އާރޓިކަލް 82 : ދީނުގެ ކަންކަންވަނީ ސާފުކޮށް ބަޔާންވެފައެވެ.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ރަސޫލާ صلى الله عليه وسلم އިސްލާމްދީންވަނީ ފުރިހަމަ ކޮށްދެއްވައިފައެވެ. އެކަލޭގެފާނު ދީނީގޮތުން ބަޔާންކޮށް ނުދެއްވާ ހަމަ އެއްވެސް ކަމެއް މިދީނުގައި ނޯންނާނެއެވެ. ދީންވަނީ ފުރިހަމަވެ ނިމިފައެވެ. އިތުރަށް ދީނުގެ ތެރެއަށް ވައްދަންޖެހޭ އަޅުކަމެއް ނޯންނާނެއެވެ. ޢާންމު ދިރިއުޅުމުގެ ކަންކަންވެސް ވަނީ ނަބިއްޔާ صلى الله عليه وسلم ބަޔާންކޮށްދެއްވާ ފުރިހަމަ ކޮށްދެއްވާފައެވެ. މުސްލިމެއްގެ އަޅުކަމެއްގައިވެސް އަދި އޭނާގެ ދިރިއުޅުމުގެ ކަމެއްގައިވެސް ދީނުގައި އެކަމެއް ބަޔާންވެފައި ނެތިގެން އެކަމެއްގެ ޙުކުމް ނޭނގިގެން އުޅޭކަން ނުޖެހޭނެއެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ۚ﴾ سورة المائدة:3 މާނައީ: [މިއަދު ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށްޓަކައި ތިމަންއިލާހު ފުރިހަމަ ކޮށްދެއްވައިފީމުއެވެ. އަދި ތިމަންއިލާހުގެ ނިޢުމަތް ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަ ކޮށްދެއްވައިފީމުއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ދީނެއްގެ ގޮތުގައި އިސްލާމްދީން ތިމަންއިލާހު ރުއްސަވައިފީމުއެވެ.]

ރަސޫލާ صلى الله عليه وسلم ފޮނުއްވުނީ މާތްﷲ އަށް އަޅުކަންކުރުމަށް މީހުންނަށް ގޮވައިލުމަށެވެ. އަދި އެއަޅުކަން އަދާކުރާނޭގޮތް ބަޔާންކޮށްދެއްވުމަށެވެ. ވީމާ މިއުންމަތުގެ އެއްވެސް މީހަކު ﷲ سبحانه وتعالى އަށް އަޅުކަން ކުރާނޭ ގޮތް ނޭނގިގެން އުޅޭކަން ނުޖެހޭނެއެވެ. އެއްވެސް އަޅުކަމެއް ވިދާޅުވެ ނުދެއްވާ އެކަލޭގެފާނު ދޫކޮށްލައްވާފައި ނުވެއެވެ. އަދި އޭގެ އިތުރުން އިންސާނުންނަށް މިދުނިޔޭގެ ދިރިއުޅުމުގައި ކުރެވޭ މުޢާމަލާތްތަކުގައި އެންމެ ފައިދާހުރި ގޮތްތައް ބުނެދެއްވިއެވެ. މުޢާމަލާތްތަކުގައި ވެސް ޙަރާމް ކަންކަމާއި ޙަލާލް ކަންކަން ބަޔާންކޮށްދެއްވިއެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَنَزَّلْنَا عَلَيْكَ الْكِتَابَ تِبْيَانًا لِّكُلِّ شَيْءٍ﴾ سورة النحل:89 މާނައީ: [އަދި ކަލޭގެފާނުގެ މައްޗަށް ތިމަންއިލާހު ފޮތް ބާވައިލެއްވީ އެންމެހައި ކަމެއް ބަޔާންކޮށް ފާޅުކޮށްދެއްވުމަށެވެ.] އަދިވެސް ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَأَنزَلْنَآ إِلَيْكَ ٱلذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ﴾ سورة النحل:44 މާނައީ: [އަދި ކަލޭގެފާނަށް ތިމަންއިލާހު ޤުރުއާން ބާވައިލެއްވީ މީސްތަކުންނަށް ބާވައިލެއްވި ތަކެތި އެބައިމީހުންނަށް ކަލޭގެފާނު ބަޔާން ކޮށްދެއްވުމަށެވެ.] އެކަލޭގެފާނުގެ މައްޗަށް ލާޒިމްވެފައިވީ މިކަންތައް އެކަލޭގެފާނުވަނީ ވަރަށް ފުރިހަމައަށް އަދާކޮށްދެއްވާފައެވެ. މިފުރިހަމަ ދީން މިއަދު އަދި ދެންއަންނާން ޖީލުތަކަށްވެސް ލިބެން ހުންނާނެއެވެ. އެއީ ކީރިތި ޤުރުއާނުންނާއި އެކަލޭގެފާނުގެ ޙަދީޘް ފޮތްތަކުންނެވެ.

މިއުންމަތަށް ބަޔާންކޮށް ނުދެއްވާ އެއްވެސް ހަލާލެއް ނުވަތަ ޙަރާމެއް ނުވެއެވެ. އެއީ ވަރަށް ސާފުކޮށް އޮތް ކަމެކެވެ. އެހައިމެ ސާފުކޮށް އެކަން އޮއްވާ އެކަލޭގެފާނު ބަޔާންކޮށްދެއްވި ކަންކަމާ ޚިލާފު ވެއްޖެ ނަމަ އެމީހަކު އެހުރީ އެކަލޭގެފާނު ބަޔާންކޮށްދެއްވި ގޮތާއި ދުރަށް ގޮސްފައެވެ. އެކަލޭގެފާނުގެ ގޮތް ނޫން ގޮތެއް އިޚްތިޔާރު ކޮށްފައެވެ. އެކަލޭގެފާނުގެ ގޮތް ނޫން ކޮންމެ ގޮތަކީ އެގޮތެއްގައި ހުރިމީހަކު ގެއްލެނިވެ ދިއުމަށް މެދުވެރިވާނެ ސަބަބަކަށް ނޫނީ ނުވެއެވެ. އިމާމް އަޙްމަދު ރިވާކުރެއްވި ގޮތުގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((تَرَكْتُكُمْ عَلَى بَيْضَاءَ نَقِيَّةً لَيْلُهَا كَنَهَارِهَا لاَ يَزِيغُ عَنْهَا إِلاَّ هَالِكٌ)) މާނައީ: [ތިމަން ނަބިއްޔާ ތިޔަބައިމީހުން ދޫކުރެއްވީ ސާފު ހުދުކަމެއްގެ މައްޗަށެވެ. އޭގެ ރޭގަނޑު ދުވާލުފަދައިންނެވެ. ހަލާކުވާނެ މީހަކު ނޫނީ އެއަކުން އެއްކިބާވެގެން ނުދާނެތެވެ.]

އެކަލޭގެފާނު ދުނިޔޭގައި އުޅުނު ވަގުތު ހިތަށް ގެނެސްގަތުން ހުއްޓެވެ. އެދުވަހުގައި އެކަލޭގެފާނުގެ އަރިހުގައި ދީން އުނގެނުމަށްޓަކައި ސުވާލުކުރި އެންމެހައި ފަރާތްތަކާމެދު ވިސްނާލުން ހުއްޓެވެ. އެކަލޭގެފާނު އަރިހުން ކަންކަން އޮޅުން ފިލުވި މީހަކަށް އޭގައި އެއްވެސް ޝައްކެއް ޝުބުހާއެއް ނެތް މިންވަރަށް މައްސަލަތައް ސާފު ނުވާނޭ ހެއްޔެވެ؟ ކަށަވަރުންވެސް ސާފުވާނެއެވެ. އެޢިލްމުގައި އެއްވެސް އަނދިރިކަމެއް ނުވެއެވެ. މާނައީ އޮޅުން ނުފިލާ އެއްވެސް ކަމެއް ނުވެއެވެ. މުޅި އެޢިލްމުވަނީ ދުވާލު ފަދައިން އަލިވެގެންނެވެ. އެޢިލްމުގައި އަނދިރި ފަޅިއެއް ނުވެއެވެ. ހުސް އަލިކަމެވެ. ސާފުކޮށް ބަޔާންވެގެންވާ ޢިލްމެވެ. އެޢިލްމު ހަލާކު ކުރުމަށް ނިކުންނަން ކެރޭނޭ ބަޔަކު މުސްލިމުންގެ ތެރެއަކު އެދުވަހުގައި ނުވެއެވެ. މުސްލިމުންގެ ތެރެއިންވެސް އެކަން ކުރުމަށް ހިތުލައިގެން ތިބިމީހުންނަށްވެސް ރަސޫލާ صلى الله عليه وسلم ފޯރުކޮށްދެއްވި ސާފު އަލިކަން ލިބިގެންވީ ޢިލްމަކަށް ގޮތެއް ހަދައި، ބަހެއްބުނެ ހަދަން ނުކެރުނެވެ. އެބައިމީހުން އެދުވަހުގައި މަސައްކަތް ކުރީ އެހެން ގޮތްގޮތުން މުސްލިމުންނާ ދެކޮޅަށް މަސައްކަތް ކުރުމުގައެވެ. ކާފިރުވީ މުޝްރިކުންނާއި ޔަހޫދީންނާ ގުޅިގެން އެކަލޭގެފާނާއި ދެކޮޅަށް އެކި ހަނގުރާމަތަކާއި އެކިކަހަލަ ދޮގުވާހަކަތައް ފެތުރުމުގައެވެ. ދީނުގައި އޮތްގޮތަކީ މިވެނިގޮތެކޭ ބުނެ ދެން ތިބި މުސްލިމުންނަށް އޮޅުވާލުމަށް މަގުފަހި ނުވީ މުސްލިމް މުޖްތަމަޢުގައި ރަސޫލާ صلى الله عليه وسلم އެބައިމީހުންގެ ދީން އެބައިމީހުންނަށް ސާފުކޮށްދެއްވުމުގައި ވުމުންނެވެ.

ނަމަވެސް އިސްލާމްދީނަށް ނިސްބަތްވެގެންވާ މިފަދަ މުނާފިޤު ވިސްނުމުގެ މީހުން އަބަދުވެސް ބަލާނީ މިދީންވެސް މުގުރާލެވޭނޭ ދުވަހެއް ފެނޭތޯއެވެ. ކަންވީވެސް އެހެންނެވެ. ނަބިއްޔާ صلى الله عليه وسلم ސުވަރުގެ ވަޑައިގަތުމަށްފަހު، ޚުލަފާއުއް ރާޝިދޫންގެ ޒަމާން ނިމުމާ ގާތަށް ދިއުމުން، އެބައިމީހުންވަނީ ދީނުގެ ތެރެއަށް އެވެނި ކަމެއް މިވެނިކަމެއް ވައްދާ މަސްހުނިކުރަން ފަށައިފައެވެ. ދީނުގެ ތެރޭގައި ނުހިމެނޭ އެތަކެއް ފިކުރުތަކެއް ދީނުގެ ތެރެއަށް ވައްދަން ފެށިއެވެ. ދީނުގައި ބަޔާންވެފައިވި ޙަލާލާއި ޙަރާމް މީސްތަކުންނަށް އޮޅުވާލަން ފެށިއެވެ. ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބުން އޭރު ދުނިޔޭގައި ކިތަންމެ މަދުނަމަވެސް އެބޭކަލުން އެކަލޭގެފާނުގެ ސުންނަތުގެ ދިފާޢުގައި އެސުންނަތް ދިރުވުމުގައި ގަދައަޅައި މަސައްކަތް ކުރެއްވިއެވެ. ދީނީ ކަންކަން އޮޅިގެން ދިޔަބަޔަކަށް އޮޅިގެން ދިޔައީއެވެ. ޙަޤީޤީ ދީނުގެ ޞައްޙަ ޢިލްމު އެދުވަހުގައިވެސް އޮޅިގެންދާން ބޭނުން ނުވި މީހުންނަށް އެދުވަހުގައި ދުނިޔޭގައި ތިއްބެވި މަދުޞަޙާބީންގެ އަރިހަށް ގޮސް އެޞައްޙަ ޢިލްމު ލިބިގަންނަމުން ދިޔައެވެ. އެޞައްޙަ ޢިލްމު ދިފާޢުކުރައްވާ އުފުލައިގެން ތިބި ޞަޙާބީންނަކަށް އަދި އެޞަޙާބީންގެ އަރިހުން އެސާފު އަލިކަން ލިބިގަންނަމުން ދިޔަ އެއްވެސް ބަޔަކަށް މިދީން އެދުވަހުގައިވެސް އޮޅިގެން ނުދެއެވެ. ރަސޫލާ صلى الله عليه وسلم ބަޔާން ކުރެއްވި ފަދައިން އެމީހުންނަށް ފެންނަން އޮތީ ދުވާލުފަދައިން ހުސް އަލިކަމެވެ.

ނަމަވެސް އެސާފުޢިލްމު ހޯދަމުން ދާމީހުން، ޒަމާން ބަދަލުވަމުންދާ ވަރަކަށް ދަނީ މަދުވަމުންނެވެ. ވީމާ އެބައިމީހުންނަށް ޙަލާލުކަންކަމާއި ޙަރާމްކަންކަން ސާފުކޮށް ބަޔާންވީ ނަމަވެސް، ދީނުގެ ވަރަށް ގިނަ އެހެނިހެން ކަންކަން ވަނީ އޮޅުންއަރާފައެވެ. ވަރަށް ގިނަ ކަންކަމުގައި އެއީ ސާފުކޮށް އެނގޭ ކަންކަން ނޫންކަމުގައި ބުނެ، އެންމެހައި ޝައްކުތަކާއި ޝުބުހާތްތަކެއްގެ ތެރެއަށް ވެއްޓި އެއްވެސް އަޅާލުމެއް ނެތި ހިތުހުރިހައި ކަމެއް ކުރަމުންނެވެ. އެއީ ޙަރާމެއް ނޫންކަމަށް ބުނަމުންނެވެ. ޙަޤީޤަތުގައި ޙަރާމްގެ ތެރެއަށް ވެއްޓިފައިވާ ކަމެއް އެބައިމީހުންނަކަށް ނޭނގެއެވެ. އެބައިމީހުންވަނީ ޝައްކާއި ވަހުމްތަކުން ފުރިފައެވެ. ދީނުގެ ޢިލްމު މަދުކަމުންނެވެ.

ނަމަވެސް ރަސޫލާއާއި އަޞްޙާބުންގެ ފަހުން މިއަދާ ހަމައަށް އެތަކެއް ޒަމާނެއް ވޭތުވެގެން ދިޔައިރު އިސްލާމީ އުންމަތުގެ ކިތަންމެ ގިނަބަޔަކަށް މިދީން ސާފުވެ ބަޔާންވެގެން ގޮސްފައި ނެތްނަމަވެސް، އެންމެހައި ޙަލާލާއި ޙަރާމެއް ވަކިވެފައި ނުވިނަމަވެސް، އަބަދުވެސް ސާފު އަލިކަން ލިބިގެންވީ ޢިލްމު ހޯދަމުން ދާބަޔަކަށް އެދީނުގެ ކަންކަން ވަނީ އޮޅުމެއްގެ ތެރޭގައެއް ނޫނެވެ. އޮތީ ދުވާލުފަދައިން ސާފުއަލިކަމެއްގެ ތެރޭގައެވެ. ހުރިހައިވެސް ކަމަކީ އެސާފު ޢިލްމު ހޯދުމެވެ. ރަނގަޅު ނިޔަތުގައެވެ. އާޚިރަތުގެ ލާބައާ މަންފާއަށްޓަކައެވެ. މިދުނިޔޭގެ ފައިދާއަށްޓަކައެއް ނޫނެވެ. އޭރުން ގިނަމީސްތަކުން ފަދައިން ތިބާ އޮޅުމެއްގެ ތެރޭގައި ހުންނާކަން ނުޖެހޭނެއެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރުމުން ގިނަބަޔަކު ތިބޭނީ އޮޅުމެއްގެ ތެރޭގައެވެ. ތަޤްވާވެރި އިޚްލާޞްތެރި ޢިލްމުވެރިންނާއި އެބޭކަލުންނަށް ހެޔޮގޮތުގައި ތަބާވީމީހުންނަށް އޮޅުމެއް ނާރާނެއެވެ. ނަމަވެސް އެއީ މިއަދު ނުހަނު މަދުބައެކެވެ. ބުޚާރީ އާއި މުސްލިމްގައިވާ ޙަދީޘްގައި، ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވި ފަދައިންނެވެ. ((إِنَّ الْـحَلاَلَ بَيِّنٌ وَإِنَّ الْـحَرَامَ بَيِّنٌ، وَبَيْنَهُمَا أُمُورٌ مُشْتَبِهَاتٌ، لاَ يَعْلَمُهُنَّ كَثِيرٌ مِنَ النَّاسِ، فَمَنِ اتَّقَى الشُّبُهَاتِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الـحَرَامِ)) މާނައީ: [ހަމަކަށަވަރުން ޙަލާލުކަންކަން ވަނީ ބަޔާންވެގެންނެވެ. އަދި ހަމަކަށަވަރުން ޙަރާމްކަންކަން ވަނީ ބަޔާންވެގެންނެވެ. އަދި އެދެމެދުގައި އޮޅުންއަރާ ކަންތައްތަކެއް ވެއެވެ. އެކަންތައްތައް މީސްތަކުންގެ ތެރެއިން ގިނަމީހުންނަކަށް ނޭނގެއެވެ. ފަހެ އެއޮޅުންއަރާ ކަންކަމުން ދުރުހެލިވެއްޖެމީހާ އޭނާގެ ދީނާއި އޭނާގެ އަބުރު ރައްކާތެރިކޮށްފިއެވެ. އަދި އެއޮޅުންއަރާ ކަންކަމުގެ ތެރެއަށް ވެއްޓިއްޖެމީހާ ޙަރާމް ކަންކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.]

އިސްލާމްދީނުގެ ސާފުޢިލްމު އަޅަމެއްނަށް ލިބުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް ދެއްވައި، އޭގެ މަތީގައި ސާބިތުވާ ބަޔަކު ކަމުގައި އަޅަމެން ލައްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *