މިރޭ މި ފާހަގަކުރާ، ނަތީޖާއަކީ، އޭގެ ކުރީ އަހަރުތަކުގެ ނަތީޖާ އަށްވުރެ މޮޅު ކާމިޔާބު ނަތީޖާ އެއްކަމުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މިރޭ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް މާލަމުގައި ބޭއްވި މަތީ ސާނަވީ ދަރިވަރުންގެ 2021 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ، މިދިޔަ އަހަރަކީ، މިސްކޫލްގެ "ޓްރެކް ރެކޯޑު" ދައްކާ ގޮތުން، އެންމެ ފަޚުރުވެރި ނަތީޖާ ހޯދި އަހަރު ކަމުގައެވެ
ޓީޗަރުންނާ މުޚާޠަބުކޮށް ޕްރިންސިޕަލް ވިދާޅުވީ އަޙްމަދިއްޔާގެ ކާމިޔާބީގެ މުގުލަކީ، ފަޚުރުވެރި ޓީޗަރުންކަމާއި ކިޔަވައި ދެއްވުމަކީ، ޓީޗަރުންގެ ހަމައެކަނި "ޕެޝަން" އޭ، ދެންނެވޭކަށް ނެތްކަމަށާއި ކިޔަވައި ދިނުމަކީ، ޓީޗަރުން، އެންމެ ގިނަ ވަގުތާއި ހަކަތަ، ހޭދަކުރައްވާ، އެންމެ މުހިންމު މަސައްކަތްކަމީ ޝައްކެއް އޮތްކަމެއްނޫން ކަމުގައެވެ.

" އަޙުމަދިއްޔާގެ ދަރިވަރުންނަށް ދުނިޔޭގެ ފެންވަރުގައި ވެސް، އިތުރު ކާމިޔާބީ ހޯއްދަވައި ދެއްވަން، ޓީޗަރުން، ކުރައްވާ ބުރަ މަސައްކަތަކީ، ޖުމްލަ ތަކަކުން އަޅުގަނޑަށް، ޝުކުރު ދެންނެވޭ ވަރަށްވުރެ، މާ މަތިވެރި ޚިދުމަތެއް. ތިޔައީ، މި ސްކޫލުގެ ނަން، ދުނިޔެއާ ރާއްޖޭގެ ފަޒާގާ، ވިދުވައިދޭ ބޭފުޅުން. އެހެންކަމުން، މި އުފާވެރި މަޤާމުގާ ހުއްޓިހުރެ، ތިޔަ ލޮބުވެތި ޓީޗަރުންނަށް، ހިތުގެ ޢުމްޤުން، ޝުކުރު ދަންނަވަން. " ޕްރިންސިޕަލް ވިދާޅުވިއެވެ.
ދަރިވަރުންނާ މުޚާޠަބްކޮށް ޕްރިންސިޕަލް ވިދާޅުވީ މި ވަގުތަކީ، ޕްރިންސިޕަލްގެ ހިތަށް ވެސް، ވަރަށް ތަފާތު ޝުޢޫރުތަކެއް، ވެރިވަމުންދާ ވަގުތެއްކަމާއި އަޙުމަދިއްޔާގައި ތިޔަކުދިން، ތަޢުލީމު ޙާޞިލްކުރަން، ތިޔަ ވޭތުކުރި އަހަރުތަކުގައި މި ސްކޫލް މިވަނީ، ތިޔަ ކުދިންގެ ޙަޔާތުގެ ޚާއްޞަ ހަނދާނަކަށް، އުފަލަކަށް ވެފައި ކަމުގައެވެ. އަދި މިއީ، ތިޔަ ކުދިންގެ އުފާވެރި "ގެ" އެކޭ އެއްފަދައިން، ބެލި ހިޔާވައްސެއް ކަމާއި ތިޔަ ކުދިންގެ ދެވަނަ ބެލެނިވެރިންނަށްވީ، މިތިއްބެވި ލޮބުވެތި ޓީޗަރުން ކަމުގައެވެ

" މިއީ، ތިޔަ ކުދިން، މި ސްކޫލު ނިންމައި، ދެން އޮތް ތަޢުލީމީ މަރުޙަލާއަށް، ބަދަލުވާ ވަގުތު. އެހެން ކަމުން، އެފަޅުކަމުގެ އިޙުސާސް، މިރޭ ޕްރިންސިޕަލަށް ވެސް، ޓީޗަރުންނަށް ވެސް އެބަ ކުރެވޭ. މި ފަޅުކަމާ، ދެރަ، ހިތަށް ތަދު ކުރަމުން އަންނައިރު، އެފަޅުކަމުގެ މައްޗަށް ތަސައްލީދީ، އަލިކޮށްދެނީ، އަނެއްކާވެސް، ކާމިޔާބު، މޮޅު ދަރިވަރުން ތަކެއް، މި ފުރާޅުގެ ދަށުން، ބިނާ ކުރެވުމުގެ އުފާ!" ޕްރިންސިޕަލް ވިދާޅުވިއެވެ.