މިދިޔަ އަހަރު އޯ ލެވެލް އަދި އޭލެވެލް އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުން މި އޯގަސްޓްމަހުގެ 24 އަދި 25 ގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ. މިފަހަރު ގަދަ 10 ގައިވަނީ ރިކޯޑު އަދަދަދަކަށް ދަރިވަރުން ހިމެނިފައެވެ.
މިދިޔަ އަހަރުގެ ޖޫން/ޖުލައިގައި އިމްތިހާނު ހެދި 5،955 ދަރިވަރުންގެ ތެރެއިން ގަދަ 10 ގައި ވަނީ 700 އަށްވުރެ ގިނަ ދަރިވަރުން ހިމެނިފަ އެވެ. މީގެ ކުރިން އޯ ލެވެލް ގަދަ 10 ގައި އާއްމުކޮށް ހިމެނިފައި ތިބީ ވެސް ގާތްގަނޑަކަށް ހަތަރު ސަތޭކައެއްހާ ދަރިވަރުންނެވެ. މިއީ، މިހާތަނަށް އޯ ލެވެލް ގަދަ 10 ގައި އެންމެ ގިނަ ކުދިން ހިމެނުނު ފަހަރެވެ. އަދި އެންމެ ގިނަ ޢަދަދަކަށް އޭ ސްޓާރ ވެސް ލިބުނު އަހަރެވެ.
އަދި މިދިޔަ އަހަރު އޭލެވެލް އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން 300 އަށްވުރެ ގިނަ ދަރިވަރުން ގަދަ 10 އެއްގައި ހިމެނިފައިވެއެވެ. މިއީ، މިހާތަނަށް އޭ ލެވެލް ގަދަ 10 ގައިވެސް އެންމެ ގިނަ ކުދިން ހިމެނުނު ފަހަރެވެ. ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް ބާއްވާ ޖަލްސާ ދެ ރެއަކަށް ބަހާލައިގެން ބާއްވަން ނިންމީ ވެސް ކުދިން ގިނަވުމުގެ ސަބަބުންނެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބެލެނިވެރިންގެ ސަމާލުކަމަށް ކުރިން ގެނެސްފައި ވަނީ، މިހާރު ސްކޫލްގައި އުޅޭ ދަރިވަރުން ހަފުލާއަށް ދާނީ މިހާރު ކިޔަވަމުންދާ ސްކޫލްގެ ޔުނީފޯމްގައި ކަމަށެވެ. ނަމަވެސް ބެލެނިވެރިންގެ ކަންބޮޑުވުންތަކާއެކު އެއީ މަޖުބޫރުކަމެއް ނޫން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ
" ޓޮޕް އެޗިވަރސް ޖަލްސާގައި ބައިވެރިވާ ދަރިވަރުން ސްޓޭޖަށް އަރާއިރު ސްކޫލް ޔުނީފޯމުގެ ބަދަލުގައި ކުލަ ހެދުންވެސް ބޭނުން ކުރެވިދާނެއެވެ. ޔުނިފޯމު ލައިގެން ޖަލްސާއަށް އަންނަން ބޭނުންވާ ދަރިވަރުންނަށް އެފުރުސަތުވެސް އޮތް ކަމުގައި ދަންނަވަމެވެ" އެވޯޑް ލިބޭ ދަރިވަރުންގެ ބެލެނިވެރިންނަށް އެޑިޔުކޭޝަން މިނިސްޓްރީން ފޮނުވި މެސެޖްގައި ބުނެފައިވެއެވެ.