އޯލެވެލް އިމްތިހާނުން އަޙްމަދިއްޔާގެ ގްރޭޑް 10 ގެ ދަރިވަރުންވަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދާފައި ކަމަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މިއަދު ހެނދުނު 7:00 ގައި ގްރޭޑް 10ގެ ދަރިވަރުންނަށް ބޭއްވި އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުވަނީ މިއަހަރުގެ މެއި ޖޫން ގައި ބޭއްވި ކޭމްބްރިޖް އޯލެވެލް އަދި އެސްއެސްސީ އިމްތިހާންގެ ނަތީޖާ ސްކޫލަށް ލިބިފައިކަމާއި މި ނަތީޖާތަކަށް ބަލާއިރު އޯލެވެލް އިމްތިހާނުން އަޙްމަދިއްޔާގެ ގްރޭޑް 10 ގެ ދަރިވަރުންވަނީ ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދާފައިކަމުގައެވެ. އަދި ޓޮޕްޓެން ގައި ގިނަ އަދަދެއްގެ ދަރިވަރުން ހިމެނުމުގެ އިތުރަށް އެކިއެކި މާއްދާތަކުން އޭސްޓަރ ހޯދި ދަރިވަރުންގެ އަދަދުވެސް ކުރީއަހަރުތަކަށްވުރެ އިތުރުކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

ތިޔަކުދިންވެސް އެބަ މަސައްކަތް ކުރަންޖެހޭ ތިޔަކުދިންގެ އަހަރު އެސްއެސްސީ އިމްތިހާނުންވެސް އަދި ކޭމްބްރިޖް އައިޖީސީއެސްސީ އިމްތިހާނުންވެސް ރަނގަޅު ނަތީޖާތަކެއް ހޯދަން. މިއަންނަ އަހަރުގެ މެއި ޖޫންގައި އޮންނާނެ ތިޔަކުދިންގެ އިމްތިހާން. އެހިސާބަށްދާންވާއިރު ތިޔަކުދިންނަކީ އިމްތިހާނަށް ތައްޔާރުވެ ފައްކާވެފައިވާ ކުދިންނަށްވާން އެވާންބަޖެހޭ. ތިޔަކުދިން ހަދާ ކޮންމެ މާއްދާއަކުންވެސް އޭސްޓަރ ލިބޭ ކުއްޖަކަށްވޭތޯ ކޮންމެ ކުއްޖަކުވެސް އެބަ މަސައްކަތްކުރަންޖެހޭ." ޕްރިންސިޕަލް ވިދާޅުވިއެވެ.
ޕްރިންސިޕަލް ވިދާޅުވީ، މައިންބަފައިންގެވެސް އުއްމީދަކަށްވެސްވާނީ ތިޔަކުދިންނަކީ އޯލެވެލް އިމްތިހާންގައި އެންމެ މޮޅުނަތީޖާހޯދާ ކުއްޖަކަށް ކޮންމެ ކުއްޖަކުވެސްވުންކަމާއި އަދި ކިޔަވައިދެއްވާ ޓީޗަރުންގެވެސް އެންމެ ބޮޑު އުއްމީދަކަށްވާނީ، އެޓީޗަރުން ކިޔަވައިދެއްވާ މާއްދާތަކުން އެންމެ މޮޅު ނަތީޖާ ހޯދާކުއްޖަކަށް ކޮންމެ ކުއްޖަކުވެސްވުންކަމުގައެވެ. ހަމަ އެއާއެކީގައި ސްކޫލްގެ އިސްވެރިންވެސް ބޭނުންވާނީ އަޙްމަދިއްޔާގެ ކޮންމެ ދަރިވަރަކީވެސް އެސްއެސްސީ އިމްތިހާނުންވެސް އަދި އޯލެވެލް އިމްތިހާނުންވެސް އެންމެ މޮޅު ނަތީޖާ ހޯދާ ކުއްޖަކަށްވެ އަޙްމަދިއްޔާ ފަޚްރުވެރިވާ ދަރިންތަކެއް އަޙްމަދިއްޔާއިން ނުކުމެގެން ދިޔުންކަމުގައެވެ.

ތިޔަކުދިންގެ ކުރިމަތީގައި މިއޮތީ އިމްތިހާނަށް ތައްޔާރުވުން. ސްކޫލުން ތިޔަ ކުދިންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއްވެސް ފޯރުކޮށްދޭނެ. ތިޔަކުދިންނަށް އޮތީ މަސައްކަތްކުރުން. ތިޔަކުދިންގެ ހުރިހާ މާއްދާއެއްގެ ޓީޗަރުން ހަމަވާނެ. މުދައްރިސުންނާގުޅިގެން އެހާހިސާބަށް ތިޔަކުދިން ދަތުރު ކުރުމަކީ އެހާ އުނދަގޫކަމެއް ނޫން. މަސައްކަތް ކޮށްފިއްޔާ ކޮންމެ ކަމެއްވެސް އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ. މިއަދުންފެށިގެން ތިޔަކުދިން އަޒުމް ކަނޑައަޅަންވީ މިތާ އެސެމްބްލީގައި ހާޒިރުވެތިބި ކޮންމެ ކުއްޖަކީވެސް އޯލެވެލް އިމްތިހާނުން އެންމެ މޮޅު ނަތީޖާ ހޯދާ ކުއްޖަކަށްވުމަށް. " ޕްރިންސިޕަލް ވިދާޅުވިއެވެ.
މިއަދުގެ އެސެމްބްލީ ނިންމާލުމަށްފަހު އޯލެވެލް އިމްތިހާންގެ ގަދަ 10ގެ ވަނަތައް ތަރުތީބު ކުރެވިފައިވާ ގޮތުގެ ތާވަލެއް ގްރޭޑް 10ގެ ހުރިހާ ދަރިވަރުންނަށް ޕްރިންސިޕަލް ދެއްވިއެވެ.