އާރޓިކަލް 78 : ދީނުގެ ތެރެއަށް އަލަށް ކަމެއް ގެނެސްގަތުމީ ކިހާވަރެއްގެ ކަމެއް؟

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އިސްނާނީ ދިރިއުޅުމުގައި ކުރިއަރާ ދިއުމަށް އޮތް އެންމެ މުހިންމު އެއް އުސްލޫބަކީ ދުނިޔޭގައި މީސްތަކުން ދިރިއުޅުން ތަރައްޤީކުރުމަށް ބޭނުންވާ އާ ކަންކަން ދިރާސާކަން ހޯދައި އުފެއްދުމެވެ. އާކަންކަން ހޯދައި އުފެއްދުމަކީ ދުނިޔެވީގޮތުން ނުހަނު މުހިންމު، އެކަމަށް މުޅި ގައުމު ހިތްވަރުދީ ކުރިއަރުވަންޖެހޭ ކަމެކެވެ. ވީމާ ކުރިއަރާދިއުމުގައި އާކަންކަން ހޯދުމަކީ އިނގިރޭސިބަހުން ބުނަނީނަމަ (innovation) އަކީ މިއަދު ކިޔަވައިދިނުމުގެ ތެރެއިން އެންމެހައި ދަރިވަރުންގެވެސް އެކަމުގެ ހުނަރު އުފެއްދުމަށް މަސައްކަތްކުރެވޭ ހުނަރެކެވެ. ނަމަވެސް މިއީ ދުނިޔޭގެ ތަރައްޤީއަށް ބޭނުންވާ ކަންކަމުގައެވެ. ދުނިޔޭގެ ވަޞީލަތްތައް ގިނަކުރުމެވެ. ރޫޙާނީ ތަރައްޤީ އަށް ބޭނުންވާ ގޮތް އޮންނަނީ މިއާ ދިމާ އިދިކޮޅަށެވެ. މީހާގެ ދީނީ ކުރިއެރުމަށް ބޭނުންވާ ގޮތްތަކުގައި ރަސޫލާ صلى الله عليه وسلم ގެނެސްދެއްވި މިންވަރަށްވުރެ އިތުރު ނުކުރުމަށް ދީނުގައިވަނީ އަންގަވައި އަމުރުކުރައްވާފައެވެ.

ދީނަކީ މާތް ﷲ އަށް އަޅުކަންކުރުމެވެ. އެކަލާނގެ ރުއްސެވުން ލިބޭނޭ ފަދައިން ދުނިޔޭގައި ކުރާ އެންމެހައި ޢަމަލުތަކެއް ކުރުމެވެ. އެކަލާނގެ ނުރުއްސަވާނޭ ކަންކަމުން ދުރުހެލިވުމެވެ. އޭގެ ތެރޭގައި ޚާލިޞްކޮށް އެކަލާނގެއަށް އަޅުކަންކުރުމުގެ ގޮތުން ކުރެވޭ ކަންކަމާއި ދުނިޔޭގައިވާ ކަންކަމާއި މީސްތަކުންނާ މުޢާމަލާތު ކުރުމުގައި ކުރެވޭ މުޢާމަލާތުގެ ދާއިރާގެ ކަންކަން ހިމެނެއެވެ. ﷲ سبحانه وتعالى އަށް އަޅުކަން ކުރުމުގެ ގޮތުން ކުރެވޭ އެއްވެސް ކަމެއް އުފައްދަވާ މީސްތަކުންނަށް އެންގެވުމަކީ ނުވަތަ އެހެންގޮތަކުން ބުނާނަމަ ޝަރުޢުކުރުމަކީ އެކަލާނގެ ނޫން އެހެން އެއްވެސް ފަރާތަކަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އެކަލާނގެ އަށް އެކަނި އަޅުކަން ކުރަން އެންގެވުމާއެކު، އެއަޅުކަން އަދާކުރާނޭ ގޮތް ކަނޑައެޅުއްވުމަކީވެސް އެކަލާނގެ ޙައްޤެކެވެ. ވީމާ ﷲ سبحانه وتعالى ފިޔަވައި އަޅުކަން ކުރާނޭ ފަރާތެއް ކަނޑައެޅުމަކީ އިންސާނާއަށް ލިބިގެންވާ ޙައްޤަކަށް ނުވާއިރު، ﷲ سبحانه وتعالى އަށް އަޅުކަން ކުރަންވީ ގޮތްވެސް އިންސާނާއަށް ކަނޑައެޅުމެއް ނުވެއެވެ. މީހަކު އަޅުކަމެއް ކުރާނޭ ގޮތް އަމިއްލައަށް އުފައްދައި އެގޮތަށް އަޅުކަން ކުރުމަށް ބުނުމުން ވައްތަރުވަނީ އެމީހަކު ކަލާނގެއެއްގެ ރޯލު އަދާކުރާ ފަދަ ގޮތަކަށެވެ. އެފަދަ މީހަކު ވައްތަރުވަނީ އަޅުކަން ޝަރުޢުކުރުމުގައި ﷲ އާ ޝަރީކު ކުރާ ފަދަ މީހެއްގެ ގޮތުގައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿أَمْ لَهُمْ شُرَكَٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمْ يَأْذَنۢ بِهِ ٱللَّهُ ۚ﴾ سورة الشورى:21 މާނައީ: [ﷲ އެކަމުގެ ހުއްދަ ދެއްވާފައި ނުވާ ކަމެއް ދީނުގެ ތެރެއަށް ޝަރުޢު ކުރާނޭ ޝަރީކުންތަކެއް އެބައިމީހުންނަށް ލިބިގެންވަނީ ހެއްޔެވެ؟]

ހަމަކަށަވަރުންވެސް އެބައިމީހުންނަށް އެފަދަ ހައްޤެއް ލިބިގެން ނުވާކަން ކަށަވަރެވެ. ވީމާ ދީނުގެ ތެރެއަށް އަލަށް ވައްދާފައިވާ ކަމަކަށް ޢަމަލުކުރުމަށްވުރެ އެފަދަ ކަމެއް އުފައްދާ މީހަކީ ނުހަނު ނުބައިކަން ބޮޑުމީހެކެވެ. އަދި އެފަދައިން ކޮންމެވެސް މީހަކު ކޮންމެވެސް ޒަމާނެއްގައި ދީނުގެ ތެރެއަށް ވައްދާފައިވާ ކަމެއްކަން އެނގިހުރެ، އެޢަމަލަކީ ޤުރުއާނާއި ސުންނަތުގައި އެއަޅުކަމަކަށް ބާރުދޭ އެއްވެސް ނައްޞެއް ނެތްކަން އެނގިހުރެ ޢަމަލުކުރާމީހާގެ ނުބައިކަންވެސް ނުހަނު ބޮޑެވެ. އަދި ހަމައެބީދައިން ﷲ سبحانه وتعالى އަށް ތިމާމެން އަޅުކަން ކުރާއިރު އެކުރެވޭ އަޅުކަމަކީ އެކަލާނގެ އެއަޅުކަމެއްގެ ހުއްދަ ދެއްވައިގެން އެކަލާނގެ ރަސޫލާ صلى الله عليه وسلم އެޢަމަލެއް ކުރައްވާފައިވާ ޢަމަލެއްތޯ ބަލައިލުމެއް ނެތި ދީނުގެ ކަންކަން ކުރަމުންދާ މީހުންވެސް އެކަމުގެ ޒިންމާ ޤިޔާމަތްދުވަހު ނަގަންޖެހޭނެއެވެ. އެއީ އޭނާއަށް ކަންކަމުގައި ފިކުރުކޮށް ހޯދައިބެލުމުގެ ކުޅަދާނަކަން މިދުނިޔޭގައި އެކަލާނގެ އެމީހަކަށް ދެއްވިއިރުވެސް އެފަދަ ކަމެއް ކުރުމުގެ ވިސްނުމެއްނެތި، ވަރަށްބޮޑު އިހުމާލެއް ވެފައިވާތީއެވެ.

އެފަދައިން ދީނުގެ ޢަމަލު ކުރާމީހަކަށް ވަރަށްބޮޑު ނުރައްކަލެއް އޮވެއެވެ. އެއީ ރާބުއިމާއި ވައްކަންކުރުމާއި ޒިނޭކުރުން ފަދަ ފާފަތައް ކުރާމީހާއަށް އޭނާ އެކުރަނީ ސީދާ ފާފަކަން އެނގޭ ފަދައިން ދީނީ ކަމަކަށް ހަދައިގެން އާ އަޅުކަމެއް ކުރާމީހަކަށް އޭނާ އެކުރަނީ ފާފައެއް ކަމެއް ނޭނގޭތީއެވެ. ސަބަބަކީ އެމީހަކު ހިތުން އޭނާއަކީ އާޚިރަތަށްޓަކައި ޢަމަލުކުރާމީހެކެވެ. ނަމަވެސް އެފަދަ މީހަކުވެސް ދެނެގަންނަންވީ އޭނާ ކަންކުރާ ފަދައިން އާޚިރަތަށްޓަކައި ދީނުގެ ތެރެއަށް އަލަށް ވައްދައިގެން ކަންކަންކުރާނޭކަން އެތަކެއް ސަތޭކަ އަހަރެއް ކުރިން ރަސޫލާ صلى الله عليه وسلم ވަނީ މިއުންމަތަށް އަންގަވައިދެއްވާ، އެފަދަ އެއްވެސް ޢަމަލެއް ﷲ سبحانه وتعالى ޤަބޫލު ނުކުރައްވާނޭކަން އަންގަވާފައިކަމެވެ. ބުޚާރީ އާއި މުސްލިމް ގައި ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ: ((مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ)) މާނައީ: [ތިމަންމެންގެ މިކަމުގައި (މާނައީ ދީނުގައި) އެދީނުގައި ނެތް ކަމެއް އުފައްދައިފިމީހާ ދަންނާށެވެ. ފަހެ އެކަމެއް ވަނީ އެމީހަކަށް ރައްދުވެގެންނެވެ.] މާނައީ ﷲ އެކަމެއް ޤަބޫލު ނުކުރައްވާ އެކަމެއް އަނބުރާ އެމީހަކަށް ރައްދުކުރައްވާނެއެވެ. ރައްދު ކުރުމަކީ އެކަމެއް އެމީހެއްގެ ފަރާތުން ޤަބޫލު ނުކުރެއްވުމެވެ.

ނިޔަތް ރަނގަޅު ކުރުމަށް އައިސްފައިވާ ޙަދީޘަކީ އެތެރެ ފުށުން މުސްލިމް މީހާ ކުރާ ޢަމަލުތަކުގައި ދީނުގައި އަންގަވާފައިވާ މައިގަނޑު އުޞޫލީ ޙަދީޘަށް ވާފަދައިން، ބޭރުފުށުން ކުރެވޭ ޢަމަލުތަކުގެ މައިގަނޑު އުޞޫލީ ޙަދީޘަކީ އިސްވެ ބުނެވިދިޔަ ޙަދީޘެވެ. ކޮންމެ މުސްލިމަކަށް ނުހަނު މުހިންމު ޙަދީޘެކެވެ. ޙަޤީޤަތުގައި ދީނުގެ ނަމުގައި އެއްވެސް އަޅުކަމެއް އަދާކުރުމުގެ ކުރިން، އެންމެ ފުރަތަމަ ވެސް ދީނުގައި ކޮންމެ މުސްލިމަކަށް އެނގެން ޖެހެނީ މިޙަދީޘާއި މިޙަދީޘުން ބުނެދޭ ވާހަކަތަކެވެ. އެއީ ތިމާ ކުރާ ހެޔޮޢަމަލުތަކަކީ ފުލެއް ނެތް އެއްޗަކަށް ފެން ފުރަން އުޅުން ކަހަލަ ކަމަށް ވެގެންދިޔަ ނުދިނުމަށްޓަކައެވެ. ތިމާ ކުރާ ނަމާދުތަކާއި ހިފާ ރޯދަތަކާއި އެކަލާނގެ މަގުގައި އެތައް ޚަރަދެއް ކޮށްގެން ވާ ޙައްޖަކީ އެކަލާނގެ ޤަބޫލުވެވޮޑިގަންނަވާ ޢަމަލުތަކަކަށް ހެދުމަށްޓަކައެވެ. ނަމަވެސް މިޙަދީޘް އެނގޭ މީހުންނާއި އަދި އެނގޭ މީހުންގެ ތެރެއިންވެސް މިޙަދީޘްގައި ބުނެދޭ ވާހަކަތަކާއި މެދު ވިސްނާ ފިކުރު ހިންގާ މީހުން ވަރަށް މަދުކަން ފާހަގަވެއެވެ.

ދީނުގައި ނެތް ނަމާދެއް ނުވަތަ ދީނުގައި ނެތް ރޯދައެއް ނުވަތަ އެނޫންވެސް ދީނުގައި އެކަމެއްގެ އެއްވެސް ދަލީލެއް ނެތް އަޅުކަމެއް ކުރުމޭ ބުނެވޭ ބަހުގެ މާނައަކީ އެމީހަކު އެނަމާދެއް ނުވަތަ އެރޯދައެއް ހިފާ ގޮތަށް ރަސޫލާ صلى الله عليه وسلم އެކަން ކޮށްފައި ނުވާކަމެވެ. ދީނީ ގޮތުން ކުރެއްވި ކޮންމެކަމެއް އެކަލޭގެފާނު ކުރެއްވީ ﷲ سبحانه وتعالى ގެ އަމުރުފުޅާއި އެއްގޮތަށެވެ. އެގޮތުން ދީނީކަމެއްގެ ގޮތުގައި އެކަލޭގެފާނު ކުރެއްވި އެއްވެސް ކަމެއްގައި އަހަރެމެން ފަރުވާކުޑަކޮށް ނަގައިގެން ނުވާނެއެވެ. ބައެއް ފަހަރު ކޮޅަށް ހުރުން އަޅުކަމަކަށް ހެއްދެވިއިރު އަނެއްބައިފަހަރު އިށީނުން އަޅުކަމަކަށް ހެއްދެވިއެވެ. ނަމާދުގައި ޤުރުއާން ކިޔަވަން ކޮޅަށް ހުރުމަކީ އެޤުރުއާން ކިޔެވުން އަޅުކަމަކަށް ވީފަދައިން އެކޮޅަށް ހުރުންވެސް އަޅުކަމަކަށް ވާނޭ ކަމެކެވެ. އައްތަޙިއްޔާތު ކިޔަން އިށީނދެ އިނުމީ އަޅުކަމެކެވެ. މީހަކު އަމިއްލައަށް ހިތަށް އަރާފާނެއެވެ. ޤުރުއާން ކިޔަވާއިރުވެސް އަދި އައްތަޙިއްޔާތު ކިޔާއިރުވެސް އެންމެމޮޅު ގޮތަކީ ސަޖިދައަށް އޮތުމެވެ. އެހެން ހިތާ އޭނާ މުޅި ނަމާދުގައި ކިޔާ ހުރިހައި އެއްޗެއް ސަޖިދައިގައި އޮވެ ކިޔުމަކުން އޭނާ އަކީ މާމޮޅު އަޅުވެރިއަކަށް ނުވެއެވެ. ނަމަވެސް އޭނާ ހިތުން އޭނާއަކީ ވަރަށް ބޮޑަށް ﷲ سبحانه وتعالى އަށް އަޅުވެތިވެފައިވީ މީހެއްކަމުގައި ހީވިނަމަވެސް، ﷲ سبحانه وتعالى ގެ ޙަޟްރަތުގައި އޭނާ އެކުރި ޢަމަލަކީ އެއްވެސް ބުރަދަނެއް ލިބިގެން ނުވާ ޢަމަލެކެވެ. ނަމަވެސް ﷲ ގެ ޙަޟްރަތުގައި އެމީހަކީ ބަސްނާހާ، ބުނާގޮތް ނަހަދާ ﷲ އަށް އުރެދިފައިވާ، ރަސޫލާ صلى الله عليه وسلم ގެނެސްދެއްވި ގޮތުގައި ކޮޅުފައިން ޖަހާފައިވާ މީހެކެވެ. ރަސޫލާ صلى الله عليه وسلم ގެ ސުންނަތަށް އަދި ރަސޫލާ صلى الله عليه وسلم އަށްވެސް އިޙްތިރާމް ކުރި މީހެއް ނޫނެވެ. ރަސޫލާ صلى الله عليه وسلم ގެ ހިދާޔަތަށްވުރެ މޮޅު ގޮތެއް ގެނެވޭނީ އަޅެފަހެ ކާކަށްހެއްޔެވެ؟ އެކަލާނގެފާނު އުންމަތަށް ދެއްކެވި އެއްވެސް އަޅުކަމަކަށްވުރެ މޮޅު އަޅުކަމެއް ކުރެވޭނޭ ހަމަ އެކަކުވެސް ނުވެއެވެ. އެއަށްވުރެ މޮޅުގޮތެއް ބޭނުންނަމަ، އެމީހަކު އަމިއްލަ ވިސްނުމަށް މޮޅުވިގޮތަށް އަޅުކަން ކޮށްގެން ދާން އޮތްތަނަކަށް ވާނީ ނަރަކައެވެ. ރަސޫލާ صلى الله عليه وسلم ކޮންމެ ޚުޠުބާއެއްގައި ޞަޙާބީންނަށް ހަނދާކޮށްދެއްވައި ޙަދީޘްކުރައްވައެވެ: ((أَصْدَقُ الحَدِيثِ كِتَابُ اللهِ وَخَيْرُ الهَدْيِ هَدْيُ مُحَمَّدٍ وَشَرُّ الأُمُورِ مُحْدَثَاتُهَا)) މާނައީ: [ވާހަކަތަކުގެ ތެރެއިން އެންމެ ތެދު ވާހަކައަކީ ﷲ ގެ ފޮތެވެ. އަދި އެންމެ ހެޔޮވެގެންވާ ހިދާޔަތަކީ މުޙައްމަދުގެފާނުގެ ހިދާޔަތެވެ. އަދި ކަންކަމުގެ ތެރެއިން އެންމެ ނުބައިވެގެންވާ ކަމަކީ އެދީނުގެ ތެރެއަށް އަލަށް ގެނެސްގަނެވޭ ކަންކަމެވެ.]

އަޅަމެންނީ ދީނީ ކަންކަން ކުރުމުގައި އެންމެ ފުރިހަމައަށް ސުންނަތާއި އެއްގޮތަށް އެއަޅުކަންތައް އަދާކުރުމުގައި ދެމިތިބެވޭނޭ ބައެއް ކަމުގައި ލައްވާށި! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *