ބުރާސްފަތި, 17 އޭޕްރިލް 2025

އަޙްމަދިއްޔާ އަކީ ފަސްތަރީގެ ސްކޫލެއް: ނާއިޝް

2020 – 2021 ވަނަ އަހަރުގެ އޯލެވެލް އިމްތިޙާނާއި އޭލެވެލްގެ އިމްތިޙާނުގެ ގަދަ ދިހައެއް ހޮވަން ބޭއްވި ޖަލްސާގައި އެންމެ ވިދުން ގަދަ ސްކޫލަކީ މިފަހަރު ވެސް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. 66 ދަރިވަރުންނާއެކު ގަދަ ދިހައެއްގެ އެއްވަނައިގައި އެ ސްކޫލް ވިދާލިއިރު، ގަދަ ދިހައެއްގެ އެއްވަނައިގައި ވެސް އެންމެ ގިނަ ދަރިވަރުން ހިމެނުނު ދެ ސްކޫލްގެ ތެރެއިން އެއް ސްކޫލަކީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލެވެ. ގަދަ ދިހައެއްގައި އަޙްމަދިއްޔާގެ 4 ދަރިވަރަކު ހިމެނުނުއިރު، އާދަމް ނާއިޝް ނަސީމަކީ އޭގެ ތެރޭގައި ހިމެނުމުގެ އިތުރުން، ބިޒްނަސް އިން މުޅިރާއްޖެއިން އެއްވަނަ ހޯދައި، ސްކޫލަށް ހިނިތުންވުން ގެނުވި ފަޚުރުވެރި ދަރިވަރެކެވެ.

ނާއިޝް އަށް ޑެޕިއުޓީ ސްކޫލް ކެޕްޓަން ކަމުގެ ބެޖް ހަވާލުކޮށްދެއްވީ ހަޔަރއެޑިޔުކޭޝަން މިނިސްޓަރ

ހއ.ކެލާ ޝައިޚް އިބްރާހީމް ސްކޫލުން، ގްރޭޑް 8 އަށް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ބަދަލުވި ނާއިޝް އަކީ އޭރުވެސް މިހާރުވެސް އަޚްލާޤް ރަނގަޅު، ތޫނުފިލި، މޮޅު، ހުނަރުވެރި ދަރިވަރެކެވެ. ކިޔެވުމުގެ އިތުރުން ޤުރުއާން މުބާރާތްތަކާއި ރާޒުވާގައި ވެސް ވިދާ ނަމެކެވެ. ބާސްކެޓާއި ކެރަމްގައި ވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ތަފާތު އެކި ޤުރުއާން މުބާރާތްތަކުންނާއި ރާޒުވާ މުބާރާތްތަކުން ރަންވަނަތަކެއް ހޯދާފައިވާ ދަރިވަރެކެވެ. އެއީ ކާމިޔާބީގެ ދިގު ސިލްސިލާއެއް ވެސްމެއެވެ.

އޯލެވެލް ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުމުގެ އިތުރުން ބިޒްނަސް އިން ރާއްޖޭގެ އެއްވަނަ ލިބުމުން ނިކަން އުފާވެފައިހުރި ނާއިޝް ބުނީ އަހްމަދިއްޔާ ސްކޫލަކީ ނަމޫނާ ސްކޫލެއް ކަމަށާއި އެއީ ފަސްތަރީގެ ސްކޫލެއް ކަމަށެވެ.

"އަޙްމަދިއްޔާ އަކީ ދެވަނައެއް ނެތް ފަދަ ސްކޫލެއް. ޓީޗަރުންގެ އެހީތެރިކަމާއި، ކުލާސް ކުދިންގެ ގާތްކަމާއި، މެނޭޖްމެންޓްގެ ކުޅަދާނަކަމަކީ މަދުން ނޫނީ ނުފެންނަ މަންޒަރެއް. އުނގެނުމަށް އަހްމަދިއްޔާ ސްކޫލަކީ ހަމަ ފައިވްސްޓާރ ވެށްޓެއް." ނާއިޝްގެ ހިތުގައި އަޙްމަދިއްޔާއަށް އޮތް ލޯބި ބަންޑުންކޮށްލިއެވެ.

އޯލެވެލް އިން ހޯދި ފަޚުރުވެރި ނަތީޖާއާ ބެހޭ ގޮތުން ނާއިޝް ބުނީ އަބަދުގެ ވެސް ޓާގެޓަކީ އެންމެ ރަނގަޅު ނަތީޖާ ހޯދުން ކަމަށްވާތީ އަބަދުވެސް މަސައްކަތް ކުރަނީ އެންމެ މޮޅު ނަތީޖާ ހޯދޭތޯ ކަމަށެވެ. އަދި އެންމެ ކުޑައިރުއްސުރެ ފެށިގެން ވެސް އުއްމީދަކީ އޯލެވެލްގެ އެއްވަނަ ހޯދުން ކަމަށްވާތީ، އެ ނަތީޖާއަށް ވަރަށް އުއްމީދު ކުރެވުނު ނަމަވެސް ނަތީޖާ ލިބި، ހުރިހާ މާއްދާއަކުން އޭ ސްޓަރ ލިބުނުކަން އެނގުނު ވަގުތު ގަބޫލުކުރަން ދަތި ވަގުތުކޮޅަކަށް ވި ކަމަށާއި އެއީ ހަޔާތުގައި ވެސް މިހާތަނަށް އައި އެންމެ އުފާވެރި، އެންމެ ހަނދާނުން ފޮހެލަން ދަތި ވަގުތުކޮޅު ކަމަށް ނާއިޝް ބުންޏެވެ.

ސާނަވީން ގަދަ 10 ން އެއްވަނަ ހޯދި ނާއިޝަށް  ރައީސް އިނާމް ހަވާލުކޮށްދެއްވަނީ. ފޮޓޯ ރައީސް އޮފީސް

"އަޅުގަނޑަށް މި ނަތީޖާ ނުލިބޭނެ މަންމަ އާއި ބައްޕަ އެވީ ގުރުބާނީތައް ނުވިނަމަ. މަންމަ އާއި ބައްޕަގެ މުޅި ޙަޔާތް ގުރުބާން ކުރީ އަޅުގަނޑަށް ކިޔަވައިދީ ރަނގަޅު ކުއްޖަކަށް ހެދުމަށް. އަދި އާއިލާގެ އެހެން މެންބަރުން ވެސް ދިން ހިތްވަރާއި ސަޕޯޓް ހަނދާން ނުނެތޭނެ. ހަމަ މިއާއިއެކު އަޙްމަދިއްޔާ ސްކޫލްގެ އެންމެ ސީނިއަރ  ބޭފުޅުންނާއި ލޮބުވެތި މުދައްރިސުންގެ އެހީތެރިކަމަކީ ދުވަހަކު ވެސް އަގު ނުކުރެވޭނެ އެހީތެރިކަމެއް. މީގެ އިތުރުން އަޅުގަނޑުގެ ތަޢުލީމީ ބިންގާ އެޅުނު ސްކޫލް ކަމުގައިވާ ޝޭޚް އިބްރާހީމް ސްކޫލުގެ އެހީތެރިކަމަކީ ވެސް އަޅުގަނޑަށް އަގުކުރެވޭނެ އެހީތެރިކަމެއްނޫން. އަދި ރައްޓެހިން ދިން ހިތްވަރާއި، އެހީއަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް." ނާއިޝްގެ ޝުކުރުގެ ލިސްޓު އަމުނާލިއެވެ. " އަބަދުވެސް އުންމީދުކުރިން މިފަދަ ނަތީޖާއެއް ލިބޭނެ ކަމަށް. އެކަމަކު ކިތަންމެ އުއްމީދެއްކުރި ނަމަވެސް، އަދިވެސް އަޅުގަނޑު މިހުންނަނީ މިފަދަ ނަތީޖާއެއް ލިބުނުކަން ގަބޫލުކުރަން ދަތިވެފަ. އޯލެވެލް ނަތީޖާ ލިބުނު ދުވަހަކީ އަޅުގަނޑުގެ މުޅި ޙަޔާތުގައި އައި އެންމެ އުފާވެރި ދުވަސް."

ނާއިޝްގެ ރަށު ސްކޫލް ކަމަށްވާ ޝެއިޚް އިބްރާހީމް ސްކޫލްގައި ނާއިޝްއަށް ދިވެހި ކިޔަވައިދެއްވި މުދައްރިސް ސާމިޔާ ސަޢީދު ވިދާޅުވީ ނާއިޝް އަކީ އެ ސްކޫލުގައި ކިޔެވި ދުވަސްވަރު ވެސް "ކުރިމަތިލާ ކޮންމެ ކަމެއްގައި ވެސް އެކަމެއްގެ ކުރިބޯށްޓާ ހަމައަށް ވާސިލްވުމަށް ވަރަށް ކެރިގެން މަސައްކަތްކުރި ހިތްވަރުގަދަ"  ދަރިވަރެއް ކަމަށެވެ. އަދި ނާއިޝް އަކީ ކޮންމެ މީހަކާ ވެސް ހިނިތުންވެހުރެ ބައްދަލުކުރާ ވަރަށް ކިޔަމަންތެރި ދަރިވަރެއް ކަމަށާއި، ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ވެސް ރަންވަނަތަކެއް ހޯދި، ނުގުޑާ ފަދަ އަޒުމެއްގައި ކަށިން ހިތްވަރު ނެރެގެން މަސައްކަތްކުރި ދަރިވަރެއް ކަމަށެވެ.

ތެދެކެވެ. ނާއިޝް އަކީ ހަގީގަތުގައި ވެސް ވަރަށް ހީވާގި ކެރޭ ދަރިވަރެކެވެ. އިތުރު ހަރަކާތްތަކާއި ކިޔެވުމަށް އެއްވަރަކަށް ވަގުތުދޭން ދަންނަ ދަރިވަރެކެވެ. ބޭންޑް ހަރަކާތްތަކާއި، ކުޅިވަރާއި ސްކޫލުން ފާހަގަކުރާ ހަރަކާތްތަކާއި އިންޓަރ ސްކޫލް އަދި ގައުމީ ފެންވަރުގައި ސްކޫލުން ބައިވެރިވާ ގާތްގަނޑަކަށް ހަމަ ހުރިހާ ހަރަކާތެއްގައި ބައިވެރިވި ނަމަވެސް ނާއިޝްގެ ކިޔެވުމަށް އެކަމުން ކުޑަ ނަމަވެސް ބުރުލެއް އެރިޔަކަނުދެއެވެ. ވޭތުވެދިޔަ ދިރާސީ އަހަރު ވެސް އިންޓަރ ސްކޫލް ޗެސް ކޮންޕެޓިޝަން ފަދަ ހަރަކާތްތަކުގައި އުޅެމުން ވެސް ނާއިޝް ވަނީ އޭނާ އޭލެވެލްގައި ހަދާ ފަސް މާއްދާއިން ވެސް އޭ ފާސް ހޯދާފައެވެ.

ނާއިޝް އޯލެވެލް ހެދިއިރު ސެޝަން އިންޗަރޖަކަށް ހުންނެވި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ޢަލީ އާސިމް ވިދާޅުވީ ނާއިޝް އަކީ ކުރާ ކޮންމެ ކަމެއްގައި ވެސް ގަދަ ހިތްވަރާ އަޒުމާއެކު، އެއްވަނައަށް މަސައްކަތްކުރާ، އަޚްލާގު ރަނގަޅު، ހުނަރުވެރި، މޮޅު ތޫނުފިލި ދަރިވަރެއް ކަމަށެވެ. އެހެން ކުދިންނާ ގުޅިގެން އެ ކުދިން ވެސް ގޮވައިގެން ކާމިޔާބީއަށް ވާސިލްވުމަށް މަސައްކަތްކުރި ދަރިވަރެއް ކަމަށެވެ. އަދި އަބަދުވެސް ހިނިތުންވުމަކާ އެކު މީހުންނާ ކުރިމަތިލާ ހިތްހެޔޮ ދަރިވަރެއްގެ އިތުރުން ކަންކަމުގައި ލަފާ އަހައި ކަންކަން ރަނގަޅުކުރަން މަސައްކަތްކުރާ ދަރިވަރެއް ކަމަށެވެ.

ނާއިޝް ވަނީ ޤުރުއާން ކިޔެވުމުގެ އަތޮޅު މުބާރާތްތަކުންވެސް ފަޚްރުވެރި ވަނައެއް ހޯދާފައި.

ނާއިޝްގެ ބައްޕަ އަޙްމަދު ނަސީމް ވިދާޅުވީ "ނާއިޝް އަކީ ކޮންމެ މަޔަކާއި ބަފައެއް ވެސް އެންމެ ބޭނުންވާނެ ފަދަ ހުރިހާ ރީތި ސިފަތަކެއް ހުރި ދަރިއެއް" ކަމަށެވެ. ނާއިޝްގެ ބައްޕަ ވިދާޅުވާ ގޮތުން ތަޢުލީމީ ގޮތުން ނާއިޝް ހޯދަމުންދާ ކާމިޔާބީއަށް ވުރެ ވެސް އުފާކުރައްވަނީ ނާއިޝް އަކީ ހެޔޮލަފާ، ކިޔަމަންތެރި، ޞާލިޙް އަދި، ނާއިޝް ދަންނަ އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބޭ ދަރިއަކަށް ވުމުން ކަމަށެވެ.

އޯލެވެލްއަށް ތައްޔާރުވަމުންދާ ދަރިވަރުންނަށް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 11 އެލްގައި މިހާރު މަތީ ސާނަވީއަށް ކިޔަވަމުންދާ ނާއިޝްގެ ނަސޭހަތަކީ ކަންކަން ފަހަށް ބެހެއްޓުން ދޫކޮށްލާފައި އެއިރަކު ކުރަން ހުންނަ މަސައްކަތެއް ވަގުތަށް ނިންމަން އާދަކުރުމެވެ.

"އަޅުގަނޑުގެ ނަސޭހަތަކީ (ކިޔެވުމުގެ ކަންކަން) ފަހަށް ބެހެއްޓުން ދޫކޮށްލާށޭ. މާދަން މާދަން ކުރަން ހުންނަ ކަންތައްތައް ގިނަފަހަރު އޮންނާނީ ނުވެފަ. އަޅުގަނޑު އޯލެވެލް ދުވަސްވަރު ފޫހިވެ މޯޓިވޭޝަން ގެއްލެން ފަށާއިރަށް ހިތަށް އަރުވަނީ މާދަން ނިމުނީމަ ނިމުނިއްޔޭ. އެހެންވީމަ ޓެސްޓު ދުވަސްވަރު އެ ލިބޭ ރަން ވަގުތުތައް ނާގާލުމަކީ ވަރަށް ގެއްލުންހުރި ކަމެއް." ނާއިޝްގެ ނަސޭހަތަކީ މިއެވެ.

ނާއިޝް އިމްތިޙާނެއް ހަދަނީ.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

އެންމެ ކުޑައިރުއްސުރެ ފެށިގެން ވެސް މަތިންދާ ބޯޓު ދުއްވަން ޝައުގުވެރިކަން ހުންނަ ނާއިޝް ބޭނުންވަނީ ޕައިލެޓަކަށް ވާށެވެ. ޕައިލެޓަކަށްވުމުގެ އިތުރުން އަމިއްލަ ބޮޑު ވިޔަފާރިއެއް ފެށުމަކީ ވެސް ނާއިޝްގެ އުއްމީދެކެވެ.

އަޅުގަނޑުމެން އެދެނީ ނާއިޝްގެ ހުވަފެންތަކުގައި ކުލަޖެހި ހުޝިޔާރު ޕައިލެޓަކަށް، އަދި ކާމިޔާބު ވިޔަފާރިވެރިއަކަށްވެ، އެ ދާއިރާތަކުން ނާއިޝްގެ ޚިދުމަތް އެންމެ މަތީ ފަންތީގައި ގައުމަށް ފޯރުކޮށްދިނުމުގެ ހެޔޮ ތައުފީގު މާތްﷲ މިންވަރުކޮށްދެއްވުމެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *