އާރޓިކަލް 80 : ނަބިއްޔާއަށް ކަމޭހިތާ މާތްކޮށް ހިތުމުގެ މުހިންމުކަން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ކަމޭހިތުމަކީ އިސްލާމްދީން މުސްލިމުންނަށް ދަސްކޮށްދެއްވާފައިވާ އަޚްލާޤީ ރިވެތި ސިފަތަކުގެ ތެރެއިން ނުހަނު ރީތި ސިފައެކެވެ. ތިމާގެ ގައިގައި އެސިފައެއް ތަރުބިއްޔަތު ކުރުވާ ހަރުލައްވަންޖެހޭ މުހިންމު އާދައެކެވެ. ކަމޭހިތުމަކީ އިޙްތިރާމްކުރުމުގެ ތެރެއިންވާ ކަމެކެވެ.

އަހަރެމެން މުސްލިމުން އިންސާނުންގެ ތެރެއިން އެންމެބޮޑަށް އެބޭކަލަކަށް އެންމެ ކަމޭހިތަންޖެހޭ ފަރާތަކީ މާތް ނަބިއްޔާ صلى الله عليه وسلم އެވެ. ނަމަވެސް މިއަދަކު އަހަރެމެންގެ އެކަކަށްވެސް އެނަބިއްޔާއާ ބައްދަލު ނުވެއެވެ. އެކަލޭގެފާނާއި ބައްދަލުވީ ބަޔަކީ މާތް ޞަޙާބީންނެވެ. އެބޭކަލުންނަށް އެކަލޭގެފާނަށް ކަމޭހިތާ މާތްކޮށް ހިތުމުގެ އަމުރުވަނީ ޤުރުއާނުގައި އައިސްފައެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنْزِلَ مَعَهُ أُولَئِكَ هُمُ الْمُفْلِحُونَ﴾ سورة الأعراف:157 މާނައީ: [ފަހެ އެނަބިއްޔާއަށް އީމާންވީ މީހުން އެކަލޭގެފާނަށް ކަމޭހިތައި ނަޞްރުދީ އެކަލޭގެފާނާއި އެކުގައި ބާވައިލެއްވުނު ނޫރަށް (ޤުރުއާނަށް) ތަބާވެއެވެ. އެބައިމީހުންނީ އެއީ ކާމިޔާބުލިބިގެންވާ މީހުންނެވެ.] ވީމާ އެކަލޭގެފާނަށް ކަމޭހިތުމަކީ އިލާހީ އަމުރުފުޅެކެވެ. އެއާ ޚިލާފުވެއްޖެ ނަމަ އެމީހެއްގެ އީމާންކަމަށް ބޮޑު އަސަރެއް ކުރާނެކަން ޔަޤީނެވެ. އީމާންކަމުގެ ސިފައިން އެމީހަކު މަޙްރޫމްވާ ހިސާބަށްވެސް އެކަލޭގެފާނަށް ކަމޭ ނުހިތައިފިނަމަ ހިނގައިދާނެއެވެ.

މިއަދު މިއާޔަތްތަކަށް އަހަރެމެންނަށް ޢަމަލުކުރަން ނުޖެހޭނޭ ކަމަށް ބައެއްމީހުންނަށް ހީވެދާނެއެވެ. ރަނގަޅެވެ. ސީދާ ޢަމަލީގޮތުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ހުރެ ކަމޭހިތޭނެ ގޮތެއް ނެތެވެ. ނަމަވެސް ވިސްނާލަން ޖެހެއެވެ. އެކަލޭގެފާނުގެ ހަށިކޮޅަށް ކަމޭހިތުމުގެ އިތުރުން އެކަލޭގެފާނުގެ ބަސްފުޅުތަކަށް ކަމޭހިތުންވެސް މިއަމުރުފުޅުގެ ތެރެއަށް ވަންނާނެއެވެ. ވީމާ އެކަލޭގެފާނު ބަސްފުޅުތައް މިއަދުވެސް އަހަރެމެންނަށް ލިބޭން އެބަހުއްޓެވެ. އެބަސްފުޅުތައް ކިޔާލާހިތުން އެހޯދަން އުޅުން އެއީ އެކަލޭގެފާނަށް ކަމޭހިތުން ކަމުގައި ނުވެ ނުދާނެއެވެ. އެކަލޭގަފާނުގެ ދެކެ ވާލޯބިން އެކަލޭގެފާނަށް މާތްކޮށް ހިތުމަށްޓަކައި އެކަލޭގެފާނުގެ ޙަދީޘްފުޅުތަކަށް ލޯބިކޮށް އެއަޑުއެހުމަށް ލޯބިކޮށް އައަޑުއަހައި ގަޑީގައި އެބަސްފުޅުތަކަށް ކަމޭހިތުން ވެއެވެ. އަދި އެބަސްފުޅުތައް ތިމާގެ ކަންފަތަށް އަޑުއިވޭ ހިނދު ކުރިމަތީގައި އެކަލޭފާނު ފެންނާން ނެތްކަމުގައިވިޔަސް މިއަޑުއިވެނީ އެކަލޭގެފާނުގެ މާތް ދޫފުޅުން ނިކުތް ބަސްފުޅުކަން އެނގި އެއީ ތިމަންނާއާ އެނަބިއްޔާ ދައްކަވާ ވާހަކައެއްކަމަށް ހަދާ އެއަށް ތަބާވުމުން، އޭރުން އެކަލޭގެފާނަށް ވަރަށްފުރިހަމައަށް މާތްކޮށް ހިތުނީއެވެ.

އެކަލޭގެފާނަށް އެންމެފުރަތަމަ އީމާންވެ ތަބާވެވަޑައިގެންނެވި ޞަޙާބީންގެ ޢަމަލަށް ބަލާއިރު އެބޭފުޅުން އެކަލޭގެފާނަށް ނުހަނުބޮޑަށް ކަމޭހިތައި މާތްކޮށް ހިތިއެވެ. އެބޭކަލުން އިށީނދެގެން ތިއްބަވާ ތަނަކުން އެކަލޭގެފާނުގެ ހުއްދަނެތި އެއިން އެއްވެސް ބޭކަލަކު ތެދުވެވަޑައި ނުގަންނަވައެވެ. އަދި އެއީ މުޅި އުންމަތަށް އައިސްފައިވާ އަމުރެއް ކަމުގައިވިޔަސް، އެއަށް ސީދާ ޢަމަލުކުރެވޭނީ އެވަގުތު އެކަލޭގެފާނު އަރިހުގައި ދިރިތިއްބެވި ޞަޙާބީންނަށެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ وَإِذَا كَانُوا مَعَهُ عَلَى أَمْرٍ جَامِعٍ لَمْ يَذْهَبُوا حَتَّى يَسْتَأْذِنُوهُ إِنَّ الَّذِينَ يَسْتَأْذِنُونَكَ أُولَئِكَ الَّذِينَ يُؤْمِنُونَ بِاللَّهِ وَرَسُولِهِ﴾ سورة النور:62 މާނައީ: [ހަމަކަށަވަރުންވެސް ޙަޤީޤީ މުއުމިނުންނަނީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވީމީހުންނެވެ. އަދި އެކަލޭގެފާނާއި އެކު ޢާންމުކޮށް ކަންކަމުގައި ތިބެ އެކަލޭގެފާނުގެ ހުއްދަ ނުހޯދައި އެތަނަކުން ނުދާމީހުންނެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ އަރިހުން ހުއްދަ ހޯދާމީހުންނީ އެއީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވީ މީހުންނެވެ.] ވީމާ އަހަރެމެންވެސް މިއަދު އެކަލޭގެފާނުގެ ބަސްފުޅުތައް އަޑުއިވޭހިނދު އެޙަދީޘްތައް ކިޔަވައިދެއްވާ އުސްތާޛެއްގެ ހުއްދަ ހޯދާފައި ނޫނީ އެތަނަކުން ނުދިޔުން އެއީ މުސްތަޙައްބުވެގެންވާ ރިވެތި ސިފައެއް ކަމުގައިވެއެވެ. އެއީ އެނަބިއްޔާ ބަސްފުޅުތަކަށް މާތްކޮށްހިތައި އެކަމަށް ކުރާ އިޙްތިރާމެއްގެ ބޮޑުކަމުންނެވެ.

އެޞަޙާބީން އެނަބިއްޔާގެ ވާހަކަފުޅު މެދުކަނޑާ ލައްވާ ބަސްތައް ވިދާޅުވާ ކަމުގައި ނުވެއެވެ. އެކަލޭގެފާނަށް ވުރެ އަޑުއުފުލައި ނަހައްދަވައެވެ. އެކަލޭގެފާނާއި ވަރަށް މާތްކޮށް މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވައެވެ. ﷲ سبحانه وتعالى މިއުންމަތަށް އަމުރުކުރައްވާފައިވަނީ އެގޮތަށެވެ. ﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَرْفَعُوٓاْ أَصْوَٰتَكُمْ فَوْقَ صَوْتِ ٱلنَّبِىِّ وَلَا تَجْهَرُواْ لَهُۥ بِٱلْقَوْلِ كَجَهْرِ بَعْضِكُمْ لِبَعْضٍ أَن تَحْبَطَ أَعْمَٰلُكُمْ وَأَنتُمْ لَا تَشْعُرُونَ﴾ سورة الحجرات:2 މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ނަބިއްޔާގެ އަޑުފުޅުގެ މައްޗަށް ތިޔަބައިމީހުންގެ އަޑުތައް ނުއުފުލާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ވާހަކަ ދައްކާއިރު އަޑުގަދަ ކުރާ ފަދައިން އަޑުގަދަ ނުކުރާށެވެ. އެހެންވެއްޖެ ނަމަ ތިޔަބައިމީހުންނަށް ހިލަމެއްވެސް ނުވާގޮތުގައި ތިޔަބައިމީހުންގެ ޢަމަލުތައް ބާޠިލުވެގެން ހިނގައިދާނެއެވެ.] އާޔަތުން އެނގިގެންދަނީ އެކަލޭގެފާނުގެ ވާހަކަފުޅުގެ މައްޗަށް އަޑުއުފުލާ ވާހަކަ ދައްކައިފިނަމަ އެމީހުންގެ ހެޔޮޢަމަލުތައް ކަމުގައިވާ އެމީހެއްގެ ނަމާދާއި ރޯދައާއި ދުލުން ކިޔާ ޛިކުރުތަކާއި އެނޫންވެސް ހެޔޮޢަމަލުތައް ބޭކާރު އެއްޗަކަށް ވެގެން ހިނގައިދާނޭ ކަމެވެ. އެއީ ކީއްވެގެންހެއްޔެވެ؟ އެއީ އެނަބިއްޔާއަށް މާތްކޮށް ނުހިތީމައެވެ. އެކަލޭގެފާނަށް އީމާންވާ މީހަކުނަމަ ފުރަތަމަވެސް އެކަލޭގެފާނަށް ކަމޭހިތަންޖެހޭތީއެވެ.

މިއާޔަތާއިމެދު އަދި އިތުރަށް ވިސްނާލަންޖެހެއެވެ. މިއަދު އަހަރެމެންނަށް މުސްލިމުންގެ ފުށުން ފެންނަ މަންޒަރެކެވެ. އެނަބިއްޔާ އަހަރެމެންނާއެކު މިއަދަކު ނުވެއެވެ. ނަމަވެސް ވަރަށް ގިނައިން އެކަލޭގެފާނުގެ ބަސްފުޅު އިވެއެވެ. ފޮތްތަކުން ކިޔެއެވެ. އެގޮތުން އެއީ އެކަލޭގެފާނުގެ ޞައްޙަ ޙަދީޘްފުޅެއްކަން އެނގޭއިރުވެސް ޙަދީޘެއް އަޑުއިވުމުން އެއަށް ޢަމަލު ނުކުރުމުގެ ގޮތުން ބަހަނާއަކަށްފަހު ބަހަނާއެއް ދައްކާ އެބަސްފުޅުގައި އެބުނެދޭ ވާހަކަ ތިމާއަށް އެނގޭ އިރުވެސް އެއާޚިލާފުވާނޭހެން ވާހަކަދައްކާ ހަދަނީ، މިއަދު ކިތައް ކިތައް މުސްލިމުން ހެއްޔެވެ؟ އެބައިމީހުން ދެން ކުރާ ހެޔޮޢަމަލުތަކަށް ވާނެގޮތެއް ވިސްނާލުން ހުއްޓެވެ. ތިމާއަށް އެކަލޭގެފާނު އެވިދާޅުވި ބަސްފުޅުގައި އެބުނާ ވާހަކަ އެނގުމަށްފަހު އެއަށް ޢަމަލު ނުކުރެވޭނަމަ ނުވަތަ އެއަށްޢަމަލު ކުރުން އުނދަގޫ ޙާލަތެއްގައި ހުރިނަމަ އެންމެކުޑަމިހުން އެބަސްފުޅަށް ކަމޭހިތައި އެޤަބޫލުކުރުން ކިޔެއް ހެއްޔެވެ؟ އެބަސްފުޅަށް މާތްކޮށް ހިތުމުގެ ގޮތުން އެބަސްފުޅުގެ މައްޗަށް ތިމާގެ އަމިއްލަ ބަސްތައް އުފުލައި ނެހެދުން އޭނާގެ މައްޗަށް ވާޖިބުވެގެން ވެއެވެ. މިގޮތަށް ޢަމަލުތައް ބެހެއްޓުން ނުހަނު މުހިންމުވެގެންވެއެވެ.

ނިކަން ބައްލަވާށެވެ! ބައެއް ޞަޙާބީން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަލޭގެފާނުގެ ހައިބަތުފުޅު ބޮޑުކަމުން، އެކަލޭގެފާނަށް މާތްކޮށް ހިތާލެއް ބޮޑުކަމުން އެނަބިއްޔާގެ މޫނުފުޅަށް ހަތަރުކަޅި ހަމަކޮށް ބަލާލަންވެސް ކެރިވަޑައި ނުގަންނަވައެވެ. އެގޮތުން ޞަޙާބީ ޢަމްރު ބުނުލް ޢާޞް رضي الله عنه ވިދާޅުވި ބަސްފުޅު ނިކަން ބައްލަވާށެވެ. ޞަޙީޙް މުސްލިމްގައި ރިވާވެގެންވާ އެކަލޭގެފާނުގެ ބަސްފުޅެއްގެ މާނައިގައިވެއެވެ: "ރަސޫލާ صلى الله عليه وسلم އަށްވުރެ ތިމަންގެ ގާތުގައި ލޮބުވެތިކަން ބޮޑު އެހެން އެކަކުވެސް ނުވެއެވެ. އަދި ތިމަންގެ ލޮލުގެ ކުރިމަތީގައި އެކަލޭގެފާނަށްވުރެ މާތް އެހެން ބޭފުޅެއް ނުވެއެވެ. އަދި އެކަލޭގެފާނަށް މާތްކޮށް ހިތުމުގެ ގޮތުން ހަތަރުކަޅި ހަމަކޮށް ތިމަންނާއަށް އެކަލޭގެފާނާ ދިމާއަށް ފުރިހަމައަށް ބަލައިލުމުގެ ހިތްވަރުވެސް ލިބިގެން ނުވެތެވެ. އެކަލޭގެފާނު ސިފަކޮށްދިނުމަށް ތިމަންނާގެ ގާތުގައި އެދިއްޖެ ނަމަ ތިމަންނާއަކަށް އެކަމެއް ނުވާނެއެވެ. ސަބަބަކީ ތިމަންނާއަށް އެކަލޭގެފާނުގެ މޫނުފުޅަށް ފުރިހަމައަށް ބަލައިލެވިފައި ނުވެއެވެ." ވިސްނާލުން ހުއްޓެވެ. އެބޭކަލުން އެނަބިއްޔާއަށް މާތްކޮށް ހިތުމުގައި ކަންކޮށްފައިވާ ވަރު މިރިވާޔަތުން އެނގިގެންދެއެވެ. އެފަދައިން އެކަން އަހަރެމެންނަށް ވާނެތޯ ޗެކު ކުރުމަށްވެސް މިއަދު އަހަރެމެންނަކަށް އެކަލޭގެފާނުގެ އަރިހުގައި މަޑުކޮށްލެވޭކަށް ނެތެވެ. އެކަލޭގެފާނު އަހަރެމެންނާއެކު ނުވެއެވެ. ނަމަވެސް އެކަލޭގެފާނުގެ ބަސްފުޅުތައް ނުހަނު ގިނައިން ފޮތްތަކުގައި ވެއެވެ. އެކަލޭގެފާނު ޙަދީޘްފުޅުތަކާއި އެކަލޭގެފާނުގެ ސުންނަތް މިބިމުން ފުހެވިގެން ނުދެއެވެ. ވީމާ އަހަރެމެންނަށް ވެސް އެކަލޭގެފާނަށް މާތްކޮށް ހިތޭނެއެވެ. އަދި މާތްކޮށް ހިތަންޖެހޭނޭ ގޮތުގެ މަތީން މާތްކޮށް ހިތަންވެސް ޖެހޭނެއެވެ.

އަޅަމެންނީ ނަބިއްޔާގެ ސުންނަތްތަކަށް މާތްކޮށް ހިތާ ކަމޭހިތާ ބައެއްގެ ގޮތުގައި ލައްވާށި! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *