އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މި އަހަރުގެ ސާނަވީ ކެޕްޓަންކަމަށް ހަ ދަރިވަރަކު ކުރިމަތިލައިފިއެވެ.
މި ސެޕްޓެންބަރު މަހުގެ 29 ވާ ބުރާސްފަތި ދުވަހު އޮންނަ ސްޓޫޑެންޓް ކައުންސިލްގެ އިންތިޚާބުގައި ކެޕްޓަން ކަމަށް ވާދަކުރާ ދަރިވަރުންނަކީ ގްރޭޑް 10އޭގެ އަޝާ އަހުމަދު ރިޒާ އާއި، މަރިޔަމް އަންޖަލް އިބްރާހީމް އާއި، ގްރޭޑް 10ބީގެ މަރިޔަމް މަންހާ ޙަމީދާއި، ގްރޭޑް 10ސީގެ ޝުޢާއު އިސްމާޢީލް ޝާން އާއި، 10ޑީގެ މުޙައްމަދު ޖޫދު ޢަބްދުﷲގެ އިތުރުން 10އެފްގެ އަޙްމަދު ރައްޔާން މުޙައްމަދު އަނީސެވެ.
މި ހަ ދަރިވަރުންގެ ތެރެއިން އަޝާ ބުނާ ގޮތުން އޭނާ ކެޕްޓަން ކަމަށް ކުރިމަތިލީ މަގާމުގެ ޒިންމާތަކާއި މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމުގެ ލަޔާޤަތާއި ޤާބިލިއްޔަތު ހުރިކަމަށް ޤަބޫލުކުރެވޭތީއެވެ.
"މިދިޔަ އަހަރުގެ އިންތިޚާބުގައި ވެސް އަޅުގަނޑަށް ވަރަށް މަތިން ވޯޓު ލިބި ސައިންސް ކްލަބުގެ ގްރޭޑް އިންޗަރޖަކަށް ހޮވުނު. އެހެން ނަމަވެސް، މަޤާމް ކިތަންމެ ބޭނުން ނަމަވެސް، އަޅުގަނޑާ ވާދަކުރާ ދަރިވަރުންނަށް ކުރާ އިޙްތިރާމް ވަރަށް މަތި. އެހެންކަމުން އިންތިޚާބުން ކޮންމެ ނަތީޖާއެއް އައި ކަމުގައި ވިޔަސް ނަތީޖާ ގަބޫލުކޮށް، ހޮވޭ ދަރިވަރަށް އެއްބާރުލުން ދޭނަން." އަޝާގެ ނިންމުން ހާމަކުރިއެވެ.
2019 ވަނަ އަހަރު އަޙްމަދިއްޔާއަށް ބަދަލުވި އަންޖަލް ބުނާ ގޮތުން އޭރުއްސުރެ ސްކޫލް ކެޕްޓަންކަން ކުރުމުގެ ޚިޔާލު ސިކުނޑީގައި އެނބުރެން ފެށިއެވެ. އަދި އެކަމަށް މަސައްކަތްކުރަން ފެށްޓުނެވެ. އަޙްމަދިއްޔާގައި ޗާންދަނީ ހައުސްގެ ކެޕްޓަންކަން އަންޖަލްގެ ދެ ބޭބެއަކު ކޮށްފައިވާ ކަމީ މަތީ މަގާމަކަށް ވާދަކުރުމަށް އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރުކަމަށް އަންޖަލް ބުންޏެވެ.
"އަޅުގަނޑަކީ ކުދިންނާ ވަރަށް ގުޅިގެން މަސައްކަތްކުރާ، ކްރިއޭޓިވް، ނަމޫނާ ދަރިވަރެއް ކަމަށް ޤަބޫލުކުރަން. މިއީ އަޅުގަނޑަށް ވޯޓު ލިބި ހޮވޭނެކަން ޔަގީންވާ އެއް ސަބަބު." އަންޖަލްގެ ޔަގީންކަން ފާޅުކުރިއެވެ.
މަންހާ ބުނީ ކެޕްޓަންކަމަށް ކުރިމަތިލީ ކުދިންގެ ކަންބޮޑުވުންތައް ވަރަށް ގާތުން ކަނުލައި އަޑުއަހައި، ސްކޫލާއި ގުޅިގެން ދަރިވަރުންނަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކުރެވޭނެ ކަމުގެ ގާބިލްކަންހުރިކަން ގަބޫލުކޮށް، ވަރަށް ފޮނި އުއްމީދުތަކަކާ އެކު ކަމަށެވެ.
" މި މަގާމަށް ކުރިމަތިލީ، އެންމެ މޮޅު، އެންމެ ރީތި ދަރިވަރަށް އަޅުގަނޑު ނުވިޔަސް، އަޅުގަނޑަކީ މިކަމަށް (ކެޕްޓަންކަމަށް) ޤާބިލް، ކުދިންގެ ކަންބޮޑުވުންތައް އަޑުއަހައި، އެކަންކަމަށް ހައްލު ހޯދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮތް ދަރިވަރެއްކަމުގެ ޔަގީންކަން އޮތީމަ. އަޅުގަނޑު ހޮވިއްޖިއްޔާ އަޙްމަދިއްޔާގެ ތާރީޚް ބަދަލުކޮށްލާނެ، ފިސާރި ކެޕްޓަނަކަށް އަޅުގަނޑު ވާނަން،" މަންހާ ޔަޤީންކަން ދިން ގޮތަކީ މިއެވެ.
ޝުއާއު ބުނީ ކެޕްޓަންކަމަށް ކުރިމަތިލީ އަދާކުރަންޖެހޭ ޒިންމާތަކާއި ވާޖިބުތައް އެނގިހުރެ، އެ ޒިންމާތަކާއި ވާޖިބުތައް އެންމެ ފުރިހަމައަށް އަދާކުރެވޭނެ ކަމުގެ ޤާބިލްކަންހުރިކަމަށް އަމިއްލަ ނަފްސަށް ޤަބޫލުކުރެވި، އެ ޔަޤީންކަން އޮތުމުގެ އިތުރުން ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެނުގައި ކުލަޖެއްސުމަށް ކަމަށެވެ.
"ވަރަށް ކުޑައިރުއްސުރެ އަބަދުވެސް ސްކޫލް ކެޕްޓަނަކަށް ވާން ވަރަށް އުއްމީދުކުރަން. އެއީ އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއަށް ލިބޭނެ ފަޚުރަކަށް ވާތީ." ޝުޢާއު ބުންޏެވެ. " އުއްމީދަކީ އަޅުގަނޑުގެ ޤާބިލްކަމަށް ބަލައި، އަޅުގަނޑަށް ވޯޓު ދިނުން. ކެޕްޓަނަކަށް ހޮވިއްޖިއްޔާ ހުރިހާ ކުދިންނަށް ވެސް ވަރަށް މަޖާ ހަރަކާތްތައް ރާވަން ބޭނުން."
ޖޫދު ޤަބޫލުކުރާ ގޮތުގައި އޭނާއަކީ ކެޕްޓަންކަން ކުރެވޭ ފަދަ ހީވާގި، ކޮންމެ ކަމެއް ވެސް އެންމެ ފުރިހަމައަށް ކުރެވޭތޯ ބަލައި ދަރިވަރަކަށް ވާތީއާއި އެހެންކުދިންނަށް އެހީތެރިވުމަކީ ޖޫދު ބުނާ ގޮތުން އޭނާގެ އާދައަކަށް ވާތީ ކުދިންނަށް އެހީތެރިވުމަށް ޓަކައި ކެޕްޓަނަކަށް ހޮވަން އެންމެ ރަނގަޅު ދަރިވަރަކީ އޭނާއެވެ.
"ކެޕްޓަންކަމަކީ ސްކޫލަށް ކޮށްދެވޭ ވަރަށް ބޮޑު ޚިދުމަތެއްގެ އިތުރުން، ކެޕްޓަނަކަށްވާ ދަރިވަރަށް ލިބޭ ބޮޑު ޝަރަފެއް. މި ޝަރަފް ލިބުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އުއްމީދެއް." ޖޫދުގެ އުއްމީދުތައް ފާޅުކުރީ މިގޮތަށެވެ.
ވަރަށް ޔަޤީންކަމާ އިތުބާރާއެކު ރައްޔާން ބުނީ މިދިޔަ އަހަރު ގްރޭޑް ނުވަޔަކުން ތަޢުލީމީ ގޮތުން އެންމެ މޮޅު ދަރިވަރަށްވުމުގެ އިތުރުން އޭނާގެ ފަހަތުގައި މުޅި 10އެފް އާއި އެހެން ކްލާސްތަކުގެ ވެސް އެތައް ދަރިވަރުންނެއް ތިބުމުން މި އަހަރުގެ ކެޕްޓަންކަން އޭނާއަށް ލިބޭނޭ ކަމަށެވެ.
"ސްކޫލް ކެޕްޓަނަކަށް ވުމަކީ އަޅުގަނޑު ވަރަށް ކުޑައިރުއްސުރެ ދެކެމުން އަންނަ ހުވަފެނެއް. އަޙްމަދިއްޔާ އަށް ވަދެވުމުން، ދިވެހިރާއްޖޭގެ އެންމެ ނަތީޖާ ރަނގަޅު ސްކޫލްގެ ކެޕްޓަނަކަށް ވުމުގެ ފަޚުރު ލިބިގަތުމަށް ވެސް ކެޕްޓަނަކަށް ވާން ބޭނުން." ރައްޔާން ބުންޏެވެ.
މި ކުދިންގެ ކެމްޕެއިން ތަޤްރީރުދިނުމާއި، ސްޓޫޑެންޓް ކައުންސިލްގެ އިންތިޚާބުގެ ވޯޓުލުން އޮތީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުއެވެ.