އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އަދަބީ ޖަމްޢިއްޔާ ދަރިވަރުންގެ ހިޔާއާއި ދިވެހި ޑިޕާޓްމެންޓް ގުޅިގެން”ހިޔާ ޢީދު 2022“ މިއަދު ބާއްވައިފިއެވެ.
މިއަހަރު ހިޔާޢީދު ގައި މަތީ ސާނަވީ ދަރިވަރުންނަށް 10 މުބާރާތެއް ވަނީ ބާއްވާފައެވެ. އެއީ، މަޒުމޫނު ލިޔުމާއި، ރިޕޯޓް ލިޔުމާއި، ދަތުރުނާމާ ލިޔުމާއި، ބަހުސް ކުރުމާއި، ރައިވަރު ކިޔުމާއި، ތަމްސީލު ކުޅުމާއި، ބަޚަބަރު ކިޔުމާއި، ބައޮގްރަފީ ހުށަހެޅުމާއި، އަދަބީ ކުއިޒާއި ނޫސްލިޔުމެވެ.

މި މުބާރާތްތަކުގެ ތެރެއިން ލިޔުމުގެ މުބާރާތްތައް ކަމަށްވާ މަޒުމޫނު ލިޔުމާއި، ރިޕޯޓު ލިޔުމާއި ދަރުރުނާމާ ލިޔުން އޮތީ ރޭ 7 ން ފެށިގެން 9.30 ގެ ނިޔަލަށެވެ. ނޫސްލިޔުމާއި ސްޓޭޖް ޙަރަކާތްތައް އޮތީ މިއަދު ހެނދުނު 8.30 ން ފެށިގެން ހަވީރު 4.30 ގެ ނިޔަލަށެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ސްކޫލްގެ 4 ހައުސް ކަމަށްވާ ޖަނަވަރީ، ކާމިނީ، ޗާނދަނީ، ހުވަނދުމާ ހައުސް ވާދަކުރާ ގޮތަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތްތަކުގެ ތެރެއިން މިއަދު އެންމެ ފުރަތަމަ ބޭއްވި މުބާރާތް ކަމަށްވާ ބަހުސް މުބާރާތް ކުރިޔަށް ގެންދިޔައީ 4 ހައުސްގެ މެދުގައި ގުރުއަތުލައިގެން ދިމާވި ދެ ހައުސް ވާދަކޮށް މޮޅުވާ ހައުސެއް ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. މިގޮތުން ފައިނަލަށް ދަތުރުކޮށް، ހަވީރު އޮތް ފައިނަލް ބަހުސްގައި ވާދަކޮށްފައި ވަނީ ކާމިނީ ހައުސް އާއި ޖަނަވަރީ ހައުސްއެވެ.

ބަހުސްގެ ފުރަތަމަ ބުރަށް ފަހު، ދެން އޮތީ ރައިވަރު ކިޔުމުގެ މުބާރާތެވެ. މި މުބާރާތުގައި ވެސް ކޮންމެ ހައުސްއަކުން 3 ދަރިވަރަކު ބައިވެރިވެ، އެއިން ކޮންމެ ދަރިވަރަކު ވަނީ 3 ބަހުގެ ރައިވަރަކާއި 6 ބަހުގެ ރައިވަރެއް ކިޔާފައެވެ.

ބަޚަބަރު ކިޔުމުގެ މުބާރާތް ކުރިޔަށް ގެންދިޔައީ ދެ ދަރިވަރަކު ޚަބަރު ހުށަހަޅާ، ޚަބަރުގެ އިތުރު ތަފްޞީލު މަންޒަރުން ދައްކާ ގޮތަށެވެ. ބެލުންތެރިންގެ ވަރަށް ބޮޑު މަޤްބޫލުކަމެއް ލިބިގެންދިޔަ މި މުބާރާތުގައި ދަރިވަރުންގެ ހުނަރު ވަރަށް ފުރިހަމައަށް ދައްކާފައިވާކަން ފާހަގަކުރެވުނެވެ.

ތަމްސީލު ކުޅުމުގެ މުބާރާތަކީ ވެސް ވަރަށް ފޯރިގަދަކޮށް ދިޔަ މުބާތާތެކެވެ. މި މުބާރާތުން އެންމެ މޮޅު ތަމްސީލާއި، އެންމެ މޮޅު މުމައްސިލް އަދި މުމައްސިލާ ހޮވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ތިން ހައުސްއަކުން ބައޮގްރަފީ ހުށަހެޅުން ކުރިޔަށް ގެންދިޔައީ އެ ހައުސްތަކުން އިޚްތިޔާރުކުރި ޝަޚްޞިއްޔަތުގެ ކުރިމަތީގައެވެ. އެގޮތުން ޖަނަވަރީ ހައުސް އިން މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ ތިންވަނަ ހޯދި މަރިޔަމް މަޢީޝާ (ރާޅުމަރިޔަނބު) ގެ ހާޒިރުގައި އޭނާގެ ބައޮގްރަފީ ހުށަހެޅިއިރު، ކާމިނީ ހައުސް އިން ހުށަހެޅީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަޙްމަދު ޝަފީޤް ގެ ހާޒިރުގައި ސައްޕެ ސަރގެ ބައޮގްރަފީއެވެ. ހުވަނދުމާ ހައުސް އިން ހުށަހެޅީ މަޝްހޫރު ޅެންވެރިޔާ އާދަމް ނަޞީރު އިބްރާހީމްގެ ބައޮގްރަފީއެވެ. ޗާންދަނީ ހައުސް އިން ޝަޚްޞިއްޔަތުގެ ހާޒިރުގައި ހުށަހެޅީ އަރަމުން އަންނަ ޒުވާން ޝަޚްޞިއްޔަތެއް ކަމަށްވާ މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝްގެ ބައޮގްރަފީއެވެ.

އެންމެ ތަފާތުކޮށް ކުރިޔަށް ގެންދިޔަ އެއް މުބާރާތަކީ އަދަބީ ކުއިޒް މުބާރާތެވެ. މި މުބާރާތް ބޭއްވީ އަދަބީ ބަހާގުޅޭ ފޮޓޯ ޕަވަރޕޮއިންޓް މެދުވެރިކޮށް ދެއްކުމުން ކޮންމެ ހައުސްއަކުން އެ މުބާރާތަށް ހޮވާފައިވާ 3 ކުދިންގެ ޓީމުން މަޝްވަރާކުރުމަށް ފަހު އެ އަދަބީބަސް ލިޔާ ގޮތަށެވެ. މި މުބާރާތުގައި މަޖާޒާއި މިސާލާއި، މިސާލު ބަހާއި، ހަރުބަހާއި، ބޯދާބަހާއި މުސްކުޅި ބަސް ރަމްޒުކޮށްދޭ ތަފާތު އެކި ވައްތަރުގެ 30 ފޮޓޯ ދައްކާފައިވެއެވެ.
ނޫސް ލިޔުމުގެ މުބާރާތް ކުރިޔަށް ގެންދިޔައީ ހެނދުނު 8.30 ން ފެށިގެން ހަވީރު 4 ޖެހުމާ ހަމައަށެވެ. ނޫސްލިޔުން ކުރިޔަށް ގެންދިޔައީ ސްކޫލްގެ ޖަލްސާކުރާ މާލަމުގައި އެ ހައުސްއަކުން ޒީނަތްތެރިކޮށްފައިވާ ސަރަޙައްދުގައެވެ. މާލަން ޒީނަތްތެރިކުރުމަކީ ވެސް ވަނަ ހޮވާ ގޮތަށް ބޭއްވި ޙަރަކާތެކެވެ.

ހިޔާ ޢީދުގެ ޙަރަކާތްތައް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަތީ ސާނަވީ ބައިގެ ސެޝަން އިންޗާރޖް އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙް ވަނީ މި ޙަރަކާތް މިހައި ފުރިހަމަކޮށް އިންތިޒާމްކުރި ދިވެހި އަދަބީ ޖަމިއްޔާ ދަރިވަރުންގެ ހިޔާ އަށާއި، ދިވެހި ޑިޕާޓްމަންޓުގެ އިތުރުން ފަނޑިޔާރުން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، ޝުކުރުއަދާކުރައްވާފައެވެ. އަދި އަޙްމަދިއްޔާގެ ބައެއް އިސްދަރިވަރުން މި ޢީދުގެ ހަރަކާތްތަކުގައި އެ ދަރިވަރުން ކުރިން އުޅުނު ހައުސްތަކަށް ކޯޗުކޮށްދީ އެހީތެރިވުމަށް އައިސްފައި ވާތީ އެ ދަރިވަރުންނަށް ޝުކުރުއަދާކުރައްވައި، އެ މީހުން ނަމޫނާއަކަށް ބަލައިގެން މިއަހަރު ގްރޭޑް 12 ނިންމާ ދަރިވަރުން ވެސް މިއަންނަ އަހަރުގެ ހިޔާ ޢީދުގައި އިސްދަރިވަރުންގެ ގޮތުގައި ފެންނާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށް ޞަލާޙް ސަރ ވިދާޅުވިއެވެ.

ހިޔާ ޢީދުގެ ވަނަވަނައަށް އައި ދަރިވަރުންނާއި ހައުސްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 27 ވަނަ ދުވަހު ޤައުމީ ދުވަސް ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައެވެ.
ވޭތުވެ ދިޔަ 10 އަހަރު ހިޔާ ޢީދު ބާއްވާފައިވަނީ، ސާނަވީ އާއި މަތީ ސާނަވީގެ ދަރިވަރުންނަށް އެކީގައި ވާދަ ކުރެވޭ ގޮތަށެވެ. ނަމަވެސް މިއަހަރު ހަމަޖައްސާފައި ވަނީ ސާނަވީ އާއި މަތީ ސާނަވީ ކުލާސްތަކުގެ ދަރިވަރުން ވަކިން މިދުވަސް ފާހަގަކުރާ ގޮތަށެވެ. އެގޮތަށް ހަމަ ޖައްސާފައި ވަނީ މިހާރު ސްކޫލްގެ އެކިއެކި މަގާމްތަކަށް ދަރިވަރުން ހޮވަނީ ވެސް ސާނަވީއާއި މަތީ ސާނަވީގެ ދަރިވަރުންނަށް ވަކިން ކަމުގައިވާތީއެވެ. އަދި މިގޮތަށް ހަމަ ޖެއްސުމުން ވީހާވެސް ގިނަ ދަރިވަރުންނަށް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ވެސް އިތުރުވެގެން ދާނެތީއެވެ.