الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ވަރަޢަވެރިކަމަކީ ޢަރަބި ބަހެއް ކަމުގައިވާ "ورع" މިބަހުން ނެގި ބޭނުންކުރެވޭ ބަހެކެވެ. ޢަރަބި ބަހުގައި ތަޤްވާވެރިކަމަށް އެބަސް ބޭނުންކުރެވެއެވެ. ނުވަތަ އެބަހުގެ މާނައަކީ އެކަށީގެންނުވާ ކަންކަމުން ދުރުހެލިވުމެވެ. ދީނީގޮތުންވެސް އެބަސް ބޭނުންކުރެވެނީ ބަހުގެ މާނައާ ގާތްކުރެވޭ ފަދަ ގޮތަކަށެވެ. އިބްނުލް ޤައްޔިމް رحمه الله ވިދާޅުވިއެވެ: ވަރަޢަވެރިކަމަކީ އާޚިރަތްދުވަހުން އެކަމުގެ ގެއްލުމެއް ލިބިދާނެކަމުގެ ބިރުހީވާ ކަންކަމުން ދުރުވުމެވެ. އަދި އިބްނު ތައިމިޔާ رحمه الله ވިދާޅުވިއެވެ: އެއީ އެކަމެއްގެ ޙަރާމްކަން އެނގޭކަންކަމާއި، އެކަމެއްގެ ޙަރާމްކަމާމެދު ޝައްކު އުފެދޭ ކަންކަމުގެ ސަބަބުން ޢުޤޫބާތެއް ލިބިދާނެކަމުގެ ބިރަށް އެކަމަކުން ދުރުހެލިވުމެވެ. އެއީ އެކަމެއް ދޫކޮށްލުމުގެ ފަސާދަ އެކަން ކުރުމުން ނިކުންނަ ފަސާދައަށްވުރެ ބޮޑުވެގެން ނުވާނޭގޮތުގެމަތީންނެވެ.
އިސްވެދިޔަ އެބަހުގެ ތަޢާރަފުން އެނގިގެންދަނީ ވަރަޢަވެރިކަން އަންނަނީ ދީނުގައި އެކަމެއްގެ ޙަރާމްކަމާއި މެދު ޝައްކު އުފެދިފައިވާ ކަމެއް ދޫކޮށްލުމުގައެވެ. އަދި އެހެނިހެން ބައެއް ބޭކަލުން މިބަހުގެ މާނަ ކިޔައިދީފައިވާ ފަދައިން އެއީ ޙަރާމްކަމަކަށް ތިމާ ވެއްޓިދާނެ ކަމުގެ ބިރަށްޓަކައި ޝުބުހާތްތަކުން ދުރުހެލިވުމެވެ.
މިފަދަ މައްސަލަތަކުގައި މުސްލިމް މުޖްތަމަޢުތަކުގައިވެސް ތިންގޮތަކަށް ޢަމަލުކުރާ ބަޔަކު ފެނެއެވެ. އެއްބަޔަކު ތިޔަކަންތައް ޙަރާމްވާނެ ކަމަށް ބުނެ އަވަސް ޙުކުމެއްކޮށް ޙައްދުފަހަނައެޅުމުގެ ނުވަތަ ދީނުގެ ނަމުގައި ހަރުކަށިކަން ދެއްކުމުގެ ސިފަތަކެއް އިސްކުރެއެވެ. ނަމަވެސް އަނެއްބަޔަކު އެކަމަށް ވަކިޙުކުމެއް ކަނޑައެޅުމެއްނެތި ތިމަންނާ ތިޔަކަންތައް ކުރުމަށް ޖެހިލުންވެޔޭ ބުނެ ދުރުހެލިވެއެވެ. ނަމަވެސް އެކަމުގެ ތެރެއަށް ވަދެގަންނަމީހުންނަށް ވަކިޙުކުމެއް ކަނޑަނާޅާއެވެ. އަދި ތިންވަނަ ބަޔަކު އިސްވެދެންނެވުނު ދެބައިމީހުންނަށް ޢައިބުކިޔައި އެދެބައިމީހުންނީ ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ބަޔަކު ކަމުގެ ސާބިތު ހެއްކެއް ނެތިވެސް އިލްޒާމުއެޅުވުމަށްފަހު އެފަދަ ކަންކަމުގެ ތެރެއަށް ހިފެހެއްޓުމެއްނެތި ވަދެގެންދެއެވެ. އަދި އޭގެ ތެރެއިން ބައެއްމީހުން، އެފަދަ ކަންކަން ދޫކޮށްލާ މީހުންނަށް "ތިދެން