އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި މިއަދު ދުނިޔޭގެ ފޮތުގެ ދުވަހާއި ލައިބްރަރީ ދުވަސް ފާހަގަކޮށްފިއެވެ.
އެ ސްކޫލްގެ ޖަލްސާކުރާ މާލަމުގައި ޕްރީ ޕްރައިމަރީ ގްރޭޑްތަކުގެ ދަރިވަރުންނަށް ބޭއްވި މި ޙަރަކާތުގައި ޖުމްލަ 8 ސްޓޯލެއް ހުޅުވާފައިވާއިރު، މި ސްޓޯލްތަކުގައި ވަނީ އިނގިރޭސި އަދި ދިވެހި ބަހުން ދަރިވަރުންގެ ކިޔުމާއި ލިޔުމުގެ ހުނަރުގެ އިތުރުން އަދަބީ ހުނަރު އިތުރުކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ރާވައި ހިންގާފައެވެ.

މި ހަރަކާތުގައި، ދިވެހި ސްޓޯލް ފިޔަވައި އެހެން ސްޓޯލްތައް ސްކޫލްގެ ޖަލްސާކުރާ މާލަމުގައި ހެދިފައި ހުރި ނަމަވެސް ދިވެހި ސްޓޯލް ހަދާފައި ވަނީ އިސްލާމް އަދި ޤުރުއާން މާއްދާގެ ބައިތައް ވެސް ހިމެނޭހެން ކްލާސް ރޫމެއްގައެވެ. މި ސްޓޯލްގައި ބަނދި، ރައިވަރު، ޅެން ފަދަ ވަޒަން ބަހުރުވައިގެ ތަފާތު އެކި ބާވަތްތައް ހުށަހެޅުމާއި، ބަސްކޮށާރު މުއްސަނދިކުރުމާއި އަދަބީ ބަހަށް އަހުލުވެރިކުރުވުމުގެ އިތުރުން ވާހަކަ ކިޔުން ފަދަ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ފަހިކޮށްދީފައިވާކަން ފާހަގަކުރެވުނެވެ.
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރީ ޕްރައިމަރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި އެ ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ޢާއިޝަތު ޝީތާ (ޝީތު މިސް) ވިދާޅުވީ ދަރިވަރުން ފޮތަށް އަހުލުވެރިކުރުމަށް ބޭއްވި މި ހަރަކާތުގެ އެއް މަޤްޞަދަކީ ދަރިވަރުން ލިޔުންތެރިކަމާއި ފޮތްކިޔުމަށް ޝައުގުވެރިކަން ހުރި މިންވަރު ބެލުން ކަމަށެވެ.

"މިއަދު މި ސްޓޯލްތަކުގަ އަޅުގަނޑުމެންގެ ދަރިވަރުން ލައްވައި ފޮތްތަކާ ބެހޭ ގޮތުން ހެދިފަ ހުރި ވަރަށް ގިނަ މަސައްކަތް ކުރުވައިފިން. ކުދިން ފޮތްކިޔުމާ ލިޔުންތެރިކަމަށް އަހުލުވެފަ ތިބި މިންވަރާ، ކުދިން މި ކަންކަމަށް ޝައުގުވެރިކަން ހުރި މިންވަރާ، ލިޔުންތެރިކަމަށް ކިހައި އަހަމިއްޔަތު ކަމެއްދޭތޯ އަޅުގަނޑުމެން މިއަދު ހަރަކާތުގެ ތެރެއިން ބެލިން. އެއްވެސް ކުއްޖަކު ބާކީ ނުކޮށް ޕްރީ ޕްރައިމަރީގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި ވަރަށް ކާމިޔާބު ހަރަކާތެއް މީ." ޝީތު މިސް ވިދާޅުވިއެވެ.

ޝީތާ މިސް އިތުރަށް ވިދާޅުވީ މި ޒަމާނަކީ ޑިޖިޓަލް ޒަމާނަކަށް ވުމާއެކު ޑިޖިޓަލްކޮށް ފޮތް ކިޔޭނޭ ފުރުސަތު ވެސް މި ސްޓޯލްތަކުގައި ފަހިކޮށްދީފައިވާ ކަމަށާއި، ކަންކަން ޑިޖިޓަލް ވަމުން ގޮސް ފޮތްކިޔުމުގެ ވައްޓަފާޅި ވެސް މިހާރު ބަދަލުވެފައި ވާ ކަމަށެވެ.

ދުނިޔޭގެ ފޮތުގެ ދުވަހާއި ލައިބްރަރީ ދުވަހާ ގުޅިގެން އަޙްމަދިއްޔާގެ ލައިބްރަރީއަށް ފޮތް ހަދިޔާ ކުރުމުގެ ފުރުޞަތު ހުޅުވާލުމުން އެކަމަށް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ވަރަށް ފުރިހަމަ އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިގެންދިޔަ ކަމަށާއި، މުދައްރިސުންގެ ވެސް ވަރަށް ފުރިހަމަ އެއްބާރާލުމެއް ލިބިގެންދިޔަ ކަމަށެވެ.