ރަޒާން އުއްމީދުކުރީ ގަދަ ފަހެއްގައި ހިމެނޭނެ ކަމަށް. ލިބުނީ ފަޚުރުވެރި އެއްވަނަ!

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން އޯލެވެލް ނިންމައި ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނު ހަތަރު ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަކީ މިހާރު އެ ސްކޫލްގެ 11 އެލް ގައި ކިޔަވަމުންދާ ރަޒާން އިބްރާހީމް ރަޝީދެވެ. މަޑުމައިތިރި ކަމަށް ލޯބިކުރާ ރަޒާން ހުރީ ނަތީޖާ ލިބުމުން ގަބޫލުކުރަން ވެސް ދަތިވެފައެވެ. ގަދަ ދިހައެއްގެ އެއްވަނަ ލިބުމަކީ އޭނާ އެއްވެސް ވަރަކަށް އުއްމީދުކުރި ކަމަކަށް ނުވާތީއެވެ.

"ނަތީޖާ ލިބުމުން ފުރަތަމަ އަސްލު ހަމަ ބިރުގަތީ. ހިއެއް ނުކުރަން އެއްވަނަ ލިބޭނެ ކަމަކަށް. ހިތަށް އެރީ މީ އޮޅުމެކޭ. އޮޅިގެން ދެވިފަ އޮތް ނަތީޖާއެކޭ. އަޅުގަނޑު އެއްވަނަ ލިބިދާނެ ކަމަށް އޭރު އުއްމީދުނުކުރާތީ އަސްލު ހަމަ ވަރަށް ޖެހިލުންވި އެ ނަތީޖާ ގަބޫލުކުރަން. ހިތަށް އެރި  މި ނަތީޖާ އަނެއްކާ ބަދަލެއް ނުވާނެ ބާއޭ. އެހާ ވެސް ބޮޑަށް އޭތި ގަބޫލުނުކުރެވިފަ ހުރީ." ރަޒާން ބުންޏެވެ.

އަމީރު އަޙްމަދު ސްކޫލުން ޕްރީ ސްކޫލް ނިންމުމަށް ފަހު، މަޖީދިއްޔާއިން ގްރޭޑް 7 ގެ ނިޔަލަށް ކިޔެވި ރަޒާން ބުނީ ގަދަ ދިހައެއްގެ އެއްވަނައިގައި ހިމެނުނީ މައިންބަފައިންގެ ވަރަށް ބޮޑު ގުރުބާނީއެއްގެ ސަބަބުން ކަމަށާއި، ރާއްޖޭގެ އެންމެ މޮޅު ސްކޫލް، އަޙްމަދިއްޔާ އިން ކިޔެވުމުގެ ފުރުޞަތު މައިންބަފައިން އޭނާއަށް ފަހިކޮށް ނުދިން ނަމަ އެފަދަ ރަނގަޅު ނަތީޖާއެއް ހޯދަން އުނދަގޫވީސް ކަމަށެވެ.

އަހްމަދިއްޔާ ސްކޫލަކީ ވަރަށް ޕްރޮފެޝަނަލް ޓީޗަރުންނާއި ރަނގަޅު އެކުވެރި މެނޭޖްމަންޓެއް އޮންނަ ވަރަށް ބޮޑަށް ކުދިންގެ ކުރިއެރުމަށް އިސްކަންދޭ ސްކޫލެއް ކަމަށާއި، އެތަކެއް އިތުރު ހަރަކާތްތަކާއި އިންޓަރ ސްކޫލް އަދި އިންޓަރ ކުލާސް މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ، ކޮންމެ ކުއްޖަކަށް ވެސް އެކުއްޖަކަށް މަސައްކަތް ކުރެވޭހާ އެންމެ ބޮޑަކަށް މަސައްކަތް ކުރަން ބާރު އަޅައި ނަތީޖާ ރަނގަޅުކޮށްދިނުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ސްކޫލެއް ކަމަށެވެ.

ރަޒާން ދަންނަ ކޮންމެ މީހަކު ވެސް އިއްތިފާގުވާ ގޮތުން ރަޒާން އަކީ އަޚްލާގު ރަނގަޅު، ކާމިޔާބީއާ ހަމައަށް ވާސިލްވުމަށް ކެނޑިނޭޅި މަސައްކަތްކުރާ އަޒުމް ވަރުގަދަ ކުއްޖެކެވެ. ރަޒާން އޯލެވެލް ހެދިއިރު ސެޝަން އިންޗާޖަކަށް ހުންނެވި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް ޢަލީ އާސިމް (އާސިމް ސަރ) ވިދާޅުވީ ރަޒާން އަކީ ވަރަށް ހިތްހެޔޮ މިޒާޖެއްގެ ކުއްޖެއް ކަމަށާއި، ކުދިންނާ ގުޅޭ، އަބަދުވެސް ކުލާހުގެ އެންމެ މޮޅު ކުދިންގެ ތެރޭގައި ވުމަށް ހިތްވަރާއެކު މަސައްކަތްކޮށް، އެކަން ކާމިޔާބުކުރި ނަމޫނާ ދަރިވަރެއް ކަމަށެވެ.

ރަޒާންގެ ބައްޕަ އިބްރާހީމް ރަޝީދު ވިދާޅުވީ ރަޒާން އަކީ މައިންބަފައިންގެ ބަސްއަހާ، ވަރަށް މަޑުމައިތިރި، ވަރަށް ކިޔަމަންތެރި ކުއްޖެއް ކަމަށެވެ.

ރަޒާން: މަންމަ އާއެކު

" ރަޒާން އެންމެ ކުޑައިރުއްސުރެ ވެސް ހަމަ ފާހަގަކުރެވެނީ ވަރަށް ކިޔަމަންތެރި، މަޑުމައިތިރި ކުއްޖެއްގެ ގޮތުގަ. ސްކޫލުން ދޭ ފިލާވަޅުތައް ވެސް ގަޑިންގަޑިއަށް ނިންމައި، ދަސްކޮށް ހަދާނީ އަމިއްލައަށް ފެނިގެން." ރަޒާންގެ ބައްޕަ ވިދާޅުވިއެވެ.

މިއަހަރު އޯލެވެލް ހަދާ ދަރިވަރުންނަށް ރަޒާން ދޭ ނަސޭހަތަކީ އަޙްމަދިއްޔާގެ މުދައްރިސުންނަށް އިތުބާރުކޮށް އެ މީހުންގެ ބަސް އަހައިގެން ކިޔަވައިފި ނަމަ ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމުގެ ސަތޭކަ އިންސައްތަ ޔަގީންކަން އޮންނާނެ ކަމަށާއި، އެހެން ކަމުން ހުރިހާ ކުދިން ވެސް މުދައްރިސުންގެ ލަފައާ އެއްގޮތަށް ކިޔެވުމެވެ.

އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ތަމްސީލުކުރި ޓީމުގައި 2018 އަދި 2019 ވަނަ އަހަރު ކުޅެ، ރާޒުވާ މުބާރާތްތަކުން ވެސް ވަނަ ހޯދާފައިވާ ރަޒާން ބުނީ އޭނާގެ ޝައުގުވެރިކަން ހުރީ އެކައުންޓިންގ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކޮށް އެ ދާއިރާއިން ގައުމަށް ފައިދާހުރި ޚިދުމަތްތަކެއް ކޮށްދިނުމަށް ކަމަށެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ ވެސް ރަޒާންގެ މި ހުވަފެނުގައި ކުލަޖެހި އުފާވެރި ބާއްޖަވެރި ކުރިމަގެއް މިންވަރުކުރުމެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *