މިއަދު ފެށުނު ދިރާސީ އާއަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި މަސައްކަތް ކުރައްވާ އެންމެހާ ލޮބުވެތި މުދައްރިސުންނަށާއި އަދި އާއްމުކޮށް މުޅި ރާއްޖޭގައި މަސައްކަތް ކުރައްވާ އެންމެހާ މުދައްރިސުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަމެވެ. މި ފެށުނު ދިރާސީ އާއަހަރަކީ، އަޅުގަނޑުމެންގެ ދަރިވަރުންނަށް ހުރިހާގޮތަކުންވެސް ކާމިޔާބު އަދި ބާއްޖަވެރި އަހަރެއްގެ ގޮތުގައި ލެއްވުންއެދި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
މި އާއަހަރަކީ އަޅުގަނޑުމެންގެ ކިޔެވުމުގައި ކޮރޯނާގެ ދަތި ދުވަސްވަރަށްފަހު ދިރާސީ އާއަހަރެއްގެ ކިޔެވުން އަނެއްކާވެސް ފެށިގެންދާ އަހަރު ކަމަށްވާތީ މިހާރު އަޅުގަނޑުމެން އެންމެން މިވަގުތު އަޒުމް ކަނޑައަޅަންވީ އަޅުގަނޑުމެންގެ ދަރިވަރުންނަށް ވޭތުވެ ދިޔަ ތަނުގައި ސްކޫލްގެ މާޙައުލުން ގެއްލިގެންދިޔަ ދުވަސްތައް އަނބުރާ ހޯދާ އެކުދިންނަކީ ކިޔެވުމާއި އަދި ކުޅިވަރުގައި ހަރަކާތްތެރިވާ ކުދިބަޔަކަށް ހެދުމަށެވެ. އަދި ހަމައެއާއެކީގައި އެކިއެކި އިމްތިހާން ތަކުގައި ރަނގަޅު ނަތީޖާ ތަކެއް ހޯދާ ދަރިވަރުންގެ ގޮތުގައި އަޅުގަނޑުމެންގެ ދަރިވަރުން ވެގެން ދިޔުމަކީ، އަޅުގަނޑުމެންގެ އުއްމީދަކަށް ހެދުމަށެވެ.
މި އުއްމީދު ހާސިލް ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތް ކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެކެވެ. ޚާއްޞަކޮށް އަޙްމަދިއްޔާގެ ދަރިވަރުންނަކީ ކިޔަމަންތެރި ބަސްއަހާ އަޚްލާޤު ރަނގަޅު ދަރިވަރުންގެ ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކައި އަޅުގަނޑުމެން ވަރަށްގިނަ މަސައްކަތްތަކެއް އެބަކުރަމެވެ.
އެެހެންވީމާ މި މަސައްކަތުގައި މި ސްކޫލްގެ ހުރިހާ މުދައްރިސުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން އަޅުގަނޑު ވަރަށްބޮޑަށް ބޭނުންވެއެވެ. ހަމައެއާއެކީ ކުޅިވަރާއި އިތުރު ހަރަކާތްތަކުގައި ދަރިވަރުން މިބައިވެރިވާ ކަންކަމުގައި ޓީޗަރުންގެ ބައިވެރިވުން މިހާރަށްވުރެ އިތުރު ކުރެއްވުމަށާއި އަދި ކިޔަވައިދެއްވުމުގައި މިހާރަށްވުރެ ބޮޑަށް ޓީޗަރުން ތައްޔާރުވެ ވަޑައިގެން ކިޔަވައިދެއްވުމަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް އިލްތިމާސް ކުރަމެވެ. އަދިވެސް އެއްފަހަރު މިފެށުނު ދިރާސީ އާއަހަރުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ބޭފުޅުންނަށާއި އަޅުގަނޑުގެ ލޮބުވެތި ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންނަށް ރައްދުކުރަމެވެ.