ތަންކޮޅެއް ބޮޑުވަރޭ" "ތިހާވަރުން ދެން ދުނިޔޭގައި އުޅޭނީ ކިހިނެއްހޭ؟" މިފަދަ ޢިބާރާތްތަކުން އެފަދަ މީހުން ޢައިބުކޮށްލައެވެ. ނަމަވެސް ހަޤީޤަތަކީ ފުރަތަމަ ދެންނެވުނު މީހުންގެ ޢަމަލު ކަމުނުދާކަން އެނގެއެވެ. އެއީ ދީނީގޮތުން ބަލާއިރު ޝައްކުގެ ތެރެއަށް ވެއްޓިދާނެ ފަދަ ކަމެއްގައި އެހެންމީހުންގެ މައްޗަށް ނެރެގެންނުވާނެ ފަދަ ޙުކުމެއް ނެރުމުންނެވެ. އެފަދަ ގިނަމައްސަލަތަކީ ބޮޑެތި ދަންނަބޭކަލުންގެ އަރިހުގައިވެސް އިޚްތިލާފުވެފައި ހުންނަ މައްސަލަތަކެވެ. ނަމަވެސް އެފަދަ ކަންކަމަށް އެފަދަ ޙުކުމެއް ކުރުމެއްނެތި، އެކަށީގެން ނުވާ ފަތުވާއެއް ނެރުމެއްނެތި، އެމީހަކު އަމިއްލައަށް އާޚިރަތަށް ބިރުވެތިވެ އެކަންކަމުން ދުރުހެލިވުމަކީ އިސްލާމްދީނުގައި އެކަމަކަށް ނުހަނު މަދަޙަ ކިއިފައިވާ ރަނގަޅު މާތް ސިފައެކެވެ. އަދި އެއީ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އަދި ސަލަފުއްޞާލިޙުންގެ އަރިހުންވެސް ސާބިތުވާ ނުހަނު މާތް ސިފައެކެވެ. ވީމާ އެފަދަ މާތްސިފައެއްގެ އަހުލުވެރިބައެއްގެ ކަންކަމާއި ބެހުމުގެ ކުރިން ތިމާއަށް ކުރެވޭ ކަމަކާއި އެބަޔަކާއި ބެހޭގޮތުން ތިމާއަށް މިދެއްކެނީ ކިހާވަރެއްގެ ވާހަކައެއް ވިސްނާލުން ރަނގަޅެވެ. އެންމެކުޑަމިނުން މިކަމަކީ ތިމާއާ ނުބެހޭ ކަންކަމާއި ބެހުންކަމުގައި ވެގެންދެއެވެ. ތިރްމިޛީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((مِنْ حُسْنِ إِسْلَامِ الْمَرْءِ تَرْكُهُ مَا لَا يَعْنِيهِ)) މާނައީ: "މީހާގެ އިސްލާމްކަމުގެ ރިވެތިކަމުގެ ތެރެއިން އެމީހާއާ ނުބެހޭ ކަންކަމާއި ނުބެހުން ހިމެނެއެވެ." ބައެއްމީހުންނަށް ހީވާފަދައިން މިއީ ތިމާމީހާ ކުރާ ނުބައިކަމެއް އެހެންމީހުން ނުހުއްޓުވާ ހުރުމެވެ. މިގޮތަށް މިޙަދީޘްގެ މާނަކުރުން ގޯސްވެގެންވެއެވެ. ނަމަވެސް މިހަދީޘްގެ މަފްހޫމްގެ ތެރޭގައި އިސްވެބުނެވުނު ފަދައިން ތިމާއަށް ގޯހެއް ހެދިދާނެކަމަށް ބިރުހީވެގެން، އެހެންމީހުން ކުރާހައި ކޮންމެކަމެއް ނުކޮށް ހުރުމުން އެކަމަށް ޢައިބުގެ ބަސްތައް ކިޔުން ވަންނާނެއެވެ. ސަބަބަކީ އެއީ ޙަރާމްކަމަކަށް ނުވިޔަސް، އެމީހަކު އާޚިރަތަށްޓަކައި ކަމަކުން ދުރުހެލިވެގެން ހުރުމަކީ އެހެންމީހުންނާ ބެހޭކަމަކަށް ނުވާތީއެވެ. ގިނަބަޔަކު އުޅެން ނިންމާގޮތަކަށް ނުވަތަ ގިނަބަޔަކު އުޅޭ ގޮތަކަށް އެންމެން އުޅޭކަށެއްވެސް ނުޖެހެއެވެ.
މިއުންމަތުގެ އެންމެހެޔޮ މީހުންގެ ފަރާތުންވެސް ވަރަޢަވެރިވުމުގެ ރިވެތި ސިފަތައް އެބޭކަލުންގެ ތާރީޚުން ފެނިގެން ދެއެވެ.
ކާފިރުންގެ އަންނައުނާއި އެބައިމީހުން ކާތަކެއްޗާއި އެބައިމީހުން ކާން ގެއްގުޅޭ ތަށިސަމްސަލާއި ތަކެއްޗަށް ބަލާއިރު އެމީހުންނަކީ ނަޖިހުގެ ކަންކަމަށް އަޅާލާބަޔަކަށް ނުވެއެވެ. ނަމަވެސް އެކަންކަމުގައި ދެގޮތަށް ޙަދީޘްތައް ރިވާވެގެންވެއެވެ. ބުޚާރީ، މުސްލިމް އަދި އިބްނު ޙިއްބާން ޞައްޙަ ކުރައްވާފައިވާ ޙަދީޘްތަކުގައި ވާގޮތުން ނަބިއްޔާ صلى الله عليه وسلم ޔަހޫދީންގެ ދަޢުވަތު ޤަބޫލުކުރައްވާފައިވެއެވެ. އެކަލޭގެފާނުގެ އަޞްޙާބުން ކާފިރުންގެ އަންނައުނާ ތަށިސަމްސާ ފަދަތަކެތި ބޭނުކޮށްފައިވެއެވެ. އަދި ހަނގުރާމަތަކުގައި ލިބިފައިހުންނަ އެކާފިރުންގެ ތަކެތި އެމީހުންގެ މެދުގައި ބަހާފައިވެއެވެ. އަދި މުޝްރިކަކު ބޭނުންކޮށްފައިވާ ފެން ރަސޫލާ صلى الله عليه وسلم ބޭނުކުރެއްވިއެވެ. މިފަދަތަކެތީގައި ނަޖިސްހުރުން އެކަށީގެންވެއެވެ. ނަމަވެސް މިއެކަށީގެންވުމަށް އެބޭކަލުން ނުބައްލަވާކަން މިޙަދީޘުން އެނގެއެވެ. ނަމަވެސް ބުޚާރީ ރިވާކުރެއްވި އެހެން ޙަދީޘެއްގައި ނަބިއްޔާއާ ފޮތުގެ އަހުލުވެރިން އޫރުމަސް ކާން ގެންގުޅޭ ތަށިތަކުން ކެއުމާއި، ރާބޯން ގެންގުޅޭ ތަށިތަކާމެދު ސުވާލުކުރެވުމުން ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ: [އެނޫން އެއްޗެއް ނުލިބުނުކަމުގައިވާ ނަމަ، ފަހެ، އެތަކެތި ފެނުން ދޮވުމަށްފަހު، އޭގައި ކައިހަދާށެވެ.] އެތަށިތައް ނޫން އެހެން އެއްޗެއް ލިބުނު ނަމަވެސް އެތަކެތި ދޮވުމުން އޭގެ ނަޖިސްކަން ފިލާނެއެވެ. ނަމަވެސް ޙަދީޘުން އެނގިގެންދަނީ އެހެން ތަށިތަކެއް ލިބެން ހުރިނަމަ، އެތަކެތި ދޮވެގެން ބޭނުންކުރުމުގެ ބަދަލުގައި އެތަށިތައް ދޫކޮށްލައި، އެލިބުނު އެނޫން ތަށިތައް ބޭނުންކުރުން އައުލާކަން ބޮޑުކަމެވެ. މިކަމުން އެދައްކައިދެނީ ޙަލާލުއެއްޗެއްވެސް ރައްކަލަކަށްޓަކައި ދޫކޮށްލުމުގެ ސިފައެވެ. އެއީ ވަރަޢަވެރިކަމެވެ. އަލްއިމާމް އަޙްމަދު رحمه الله މީގެ މާނަކުރެއްވީ އެގޮތަށެވެ. ވިދާޅުވިއެވެ: "މިއީ ޝުބުހާއެކެވެ. އެހެނީ އެކަންވަނީ ޙަލާލާއި ޙަރާމްއާ ދެމެދުގައިވާ މަންޒިލެއްގައެވެ. އެކަމުން ދުރުހެލިވެއްޖެމީހާ، ފަހެ އެމީހެއްގެ ދީން އެމީހަކު ރައްކާތެރިކޮށްފިއެވެ. އަދި އެބޭފުޅާ އެހެންފަހަރަކު އޭގެ މާނަ ބުނެދެއްވީ އެއީ ޙަލާލާއި ޙަރާމް އެއްވެފައިވާ ކަމެއްގެ ގޮތުގައެވެ. މިފަދަ މައްސަލަތަކުގައި އެއިމާމު އެފަދަ ކަމެއްގައި ޙަރާމްގެ ބައި ވަންނަލެއް ކުޑަ ނޫންނަމަ، އެކަންކަމުން ދުރުހެލިވުމަށް ފަތުވާދެއްވިއެވެ. މިފަދަ ފަތުވާއަކީ އެބޭކަލުންގެ ވަރަޢަވެރިކަން ދައްކައިދޭ ފަތުވާތަކެވެ. ނަމަވެސް ކާފިރުންގެ މުދަލުގައި ޙަރާމްތަކެތި ހިމެނުނު ކަމުގައި ވާއިރުވެސް ނަބިއްޔާ صلى الله عليه وسلم އެބައިމީހުންނާ މާލީ މުޢާމަލާ ކުރައްވާފައިވުމުން، މިޢިލްމުވެރިން ފަތުވާދެއްވަނީ، ޙަރާމާއި ޙަލާލު އެއްވެފައިވާ މުދަލެއްގައި ޙަލާލުބައި ގިނަނަމަ، އެފަދަ މުދާ ބޭނުންކުރުން ހުއްދަވާނެ ކަމުގައެވެ.
ނަމަވެސް މިފަދައިން އެކަން އޮންނައިރުވެސް ބައެއް ދަންނަބޭކަލުން އެކަމުން ދުރުހެލިވުމަށް އެދިވަޑައިގަންނަވައެވެ. އެގޮތުން ސުފްޔާން رحمه الله ވިދާޅުވިއެވެ: އެއީ ތިމަންނާއަށް ކަމުދާ ތަކެއްޗެއް ނޫނެވެ. އަދި އެތަކެތި ދޫކޮށްލުން ތިމަންނާގެ ގާތުގައި މާކަމުދެއެވެ.
އަދި ހަމަމިފަދައިން ޞަޙާބީ އިބްނު މަސްޢޫދު رضي الله عنه ގެ އަރިހުންވެސް ދެގޮތަކަށް ރިވާވެގެންވެއެވެ: ފާޅުގައި ރިބާކައިއުޅޭ އަވައްޓެރިއަކު ކެއުމަކަށް ދަޢުވަތު ދިނުމުން ކަންތައްކުރާނެ ގޮތާއިމެދު އެޞަޙާބީއާ ސުވާލު ދެންނެވުމުން ވިދާޅުވިއެވެ: އިޖާބަދޭށެވެ. އެހެނީ ތިޔަބައިމީހުންނަށް އެއީ ބަނޑަށް ލިބޭ ކާއެއްޗެކެވެ. އަދި އެކަމުގެ ފާފަވަނީ (އެރިބާކައިއުޅޭ) މީހަކަށެވެ. އަދި އެހެން ރިވާޔަތެއްގައި ވާގޮތުން އެޞަޙާބީ ޖަވާބު ދެއްވީ "ފާފަ ހިތަށް ގަދަވެގަނެ އަސަރުކުރުވާނެއެވެ." މިފަދައިންނެވެ.
ވީމާ ކަންކަމުގެ ޙަލާލާއި ޙަރާމް ޝަރުޢީ ދަލީލަކުން ސީދާކޮށް ނުވަތަ ނުސީދާކޮށް ނުވަތަ ދީނުގެ ކަންކަން އިޖްތިހާދުކުރުމުގެ ފެންވަރު ނުވާނަމަ، އެފަދަ ކަންކަމުގައި ދީންވެރިކަން އިތުރުކުރަން ބޭނުންވާ މީހަކު ވަރަޢަވެރިވުމަކީ ހަމަ އެންމެ ރަނގަޅު ގޮތެކެވެ. އެއީ މާތް ސިފައެކެވެ.
އަޅަމެންނީ ދީންވެރި އަޅުވެރި ބަޔަކު ކަމުގައި ވުމުގެ ހެޔޮ ތައުފީޤު އަޅަމެންނަށް ދެއްވާށިއެވެ! އަދި ވަރަޢަވެރިވުމުގެ ރިވެތި ސިފައިން އަޅަމެއް ޒީނަތްތެރި ކުރައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.