ވޯލްޑް ސްކޮލާސް ކަޕަށް ދިޔަ ދަރިވަރުންގެ ގިނަ ކާމިޔާބީތަކެއް

ބެންކޮކުގައި ބޭއްވި 2022 ވޯލްޑް ސްކޮލާސް ކަޕްގެ ގްލޯބަލް ރައުންޑުގައި ވާދަކުރި އަޙްމަދިއްޔާގެ ދަރިވަރުން ގިނަގުނަ ކާމިޔާބީތަކެއްވަނީ ހޯދާފައެވެ. ހަފްތާއަކަށް ދެމިގެންދިޔަ މި ގްލޯބަލް ރައުންޑަކީ އަޙްމަދިއްޔާގެ އަދި ހަމަ އެހެންމެ ރާއްޖޭގެ ރިކޯޑުތައް މުގުރާލެވުުނު ރައުންޑެކެވެ.

ވޯލްޑް ސްކޮލާސް ކަޕްގެ ފުރަތަމަ ބުރު، "ރީޖަނަލް ރައުންޑް"ގައި އަޙްމަދިއްޔާގެ 48 ދަރިވަރުން ބައިވެރިވެފައިވާ އިރު، ހުރިހާ ދަރިވަރުންވެސް ވަނީ ސްކޮލާސް ކަޕްގެ ދެވަނަ ބުރު، "ގްލޯބަލް ރައުންޑް" އަށް ހޮވިފައެވެ. މިއީ އަޙްމަދިއްޔާއަށް މިފަހަރު ގާއިމްކުރެވުނު ފުރަތަމަ ރިކޯޑެވެ. މީގެ އިތުރުން ނިމިދިޔަ ގްލޯބަލް ރައުންޑުގައި ބައިވެރިވި ކުދިންގެ ތެރެއިން ޖޫނިއަރ ހުރިހާ  ދަރިވަރުން ވަނީ ސްކޮލާސް ކަޕްގެ ފައިނަލް ބުރު، "ޓޯނަމަންޓް އޮފް ޗެމްމިއަންސް" އަށް ހޮވިފައެވެ. މީގެ ކުރިން އަޙްމަދިއްޔާއިން މިމުބާރާތުގައި ބައިވެރިވި އިރު މިފަދަ ބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ. މީގެ އިތުރުން، ގްލޯބަލް ރައުންޑުގައި ބައިވެރިވި ސީނިއަރ ފަސް ޓީމުގެ ތެރެއިން އެންމެ ޓީމެއް ފިޔަވާ އެހެން ހުރިހާ ޓީމެއްވަނީ ޓޯނަމަންޓް އޮފް ޗެމްޕިއަންސަށް ފާސްވެފައެވެ. ޖުމުލަ 35 ކުދިން މި ގްލޯބަލް ރައުންޑުގައި ބައިވެރިވެފައި ވެއެވެ.

ނިމިދިޔަ ގްލޯބަލް ރައުންޑުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ޖޫނިއަރ ދަރިވަރުންގެ ނަތީޖާ ފާޅުކޮށްފައި ވަނީ 6 ސެޕްޓެމްބަރު 2022 ގައި ބެންކޮކްގެ އަސްކްރާ ތިއޭޓަރުގައެވެ. ރަސްމިއްޔާތުގައި އަޙްމަދިއްޔާގެ ޖޫނިއަރ ދަރިވަރުންނަށް ގިނަގުނަ އެވޯޑުތައް ލިބިފައިވާއިރު، ފާހަކޮށްލެވޭ އެންމެ ޝަރަފުވެރި އެވޯޑު، "ޖޫނިއާރ ޗެމްޕިއަން ސްކޮލާރ އޮފް މޯލްޑިވިސް" ލިބިފައިވަނީ 9ޑީ ގެ ދަރިވަރު، އަޖްމަލް ޚާލިސް ޝަރީފް އަށެވެ. މީގެ އިތުރުން، ހަމަ އެ ތިއޭޓަރުގައި 7 ސެޕްޓެމްބަރު 2022 ގައި ބޭއްވި ސީނިއާރ ދަރިވަރުންގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި، އަޙްމަދިއްޔާގެ ސީނިއަރ ދަރިވަރުންނަށް އެހާމެ ގިނަ އެވޯޑުތައް ލިބިފައިވެއެވެ. މީގެ އިތުރުން 10ސީ ގެ ދަރިވަރު، ފާތިމަތު ހަނާން އިނާން އަށް އެންމެ ޝަރަފުވެރި "ސީނިއަރ ޗެމްޕިއަން ސްކޮލާރ އޮފް މޯލްޑިވްސް" އެވޯޑު ވަނީ ލިބިފައެވެ.

"މިއީ ވަރަށް ލޯ ހުޅުވާލަދިން އައު ތަޖުރިބާއެއް. އަޅުގަނޑަށް އެކި އެކި ޤައުމުތަކުގެ މީހުންނާ ބައްދަލުވެ، ބައެއް ކުދިންނާ ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކުރުމުގެ ފުރުޞަތުވެސް ވަނީ ފަހިވެފަ. ތަޖުރިބާއިން ދަސްކޮށްދޭ ފިލާވަޅުތައް ފޮތުން ދަސްކުރުމަށްވުރެ މާ ރަނގަޅުވާނެ. ސްކޮލާސް ކަޕްގައި ކުރެވުނު ތަޖުރިބާ އަކީ އެންމެ ފުރިހަމަ އެއް ތަޖުރިބާ. ހަތް ތަރީގެ ޓީމަކާއެކު، ހަތް ތަރީގެ ސްކޫލެއް މި ބައިނަލްއަޤުވާމީ މުބާރާތުގައި ރަމްޒުކޮށްދިނުން ވެގެން ދިޔައީ ހަތް ތަރީގެ ތަޖުރިބާ އަކަށް. މި ފުރުސަތުގައި މިހާ ހިސާބަށް އައުމަށް އެހީ ވެދެއްވީތީ މައިންބަފައިންނަށާއި، އާއިލާއަށާއި ޓީމުގެ މެމްބަރުންނަށް ޝުކުރު އަދާކުރަން. އުންމީދުކުރަން ކުރިއަށް އޮންނަ ސްކޮލާސް ކަޕްގެ އިތުރު ރައުންޑުތަކުގައި ބައިވެރިވެ، ލިބުނު މެޑަލްތަކާއި، ޓްރޮފީ ތަކާއި، އަދި ޚާއްޞަކޮށް، ލިބުނު ތަޖުރިބާތަކަށް އިތުރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް" ސްކޮލާސް ކަޕްގެ މި ދަތުރާ ބެހޭގޮތުން ވާހަކަދައްކަމުން އަޖްމަލް ބުންޏެވެ.

"ގްލޯބަލް ރައުންޑުގައި ކުރެވުނު ތަޖުރިބާ ސިފަކުރަންޏާ ބުނެވޭނީ އެއީ އެންމެ ބޮޑު ހުވަފެންތަކުން ނެރެފައިވާ ތަޖުރިބާއެކޭ. އަމިއްލަ ހުނަރުތަކާއި، ލިބިފައިވާ ޢިލްމު، ދުނިޔޭގެ އެކި ޤައުމުތަކުގެ ކުދިންތަކެއްގެ ތެރޭގައި ޓެސްޓު ކުރެވިގެންދިޔަ. އައު ރަޙްމަތްތެރިންނާއި، އެތަކެއް ގިނަ އުފާވެރި ހަދާންތަކެއް ލިބުނު. މި އަޖައިބުކުރަނިވި ތަޖުރިބާގައި އަމިއްލަ އިޙްތިރާމުވެސް އިތުރުވާނެ. އުންމީދުކުރަން އަޅުގަނޑުގެ ހުނަރުތައް ބޮޑަށް ތަރައްގީކޮށް އަލުން ސްކޮލާސް ކަޕްގައި ބައިވެރިވެ، އައު، އުފާވެރި ހަދާންތަކެއް އިތުރުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް. ސްކޮލާސް ކަޕްގައި ވާދަކުރި ދުވަސްތަކަކީ އަޅުގަނޑުގެ ހަޔާތުގެ އެންމެ އުފާވެރި އެއް ދުވަސްވަރު. މި ރައުންޑަށް ދަތުރުކުރުމަށް، ގަދައަޅާ މަސައްކަތްކޮށްގެން، މަގުފަހިކޮށްދެއްވީތީ އަޅުގަނޑުގެ މައިންބަފައިންނަށް ޝުކުރު އަދާކުރަން، އަދި އަޅުގަނޑު އެންމެ ފުރިހަމަ ގޮތުގައި މި ރައުންޑުގައި ވާދަކުރުމަށް އެހީވެދެއްވީތީ މުދައްރިސުންނަށާއި، ކޯޗުކޮށްދޭން އައި ސީނިއަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އެއްވެސް ދަރިވަރަކު މި މުބާރާތުގައި ބައިވެރިވާން ބޭނުންނަމަ، އެއްވެސް ގޮތަކަށް ފަސްނުޖެހޭ، ބައިވެރިވޭ. އަޅުގަނޑުވެސް ހެދީ އެހެން. ބައިވެރިވީމަ އެތަކެއް ގިނަގުނަ އުފާވެރި ތަޖުރިބާތަކެއް ލިބުނީ. ތިޔަކުދިންވެސް މި ދަތުރުގައި ބައިވެރިވާނެކަމަށް އުންމީދު ކުރަން." ސީނިއާރ ދަރިވަރު، ހަނާން، މި މުބާރާތުން ލިބުނު ތަޖުރިބާއާ ބެހޭގޮތުން ވާހަކަދައްކަމުން ބުންޏެވެ.

"ސްކޮލާސް ކަޕްގައި ބައިވެރިވި އަޙްމަދިއްޔާގެ ދަރިވަރުންނަކީ އަޒުމްވަރުގަދަ، ހިތްވަރުގަދަ އަދި ބުރަ މަސައްކަތް ކުރާ ދަރިވަރުން. ގްލޯބަލް ރައުންޑުގައި ކާމިޔާބު ހޯދުމަށް އަޒުމުކަނޑައަޅާ، އެކުދިން ގަދައަޅާ މަސައްކަތްކުރިތަން އަޅުގަނޑަށް ފެނުނު. އަޅުގަނޑުގެ ހެޔޮދުޢާ އަބަދުވެސް ވަނީ އެކުދިންނާއެކު، އަދި އެކުދިންގެ މުސްތަޤުބަލުގައި ކުރިމަތިވާ ކަންކަމުން ކާމިޔާބީ ލިބޭނެކަމަށްވެސް އުންމީދުކުރަން." ދަރިވަރުންގެ ތައްޔާރީ ޕްރެކްޓިސްތަކުގައި އިސްކޮށް ހަރަކާތްތެރިވި އިނގިރޭސި މުދައްރިސް، އުސްރަތު މިސް ވިދާޅުވިއެވެ.

ބެންކޮކުގައި ބޭއްވުނު ގްލޯބަލް ރައުންޑުގައި ބައިވެރިވެ، އެ ރައުންޑުގައި އެކި އެކި ކާމިޔާބީތައް ހޯދި ދަރިވަރުންނަށް އައްސަރިބަހާ ސާބަސް ރައްދުކުރަމެވެ.

 

ވޯލްޑް ސްކޮލާސް ކަޕްގެ ޓޯނަމަންޓް އޮފް ޗެމްޕިއަންސް ބޭއްވިގެންދާނީ 11 ނޮވެމްބަރު 2022 ން 16 ނުވެމްބަރު 2022 އަށް އެމެރިކާގެ ޔޭލް ޔުނިވާސިޓީގައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *