއެވެ؟
އަދި ނަބިއްޔާ صلى الله عليه وسلم ވަރަށްގިނައިން ދުޢާ ކުރައްވާކަމުގައި ރިވާވެގެންވެއެވެ: ((يَا مُقَلِّبَ القُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ)) މާނައީ: [އޭ ހިތްތަށް ފުރޮޅާލައްވާ އިލާހެވެ. މިއަޅާގެ ހިތް އިބައިލާހުގެ ދީނުގައި ސާބިތުކޮށްދެއްވާދޭނވެ!]
އޭ ހިތްތައްފުރޮޅާލައްވާ އިލާހެވެ! އަޅަމެންގެ ހިތްތައް އިސްލާމްދީން މަތީގައި ސާބިތުކޮށްދެއްވާންދޭނވެ~
އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.