މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން މުޅި ރާއްޖޭގައި ފެށިއިރު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރީ ޕްރައިމަރީއާއި ސާނަވީއާއި މަތީ ސާނަވީގައިވެސް ކިޔެވުން ވަނީ ފަށާފައެވެ. ސާނަވީ ދަރިވަރުންނަށް މިއަދު ހެނދުނު ވަނީ 2 އެސެމްބްލީ ބާއްވާފައެވެ. ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް އެސެމްބްލީ ބޭއްވީ ހެނދުނު 7:15 ގައެވެ.

މި އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، މިއަދު ތިޔަކުދިން އަޒުމް ކަނޑައަޅަންވީ ދިރާސީ އަހަރެއްގެ ކިޔެވުން ފެށޭ އިރު މިއަހަރު ތިޔަކުދިން ކިޔަވާ ގްރޭޑް ތަކުގައި ރަނގަޅު ނަތީޖާތަކެއް ހޯދުމަށްކަމަށާއި، ކޮންމެ ދުވަހަކު ބަރާބަރަށް ސްކޫލަށް ހާޒިރުވުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައެވެ. އަހްމަދިއްޔާއަކީ، އަޚްލާގަަށް ވަރަށްބޮޑަށް އިސްކަންދޭ ސްކޫލެއްކަމަށްވާތީ މިސްކޫލްގައި ހެދިފައި ހުންނަ ގަވާއިދުތަކާއި އުސޫލްތަކާ އެއްގޮތަށް ސްކޫލްގައި ދަރިވަރުންގެ ޢަމަލުތައް ބަހައްޓަން ޖެހޭނެކަމުގައެވެ.

ގްރޭޑް 9 އަދި 10ގެ ދަރިވަރުންނަށް އެސެމްބްލީ ބޭއްވީ ހެނދުނު 7:45 ގައެވެ. މި އެސެމްބްލީގައި ވެސް ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް މުޙައްމަދު ރަޝީދު އެންމެފުރަތަމަ ފާހަގަ ކުރެއްވީ، ހުރިހާ ދަރިވަރުންވެސް ބަރާބަރަށް ސްކޫލަށް ހާޒިރުވުމުގެ މުހިއްމު ކަމެވެ.

"ފާއިތުވި އަހަރުތަކުގައިވެސް ވަރަށް ބޮޑަށް ފާހަގަކުރެވިގެންދިޔަ ސްކޫލަށް ހާޒިރު ވުމުގައި ބައެއް ކުދިން ފަރުވާކުޑަވެގެންދިޔަތަން. އޭގެ ނަތީޖާއެއްގެ ގޮތުން އެކުދިން ކިޔަވަމުންދިޔަ ގްރޭޑްތަކުގައި ތަކުރާރުކުރަން ޖެހުން. ވޭތުވެދިޔަ އަހަރު ގްރޭޑް 9 ގައި ކިޔެވި ބައެއް ދަރިވަރުން މިއަހަރު ގްރޭޑް 10 އަކަށް ބަދަލުވެގެން ނުދިޔައީވެސް ބަރާބަރަށް ސްކޫލަށް ހާޒިރު ނުވުމުގެ ސަބަބުން. އެކުދިންނަށް ލިބުނު ނަތީޖާ ދަށް ވުމުގެ ސަބަބުން." ޕްރިންސިޕަލް ވިދާޅުވިއެވެ.
ޕްރިންސިޕަލް ވިދާޅުވީ، މިއަދު ތިޔަކުދިން އެންމެ ބޮޑަށް ވިސްނަންވީ ކަމަކީ، މިދިރާސީ އާއަހަރު ތިޔަކުދިން އާ އަޒުމެއްގައި ކިޔެވުން ފަށައި ގްރޭޑް 9 ން ގްރޭޑް 10 އަކަށް ހުރިހާ ކުދިން ބަދަލުވުމަށާއި މިއަހަރު ގްރޭޑް 10ގައި ކިޔަވާ ތިޔަކުދިންގެ ކުރިމަތީގައި އޮތް އެސް.އެސް.ސީ އިމްތިހާނާއި ކޭމްބްރިޖް އޯލެވެލް އިމްތިހާން ރަނގަޅު ނަތީޖާ ތަކެއް ހޯދުމަށް އަޒުމް ކަނޑައަޅައި މަސައްކަތް ކުރުމަށެވެ. ހަމަ އެއާއެކީގައި އަޙްމަދިއްޔާއަކީ އަޚްލާގަށް ވަރަށް ބޮޑަށް އިސްކަންދޭ ސްކޫލަކަށްވާތީ އެއްކުއްޖަކު އަނެއް ކުއްޖަކަށް އިހްތިރާމް ކުރުމާއި ކިޔެވުމުގެ ބޭރުން އެހެން ކަހަލަ ކަންކަން ސްކޫލްތެރޭގައި ނުހިންގުމަށްވެސް ޕްރިންސިޕަލް އިލްތިމާސް ކުރެއްވިއެވެ.

މިއަދު 11 ޖެހިއިރު ގްރޭޑް 1 ގެ ދަރިވަރުންނަށްވެސް ވަނީ އެސެމްބްލީއެއް ބާއްވާފައެވެ. މިއަދު މެންދުރު ފަހުގެ ވަގުތު ތަކުގައިވެސް އިތުރު ގްރޭޑް ތަކުގެ އެސެމްބްލީތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.