ބެންގްކޮކް ގައި މިހާރު ކުރިއަށްދާ ވޯލްޑް ސްކޮލާސް ކަޕްގެ ގްލޯބަލް ރައުންޑުގެ ފައިނަލް ބަހުސަށް 8 ސީ ގެ ދަރިވަރު މުޙައްމަދު ޔާނިޝް އަޙްމަދާއި 10ސީ ގެ ދަރިވަރު ފާތިމަތު ހަނާން އިނާން ހޮވި "ޑިބޭޓް ޝޯކޭސް" ގައި މި ދެދަރިވަރުން ވަނީ ބަހުސް ކޮށްފައެވެ. މުޅި މުބާރާތުގެ ޖޫނިއަރ އެންމެ މޮޅު ބަހުސްކުރުންތެރިންގެ މެދުގައި ބޭއްވި ޚާއްޞަ ފައިނަލް ބަހުސް އޮތީ 4 ސެޕްޓެމްބަރު 2022 ގެ މެންދުރު، ބެންކޮކުގެ އަސްކްރާ ތިއޭޓަރުގައެވެ. އެތައް ސަތޭކަ ކުދިންގެ ތެރެއިން ހޮވި ޔާނިސްވަނީ ފައިނަލް ބަހުސްގައި ވާދަކޮށްފައެވެ.

ސީނިއަރ ކެޓެގެރީގެ އެންމެ މޮޅު ބަހުސްކުރުންތެރިންގެ މެދުގައި ބޭއްވި ޚާއްސަ ބަހުސް އޮތީ 5 ސެޕްޓެމްބަރު 2022 (މިއަދު) ގެ މެންދުރު، ހަމަ އެ ތިއޭޓަރުގައެވެ. މި ބަހުސްގެ އެއްޓީމުގައި ހަނާންވެސް ވަނީ ބަހުސް ކޮށްފައެވެ.
ބައިނަލްއަޤުވާމީ މި މުބާރާތުގައި ދުނިޔޭގެ އެކި ހިސާބުތަކުން 1200 އަށް ވުރެ ގިނަކުދިން ބައިވެރިވިއެވެ. މި ޚާއްޞަ ބަހުސަށް ޔާނިޝް އާއި ހަނާން ހޮވުމަކީ އެދެކުދިންނަށާއި މުޅި އަޙްމަދިއްޔާއަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ.
ވޯލްޑް ސްކޮލާސް ކަޕްގެ ގްލޯބަލް ރައުންޑުގައި އަޙްމަދިއްޔާ ދަރިވަރުން ބައިވެރިވި ހުރިހާ އަހަރެއްގެ ތެރެއިންވެސް ފައިނަލް ބަހުސަށް ހޮވުނު ހަމަ އެކަނި ދަރިވަރުންނަކީ، ޔާނިޝްއާއި ހަނާން އެވެ.

ޖޫނިޔާ ޑިބޭޓް ޝޯކޭސްގައި ޓީމުން ތިންވަނައަށް ބަހުސްކުރި ޔާނިޝްއާއި، ސީނިއަރ ޑިބޭޓް ޝޯކޭސްގައި ޓީމުން ފުރަތަމަ ބަހުސްކުރި ހަނާންގެ އިދިކޮޅު ޓީމު މޮޅުވިޔަސް، ޖަޖުންނާއި ގިނަ ބޭފުޅުން ވިދާޅުވާގޮތުގައި ދެކުދިންނާއި އެކުދިންގެ ޓީމުތައް ވަރަށް ރަނގަޅަށް ބަހުސްކުރިއެވެ.
"ހަނާން އާއި ޔާނިޝް ވޯލްޑް ސްކޮލާސް ކަޕްގެ އެންމެ ފަޚުރުވެރި ޑިބޭޓް ޝޯކޭސް އަށް ހޮވި، ފޯރިގަދަ ބަހުސްގައި ހުރިހާ ހާޒިރީންގެ ސަމާލުކަން ދަމައިގަތްތަން ފެނުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް. އެކުދިންގެ މުދައްރިސެއްގެ ހައިސިއްޔަތުން އެކުދިންގެ ކާމިޔާބު ފެނިގެންދިއައީތީ ވަރަށް އުފާވޭ." ސްކޮލާސް ކަޕްގެ ދަރިވަރުންގެ ޕްރެކްޓިސްތަކުގައި އިސްކޮށް އުޅުއްވި އިންގްލިޝް ލިޓަރޭޗާރ މުދައްރިސް ރަންޖިތް ކުރުޕް ވިދާޅުވިއެވެ.

"އަޅުގަނޑު ފުރަތަމަ ހުރީ ޝޮކުގައި، އެއްވެސް ގޮތަކަށް ހިޔެއް ނުކުރަން ޝޯކޭސްއަށް ހޮވޭނެ ކަމަށް، ޚާއްޞަކޮށް 50 އަށް ވުރެ ގިނަ ޤައުމުތަކުން އެންމެ 8 ކުދިން ނަގާއިރު." ބަހުސަށް އެރުމުން އިހުސާސްވި ޝުޢޫރުތައް ފާޅުކުރަމުން ޔާނިޝް ބުންޏެވެ. "މިހިސާބަށް އެރުމަށް އެހީވެދިން ހުރިހާ މުދައްރިސުންނާއި އެހެނިހެން ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." ޔާނިޝް ބުންޏެވެ.
"ސްކްރީނަށް ނަން އެރި އިރު އެންމެ ފުރަތަމަ ގަބޫލެއް ނުކުރެވުނު. ފަހުން ވަރަށް ބޮޑަށް ފަޚުރުވެރިވި، އެއީ އަޅުގަނޑާއި އަޙްމަދިއްޔާގެ ނަން އެތާ ދިއްލާލާފައިވާތީ. ޖޫނިއާރ އަދި ސީނިއަރ ގެ ޝޯކޭސްގައި އަޙްމަދިއްޔާގެ ދަރިވަރުން ހޮވުމަކީ ބޮޑު ކާމިޔާބީއެއް، އަދި ސީނިއަރ ޓީމުގެ ރަމްޒަކަށް އަޅުގަނޑަށް ވެވުނީތީ ވަރަށް އުފާވޭ. މި މުޅި މުބާރާތަކީ ވަރަށް އައު އަދި އަޖައިބުކުރަނިވި ތަޖުރިބާއެއް." ބަހުސާއި ބެހޭގޮތުން ވާހަކަދައްކަމުން ހަނާން ބުންޏެވެ.

ޔާނިޝްގެ ޓީމުގެ މެމްބަރުން ކަމަށްވާ 9ޑީ ގެ ދަރިވަރު އަޖްމަލް އާއި 9 ސީ ގެ ދަރިވަރު މިޝްކާ ބުނާ ގޮތުން ޔާނިޝް އަކީ ވަރަށް މޮޅު އަދި ހީވާގި ދަރިވަރެކެވެ. ޓީމުގެ ދެ މެމްބަރުންވެސް އެންމެ ގަދަރު ކުރަނީ ޔާނިޝްގެ ކެރުންތެރިކަމާއި ބަހުސްކުރުމުގެ ހުނަރެވެ.
ހަނާންގެ ޓީމުގެ މެމްބަރު، 10ޑީ ގެ ދަރިވަރު އިކްޝާން ބުނާގޮތުން ހަނާން އަކީ ހުނަރުވެރި އަދި ހިތްހެޔޮ ދަރިވަރެކެވެ. އިކްޝާން ގަބޫލުކުރާ ގޮތުގައި މުބާރާތުގެ މިހިސާބަށް އާދެވުނީ ހަނާންގެ ހީވާގި ބުރަ މަސައްކަތުންނެވެ.
ޖޫނިއަރ ދަރިވަރުންގެ ނަތީޖާ ފާޅުކުރުން އޮންނާނީ 6 ސެޕްޓެމްބަރު 2022 ގައެވެ. އަދި ސީނިއަރ ދަރިވަރުންގެ ނަތީޖާ ފާޅުކުރުން އޮންނާނީ 7 ސެޕްޓެމްބަރު 2022 ގައެވެ.