ބުރާސްފަތި, 17 އޭޕްރިލް 2025

ގްރޭޑް 10ގެ ހުރިހާ ދަރިވަރުން އޯލެވެލް އިމްތިހާންގައި 8 މާއްދާގައި ބައިވެރިވާން ޖެހޭނެ – ޕްރިންސިޕަލް

ގްރޭޑް 10ގައި ކިޔަވާ ހުރިހާ މާއްދާއަކުން އޯލެވެލް އިމްތިހާން ގައި ބައިވެރިވާން ޖެހޭނެކަމަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މިއަދު ހެނދުނު 7:00 ގައި ގްރޭޑް 10ގެ ދަރިވަރުންނަށް ބޭއްވި އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ، އަޙްމަދިއްޔާގައި އުޞޫލުތަކެއް ހަމަޖެހިފައިވާ ކަމާއި އެގޮތުން ގްރޭޑް 9 ގައި ކިޔެވި ހުރިހާ މާއްދާއެއްވެސް ގްރޭޑް 10ގައިވެސް ކިޔަވައިދޭކަމާއި އެހުރިހާ މާއްދާއަކުން އޯލެވެލް އިމްތިހާން ގައި ބައިވެރިވާން ޖެހޭނެކަމުގައެވެ.

ދިވެހި އިސްލާމްގެ އިތުރުން ތިޔަކުދިން ކިޔަވާ އަނެއް 6 މާއްދާގައިވެސް ތިޔަކުދިންނަށް ޖެހޭނެ ސްކޫލްގެ ނަމުގައި ބައިވެރިވާން. ދަށްވާ މާއްދާ ތަކުން އެމާއްދާއެއް ޑްރޮޕް ކޮށްފައި މޮޅުވާ މާއްދާތަކުގައި ބައިވެރިވާ އުސޫލެއް މިސްކޫލަކު ނޯންނާނެ. މަދުވެގެން 8 މާއްދާގައި ކޮންމެ ކުއްޖަކުވެސް ބައިވެރިވާން ޖެހޭނެ." ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލް ވިދާޅުވީ، އެމާއްދާއަކުން ރަނގަޅު ނަތީޖާއެއް ލިބިދާނެ ކަމުގެ ޔަގީންކަން އޮތް އިތުރު މާއްދާތަކުން އޯލެވެލް އިމްތިހާންގައި ބައިވެރިވުމުގެ ފުރުޞަތު ހުރިހާ ދަރިވަރުންނަށްވެސް އެބައޮތް ކަމާއި އޭގެ ތެރޭގައި އިންގްލިޝް ލިޓްރޭޗަރ ނުވަތަ ސައިންސް ކުދިންނަށް ބިޒިނަސް މާއްދާއެއް ބިޒިނަސް ކުދިންނަށް ސައިންސް މާއްދާއެއް ނެގުމުގެ ފުރުޞަތުވެސް އޮންނާނެ ކަމުގައެވެ. މިދިޔަ އަހަރުވެސް ބައެއްކުދިން 9 މާއްދާ 10 މާއްދާ އޯލެވެލް އިމްތިހާންގައި ބައިވެރިވެފައި އެބަހުރި ކަމާއި އެފުރުޞަތު ހުރިހާ ކުދިންނަށްވެސް އަޙްމަދިއްޔާގައި އޮންނާނެ ކަމުގައެވެ. އަދި  ބޭނުންވާ މާއްދާތަކެއް ކިޔެވުމުގެ ފުރުޞަތު ހަމަޖައްސައިދެއްވާނެ ކަމުގައެވެ. އެހެންނަމަވެސް ހަމަޖެހިފައި އޮންނަ އުސޫލުގެ ތެރެއިން ކޮންމެ ކުއްޖަކުވެސް 8 މާއްދާގައި އޯލެވެލް އިމްތިހާންގައި ބައިވެރިވާން ޖެހޭނެ ކަމުގައި ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލްގެ ވިދާޅުވި ގޮތުގައި ދަރިވަރުން އިމްތިހާންގައި ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުންވާ ކަމަށްވަންޏާ ބަރާބަރަށް ސްކޫލަށް ހާޒިރުވާން އެބަޖެހެއެވެ. މިދިޔަ އަހަރުގެ ނަތީޖާތަކަށް ބަލާލިއިރުގައި އިމްތިހާންގައި އެންމެ ދަށް ނަތީޖާ ހޯދި ކުދިންނަކީ، ގަވާއިދުން ސްކޫލަށް ހާޒިރުނުވާ އަދި ސްކޫލުން އިންތިޒާމްކުރި އިތުރުގަޑީގެ ކުލާސްތަކަށްވެސް ގަވާއިދުން ހާޒިރުނުވާކުދިންނެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *