ކޮންމެ އައު ފަތިހަކީ ވެސް މުޅިން ތާޒާ ފުރުޞަތުތަކެއް ގެނެސްދޭނެ ފަތިހެކެވެ. އައު އުންމީދުތަކާއި އައު އަލިކަމެއް ގެނެސްދޭނެ ފަތިހެކެވެ. މުޅިން އައު ފެށުމަކުން ފެށުމުގެ ފުރުޞަތު ގެނެސްދޭނެ ފަތިހެކެވެ. މި ހިނގާ އޮގަސްޓު މަހުގެ 7 ވަނަ ދުވަހަށް އަލިވިލުނު ފަތިހަކީ ވެސް މުޅިން އައު އުއްމީދުތަކަކާ އެކު އަލިވިލުނު މުޅިން އައު ފަތިހެކެވެ. އެހެން ނަމަވެސް މި ފަތިސް އެހެން ފަތިސްތަކާ ތަފާތު ވަނީ މިއީ އެތައް އުއްމީދުތަކަކާ އެކު މުޅިން އައު ދިރާސީ އަހަރަކަށް އަލިވިލުނު އުއްމީދީ ފަތިހަކަށް ވީކަމެވެ.
މުޅިން އައު، މުޅިން ތާޒާ އަހަރަކާ އަޅުގަނޑުމެން ކުރިމަތިލާފައިވާ ހިނދު، ކުރަންވީ އެންމެ މުހިންމު ކަމަކީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ މިދިޔަ އަހަރުގައި އަޅުގަނޑުމެންނަށް މިންވަރުކުރެއްވި ހެޔޮ ގޮތްތައް ހަނދާންކުރުމެވެ. އަޅުގަނޑުމެން އެ ފަރާތަށް ކުއްތަންވެ ޝުކުރުކުރަން ޖެހޭކަން ހަނދާންކޮށް ޚާލިޤް ވަންތަ ﷲ އަށް ޝުކުރުކުރުމެވެ. މީގެއިތުރުން ރެއާ ދުވާލު ތިޔަ ކުދިންގެ ކުރިމަގަށްޓަކައި އެތައް ގުރުބާނީއެއްވި ތިޔަ ކުދިންގެ މައިންބަފައިންނަށް ޝުކުރުވެރިވާން ޖެހެއެވެ. އަމިއްލަ ދަރިން ފަދައިން ތިޔަ ކުދިންގެ ކުރިމަގު ބިނާކޮށް ތިޔަ ކުދިންނަކީ މުހިންމު ބައެއްކަން ވިސްނައިދިން ލޮބުވެތި މުދައްރިސުންނަށް ޝުކުރުވެރިވާން ޖެހެއެވެ. ހަމައެހެންމެ މަދަރުސާ އަކީ ކިޔެވުމަށް ފަހި މާހައުލަކަށް ހެދުމަށްޓަކައި އެތައް ބުރަ މަސައްކަތްތަކެއް ކުރަމުންދާ މަދަރުސާގެ އިދާރީ މުޥައްޒަފުންގެ އަގުވަޒަންކޮށް ޝުކުރުވެރިވާން ޖެހެއެވެ. ތިޔަކުދިންގެ ކިލާހަކީ އުފާވެރި މާހައުލަކަށް ހެދުމަށް ތިޔަ ދަރިވަރުންގެ އެކުވެރި އެހެން ދަރިވަރުން ކޮށްދިން މަސައްކަތާއި އެކުދިން ވެދިން އެހީތަކަށް ޝުކުރުވެރިވާން ޖެހެއެވެ. ހަމައެހެންމެ ރަނގަޅު ސިފަތަކާއި އަގުކުރުންތައް ހަރުލައްވައި، ﷲ އަށް ބިރުވެތިވުމަކީ ކާމިޔާބު ޙަޔާތެއްގެ އެންމެ މުހިންމު ތަނބުތައްކަން ތިޔަ ލޮބުވެތި ދަރިވަރުން ދަންނަން ޖެހެއެވެ. އަޅުގަނޑުމެން މިއަދު މި އުނގެނޭ އުނގެނުމަކީ މާދަމާ އަޅުގަނޑުމެން އަދާކުރަން ޖެހޭ އިޖުތިމާޢީ ޒިންމާތައް އަދާކުރުމަށް ކޮށާލެވޭ ސަރާސަރު ސާފު ސީދާ މަގެއްކަން ތިޔަ ލޮބުވެތި ދަރިވަރުން ދަންނާންޖެހެއެވެ.
ދުނިޔެއަކީ ތޮށަލި ދުޅައަށް އެނބުރޭ އެއްޗެކެވެ. މިއަދު އުފާކޮށްފައި، މާދަމާ ރޯން ޖެހުމަކީ އާންމުކަމެކެވެ. އަޅުގަނޑުމެން މުދައްރިސުންނާއި ބެލެނިވެރިން މިކުރާ ކަމަކީ އެކަންކަމާ ކުރިމަތިލާން ދަރިވަރުންނަށް ދަސްކޮށްދިނުމެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނޭކަން، އެއްތުނޑި ވޮޑޭއިރު އަނެއް ތުނޑި ގިރަމުންދާނޭކަން އެ ކުދިންނަށް ވިސްނައިދިނުމެވެ. އެފަދަ ހައްސާސީ ދަނޑިވަޅުތަކުގައި ފަހި ވިސްނުން އިސްކޮށް އެދެވޭ ގޮތުގައި ރައްދު އަމަލުކުރާން ދަސްކޮށްދިނުމެވެ. ދިރާސީ އައު ޓާމެއް ފެށިގެންދާ އިރު، މި ދިޔަ ޓާމުގައި ކޮންމެވެސް ސަބަބަކާ ހުރެ ނާކާމިޔާބީއާ ކުރިމަތިވި ކުދިންނަށް، އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ، މި އަހަރަކީ ބޮންތީގައި ހިފާލެވޭނޭ އަހަރަކަށް ވުމަކީ ވެސް ދުރުކަމެއް ނޫންކަން ބުނެދިނުމެވެ.
ކޮންމެ އައު ޓާމަކީ ކާމިޔާބުކަމާއެކު ތަޢުލީމީ އައު ހަރުފަތެއް ގިރާކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކެވެ. ތިޔަ ކުދިންގެ ކުރިމަގު އުޖާލާ ކުރުމަށް ތި ކަނޑައްތުކުރާ އުނދަގޫ ރާސްތާގައި އެއް ހަރުފަތުން އަނެއް ހަރުފަތަށް ވާޞިލް ވެވޭނީ އަޅަމެންގެ ވެރި ރައްބުގެ ދިންނެވުމާ ފުއްސެވުން ލިބިގެންކަން ދަންނާންޖެހެއެވެ. ﷲ އަށް ޓަކައި އަދާކުރަން ޖެހޭ އަޅުކަންތައް އަދާކޮށްގެންކަން ހަނދާންކުރާންޖެހެއެވެ. އެހެންކަމުން ކޮންމެ ކުއްޖަކީ ވެސް ފަސް ވަގުތު ނަމާދުކުރާ ޞާލިޙް ކުއްޖަކަށްވާން ގަދައަޅައި މަސައްކަތްކުރާން ޖެހެއެވެ.
ދިރާސީ އައު އަހަރެއް މިއަދު ފެށިގެން ކުރިޔަށްދާ އިރު، ހަނދާންކުރަންވީ ކަމަކީ ތިޔަ ދަރިވަރުންގެ ޅަފަތުގައި، އިބްތިދާއީ ތައުލީމު (ޕްރައިމަރީ)ގެ ފުރަތަމަ ދެތިން ގްރޭޑުގައި މައިން ދެކެ ވާ ލޯބި ފަދައިން އިންތިހާއަށް ލޯބިވީ މުދައްރިސުންދެކެ ކަމެވެ. އުފަލުން ގޮސް ބައްދައި، ބޮސްދީ ހެދީ އެ ދެވަނަ މައިންބަފައިންގެ ގައިގައިކަމެވެ. ތި ކުދިން ދެރަވާ ހާލަތުގައި ރޯލަން ދިން ކޮނޑުތަކަކީ އެ މުދައްރިސުންގެ ކޮނޑުތައް ކަމެވެ. ތިޔަ ދަރިވަރުންގެ ކަރުނަތައް ފޮހެދިނީ އެ މުދައްރިސުން އަތް ދަބަހުގައި ގެންގުޅުނު ޓިޝޫތަކުންކަމެވެ. ފުރާވަރު އުމުރަށް އެޅުމުން އެ ގާތްކަން އެ މިންވަރަށް މުދައްރިސުންނާ ނުބޭއްވުނު ނަމަވެސް، އެއިން ކޮންމެ މުދައްރިސަކީ ވެސް ތިޔަ ދަރިވަރުން ދެކެ އިންތިހާއަށް ލޯބިވާނެ މުދައްރިސެއްކަން ތިޔަ ކުދިން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. މުދައްރިސުންނަށް ވުރެ އިސްކޮޅުން ދިގުވުމަކީ ފަހަރެއްގައި ވެސް އެ މުދައްރިސުންނަށް ވުރެ ތި ކުދިން ބޮޑުވެ މުދައްރިސުންގެ މައްޗަށް ބަސްކިޔުމަށް ލިބޭ ފުރުސަތެއް ކަމަށް ނުދެކޭށެވެ. ވިސްނާންވީ ކަމަކީ މަޔަކަށް ދުވަހަކު ވެސް ދަރިއަކު ބޮޑެއް ނުވާނެކަމެވެ. މުދައްރިސުންނަކީ ތިޔަ ދަރިވަރުންގެ ހިލޭ ބައެއް ނޫން ކަމާއި، އެއީ ތި ކުދިންގެ ދެ ވަނަ މައިންބަފައިންކަން އެންމެ ފަޅި ސިކުންތަކަށް ވެސް ހަނދާނުން ކައްސާލިޔަ ދީގެން ނުވާނެއެވެ. ސުވަރުގޭގެ ބަގީޗާތަކަށް މައިމީހާގެ ފައިތިލަ ދަށުން ދެވޭ ފަދައިން ތިޔަކުދިން ތި ހައްދާ ތައުލީމީ ބަގީޗާތަކުގައި ފޮޅޭ މާތަކުން މީރުވަސް ދުވާނީ، އެ ގަސްތަކުން މީރު މޭވާ ލިބޭނީ ތިޔަ ކުދިންގެ ދެވަނަ މައިންބަފައިންނަށް އިޙްތިރާމްކޮށް، އެ މައިންބަފައިންނަށް ލޯބިދީ، އެ މައިންބަފައިންގެ ބަސްއަހައިގެންކަން ހަނދާންކުރާންވާނެއެވެ.
ދިރާސީ އައު ޓާމެއް މުޅިން އައު އަހަރަކާ އެކު ފެށޭ ހިނދު، ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ މުހިންމު ކަމެއް ވެސް ފާހަގަކޮށްލާނަމެވެ. ގޭގައި މަދުރަސީ ތާވަލެއް ތައްޔާރުކޮށް، އުނގެނުމުގެ ވެށްޓަށް ދަރިފުޅު ހޭނުވުމުގެ ގޮތުން ވަކި ތާވަލަކާ އެއްގޮތަށް ދަރިފުޅުގެ ދުވާލާއި ރޭގަނޑުގެ ކަންތައް ބަހާލައި، އެ ކަންތައް އެ ގަޑިތަކަށް ކުރަން އާދަކޮށްދީ، ހޭލަން ޖެހޭ ގަޑިއާއި ދަތްއުނގުޅައި، ފެންވަރައި ތައްޔާރުވާން ޖެހޭ ގަޑި ވެސް ކަނޑައަޅައި ތާވަލުކުރުން މުހިންމެވެ. ސައި ގަޑިއާ ކިޔެވުމުގެ ވަގުތުތަކާއި، ކުޅިވަރު ކުޅޭނެ ގަޑިތަކާއި އަރާމުކުރާނެ ވަގުތުތައް ވެސް ތާވަލުގައި ކަނޑައަޅައި، ދަރިފުޅަށް ފެންނާނެހެން އެ ތާވަލު ބެހެއްޓުން މުހިންމެވެ. މި ކަހަލަ ތާވަލަކަށް ދަރިފުޅު ހާނުވަން ފަށާއިރު، ދަރިފުޅު ގޮވައިގެން މަދުވެގެން ހަފްތާއަކު އެއް ފަހަރު ބޭރަށް ނުކުމެލާނެ ވަގުތެއް ވެސް ތާވަލުގައި ހިމެނުމަކީ މުހިންމުކަމެކެވެ. މި ގޮތަށް އަމަލުކުރުން މަތީ ދެމި ތިބެވިއްޖެ ނަމަ ދަރިވަރުންގެ ޢިލްމާއި ހިލްމަށް، އުޅުމާއި ގުޅުމަށް ހީވެސް ނުކުރާފަދަ ހެޔޮ ބަދަލުތައް އަންނާނޭ ކަމީ ދުވާލުގެ އިރު ފަދައިން ފެންނާން އޮތް ކަމެކެވެ.
އުއްމީދަކީ ކޮންމެ ދަރިވަރަކީ ވެސް ޝުކުރުވެރިވާން ދަންނަ، ހެޔޮ ޢަމަލުކުރުން މަތީ ދެމިހުންނަ، ރަނގަޅު އަމާޒެއް ކަނޑައަޅައި އެ އަމާޒަށް ވާޞިލްވުމަށް ހިންމަތްކުރާ ޢަޒުމް ވަރުގަދަ ދަރިވަރަކަށް ވުމެވެ. މައިންބަފައިންނާއި މުދައްރިސުން ވެސް އިހުނަށް ވުރެ ވެސް ބޮޑަށް ދަރިންނަށް އަޅައިލައި ދަރިންގެ ކުރިމަގު އުޖާލާކުރުމަށް ކަށިން ހިތްވަރު ނެރެގެން މަސައްކަތްކުރާ ތަން ފެނުމެވެ. ހެޔޮ ލަފާ ޖީލެއް ބިނާކުރެވޭނީ މި މަގަށް މަސައްކަތްކުރެވިގެންނެވެ.