އާރޓިކަލް 79 : ރައްބާނީ ޢިލްމުގެ މާތްކަމާއި މަތިވެރިކަން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ޢިލްމަކީ ޖާހިލުކަމުގެ ނުވަތަ ކަންކަން ނޭނގުމުގެ އިދިކޮޅު ބަހެވެ. އެއީ ޙަޤީޤަތާއި އެއްގޮތަށް ކަންކަން އެނގުމެވެ. މިގޮތަށް އިންސާނުން ހޯދާ ޢިލްމު ބައެއްފަހަރު ޔަޤީނާއެކު އެއީ ޙަޤީޤަތެކެވެ. އަނެއްބައިފަހަރު ޔަޤީނާ ގާތަށް ނުދާވަރަށް ހޯދޭ ޢިލްމު ހުރެއެވެ. އަދި ޔަޤީނާ ގާތަށް އެއީ ބާޠިލު އެނގުމެއްކަން އެނގޭ ކަންކަންވެސް ހުރެއެވެ. ނަމަވެސް ތަފާތު އިންސާނުން ޤަބޫލުކުރާ ގޮތްތަކެއްގެ ސަބަބުން އެއްބަޔަކަށް ބާޠިލުކަން ކަށަވަރުވާ ކަންކަން އަނެއްބައިމީހުންގެ ގާތުގައި އެއީ ޔަޤީނާގާތަށް ޙަޤީޤަތް ކަމުގައި ބުނެ އުޅެއެވެ. އެބައިމީހުންގެ ހިތުގައި ޤަބޫލުކުރާ އެއްޗަކާއި ދުލުން ބުނާ އެއްޗަކާއި މޮޅަށް ދެނެވޮޑިގެންވަނީ ﷲ سبحانه وتعالى އެވެ. ނަމަވެސް އިންސާނުންނަކީ ސީދާ ހިތުގައި އޮންނަގޮތް ނޫން އެތަކެއް ގޮތެއް ދުލުގެ ބަސްތަކުން ހާމަކުރާ ބައެކެވެ. ކުޑަކުޑަ މިސާލެކެވެ. އަހަރެމެން ކޮންމެ މުއުމިނަކު ޔަޤީނާ ގާތަށް ޤަބޫލުކުރަނީ ހިލައިން ކޮންމެ ސިފަޔަކަށް ކަނޑައިގެން ސޫރައެއް ހެދިޔަސް އެއިން ހިލައެއްގެ ގޮތްތަކެއް ފިލައިގެން ނުދާނޭކަމެވެ. އެހިލަ ކަނޑާނެގިޔަސް އެއީ ހަމަހިލައެކެވެ. މަގުމަތިން ތަނަކުން ފެންނަ ހިލައަކާ މެދު ހުރިހައި އިންސާނުންވެސް ދެކޭ ފަދައިން އަހަރެމެން މުސްލިމުންގެ ގާތުގައި، އެހިލައަށް ކޮންމެ ސިފައެއް ޖެއްސިކަމުގައި ވިޔަސް އެހިލައިގެ އަޞްލެއް ބަދަލެއް ނުވާނެއެވެ. ކުރީގައި ދިރިއުޅެ މަރުވެފައިވާ ކިތަންމެ ޞާލިޙު ރަނގަޅު މީހެއްގެ ސިފައިގައި އެހިލަ ކަނޑައިގެން އޭނާގެ ބުދެއް ހެދިޔަސް އެހިލައިގައި މަރުތެޔޮލަކުން ތަޅާ ޗިސްޗިސްކޮށް ކުދިކުދިކޮށްލިޔަސް އެސިފަ ޖައްސާފައި ނުވާ ހިލައަކަށް އެފަދައިން ކަންކަން ކުރުމުން އިންސާނުންނަށް އެހިލަޔަށް ދެވުނު ގެއްލުމެއް ނެތް ފަދަޔަކުން އެބުދުގެ ސިފަ ޖައްސާފައިވާ ހިލަޔަށްވެސް އިންސާނަކަށް އެއްވެސް ގެއްލުމެއް ނުދެވޭނެއެވެ. އެއީ މިހާސާފުކޮށް ސަލާމަތް ބުއްދިޔަށް ޔަޤީންވާ ޢިލްމެއް ކަމުގައިވިޔަސް އެފަދަ ހިލައަކުން އިންސާނުންނަށް ގެއްލުމާއި ފައިދާ ކޮށްދޭ ކަމަށް ޤަބޫލުކުރަނީ ދުނިޔޭގައި އުޅޭ ކިތައް ކިތައް އިންސާނުން ހެއްޔެވެ! ރަސޫލާ صلى الله عليه وسلم މައްކާ ފަތަޙަ ކުރެއްވުމުގެ ކުރިން ގެފުޅުގައި ވަށައިގެން ހަރުކޮށްފައިހުރި ހުރިހާ ބުދުތަކާއި މެދު އެމައްކާގެ އަހުލުވެރިން ޤަބޫލުކޮށްގެން ތިބީ އެގޮތެވެ. ނަމަވެސް ރަސޫލާ صلى الله عليه وسلم މައްކާ ފަތަޙަކުރެއްވި ދުވަހުގައި މައްކާގެ ރައްޔިތުންގެ ކުރިމަތީގައި އެކަލޭގެފާނު އެހުރިހައި ބުދުތައް ތަޅާ ސުންނާފަތި ކުރެއްވިއިރު އެބައިމީހުންގެ އެބާޠިލު ކަލާނގެތަކަށް ކުރެވުނު އެއްވެސް ކަމެއް ނެތްކަން، އެދުވަހުގައި އެމަންޒަރު ދުށް މައްކާގެ ރައްޔިތުންނަށް ޔަޤީނާ ގާތަށް ކަށަވަރުވިއެވެ. އެދުވަހުގައި އެއެންމެން ﷲ سبحانه وتعالى އަށް އެކަނި އަޅުކަން ކުރުން އެއީ ހައްޤު ގޮތްކަމާއި ﷲ سبحانه وتعالى ފިޔަވައި އަޅުކަން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވާ ކަމަށް ޔަޤީންވެ އެގޮތަށް ދުލުން އިޤްރާރުގެ ބަސްތައް ބުނެ އިސްލާމްވިއެވެ. ނަމަވެސް އެހާވަރަށް ކަންތައް ނުދިޔަޔަސް އިންސާނާގެ ބުއްދިޔަށް ޔަޤީންކުރަން އެއީ އެހާމެ އުނދަގޫ ކަމެއް ހެއްޔެވެ؟ އަޖައިބެކެވެ. އިންސާނާ އާ މެދު އަޖައިބުވެއެވެ. އެފަދަ ކުޑަކުޑަ ޔަޤީންކުރަނިވި ޢިލްމަކަށްވެސް ދުނިޔޭގެ ގިނަ އިންސާނުން ބޯނުލަނބައެވެ.

ޔަޤީނާ ގާތަށް ޙަޤީޤަތެއްކަން ކަށަވަރުވާ ޢިލްމަކަށްވާނީ އިންސާނުންނާއި މުޅި ކާއިނާތު އުފެއްދެވި ﷲ سبحانه وتعالى ފޯރުކޮށްދެއްވި ޢިލްމެވެ. އެއީ އެއްވެސް އިންސާނަކަށް ބަދަލު ނުކުރެވޭނޭ ކަމަށް އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވި އެކަލާނގެ ކަލާމްފުޅު ކީރިތި ޤުރުއާނާއި އެކަލާނގެ ފޮނުއްވި ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ބަސްފުޅު ކަމުގައިވާ ޙަދީޘްތަކެވެ. އެޙަދީޘްތަކުގެ ތެރެއަށް ގިނަބަޔަކު އެކިއެކި ސަބަބުތަކާހުރެ ބާޠިލުވާހަކަތައް ވައްދަން މަސައްކަތް ކުރިނަމަވެސް، އެކަލާނގެ ޚާއްޞަކުރެއްވި ޢިލްމުވެރިން މެދުވެރި ކުރައްވާ ޙަދީޘްތަކަށް ބަދަލު ގެންނަން މަސައްކަތްކުރި މީހުންގެ ކަންކަން ބަޔާންކުރައްވާ ޙަދީޘްތަކުގެ ޞައްޙަކަން އެބޭކަލުން ދިޔައީ ހުއްޓުމެއް ނެތި ކުރައްވަމުންނެވެ. ވީމާ ޔަޤީނާ ގާތަށް ދުނިޔޭގައި އޮތް ރައްބާނީ ޢިލްމު ޤިޔާމަތާއި ޖެހެއްދެން އެކަލާނގެ ރައްކާތެރި ކޮށްދެއްވާނެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿إِنَّا نَحْنُ نَزَّلْنَا ٱلذِّكْرَ وَإِنَّا لَهُۥ لَحَٰفِظُونَ﴾ سورة الحجر:9 މާނައީ: [ހަމަކަށަވަރުން ތިމަންއިލާހު އެޤުރުއާން ބާވައިލެއްވީމެވެ. އަދި ހަމަކަށަވަރުން އެޤުރުއާން ތިމަންއިލާހު ރައްކާތެރި ކުރައްވާހުށީމެވެ.]

އިސްވެދިޔަ އާޔަތުން އެނގިގެންދަނީ ރައްބާނީ ޢިލްމަކީ ރައްކާތެރިވެގެންވާ ޢިލްމެއް ކަމެވެ. އަދި އެޢިލްމަށް ބަދަލުގެނެސް އޮޅުވައި ނުލެވޭނޭކަމެވެ. ނަމަވެސް އެކަން ސާފުވެ އެކަމަށް މަގުފަހިވެގެންދަނީ އެޢިލްމަށް އެދި މަސައްކަތްކޮށް އެޢިލްމު ހޯދައި ތެދުމަގު ލިބިގަންނަން އެދޭ މީހަކަށެވެ. އަދި އެޢިލްމު ދަސްކޮށް އޭގެ މައްޗަށް އެމީހެއްގެ ޢަމަލުތައް ބަހައްޓައިފިނަމަ އެއީ ގޯސްކޮށް ޢަމަލުކުރާ މީހަކަށް ނުވާނެއެވެ. އަދި އެއީ އޭނާގެ އަމިއްލަ ނަފްސަށާއި އެހެންމީސްތަކުންނަށް ގެއްލުންވާ ފަދައިން ޢަމަލުކުރާ މީހަކަށްވެސް ނުވާނެއެވެ.

ނަމަވެސް ދުނިޔެވީ އެދުމައިގެން މޮޔަވެ އެކަން ކޮންޓްރޯލުން ނެއްޓިފައިވާ އިންސާނަކު ދަޢުވާކުރާނީ ޒިނޭކޮށް ލިވާޠުކުރުމަކީ މައްސަލައެއް ނޫންކަމަށެވެ. ރާބޮއި ޖުވާކުޅުމަކީ އެއީ ކޮންމެ މީހަކަށް ލިބިގެންވާ އިޚްތިޔާރީ ކަމެއް ކަމަށެވެ. އެއީ ރައްބާނީ ޢިލްމުގައި މަނާވެފައިވާ ކަންކަމަށްވިޔަސް އަދި ދުނިޔޭގައި ކަންހިނގާ ގޮތުގެ ޙަޤީޤަތަކީ އެކަންކަމުން ކިތަންމެ ނުބައި ސުންޕާ ބަލިތަކެއް ފެތުރުނު ކަމުގައިވިޔަސް އަދި މީހުންގެ މެދުގައި ފިތުނަފަސާދަ އުފެދި ނުރުހުމާއި ނަފްރަތު އުފެދި މީހުން މެރުމާއި ހިސާބަށް ދިޔަސް އެބައިމީހުން އެއީ އެޢަމަލު މަނާވާންޖެހޭ ކަމެއްގެ ގޮތުގައި ބަލައި ނުގަނެއެވެ. އޭގެ ބަދަލުގައި ވަކިމިންގަނޑުތަކެއް ކޮށައިގެން ޤާނޫންތައް ހަދައިގެންވެސް އެބައިމީހުން ބޭނުންވަނީ އެކަންކަން ކުރުމާއި ފެތުރުން މަނާނުކުރުމަށެވެ. އެއީ އެބައިމީހުންގެ ގިނަމީހުންނަށް ނުވަތަ ސިޔާސީގޮތުން ބާރުގަދަ ފަރާތްތައް ބޭނުންވާ ކަންކަމުގައި އެކަންޏެވެ. މިއީ މިއަދު ހުޅަނގުގެ ގައުމުތަކުން ފެންނަން އޮތް މަންޒަރެވެ. މިއީ އެބައިމީހުންނަށް ލިބިފައިވާ ކޮންފަދަ ނުބައި ޢިލްމެއް ހެއްޔެވެ؟ އެކަންކަމަށް ޢަމަލުކުރަން ކިހާ ނުރައްކާތެރި ޢިލްމެއް ހެއްޔެވެ؟

އިންސާނާއަށް ފައިދާހުރި ޢިލްމުވަނީ ﷲ سبحانه وتعالى ބާވައިލެއްވި ރައްބާނީ ޢިލްމުގައެވެ. ޙަޤީޤަތަކީ އެއީއެވެ. އެކަލާނގެ ޙަރާމްކުރެއްވި ކޮންމެ ކަމެއް އެއީ އިންސާނުންނަށް ގެއްލުންލިބޭނޭ ކަންކަމެވެ. އިންސާނުން ދަސްކޮށް އުނގެނެންވީ އެޢިލްމެވެ. ޔަޤީންކަން އޮންނަންވީ އެރައްބާނީ ޢިލްމަށެވެ. އެއީ އެކަމަކަށް އެންމެ ފުރަތަމަ މިދީން އައުމަށްފަހު އަމުރުކުރެވުނު އަމުރެވެ. ﴿ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ﴾ سورة العلق:1 މާނައި: [ކަލޭގެފާނުގެ ވެރިރައްބުގެ ނަންފުޅުން ކިޔަވާވިދާޅުވާށެވެ! އެކަލާނގެއީ އެންމެހައި ތަކެއްޗެއް އުފެއްދެވި ކަލާނގެއެވެ.] އެކަލާނގެ ބާވައިލެއްވި ރައްބާނީ ޢިލްމަށްވުރެ މަތިވެރި އެހެން އެއްވެސް ޢިލްމެއް މިދުނިޔެމަތީގައި ނުވެއެވެ. އަދި އުނގެނުމަށް އަހަރެމެންގެ ވެރިއިލާހު އަމުރު ކުރައްވައެވެ. އެކަމަށް ބޯލަނބާ ﷲ سبحانه وتعالى އިންސާނާގެ ކިބައިން އެދިވޮޑިގަންނަވާ ގޮތްތަކާއި އެދިވޮޑިނުގަންނަވާ ގޮތްތައް ގަދައަޅާ ދަސްކުރަން ކޮންމެ އިންސާނަކު މަސައްކަތް ކުރަންޖެހެއެވެ. ޚާއްޞަކޮށް ތަޢުލީމު ޙާޞިލުކުރަމުންދާ ސްކޫލުތަކުގެ ދަރިވަރުންނެވެ.

ކަންކަން އެނގޭމީހުންނާއި ނޭނގޭ މީހުން ހަމަހަމަވެގެން ނުވެއެވެ. ކަންކަން އެނގޭމީހުންނަކީ ތަފާތު ބައެކެވެ. ދުރުވިސްނޭ ބައެކެވެ. ކަންކަމުގެ ޙަޤީޤަތް ދެނެގަތުމުގެ ޤާބިލުކަން ލިބިގެންވާ ބައެކެވެ. ގިނަ ކަންކަން އަވަހަށް ވިސްނައިގަންނަ ބައެކެވެ. ދީނީގޮތުގެ އިތުރުން ދުނިޔެވީ ކަންކަމުގައިވެސް އެބައިމީހުންނަކީ ދުރުވިސްނޭ ބައެކެވެ. އެބައިމީހުންނަށް ފެންނާނީ ކަންކަމުގެ އެއްކޮޅެއް ނޫނެވެ. ކަމެއް ކުރިމަތިވުމާއެކު ރައްބާނީ ޢިލްމު ކަމުގައިވާ ޤުރުއާނާއި ސުންނަތާއި އެހެނިހެންވެސް ދީނީ މަޞްދަރު ތަކުގެ  އެހީގައި ގޮތެއް ނިންމުމުގެ ޤާބިލުކަން ލިބިގެންވެއެވެ. ސީދާ ގޮތެއް ކަނޑައެޅިގެން އެނގެން ނެތްނަމަ، ބުއްދީގެ ހަމަތަކުން އެކަމެއްގެ މަޞްލަޙަތުތަކާއި ގެއްލުންތައް ނުހަނު އަވަހަށް ވިސްނައިގަންނަން އެނގެއެވެ. މިއީ ރައްބާނީ ޢިލްމުގެ ބަރަކާތެވެ. އެޢިލްމުން މީހާގެ ވިސްނުމަށް ގެނުވާ ޤާބިލުކަމެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿قُلْ هَلْ يَسْتَوِي الَّذِينَ يَعْلَمُونَ وَالَّذِينَ لَا يَعْلَمُونَ﴾ سورة الزمر:9 މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ. ޢިލްމުލިބިފައިވާ މީހުންނާއި ޢިލްމު ލިބިގެން ނުވާމީހުން ހަމަހަމަވެގެން ވޭހެއްޔެވެ؟] ޝައްކެއްވެސް ނެތެވެ. ހަމަހަމަވެގެން ނުވެއެވެ. ޚާއްޞަކޮށް އެޢިލްމެއްގައި ކުށެއް ނެތްކަން ޔަޤީންވާ ޢިލްމު ކަމުގައި މާތް ﷲ ބާވައިލެއްވި ޢިލްމު އެނގުމާއި ނޭނގުމަކީ ނުހަނު ބޮޑު ތަފާތެކެވެ.

އަޅަމެންނަށް ފައިދާހުރި ޢިލްމު އިތުރުކޮށްދެއްވާންދޭވެ! އަދި އެޢިލްމު ގަދައަޅާ ހޯދުމަށް މަސައްކަތް ކުރުމަށް ލޯބިކުރާ ބައެއްގެ ގޮތުގައި އަޅަމެން ލައްވާނދޭވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *