އަޙްމަދިއްޔާގެ ޕްރީ ޕްރައިމަރީ ދަރިވަރުން ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަކޮށްފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރީ ޕްރައިމަރީ ދަރިވަރުންނަށް ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަކުރުމަށް ޚާއްޞަ ޙަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ސްކޫލްގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޙަރަކާތްތައް ފެށީ ދަރިވަރުންނަށް ތިމާވެށި ރައްކާތެރިކުރުމާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބޭއްވި ސެޝަނަކުންނެވެ. މި މަޢުލޫމާތު ސެޝަން ނަންގަވައިދެއްވީ ކްލީން މޯލްޑިވްސްގެ ރައީސް ހުސައިން އަރުބާންއެވެ.

މި ސެޝަނަށް ފަހު އެކި ގްރޭޑްތަކަށް ބަހާލައިގެން ބޭއްވި ޙަރަކާތްތައް ދައްކާލުން އޮތެވެ. އެގޮތުން ބޭބީ ނާސަރީގެ ދަރިވަރުން ތައްޔާރުކުރީ މޫދުގައި އުޅޭ މަސްމަހާމެއްސާއި އެހެން ޖަނަވާރުތަކަށް ލިބޭ ގެއްލުންތައް އަންގައިދިނުމަށް، އުކާލާ ތަކެތިން އެކުދިން ތައްޔާރުކޮށްފައިވާ މޮޑެލްތަކެކެވެ. އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުން ވަނީ ސްކޫލް ގޯތިތެރޭގައި އެކި ބާވަތްބާވަތުގެ 537 ގަސް މުށީގައި އިންދާފައެވެ. މީގެ އިތުރުން ގްރޭޑް 5، 6 އަދި 7 ގެ ދަރިވަރުންނަށް ހުޅުވާލައިގެން ޕޯސްޓަރު ކުރެހުމުގެ މުބާރާތަކާއި ވީޑިއޯ ހެދުމުގެ މުބާރާތެއް ވެސް ބޭއްވިއެވެ.

މި ހަރަކާތާ ބެހޭ ގޮތުން ވާހަކަދައްކަވަމުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރީ ޕްރައިމަރީ ގްރޭޑްތަކުގެ އިންޗަރޖް، ސީނިއަރ އެސިސްޓަންޓް ޕްރިންސިޕަލް ޢާއިޝަތު ޝީތާ ވިދާޅުވީ މި ޙަރަކާތްތަކަކީ އޯޒޯން ދުވަހާ ބެހޭ ގޮތުން ކުދިންނަށް މައުލޫމާތުދީ، ތިމާވެށްޓާ ގޮތުން ކުދިން އިތުރަށް ހޭލުންތެރިކުރުވައި، އޯޒޯން ފަށަލަ ރައްކާތެރިކުރުމަށް ދަރިވަރުންގެ ފެންވަރުގައި ކުރެވޭނީ ކޮންކޮން ކަންތަތައްތަކެއްތޯ ބަލައި، އެކަމަށް ދަރިވަރުންގެ ވިސްނުން ހިންގުމުގެ މަޤްޞަދުގައި ކުރިޔަށް ގެންދިޔަ ޙަރަކާތެއް ކަމަށާއި، މި ހަރަކާތް ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދެވުނީ ޕްރިންސިޕަލް މުޙައްމަދު ރަޝީދުގެ ލަފައާއި އިރުޝާދު ވަރަށް ފުރިހަމައަށް ލިބި، ބެލެނިވެރިންނާއި މުދައްރިސުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިގެން ކަމަށެވެ.

ދުނިޔޭގެ އޯޒޯން ދުވަހަކީ ކޮންމެ އަހަރެއްގެ ސެޕްޓެންބަރު މަހުގެ 16 ވަނަ ދުވަހެވެ. މިއަހަރުގެ އޯޒޯން ދުވަހުގެ ޝިޢާރަކީ "އޯޒޯން ފޮރ ލައިފް" އެވެ. ދުނިޔޭގެ އޯޒޯން ދުވަސް ފާހަގަކުރާތާ މިއީ 35 ވަނަ އަހަރެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *