އާރޓިކަލް 83 : އުންމަތުގެ ތެރޭގައި ދީނީގޮތުން ރައުޔު ތަފާތުވާ ބައެއް ސަބަބު

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((إِنَّ الْـحَلاَلَ بَيِّنٌ وَإِنَّ الْـحَرَامَ بَيِّنٌ، وَبَيْنَهُمَا أُمُورٌ مُشْتَبِهَاتٌ، لاَ يَعْلَمُهُنَّ كَثِيرٌ مِنَ النَّاسِ، فَمَنِ اتَّقَى الشُّبُهَاتِ اسْتَبْرَأَ لِدِينِهِ وَعِرْضِهِ، وَمَنْ وَقَعَ فِي الشُّبُهَاتِ وَقَعَ فِي الـحَرَامِ)) މާނައީ: [ހަމަކަށަވަރުން ޙަލާލުކަންކަން ވަނީ ބަޔާންވެގެންނެވެ. އަދި ހަމަކަށަވަރުން ޙަރާމްކަންކަން ވަނީ ބަޔާންވެގެންނެވެ. އަދި އެދެމެދުގައި އޮޅުންއަރާ ކަންތައްތަކެއް ވެއެވެ. އެކަންތައްތައް މީސްތަކުންގެ ތެރެއިން ގިނަމީހުންނަކަށް ނޭނގެއެވެ. ފަހެ އެއޮޅުންއަރާ ކަންކަމުން ދުރުހެލިވެއްޖެމީހާ އޭނާގެ ދީނާއި އޭނާގެ އަބުރު ރައްކާތެރިކޮށްފިއެވެ. އަދި އެއޮޅުންއަރާ ކަންކަމުގެ ތެރެއަށް ވެއްޓިއްޖެމީހާ ޙަރާމް ކަންކަމުގެ ތެރެއަށް ވެއްޓިއްޖެއެވެ.]

މިޙަދީޘަށް ބަލާއިރު އެނގިގެން ދަނީ ދީނީގޮތުން ޝުބުހާތްތަކެއް ނުވަތަ ޝައްކުތަކެއް ނުވަތަ އެކަމެއްގެ ހަލާއި ޙަރާމާއި މެދު މިއުންމަތުގެ މީހުންނަށް އޮޅުންއަރާނޭ ކަންކަން ހުންނާނޭ ކަމެވެ. މިފަދަ ކަންކަމުގައި ގިނަމީހުން އެކަންކަމުގެ ޙައްލު ދީނީގޮތުން ނޭނގޭނޭ ކަމެވެ. ގިނަމީހުންނަށް ނޭނގޭނޭ އޮތުމުން، އެނގިގެންދަނީ އެކަންކަމުގެ ޙަޤީޤަތް ނުވަތަ ދީނީގޮތުން އެކަމުގެ ޙައްލު އެނގޭނޭ މަދުބަޔަކު އުޅޭނޭ ކަމެވެ. ޝައްކެއްވެސް ނެތެވެ. އެއީ އަކަންކަމުގެ ޙައްލު ދެނެގަނެވޭނޭ މަޤާމަކަށް ވާޞިލުވާނޭ މިންވަރަށް ދީނީ ޢިލްމު ލިބިފައިވާ މީހުންނެވެ. އަދި ހަމައެއާއެކު އެލިބިފައިވާ ޢިލްމު އެމީހަކު ބޭނުންކުރުމުގައި ދެގޮތަކަށް އެމީހެއްގެ ރައުޔު ފާޅުކުރުމުގައި އަސަރު ކުރުވައެވެ. ދުނިޔެވީ އެދުން ބޮޑުމީހަކު ނަމަ ކިތަންމެ ޢިލްމެއް ލިބިފައިވާ ނަމަވެސް އެމީހެއްގެ ރައުޔުތައް ވަރަށްބޮޑަށް ބިނާވާނީ އެމީހެއްގެ އެއެދުމަށް ހުރަސްނޭޅޭ ފަދައިންނެވެ. ނަމަވެސް އުޚުރަވީ އެދުމުގެ މައްޗަށް ދީނީ ރައުޔު ބިނާވާނަމަ، އެޢިލްމުތަކަށް ފުރިހަމައަށް ޢަމަލުކުރުމުގެ އެދުންހުރި ނަމަ، އެމީހަކުވެގެންދަނީ ތަޤްވާވެރިކަން ބޮޑު ވަރަޢަވެރި ޢިލްމުވެރިއަކަށެވެ. ދީނީގޮތުން ރައްކާތެރިކަން ލިބިގެންވަނީ ދުނިޔެވީ އެދުމުގެ މައްޗަށް ބިނާކޮށް އަންނަ ފަތުވާތަކަށްވުރެ، އުޚުރަވީ ޙަޔާތަށް ބިނާކޮށް އަންނަ ފަތުވާތައްކަން ކަށަވަރެވެ. ދީނީ ރައުޔުތައް ވަރަށްބޮޑަށް ތަފާތުވާ ސަބަބެއްކަމުގައިވެސް މިކަން ވެގެންދެއެވެ. ޙަޤީޤަތަކީ މުސްލިމުންގެ މެދުގައި ގިނަގުނަ ޝުބުހާތްތަކެއް އުފެދިފައި އޮތްނަމަވެސް، އިސްވެ ބަޔާންވެދިޔަ ޙަދީޘްގައި ބަޔާންވެފައިވާ ފަދައިން، އިޚްލާޞްތެރިކަމާއެކު ދީނީ ޢިލްމު އުފުލައިގެން ތިބޭ ދީނީ ޢިލްމުވެރިންނަށް، އެކަންކަމުގެ ފުރިހަމަ ޙުކުމް އެނގިވަޑައިގަންނަވާނޭ ކަމެވެ.

ނަމަވެސް ދެން އޮތީވެސް ނުހަނު މުހިންމު ވާހަކައެކެވެ. އެއީ މިފަދަ ތަޤްވާވެރި، އިޚްލާޞްތެރި، ވަރަޢަވެރި، އަޅުވެރި، ޢިލްމުވެރިންތަކެއްގެ މެދުގައިވެސް ޚިޔާލުތަފާތުވާ މައްސަލަތައް އުފެދެއެވެ. ވަރަށް ނާދިރު ފަހަރެއްގައި މެނުވީ މިފަދަ ކަންކަމުގައިވެސް ރަނގަޅުވާނެ ކޮންމެވެސް އެއްގޮތެއް އޮންނައިރު އެހިސާބަށް ވާޞިލުވެވޭނެއެވެ. ރަނގަޅުވާނެ ކަމަށް ނިންމާގޮތް ބިނާވާނީ، އެމީހަކުގެ ޢިލްމުގައި ކަނޑައަޅާފައި ދީނީ އުޞޫލުތަކުން ނިންމާގޮތެއްގެ މައްޗަށެވެ. ނުވަތަ ނައްޞުތަކުން (ޤުރުއާނާއި ސުންނަތުން) އޭނާއަށް މަފްހޫމްވާ ގޮތެއްގެ މައްޗަށެވެ. މިކަންކަމީ ޢަޤީދާގެ އެއްވެސް ކަމެއްގައި އައިސްގެން ނުވާނެކަންކަމެވެ. އިހުގެ ބޮޑެތި ދަންނަ ބޭކަލުން ކަމުގައިވާ އިމާމް ޝާފިޢީ، އިމާމް މާލިކް، އިމާމް އަޙްމަދު އަދި އިމާމް އަބޫޙަނީފާމެން ފަދަ ބޭކަލުންގެ މެދުގައިވެސް ޢަޤީދާގެ އެއްވެސް މައްސަލައެއްގައި ޚިލާފެއް ނުވެއެވެ. ނަމަވެސް ޚިލާފުތައް އަންނަނީ ފަރުޢީ ކަންކަމުގައެވެ. ދީނީގޮތުން ކުރަންއޮންނަ ޢަމަލުތަކުގައެވެ.

މީގެ ތެރެއިން ބައެއް ކަންކަމުގައި ޚިލާފު އަންނަނީ އޭގެ ކުރީގެ ޒަމާނެއްގައި ޢިލްމުވެރިން އެމައްސަލައެއްގައި އިޖްމާޢު ވެފައިވެސް ވަނިކޮށެވެ. އެހެންނަމަ އެއިޖްމާޢު އަކީ ނުހަނު ވަރުގަދަ އެއްޗަކަށްވެ އެއީ ޙައްޤު ގޮތް ކަމުގައި ނިންމިގެން ދެއެވެ. އެހެންވުމުން އެކަމުގައި އިޚްތިލާފު އޮތްކަމުގައި ވީނަމަވެސް އެމައްސަލައިގެ ޙައްލު އެއޮތީ ފަހުން އަންނަމީހުންނަށް ލިބިފައެވެ.

ބައެއްފަހަރު އެކިޒަމާންތަކުގައި އެބަޔަކު ތަނަވަސްވެފައިވާ މިންވަރަކުން، އަތުގައިވާ ވަޞީލަތްތަކުގެ މަދުކަމާއި ގިނަކަމަށް ބަލާ، ނުވަތަ މުޖްތަމަޢުގެ ޙާލަތަކުގެ ދަށުން ދަތުރުފަތުރުކުރުން ފަސޭހަވުމާއި އުނދަގޫވުމަށް ބަލާ، ނުވަތަ ރަށްތަކުގައި އޮންނަ އަމާންކަމާއި ބިރުވެރި ޙާލަތަށް ބަލާ، މިފަދަ ކަންކަމުގެ އަސަރު ޚަބަރުތައް ފެތުރުމުގައި ފަސޭހަކަމާއި އުނދަގޫކަން އާދެއެވެ. އޭގެ ސަބަބުން ބައެއް ދަންނަބޭކަލުން އުޅުއްވާ ސަރަޙައްދުތަކަށް ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ފޯރާވަރު މަދުވެގެން ދިއުމުން އެސަރަހައްދެއްގެ ޢިލްމުވެރިންގެ ފަތުވާ ބިނާކުރަނީ އެބޭކަލުން އަތްޕުޅުގައި ހުންނަ ދަލީލުތަކުގެ މައްޗަށް ބިނާކޮށެވެ. އެހެންވުމުން އެއްބަޔަކު އަތުގައި ހުންނަ ޙަދީޘެއް އަނެއްބަޔަކުގެ އަތުގައި ނެތުމުން ދެވޭ ފަތުވާ ތަފާތުވެގެން ދެއެވެ. މީގެ ޙައްލުވެސް ފަހުން އަންނަބަޔަކަށް އެހުރިހައި ކޮޅުތަކެއް ފެނުމުން ބުރަވާންވީ ކޮޅު ނުވަތަ ތިމާ ނަގަންވީ ކޮޅު ދެނެގަތުން ނުހަނު ފަސޭހަވެގެންދެއެވެ. އެއީ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް އޮތްކޮޅެވެ.

ރަސޫލާ صلى الله عليه وسلم ގެ ޙަޔާތްޕުޅުގެ ޒަމާނަކީ ޙުކުމްތައް ބާވާލައްވަމުން ދިޔަ 23 އަހަރު ކަމުގައިވުމުން، ބައެއް ޒަމާންތަކުގައި އެބޭކަލުންނަށް ހުއްދަ ކަންކަން އޭގެ ފަހުން ޙަރާމްވެގެން ދިޔައެވެ ނުވަތަ އޭގެ އަނެއްކޮޅަށް ކަންކަން ވަމުން ދިޔައެވެ. މިދެބައިގެ ޙަދީޘްތައްވެސް ފަހުން އައިބޭކަލުންނަށް ޞަޙާބީންވަނީ ފޯރުކޮށްދެއްވާފައެވެ. ނަމަވެސް އޭގެފަހުން ކޮންމެވެސް ސަބަބުތަކަކާއި ހުރެ، މިތަނުން ކުރިން ނުވަތަ ފަހުން އައީ ކޮންޙުކުމެއްކަން ސާފުވާގޮތް ނުވިއެވެ. ވީމާ ފަހުން ވަޑައިގެންނެވި ދަންނަބޭކަލުންގެ މެދުގައި މިޙަދީޘްތަކުގައި ހިއްޕެވުމުގައި ޚިލާފު އުފެދުނެވެ. އެއްބަޔަކު ހުއްދަކޮޅުގައިވާ ޙަދީޘްތަކުގައި ހިއްޕެވިއިރު އަނެއްބަޔަކު ޙަރާމްކޮޅުގައިވާ ޙަދީޘްގައި ހިއްޕެވިއެވެ. އެއީ ކުރިން އައި ކޮން ޙުކުމެއްކަމެއް ސާފުކޮށް އެނގިފައި ނެތުމުންނެވެ. އަދި މިއީ ޙައްލުކުރަން އުނދަގޫ މައްސަލައަކަށްވެސް ވެއެވެ. ނަމަވެސް މިފަދަ މައްސަލަތަކުގެ ތެރެއަށްވެސް ދިރާސީ ނަޒަރަކުން ފީނާލެވޭ ފެންވަރުގެ ދީނީޢިލްމަށް ޚާއްޞަ ދަރިވަރުންނަށް، ކުރެވޭ ދިރާސާތަކުގެ އަލީގައި ރަނގަޅު ގޮތާ ހަމައަށް ވާޞިލުވެވޭނެއެވެ.

ކޮންމެ ޙަދީޘެއް ފޮތްތަކުގައި ލިޔެވިފައިވަނީ ރަސޫލާ صلى الله عليه وسلم ދުނިޔެ ދޫކުރެއްވިތާ ސަތޭކަ ނުވަތަ ދުއިސައްތަ އަހަރު ފަހުން ކަމުގައިވުމުން ފޮތްތަކުގައި ލިޔެވިފައިވަނީ ސަނަދަކާއި އެކުއެވެ. (ސަނަދަކީ ޚަބަރެއް ފޮތްލިޔުނު ބޭކަލަކާއި ހަމައަށް ގެނެސްދެއްވި ޗެއިން އޮފް ނެރޭޓަރސް އެވެ.) މިފަދައިން އޮންނަ ރާވީންގެ ސިލްސިލާގައި ތަފާތު ފެންވަރަށް ދަސްކުރުމުގެ ބާރާއި ދީންވެރިކަން ހުންނަ ރާވީން ވެއެވެ. ވީމާ މިފަދައިން ދެކޮޅަށް އަންނަ ދެޙަދީޘް އޮންނަ މައްސަލަތަކުގައި ރާވީންގެ އިތުބާރުހުރިވަރު ބަލައިގެން ޙަދީޘްގެ ޞައްޙަކަން ނުވަތަ އިސްކަންދިނުން ބެލެއެވެ. މިގޮތަށް ރާވީންނަށް އިސްކަން ދިނުމުގައި ތަފާތު ޢިލްމުވެރިންގެ މެދުގައި ރާވީގެ އިތުބާރާމެދު ޚިލާފު އުފެދުމުންވެސް، އެބޭކަލެއްގެ ރައުޔު ބިނާކުރާ ނައްޞު ތަފާތުވުމުން ރައުޔު ތަފާތުވެއެވެ. މިކަމުގެވެސް ރަނގަޅުގޮތާ ހަމައަށް ތަޙްޤީޤީ އަދި ދިރާސީ ގޮތަކުން ކިޔަވާ ދަރިވަރުންނަށް ވާޞިލުވެވެއެވެ.

ޒަމާން ބަދަލުވާއިރު ތަފާތު ވަޞީލަތްތައް ގިނަވެ މަދުވުމާއެކު މީހުންގެ މުޢާމަލާ ކުރުމުގައި ތަފާތު އާކަންކަން ވުޖޫދުވަމުން ދެއެވެ. މިފަދަ ތަފާތު އާކަންކަމާއެކު ދީނީގޮތުން އާމައްސަލަތައް އުފެދެއެވެ. މިފަދަ މައްސަލަތަކަށް ބައެއްފަހަރު ސާފު ދަލީލެއް ފެންނަން ނޯވެއެވެ. ދެން ޢިލްމުވެރިންގެ ޤިޔާސުންނާއި ޢާންމުކޮށް ހުންނަ ދަލީލުތަކަށް ބިނާކޮށް ކުރެވޭ އިޖްތިހާދުތަކުގައި އެކިބޭކަލުންގެ ރައުޔު އެމައްސަލައެއްގައި ތަފާތުވެގެންދެއެވެ. އަދި ބައެއް ފަހަރު ކަމެއްގައި ނައްސެއް އޮތަސްވެސް، އެނައްޞަކުން މާނަ ނެގުމުގައި އެއްބަޔަކަށް އެއިން ޙަރާމްކަމުގެ ޙުކުމް ނެގޭއިރު އަނެއްބަޔަކަށް އެދަރަޖައަށް ނުދާ މަކްރޫހުގެ ޙުކުމް ނެގިގެން ދެއެވެ. ހަމައެގޮތަށް ވާޖިބުގަޔާއި ސުންނަތުގައި ޙުކުމްވެސް އާދެއެވެ. މިފަދަ ގިނަ މައްސަލަތުގައި އެހެނިހެން ދަލީލުތަކުގެ މައްޗަށް ބިނާކޮށް ރަނގަޅު ހުކުމަށް ވާޞިލުވެވޭއިރު، މަދު ކަމެއްގައި ވާޞިލުވާން އުނދަގޫވެފައިވެއެވެ. އަދި އޭގެ އިތުރުން ޙަރާމްވެފައިވާ އަދި ޙަލާލްވެފައިވާ ޙިކްމަތްތައް ދެނެގަތުމުގައި އަންނަ ރައުޔު ތަފާތުވުމުގެ ސަބަބުން އެޙިކްމަތްތަކަށް ބިނާކޮށް ނެރެވޭ ޙުކުމްވެސް ފަހަރުގައި ތަފާތުވެގެން ދެއެވެ.

ނަމަވެސް މިއިން ކޮންމެ މައްސަލައެއްގައި، މިދުނިޔޭގައި ޙައްޤު ގޮތާއި ދިމާވާނޭ ގޮތަށް ބަސްވިދާޅުވާ ޢިލްމުވެރި ބޭކަލުން ތިއްބަވާނެކަން ޔަޤީނެވެ. އެޢިލްމާއެކު ނިޔަތާއި ގެންގުޅޭ އުޞޫލުތަކާއި އީމާންކަމުގެ ހަރުދަނާކަމާއި ހުންނަ ތަޤްވާވެރިކަމާއި ވަރަޢަވެރިކަމަށް ބަލާ، ދިރާސީ ޢިލްމުތަކުން މިފަދައިން ހުންނަ މައްސަލަތަކުގައިވެސް ރަނގަޅުގޮތާއި ހަމައަށް ވާޞިލުވާން އެދޭމީހުންނަށް އެހިސާބަށް ދެވޭނެއެވެ. އެހިސާބަށް ނުދެވޭނަމަ، މިފަދަ އުނދަގޫ މައްސަލަތަކުގައި ދީނީޢިލްމު މަދުބަޔަކު ޖެހޭނީ އުޚުރަވީ ޙަޔާތުގެ ނަޒަރަކުން ބަލާ އެންމެ އިތުބާރުހުރި ބޭކަލެއްގެ ކައިރިން އަހައިގެން އޮޅުންފިލުވާށެވެ. ޖުމްލަގޮތެއްގައި ދީނުގައި ޙަލާލާއި ޙަރާމް ސާފުކޮށް ބަޔާންވެފައިވާ ކަންކަމާއި، އަދި މިލިޔުމުގައި އަލިއަޅުވާލެވުނު މައްސަލަތަކުގައިވެސް، ދީނީޢިލްމު ނެތްނަމަ އޮތްގޮތަކީ ޢިލްމުގެ އަހުލުވެރީންނާ ސުވާލުކުރުމެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿فَسْـَٔلُوٓاْ أَهْلَ ٱلذِّكْرِ إِن كُنتُمْ لَا تَعْلَمُونَ﴾ سورة النحل:43 މާނައީ: [ފަހެ ތިޔަބައިމީހުންނަށް ނޭނގޭނަމަ ޢިލްމު އަހުލުވެރިން ކުރެން ތިޔަބައިމީހުން ސުވާލުކުރާށެވެ.]

އުންމަތުގެ ގިނަބަޔަކަށް ދީނީގޮތުން އޮޅުންއަރާފައިވާ ކަންކަން އަޅަމެންނަށް ސާފުކޮށް ބަޔާންވާނޭގޮތް މެދުވެރި ކުރައްވާށިއެވެ. އަދި ދީނީގޮތުން އަބަދުވެސް ރަނގަޅުގޮތް އެނގުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް ދެއްވާށިއެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *