އާރޓިކަލް 86 : ސާފު ހިތެއްގެ ވެރިޔަކަށް ވުމުގެ މުހިންމުކަން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްތަކުން އެނގޭ ގޮތުގައި އިންސާނާ ކުރާ އެންމެހައި ޢަމަލުތައް އިޞްލާޙުވުން ބިނާވަނީ އެމީހެއްގެ ހިތުގެ ޙާލަތަށެވެ. އެމީހެއްގެ ޢަމަލުތައް ނުބައިވެ، ފަސާދަވުން ވެސް ބިނާވަނީ އޭނާގެ ހިތުގެ ޙާލަތަށެވެ. ވީމާ މިއަގުހުރި ގުނަވަނަކީ ހަށިގަނޑުގެ ރަސްގެފާނޭވެސް ބުނެވިދާނެއެވެ. ސަބަބަކީ މުޅި މީހާ ކޮންޓްރޯލު ކުރަނީ އެމީހެއްގެ ހިތް ކަމުގައި ވާތީއެވެ. މީހާގެ ކޮންމެ ގުނަވަނަކުން ތަންފީޒުކުރަންވީ ޢަމަލެއްގެ ޙަޤީޤީ މޭސްތިރިއަކީ އޭނާގެ ހިތެވެ. އެންމެހައި ގުނަވަންތަކެއް ކުރަންވީ ކަންކަމާއި ނުކުރަންވީ ކަންކަމުގެ އަމުރުވެރިޔަކީ އެމީހެއްގެ ހިތެވެ. މިވަރަށް ދީނުގައި މިކަން ބަޔާންކޮށްދެއްވާފައި ވާއިރުވެސް މިއަދު ސައިންސްއަށް ނިސްބަތްވާ ބައެއް މީހުން – އޭގައި ބައެއް މުސްލިމުންވެސް ހިމެނޭ ގޮތަށް – ބުނަނީ މިކަމުގެ މޭސްތިރިއަކީ ސިކުނޑި ކަމުގައެވެ. އިލާހީ ވަޙީން ބަސްވިދާޅުވާ ބޭފުޅަކާ އަޅާބަލާއިރު މިފަދަ މީހުންގެ ވާހަކަތަކަކީ ކޮންއަގެއް ހުރި ވާހަކަތަކެއް ހެއްޔެވެ؟ ރަސޫލާ صلى الله عليه وسلم ގެ ޢިލްމުން މިންކޮށްލާއިރު މިފަދަ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތްކަން ސާފުކޮށް އެނގެއެވެ. ބުޚާރީއާއި މުސްލިމްގައިވާ ޙަދީޘެއްގައިވެއެވެ: ((إنَّ في الجَسَدِ مُضْغَةً، إذا صَلَحَتْ، صَلَحَ الجَسَدُ كُلُّهُ، وإذا فَسَدَتْ، فَسَدَ الجَسَدُ كُلُّهُ، ألا وهي القَلْبُ)) މާނައީ: [ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެމަސްކޮޅު އިޞްލާޙުވެއްޖެ ހިނދު އޭނާގެ މުޅިހަށިގަނޑު އެއްކޮށް އިޞްލާޙުވެއެވެ. އަދި އެމަސްކޮޅު ފަސާދަވެއްޖެނަމަ މުޅިހަށިގަނޑު އެއްކޮށް ފަސާދަވެއެވެ. ދަންނާށެވެ. އެއީ ހިތެވެ.] ޢަރަބިން ސިކުނޑިއަށް ކިޔާ ވަކިބަހެއް އޮއްވާ ހިތަށް ޚާއްޞަކޮށްފައިވާ ބަސް ރަސޫލާ صلى الله عليه وسلم ބޭނުންކުރެއްވީ އެހިތުން މިމަސައްކަތްތައް ކުރާތީކަން ކަށަވަރެވެ.

އަދި ހަމަ މިބަސް މީހާގެ ވިސްނުމާއި ފިކުރަށް އިޝާރާތް ކުރައްވައި ކީރިތި ޤުރުއާނުގައިވެސް ބޭނުން ކުރައްވާފައިވެއެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ(88) إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ(89)﴾ سورة الشعراء:89 މާނައީ: [އެދުވަހަކީ އެއްވެސް މުދަލެއް އަދި އެއްވެސް ދަރިއެއްގެ ފައިދާއެއް ނުކުރާނޭ ދުވަހެވެ. ﷲ ގެ ޙަޟްރަތަށް ސާފު ހިތަކައިގެން އައި މީހެއް މެނުވީއެވެ.] އެދުވަހުގައި އިންސާނާގެ އަތުގައި ހުންނާނެ ހަމައެކަނި އެއްޗަކީ އެމީހަކު ކުރިޢަމަލު ކަމުގައިވާއިރު އަދި އެދުވަހުގެ އެންމެހައި ޖަޒާއެއް ބިނާވަނީ އެމީހަކު ކުރި ޢަމަލުތަކަށް ކަމުގައިވާއިރު، އެފައިދާކުރުވަނިވި ހަމައެކަނި އެއްޗަކީ އެމީހެއްގެ ޢަމަލުތަކެވެ. އެއެންމެހައި ޢަމަލުތަކެއް ކޮންޓްރޯލުކުރާ ހިތް ރަނގަޅުވުމުން އެމީހެއްގެ ޢަމަލުތައް ރަނގަޅުވެ ހެޔޮޢަމަލު ކުރާ ޞާލިޙު މީހަކަށް އެމީހަކު ވުމުން، އެމީހެއްގެ ހިތް އެވަނީ ރަނގަޅު ލީޑަރެއްގެ ރޯލު އަދާކޮށްފައެވެ. އޭގެ ސަބަބުން އެހިތްވެގެންދަނީ ރަނގަޅު ހިތަކަށެވެ. މީހާއަށް ތެދުމަގަށް އިރުޝާދު ދިން ނުބައިކަމުން ސަލާމާތްވެގެންވީ ގުނަވަނަކަށެވެ. މިއެންމެހައި ރޯލެއް އެހިތަށް ލިބިގެން ނުވާނަމަ، ހިތުގެ ވާހަކަ ޤުރުއާނުގައާއި ޙަދީޘްތަކުގައި އައުމުގެ ބޭނުމެއް ނުވެއެވެ. ނަމަވެސް ހިތާމައަކީ މިއަދުގެ މުފައްކިރުން އިސްލާމްދީނަށް ނިސްބަތްވިޔަސް ނުވިޔަސް ދައްކާ ވާހަކައިގައި މާބޮޑު ތަފާތުތަކެއް ނުހުރެއެވެ. މިދެންނެވި ދެވައްތަރުގެ މީހުންވެސް ސައިންޓިފިކް ވާހަކަތައް ދެއްކުމުގައި އެމީހުންގެ މެދުގައި ޚިޔާލުތަފާތުވުން ކިތަންމެ އޮތްނަމަވެސް، އަދި އެވާހަކަތައް މިފަދަ ޤުރުއާނުގެ އާޔަތްތަކާއި ޙަދީޘްތަކާއި ފުށޫއެރިއަސް އެތަކެއް މުސްލިމުންގެ ހިތަށް މިފަދަ ވާހަކަތައް ދައްކައިގެން ޤުރުއާނާއި ޙަދީޘްތަކުގައި އައިސްފައިވާ ވާހަކަތަކަށް މިއަދު މުސްލިމުންގެ ނަޒަރު ހުއްޓުވާފައިވަނީ ޝައްކުގެ ނަޒަރަކުންނެވެ. މުސްލިމުންގެ ޤަބޫލުކުރުމުގައި އޮޅުންބޮޅުން އެރުވުން ނޫންކަމެއް މިފަދަ މީހުން ދޭ ލެކްޗަރުތަކުން ނުކުރެއެވެ.

ފަހެ، މީހާގެ ނަފްސުގައި ހިނގާ ލޯބީގެ ޢަމަލަކީ އޭނާގެ ހިތުގައި ހިނގާ ޢަމަލެކެވެ. ވީމާ ސަލާމަތުން އޮތް ހިތެއްގެ ވެރިއެއްގެ މުޅިހިތް ފުރިގެންވަނީ ﷲ  سبحانه وتعالى އަށާއި އެކަލާނގެ ލޯބިވެވޮޑިގަންނަވާ އެންމެހައި ކަމެއް ވަށައިގެންނެވެ. އެހިތަކަށް އެފަދަ ކަމެއްގެ ޖާގައެއް ނޫނީ ނުދެވެއެވެ. އެހިތުގައި ހިނގާ ބިރުވެތިކަމުގެ ޢަމަލުވެސް އެއްކޮށް ބިނާކޮށްފައިވަނީ އެކަލާނގެ ޙަރާމްކުރެއްވި ކަމެއްގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރުގެ މައްޗަށެވެ. އޭގެ ސަބަބުން ލީޑަރެއްގެ ރޯލު އަދާކުރާ މިހިތް އެއިންސާނާއަށް ހެޔޮލަފާކޮށް އުޅުމަށް އަންގައެވެ. ނުބައިހާ ކަންކަމުން ދުރުހެލިވުމަށް އަންގައި ނަޞޭޙަތްތެރިވެ، އެމީހާ އިޞްލާޙު ކުރެއެވެ. މިކަން މިގޮތަށް ހިނގާނީ އެހިތް އެންމެފުރަތަމަ އެއީ އިޞްލާޙުވެފައިވާ އެއްޗަކަށް ވެގެންނެވެ. އަދި އެހިތުން ޙަރާމްކަމަކަށް ގެންގޮސްދީފާނެ ކަމަށްޓަކައި ބައެއް ޙަލާލުކަންތައްވެސް މަނާކުރެއެވެ. އެއީ އެޙަލާލު ކަމެއް ކުރުމުގެ ސަބަބުން ޙަރާމްކަމަކަށް މީހާ ހުށަހެޅިދާނެ ކަމަށް، މާތް ﷲ سبحانه وتعالى އަށް ބިރުވެތިވެގެންނެވެ. އެއީ ރަނގަޅު ހިތެއްގެ މަސައްކަތެވެ.

ހަމައެބީދައިން ނުބައި ހިތެއްގެ ރޯލުވެސް އެހިތް އަދާކުރެއެވެ. އެހިތް ފުރިފައިވަނީ ހާވަނަފްސުގެ އެދުންވެރި ކަމުންނެވެ. އެކަމަކީ މާތްﷲ ކިތަންމެ ނުރުއްސަވާކަމެއް ކަމުގައިވިޔަސް، އެމީހެއްގެ ހިތް އެކަމަކަށް ލޯބިކުރާނަމަ އެމީހެއްގެ އެހެނިހެން ގުނަވަންތަކުން އެނުބައިކަމެއް އެމީހަކު ލައްވާ ކުރުވައެވެ. އަބަދުވެސް އެމީހަކު ކުރާކަންކަން ބިނާވަނީ ﷲ سبحانه وتعالى ނުރުއްސަވާ ކަންކަމަށް އެއްވެސް އަޅާލުމެއްނެތި، އެމީހަކު އެދޭހާ ގޮތެއްގެ މައްޗަށެވެ. ހިތްވަނީ ހަވާނަފްސުގެ އެދުންތަކުން ފުރިފައެވެ.

ވީމާ ހަމަހަޤީޤަތުގައިވެސް މީހާގެ ހިތަކީ އެންމެހައި ގުނަވަންތަކެއްގެ ރަސްގެފާނެވެ. ބާކީހުރި ހުރިހައި ގުނަވަނަކީ އެރަސްގެފާނުގެ އަމުރުތައް ތަންފީޒުކުރާ ލަޝްކަރެވެ. އެހިތުގެ އެއްވެސް އަމުރަކަށް އެހެން އެއްވެސް ގުނަވަނެއް ނުކިޔަމަންތެރިއެއް ނުވެއެވެ. މިއަމުރުވެރިޔާ ޞާލިޙުވުމުން މުޅި ލަޝްކަރު އިޞްލާޙުވެއެވެ. މިއަމުރުވެރިޔާ ފާސިދުވުމުން މުޅި ލަޝްކަރު ފަސާދަވެއެވެ. ވީމާ ﷲ سبحانه وتعالى ގެ ޙަޟްރަތުގައި ސަލާމަތުންވާ ހިތަކުން ނޫންގޮތަކަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އެހެންވުމުން ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ދުޢާފުޅުގައި މިފަދައިން ހިމަނުއްވައެވެ: ((أَسْأَلُكَ قَلْبًا سَلِيـمًا)) (ރިވާކުރެއްވީ އަޙްމަދެވެ.) މާނައީ: [ސަލާމަތުންވާ ހިތެއް ދެއްވުން އެދި އިބައިލާހަށް ދަންނަވަމެވެ.] ސަލާމަތުންވާ ސާފުހިތަކީ އެހިތެއްގައި ﷲ އަށާއި އެކަލާނގެ ރުއްސަވާކަންކަމަށް އޮތް ލޯތްބެއް ނޫން ކަމެއް ނުވާ ހިތެވެ. އަދި އެކަލާނގެއަށް ބިރުވެތިވުމާއި، އެކަލާނގެއަށް ބިރުވެތިވުމުން ދުރުހެލިކޮށްދޭނޭ ކަންކަމަށްވެސް ގަންނަ ބިރެއްގެ މައްޗަށް ބިނާވެގެންވާ ހިތެވެ. އިމާމް އަޙްމަދު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((لاَ يَسْتَقِيمُ إِيْمَانُ عَبْدٍ حَتَّى يَسْتَقِيمَ قَلْبُهُ)) މާނައީ: [އަޅާގެ ހިތް ސީދާނުވާހައި ހިނދަކު އޭނާގެ އީމާންކަން ސީދާނުވެތެވެ.]

އަލްޙަސަން އަލްބަޞަރީ رحمه الله މީހެއްގެ ގާތުގައި ވިދާޅުވިއެވެ: "ތިބާގެ ހިތަށް ފަރުވާކުރާށެވެ. އެހެނީ ﷲ އަޅުތަކުންގެ ކިބައިން އެދިވޮޑިގަންނަވަނީ އެބައިމީހުންގެ ހިތްތައް އިޞްލާޙު ކުރުމަށެވެ." ވީމާ ކޮންމެ މީހަކު ރަނގަޅުވުމާއި ނުބައިވުން ގެނުވަނީ އޭނާގެ ހިތުގައި އޭނާ ބޭނުންވީ ގޮތެއްގެ ޙަރަކާތްތަކަށެވެ. އެހިތުގެ ޙަރަކާތްތައް ހުރީ ﷲ سبحانه وتعالى އެދިވޮޑިގަންނަވާ ގޮތަކާއި ދިމާއަށް ލެބިފައި ކަމުގައިވާނަމަ އެމީހެއްގެ ބާކީހުރި ހުރިހައި ގުނަވަނެއްގެ ޙަރަކާތްތައްވެސް ހުންނާނީ އެފަދައިންނެވެ.

އަލްޙަސަން އަލްބަޞަރީ رحمه الله ވިދާޅުވިއެވެ: ނަބިއްޔާގެ އަޞްޙާބުބޭކަލުން ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ! އަހަރެމެން އަހަރެމެންގެ ވެރިއިލާހު ދެކެ ވަރަށްވަރުގަދަ ލޯތްބަކުން ލޯބިކުރަމުއެވެ. ދެންފަހެ، އެކަމުގެ ސަބަބުން އެކަލާނގެއަށްވާ ލޯބި އެނގޭނޭ ނިޝާނެއް ލެއްވުމަށް އެކަލާނގެ ލޯބިކުރެއްވިއެވެ. އެގޮތުން އެކަލާނގެ މިއާޔަތް ބާވައިލެއްވިއެވެ: ﴿قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ﴾ سورة آل عمران:31 މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ އަށް ލޯބިކުރަނީ ނަމަ ފަހެ، ތިޔަބައިމީހުން ތިމަން ނަބިއްޔާއަށް ތަބާވާހުށިކަމެވެ. އޭރުން އެކަލާނގެ ތިޔަބައިމީހުން ދެކެ ލޯބިވެވޮޑިގަންނަވާނެތެވެ.] ދެން މިހެން ވިދާޅުވެ އަލްޙަސަން އަލްބަޞަރީ رحمه الله ވިދާޅުވިއެވެ: "ދަންނާށެވެ! ހަމަކަށަވަރުން ތިބާ ﷲ އަށް ކިޔަމަންތެރިވެ އެކަލާނގެ އެންގެވި ގޮތަށް އުޅުމަށް ލޯބިކޮށްފުމަށް ދާންދެން ތިބާއަށް ހަމަހިލާވެސް އެކަލާނގެއަށް ލޯބިނުވެވޭހުއްޓެވެ."

އޭ ހިތްތައް ފުރޮޅާލައްވާ އިލާހެވެ! އަޅަމެންގެ ހިތްތަކަކީ ސާފު ހިތްތަކެއް ކަމުގައި ލައްވާށިއެވެ. އެހިތަކީ އެންމެހައި ނުބައި ކަންކަމުން ސަލާމަތްވެގެންވާ ހިތެއް ކަމުގައި ލައްވާށިއެވެ. އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *