އާރޓިކަލް 81 : ކުޑަކުދިންނާމެދު މަސްއޫލިއްޔަތު ވާންޖެހޭ

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ކުޑަކުދިންނަކީ އަމިއްލައަށް އެކުދިންގެ ދިރިއުޅުމުގެ އެންމެހައި މަސްއޫލިއްޔަތެއް އުފުލޭނޭ ބައެއް ނޫނެވެ. އެހެންވުމުގެ ސަބަބުން ދީނުގެ ކަންކަމުގައި މުކައްލަފުންނަށް ވެގެންދަނީ ބާލިޣުވުމުންނެވެ. ބުއްދީގެ ވިސްނުން އަމިއްލައަށް އުޅެވޭވަރަށް، އަދި އަމިއްލައަށް ހޯދާ ތަޖްރިބާތަކުން ތަރައްޤީކުރެވޭ ވަރުގެ ފެންވަރަކަށް ދިޔުމުންނެވެ. އޭގެ ކުރިން އެކުދިންގެ އެންމެހައިކަމެއްގެ ޒިންމާ އެޅިފައިވަނީ އެންމެ ފުރަތަމަ އެކުދިންގެ މައިންބަފައިންގެ ބޮލުގައެވެ. ނޫންނަމަ މައިންބަފައިންގެ މަޤާމުގައި އެކުދިން ބެލެހެއްޓުމާއި ޙަވާލުވެ ދާއިމީކޮށް ހުންނަ މީހަކާއެވެ. މިސާލަކަށް މައިންބަފައިންގެ ކިބައިން ޙަޟާނާގެ ޙައްޤު ނެތިއްޖެ ހިނދަކު ނުވަތަ އެބައިމީހުންގެ މީހަކު ނުވަތަ ދެމީހުންވިޔަސް ދުނިޔޭގައި ނެތް ޙާލަތުގައި އެކުދިންގެ ވާރުތަވެރިޔެކެވެ. ނުވަތަ ދައުލަތުން އެކުދިން ބަލަން ޙަވާލުކުރާ ފަރާތަކުންނެވެ. ނުވަތަ ސީދާ ދައުލަތުންނެވެ. އަދި އޭގެއިތުރުން ވަގުތީގޮތުން އެކުދިންގެ ނަފްސުތަކާއި ޙަވާލުވެ ހުންނަ މީހުންވެސް އެޙަވާލުވެ ހުންނަ ވަގުތުތަކުގައި އެކުދިން ތަރުބިއްޔަތު ކުރުމުގެ އެންމެހައި ޒިންމާތަކާއި އެވަނީ ޙަވާލުވެގެންނެވެ. މިސާލަކަށް ކުޑަކުދިން ބަލަހައްޓާ ޚާނާތަކުންނެވެ. ނުވަތަ އެކުދިންނާ ދުވަސްތަކުގެ ވަކި ވަގުތުތަކެއްގައި އެކުދިން ތަރުބިއްޔަތު ކުރުމަށް ޙަވާލުވާ މަދަރުސާތަކުންނެވެ.

މިފަދައިން ކުޑަކުދިންނާ ޙަވާލުވާ އެކިފަރާތްތަކާއި އެކުދިންގެ ބެލެނިވެރިފަރާތާއި ދެމެދުގައި ތަރުބިއްޔަތުގެ ވަކިދާއިރާއަކުން ޢަޤްދެއް ވެވިފައިވެއެވެ. ބެލެނިވެރިފަރާތުން އެކުދިން ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި އެކުދިންނަށް އަދަބުދަސްކޮށްދިނުމާއި އެކުދިންނަށް ބޭނުންޖެހޭ ދުނިޔޭގެ ބޭނުންތަކަށް ޚަރަދުކުރުމާއެކު ބޭނުންވާ ތަކެތި ހޯދައިދިނުން ހިމެނެއެވެ. ނަމަވެސް ކުދިން ބަލަހައްޓާ ޚާނާއަކުން ބެލެނިވެރިން ކޮށްދޭންޖެހޭ ހުރިހައިކަމެއް ކޮށްދޭން ނުޖެހުނަސް އެކުދިންނަށް އަސާސީ ޙައްޤުތައް އަދާކޮށްދިނުމާއެކު އެޙަވާލުވަނީ ރައްކާތެރިކޮށް ބެލެހެއްޓުމަށެވެ. އަދި މަދަރުސާއަކުން އެޙަވާލުވަނީ އަސާސީ ޙައްޤުތައް އަދާކޮށްދިނުމަށްފަހު، އެކުދިންނަށް ތަޢުލީމީ ތަރުބިއްޔަތެއް ދިނުމަށެވެ. ކުޅިވަރު ކުޅޭ މުއައްސަސާއަކުން އެޙަވާލުވަނީ އެކުދިންގެ އަސާސީ ޙައްޤުތައް އަދާކޮށްދިނުމަށްފަހު، އެކުދިންނަށް ދުޅަހެޔޮ ޞިއްޙަތެއް ފޯރުކޮށްދިނުމަށާއި އެޢަޤްދުގައި ހިމެނޭ ވަކިޚާއްޞަ ހުނަރެއް ގައިގައި އަށަގެންނެވުމަށެވެ. ސަރުކާރަކުން ޙަވާލުކުރާ މީހަކު ނުވަތަ ސަރުކާރަކުން އެކުދިން ބެލުމުގެ ޒިންމާ ނެގުމުން އެޙަވާލުވެވެނީ މައިންބަފައިން ނުވަތަ ބެލެނިވެރިޔާގެ އެންމެހައި ޒިންމާތަކެވެ.

މައިގަނޑު ގޮތެއްގައި ކުދިންގެ ޒިންމާ އިސްވެބުނެވުނު އެންމެހައި ދާއިރާތަކަކުން ވިސްނަނީ މިފަދައިންނެވެ. އަދި މިއެންމެހައި ފަރާތެއް އެކަމެއްގައި ޝާމިލުވާގޮތުގެ މަތިން މާމަތިވެރި މާބޮޑު މަސްއޫލިއްޔަތެއް އެ އެންމެހައި ފަރާތެއްގެ ބޮލުގައި އެޅިފައިވާ ކަމާމެދު ގިނަބަޔަކު މިއަދު ވަނީ ޣާފިލުވެގެންނެވެ. އެއީ މައިންބަފައިންނާ ހިސާބުން ފެށިގެން އިސްވެ ބުނެވުނު އެކުދިންނާ ޙަވާލުވާ އެންމެހައި ފަރާތްތަކެއްވެސް މެއެވެ. މިޒަމާނުގައި ވަރަށް މަދު ބަޔަކު ނޫނީ އެމަސްއޫލިއްޔަތާއިމެދު ވިސްނާ ފިކުރު ކުރާތަނެއް ނުފެނެއެވެ. އަދި ޢަމަލީ ގޮތުން އެމަސްއޫލިއްޔަތު އަދާކުރާތަނެއްވެސް ނުފެނެއެވެ. އަބަދުވެސް ފެންނަނީ ކުދިންނަށް ދުނިޔެވީގޮތުން ލިބޭންވާ އެންމެހައި ޙައްޤުތަކެއް އަދާކުރުމުގައި އުޅޭތަނެވެ. އެއިން ޙައްޤެއް ކިރިޔާވެސް އުނިވެއްޖެނަމަ ކަންބޮޑުވެ ޝަކުވާކުރާ ތަނެވެ. އުޚުރަވީ ޙައްޤު ގެއްލިގެން ބަޔަކު އުޅޭހެންވެސް ހީނުވެއެވެ. ދަރިންގެ އުޚިރަވީ ޙަޔާތާމެދު ވިސްނާ މީހުންގެ މަދުކަމާއެވެ!

ނަމަވެސް ކުދިންގެ ރައްކާތެރިކަމުގެ އަސާސީ އަދި އެންމެފުރަތަމަ ފިޔަވަޅަކީ އެކުދިން ނަރަކައިން މިންޖުވާނޭ ފަދައިން އެކުދިން ތަރުބިއްޔަތު ކުރުމެވެ. އެއަށްފަހުގައި ނޫނީ ދުނިޔެވީ އެއްވެސް ކަމެއްވެސް ނާންނަހުއްޓެވެ. ޤުރުއާނުގައި އެންމެހައި މައިންބަފައިންނަށް އަމުރުވެވިފައިވަނީ ވެސް އެކުދިން ނަރަކައިން ސަލާމަތްކުރުމަށް ކުރަންޖެހޭ އެންމެހައި ކަމެއްކޮށް އެފަދައިން އެކުދިން ތަރުބިއްޔަތު ކުރުމަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿يَا أَيُّهَا الَّذِينَ آمَنُوا قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَّا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ﴾ سورة التحريم:6 މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި ތިޔަބައިމީހުންގެ އަނބިދަރިން ތިޔަބައިމީހުން ނަރަކައިން ސަލާމަތްކުރާހުށިކަމެވެ. އަދި އެތަނުގެ ދަރަކީ މީސްތަކުންނާއި ހިލައެވެ. އެތަނާ ޙަވާލުވެގެން ހަރުކަށި ގަދަފަދަ މަލާއިކަތުން ވެއެވެ. އެބޭކަލުންނަށް ﷲ އަމުރުކުރައްވާ ކަންކަމަށް ނުއުރެދޭހުއްޓެވެ. އަދި އެބޭކަލުންނަށް އަމުރުކުރެވޭ ކަންކަން އެބޭކަލުން ކުރާނެތެވެ.] އައްޠަބަރީ ވިދާޅުވިއެވެ: އެބައިމީހުން ނަރަކައިން ސަލާމަތްކުރުމަކީ އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ނަރަކައިން ރައްކާތެރިވެވޭނޭ އަދި އެތަނުން ދުރުހެލިކޮށްދޭނޭ ކަންކަން އުންގަނައިދީ އެއަށް ޢަމަލުކުރުވުމެވެ. އަދި ތިޔަބައިމީހުން ﷲ ގެ އަމުރުފުޅުތަކަށް ބޯލަނބާ ކިޔަމަންވާށެވެ.

ވީމާ ތަރުބިއްޔަތު ކުރުމުގައި އެންމެބޮޑަށް އަމުރުވެވިގެންވަނީ ނަރަކައިން ދުރުކޮށްދޭނޭ ކަންކަމުގެ މައްޗަށް ތަރުބިއްޔަތު ކުރުމެވެ. އޭގެ ބަދަލުގައި އެދަރިން ކޮންމެ ޒަމާނެއްގައިވިޔަސް މިދުނިޔެ ދޫކުރާ ދުވަހަކުން އެކުދިން ނަރަކައަށް މަގުފަހިވާނޭ ގޮތަށް ތަރުބިއްޔަތު ކުރުވާ، ނަރަކައިން ސަލާމަތްކޮށްދޭ ކަންކަން ކުރުވުމަށް އިހުމާލުވެފައިވާ ނަމަ، އާޚިރަތްދުވަހަށް އީމާންވާ މީހެއް ނަމަ އެމީހަކު އެދަރިޔަށް މިދުނިޔެމަތީގައި އެހަދިޔާދިނީ ކޮށްފަދަ އަނިޔާވެރިކަމެއް ހެއްޔެވެ؟ އެލޯބި ދަރިފުޅަށް އެދިނީ ކޮންފަދަ ބޮޑު ގެއްލުމެއް ހެއްޔެވެ؟ އަމިއްލަ ނަފްސުގައި ހެޔޮކަންކަމަށް މަގުފަހިވެ ނުބައިކަންކަމުން ދުރުހެލިވުމުގެ އާރެއް ބާރެއް ނެތިވީ ކުދިންތަކަކަށް، އެދަރިފުޅު ދެކެ އެންމެ ލޯބިވާމީހާ ނުވަތަ އެންމެ ލޯބިދޭންޖެހޭކަމުގެ އިތުބާރު ލިބިފައިވާ ފަރާތުން ހުރިހައި ބާރެއް ހުރެމެ އެދަރިފުޅަށް ނުވަތަ އެކުޑަކުއްޖާއަށް އެވަނީ ބޮޑުއިހުމާލެއް ވެފައެވެ. އެކުއްޖާ ނަރަކައަށް މަގުފަހިކުރުވާ ފަދަ ތަރުބިއްޔަތެއް ދިނުމަށްވުރެ ނުބައި އަނިޔާއެއް މީހަކަށް ދެވޭނޭ ހެއްޔެވެ؟ ނަމަވެސް ހިތާމަޔަކީ މިފަދަ ގެއްލުންބޮޑުގޮތަކަށް ކުދިން ބެލުމުގެ ޒިންމާ ބައެއް ފަރާތްތަކުން އަދާކުރަމުން ދާކަމެވެ. އާޚިރަތްދުވަހަށްޓަކައި ދެވޭ ތަރުބިއްޔަތުތަކަށް އިހުމާލުވެފައިވާތަނެވެ.

ކުޑަކުދިންނަށް ދެވޭ މިފަދަ ތަރުބިއްޔަތަށް ދަރިންގެ މައިންބަފައިން އިހުމާލުވެގެން ނުވާނެއެވެ. ދަރިވަރުންނަށް ސްކޫލުންނާއި ޓީޗަރުން އިހުމާލުވެގެން ނުވާނެއެވެ. ކުދިންނާ ޙަވާލުވާ އެހެންވެސް މުއައްސަސާތަކުން، އެއީ ސަރުކާރުވިޔަސް ނުވަތަ އަމިއްލަ ވިޔަސް އެކަމަށް އިހުމާލުވެގެން ނުވާނެއެވެ. އަދި އެކުދިން ލައްވާ ނަމާދު ގަޑިތަކުގައި ނަމާދުކުރުވުމަކީ އެތަރުބިއްޔަތުގެ ލިސްޓުގައި އެންމެ ފުރަތަމަ ހިމަނަންޖެހޭ ޢަމަލެވެ. އައްތިރްމިޛީ އަދި އަބޫދާވޫދު ރިވާކުރެއްވި ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((مُرُوا أولادَكم بالصلاةِ و هم أبناءُ سبعِ سِنِينَ ، واضرِبوهم عليها وهم أبناءُ عشرِ سِنِينَ ، وفَرِّقُوا بينهم في المضاجعِ)) މާނައީ: [ތިޔަބައިމީހުންގެ ދަރިން ހަތް އަހަރުވުމުން އެކުދިންނަށް ނަމާދު ކުރުމަށް އަމުރުކުރާށެވެ. އަދި އެކުދިންގެ ޢުމުރުން ދިހައަހަރުވުމުން އަދަބުދީގެންވެސް ނަމާދު ކުރުވާށެވެ. އަދި އެކުދިންގެ ތަންމަތިތައް ވަކިކުރާށެވެ.] މިޙަދީޘާމެދު ނިކަން ވިސްނާލުން ހުއްޓެވެ. ތުއްތު ކުދިން ނުވަތަ ކުޑަކުދިންނާމެދު ނުހަނު އޯގާތެރިވުމަށް އެތަކެއް ގިނަ ޙަދީޘްތަކުން އިރުޝާދު ދީފައިވެއެވެ. އަދި ރަސޫލާ صلى الله عليه وسلم އަކީ ކުޑަކުދިންނަށް އެންމެ އޯގާތެރި އިންސާނާއެވެ. އެކަލޭގެފާނު އެކުދިންނަށް އަދި އެކުދިންގެ ބެލެނިވެރިންނަށް އޮންނަ އޯގާތެރިކަމެއްގެ ބޮޑުކަމުގެ ސަބަބުން އެވިދާޅުވެދެއްވީ އެކުދިން ނަރަކައިން ސަލާމަތް ކުރެވޭނޭ ގޮތެވެ. ނަމާދު ނުކޮށްގެން ނޫނީ ކުޑަކުދިންނަށް އަދަބެއް ދިނުމަށް އަންގަވާފައިވާ އެހެން ކަމެއް ނުވެއެވެ. ކުޑަކުއްޖާ ކުރާ އެއްވެސް ކުށަކަށް އެކުދިންނަށް އޯގާތެރިކަމާއެކު ނަޞޭޙަތްދިނުން ފިޔަވައި އެހެންގޮތެއް ނުވެއެވެ. ނަމަވެސް ނަމާދު ނުކޮށްފިނަމަ ނަޞޭޙަތްދިނުމުންވެސް ނުކޮށްފިނަމަ އެކުދިންނަށް އަދަބުވެސް ދޭންޖެހެއެވެ. ވީމާ އެކުދިންގެ މަސްއޫލުވެރި ފަރާތުން އެކުދިން ފުރަތަމަވެސް ތަރުބިއްޔަތު ކުރަންޖެހޭނީ މިޢަމަލުގެ މައްޗަށެވެ. މިޢަމަލުގެ މައްޗަށް އެހެން އެއްވެސް ކަމެއް އިސްކޮށްގެން ނުވާނެއެވެ. އެއީ މައިންބަފައިންވިޔަސް މަދަރުސާކަމުގައި ވިޔަސް އަދި އެހެންތަނެއް ކަމުގައިވިޔަސް މެއެވެ.

ބަރާބަރަށް ތަރުބިއްޔަތު ކުރާ މައިންބަފައިން އެހެންފަރާތެއްގެ ދަށަށް ދުވަހުގެ ވަގުތުކޮޅަކަށް ޙަވާލުކުރުމުން މައިންބަފައިންގެފަރާތުން އެކުދިންނަށް އެދެވެމުންދާ ރަނގަޅު ތަރުބިއްޔަތަށް، އެމުއައްސަސާއަކުން އިހުމާލުވުމުގެ ސަބަބުން އެކުއްޖާއަށް ލިބޭނޭ ގެއްލުމަށް އެފަރާތަކުން ޒިންމާވާންޖެހޭނެއެވެ. ޤިޔާމަތްދުވަހުގައި އެކަންކަމަށް ޖަވާބުދާރީވާންޖެހޭނެއެވެ. އަދި އެފަދަ ތަރުބިއްޔަތެއް ދިނުމުގައި ފުރިހަމައަށް މަސްއޫލިއްޔަތު އަދާކޮށްފިނަމަ އެއީ ކޮންފަދަ މަތިވެރި ޢަމަލެއްހެއްޔެވެ! އެފަދައިން ކަންކަން ތަރުތީބު ކުރުމުން ލިބޭނޭ މަތިވެރި ދަރުމައާއި ޘަވާބު ވިސްނާލުންހުއްޓެވެ. އިންސާނިއްޔަތަށް އެކޮށްދެވުނު ހެޔޮކަމެއްގެ ބޮޑުކަމާއެވެ! ނުވަތަ އެކުދިންނަށް އެފަދަ ތަރުބިއްޔަތެއް އެކުދިންގެ އަމިއްލަ ގެދޮރުގައި ނުލިބިވަނިކޮށް އެފަދަ މުއައްސަސާއަކުން ނުވަތަ ސްކޫލަކުން ލިބުމުން އެހިންގުމުގައިވާ ފަރާތްތަކަށް އެލިބެނީ ކޮންފަދަ މަތިވެރި ހެޔޮކަމެއް ހެއްޔެވެ؟ އެތަކެއް ބަޔަކު ކުރާ ހެޔޮޢަމަލުތަކުގެ ދަރުމައާއި ޘަވާބު އެކަމެއް ކުރިމީހުންނަށް މަދުނުވެ ހަމަ އެވަރުގެ ދަރުމައާއި ޘަވާބު އެބަޔަކަށް ލިބިގެންދެއެވެ. އަދި އެހައިރުން އެތަނެއްގެ ކަންކަމުގައި ﷲ سبحانه وتعالى ބަރަކާތް ލައްވާހުއްޓެވެ. އެތަންތަނުގެ އެހެނިހެން ކަންކަންވެސް ރަނގަޅުވެ ބާއްޖަވެރިވާހުއްޓެވެ.

ކޮންމެ ބަޔަކު އެބަޔަކާ ޙަވާލުވާ ފަރާތްތައް ރަނގަޅަށް ބަލަހައްޓާ އިސްލާމީ ތަރުބިއްޔަތުން ތަރުބިއްޔަތު ދިނުމަކީ ވާޖިބެކެވެ. އެއީ ދީނުގައި އަމުރުވެވިގެންވާ ބޮޑު އަމުރެކެވެ. ޞަޙީޙް މުސްލިމްގައިވާ ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((ما مِنْ عبدٍ يسترْعيه اللهُ رعيَّةً ، يموتُ يومَ يموتُ ، وهوَ غاشٌّ لرعِيَّتِهِ ، إلَّا حرّمَ اللهُ عليْهِ الجنَّةَ)) މާނައީ: [ﷲ އެއްވެސް އަޅަކަށް ބަލަހައްޓަންޖެހޭ ފަރާތްތަކެއް ބެލެހެއްޓުމަށް ޙަވާލު ކުރެއްވުމުން އެމީހަކު މަރުވާދުވަހުގައި އެރައްޔަތުންނަށް ޚިޔާނަތްތެރިވެ ހުރެ މަރުވެއްޖެ އެއްވެސް މީހަކު، އެމީހަކަށް ސުވަރުގެ ﷲ ޙަރާމްކުރެއްވުން ނޫންގޮތެއް ނެތެވެ.]

އަޅަމެއް ކޮންމެ ބަޔަކީ އަޅަމެއްނާ ޙަވާލުވެވޭ ދަރިންނާއި އަދި ކުޑަކުދިންނަށް އިހުމާލު ނުވާނޭ، އަދި އެކުދިން ފުރިހަމައަށް ތަރުބިއްޔަތު ކުރުމުގެ ޒިންމާ ފުރިހަމައަށް އަދާކުރާ ބަޔެއްގެ ގޮތުގައި ލައްވާށި! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *