ހެނދުނު ދަންފަޅިއަށް އަހްމަދިއްޔާގެ އޭލެވެލް ބަދަލުކުރުން – ވަރަށް މުހިއްމު ބަދަލެއް.

ދިރާސީ އާ އަހަރުގެ ކިޔެވުން އިއްޔެ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ފެށުނު އިރު ގެނެވުނު އެންމެ ބޮޑު ބަދަލަކީ، އޭލެވެލްގެ ގަޑިތައް ހެނދުނުގެ ދަންފަޅިއަށް ބަދަލުކުރުމެވެ. އަޙްމަދިއްޔާގައި އޭލެވެލް ކުލާސްތައް 2009 ގައި ފެށީއްސުރެ 11 އަދި 12 ގެ ކުލާސްތައް ބޭއްވެމުން ދިޔައީ މެންދުރުފަހުގެ ދަންފަޅީގައެވެ. އެކަމަކު މި ދިރާސީ އަހަރު މިފެނުނީ ހެނދުނު ދަންފަޅިއަށް ކުލާސްތައް ބަދަލު ކުރިތަނެވެ. މިގޮތަށް ބަދަލު ކުރީ ކީއްވެ ބާވައެވެ. އެކަމުގެ ނަތީޖާ ދައްކާނީ ކޮންގޮތަކަށް ބާވައެވެ.

އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، މިބަދަލަކީ މިސްކޫލްގެ ޖާގައިގެ ދަތިކަން ހުރި ގޮތުންނާއި އަދިި ކުރިއަށް އޮތްތާނގައި އޭލެވެލް އަށް ކިޔަވާ ދަރިވަރުންނަށް ހެނދުނު ދަންފަޅިގައި ކިޔަވައިދިނުމުގެ ފުރުޞަތެއް ހަމަޖެހިގެން ދިޔުމަކީ ވަރަށް ދުރަލާ ވިސްނާވަޑައިގަންނަވަމުން ދިޔަ ކަމަކަށްވެސް ވާތީ، އެކުދިންގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި އަޅަންބޭނުންވި ފިޔަވަޅެއް ކަމުގައެވެ.

އޭލެވެލް ކުލާހެއްގައި ދަރިވަރުން ކިޔަވަނީ.. އަހްމަދިއްޔާ ފޮޓޯ: ހަރުޝާ

"މެންދުރު ފަހުގެ ދަންފަޅީގައި އަބަދުމެ އޭލެވެލްއަށް ކިޔަވައިދެމުންދާތީ އެކުދިންނަށް އަޅުގަނޑުމެން ކޮށްދެން ބޭނުންވާ މަސައްކަތް އެންމެ ހެޔޮ ގޮތުގައި ކޮށްދިނުމަށް ކޮންމެވެސް ހުރަސްތަކެއް އެބަ އެޅޭ. އެސަބަބަކީ އެންމެ ހެނދުނާ އެކުދިން ސްކޫލަށް ގެނައުމުގެ ބަދަލުގައި މެންދުރު ފަހުން ސްކޫލަށް ގެނައުމަކީ، އެކުދިންގެ މެންދުރުފަހުގެ ގަޑީގެ އިތުރު ހަރަކާތްތަކާއި އެކުދިން ވަރަށް ގިނަކަންކަމުން މަހުރޫމްވެގެންދާ ކަމެއް. މެންދުރު ކުރީގެ ދަންފަޅިއަށް މިކުދިން ބަދަލުކުރުމުން އެންމެ ބޮޑުކަމެއްގެ ގޮތުގައި އަޅުގަނޑަށް ފެނިގެންދަނީ ކުދިން ފަތިހު ހޭލާ ސްކޫލަށް އައުމަށް ތައްޔާރުވުމާއި އަދި އެންމެ ތާޒާކަންމަތީގައި ސްކޫލަށް އައިސް ސްކޫލްގައި ކިޔެވުން. މެންދުރުފަހުގެ ދަންފަޅިއަކީ އެކުދިންގެ ކުޅިވަރާއި އިތުރު ހަރަކާތްތަކާއި އިތުރަށް ކިޔެވުމާއި މިކަންތަކުގައިވެސް ޝާމިލުވުމަށް ލިބޭނެ އިތުރު ވަގުތަކަށް ވެގެންދާނެ." ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލް ވިދާޅުުވީ، މިއީ ވަރަށް ހެޔޮ ބަދަލެއްގެ ގޮތުގައި ކުރިއަށް އޮތްތަނުގައި ފެންނާނެކަމަށް އުއްމީދުކުރައްވާ ކަމުގައެވެ. އަދި މިސްކޫލްގެ އޭލެވެލްއަކީ މިވަގުތު މާލޭގައި އެންމެ ރަނގަޅު އޭލެވެލް ސްކޫލްކަން މިދަންނަވަނީ ވަރަށް ކެރިހުރެގެންކަމާއި އަޙްމަދިއްޔާގައި އޭލެވެލްއަށް ކިޔަވައިދެއްވާ މިހާރު މިސްކޫލްގައި ތިބި ޓީޗަރުންނަކީ، އޭ ލެވެލްއަށް ކިޔަވައި ދިނުމުގައި އެންމެ ތަޖުރިބާކާރު ޓީޗަރުންކަމުގައި ވަރަށް އުފަލާއެކު ފާހަގަކުރައްވާ ކަމުގައެވެ. ކުރިއަށް އޮތް ދިރާސީ އަހަރު މިސްކޫލަށް ވަރަށްގިނަ ދަރިވަރުން ގުޅިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އޭލެވެލް ކުލާހެއްގައި މުދައްރިސަކު ކިޔަވައިދެއްވަނީ… އަހްމަދިއްޔާ ފޮޓޯ: ހަރުޝާ

" މިހާރުވެސް ބަލާލާއިރުގައި މިސެޕްޓެމްބަރުގައި ދިރާސީ އަހަރު މިފެށެނީ. މިހާތަނަށްވެސް ވަރަށް ބޮޑު ތަރުހީބެއް މިސްކޫލަށް ވަނުމަށްޓަކައި ނަންނޯޓް ކުރުމުގެ ލިސްޓަށް ބަލާލާއިރު އަޅުގަނޑަށް އެބަފެނޭ. އުއްމީދުކުރަނީ ކުރީ އަހަރުތަކަށްވުރެ ބޮޑު ތަރުހީބެއް މިއަހަރު ސްކޫލަށް ލިބިގެން ދާނެ ކަމަށް." ޕްރިންސިޕަލް ވިދާޅުވިއެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙު ވިދާޅުވީ، ހެނދުނުގެ ދަންފަޅިއަށް އޭލެވެލް ދަރިވަރުން ބަދަލު ވުމަކީ ހަގީގަތުގައި އޭލެވެލްގެ މިއުމުރުފުރައިގެ ކުދިންނަށް ވަރަށް ހެޔޮ ބަދަލެއްކަމުގައެވެ. މެންދުރު ފަހުގެ ދަންފަޅީގައި އޮންނައިރު ވަރަށް ގިނަ ވަގުތު ދަރިވަރުންނަށް ގެއްލިގެން ދާކަމާއި އެކުދިންގެ އިތުރު ހަރަކާތްތަކާއި އަދި އިތުރަށްވެސް ޓީޗަރުންގެ އެހީތެރިކަން ހޯދުމަށް ނަގާ ގަޑިތަކާއި މިކަންކަމަށްވެސް ބުރޫއަރައިގެން ދާކަމަށްވެސް ޞަލާހް ވިދާޅުވިއެވެ.

އޭލެވެލް ކުލާހެއްގައި މުދައްރިސަކު ކިޔަވައިދެއްވަނީ… އަހްމަދިއްޔާ ފޮޓޯ: ހަރުޝާ

ހެނދުނުގެ ދަންފަޅިއަށް އޭލެވެލް ދަރިވަރުން ބަދަލު ވުމާއި ގުޅިގެން ގްރޭޑް 11 ގެ ދަރިވަރުންގެ ދަންފަޅި ހަމަޖެހިފައިވަނީ، ހެނދުނު 7:00 ން 10:45 އަށެވެ. ގްރޭޑް 12 ގެ ދަރިވަރުންގެ ދަންފަޅިއަކީ، ހެނދުނު 10:30 ން މެންދުރު ފަހުގެ 2:55 އަށެވެ.

ޞަލާޙު ވިދާޅުވީ، މިކުދިންގެ ހަރަކާތަށް ބަލާލާއިރު މިގޮތަށް ބަދަލު ގެނައުމުން ހުރިހާކުދިންވެސް ތިބީ ވަރަށް އުފާވެފައިކަމާއި މިއީ، އެކުދިން ވަރަށް ބޮޑަށް ބޭނުންވާ ބަދަލެއްކަމުގައެވެ.

އޭލެވެލް ކުލާހެއްގައި މުދައްރިސަކު ކިޔަވައިދެއްވަނީ… އަހްމަދިއްޔާ ފޮޓޯ: ހަރުޝާ

"މިއަދުގެ ހާޒިރީވެސް ވަރަށް ރަނގަޅު. ހުރިހާ ކުދިންހެން ވަނީ ހާޒިރުވެފައި. ކިޔަވައިދިނުމުގެ އަހަރެއް ފެށިގެން ދާއިރު އެހެންޏާ ނުފެންނަވަރުގެ ރަނގަޅު ޕޮޒިޓިވްކަމެއް އެބަފެނޭ." ޞަލާޙު ވިދާޅުވިއެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ ، މިހާރު އެޑެކްސެލް އިމްތިޙާނު ތަކުގައި ރާއްޖޭގައި އެންމެ ރަނގަޅު ނަތީޖާ ނެރެދޭ އެއް ސްކޫލެވެ. ހައި އެޗީވާރސް ޙާޞިލްކުރި ދަރިވަރުންނަށް ސްކޮލަރޝިޕް ހަވާލުކުރުމަށް އެންމެ ފަހުން ބޭއްވި ހަފްލާގައިވެސް އަޙްމަދިއްޔާގެ 12 ދަރިވަރުންނަށްވަނީ ސްކޮލަރޝިޕް ލިބިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *