އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި މިއަހަރުގެ ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
މި ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު ސާނަވީ ދަރިވަރުންނަށް ޚާއްސަ ދެ އެސެމްބްލީއެއް ބޭއްވިއެވެ.
ހެނދުނު 7 ޖެހިއިރު އޮތީ ގްރޭޑް 7،8 ގެ ދަރިވަރުންނަށް ބޭއްވި އެސެމްބްލީއެވެ. 8.30 ގައި އޮތީ ގްރޭޑް 9،10 ގެ ކުދިންނަށް ޚާއްޞަކޮށްގެން ބޭއްވި އެސެމްބްލީއެވެ.
މި އެސެމްބްލީތަކުގައި ދުވަހާ ގުޅޭ ގޮތުން ރައިވަރާއި، ބަންޖާއި، ފަރިއްސާއި ޅެމާއި ލަވަ ހުށަހެޅުމުގެ އިތުރުން ދުވަހާ ގުޅޭ ގޮތުން ވާހަކަދެއްކުމާއި ތަމްސީލު ހުށަހެޅުން ވެސް އޮތެވެ. އެގޮތުން ވަރަށް ގިނަ ޢަދަދެއްގެ ދަރިވަރުން ވަނީ މި ޙަރަކާތްތަކުގައި ބައިވެރިވެ ތަފާތު މޮޅު ހުށަހެޅުންތަކުން، އެ ދަރިވަރުންގެ އަދަބީ ހުނަރު ދައްކާފައެވެ.
ގްރޭޑް 7.8 ގެ ދަރިވަރުންގެ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ ސްކޫލްގެ ސީނިއަރ އެސިސްޓަންޓް ޕްރިންސިޕަލް އަޙުމަދު ޝަފީޤް (ސައްޕެ ސަރ) އެވެ. ސައްޕެ ސަރގެ ވާހަކަފުޅުގައި ދުވަހުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވައިލައްވައި ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގެ ހަނދާން އާ ކުރައްވައި، އެ ޖިހާދުން ޢިބްރަތް ޙާޞިލްކުރަންވީ ގޮތާއި ޙާޞިލްކުރަންވީ ޢިބްރަތްތައް ދަރިވަރުންނަށް ކިޔައިދެއްވައި، ދަރިވަރުންނަށް ވަރަށް އަގުހުރި ގިނަ މައުލޫމާތު ދެއްވިއެވެ.
ގްރޭޑް 9، 10 ގެ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީގެ އިންޗަރޖް އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙް އެވެ. ޞަލާޙް ސަރގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވައިލެއްވީ ގައުމުގެ ކުރިމަގަށް ހުއްބުލްވަޠަންގެ ލޯބި އަށަގެންފައިވާ ޖީލެއްގެ މުހިއްމު ކަމުގެ މައްޗަށެވެ. އެގޮތުން ގައުމުދެކެ ލޯބިވުމަށާއި، އެއްވެސް ޙާލެއްގައި ގައުމަށް ބޭވަފާތެރި ނުވުމަށް ދަރިވަރުންނަށް ނަޞޭޙަތްތެރިވެލެއްވިއެވެ.
މި ހަފުތާގެ އާދީއްތަ ދުވަހު ނިމުނު ޔުނިޓު ޓެސްޓަށް ފަހު ލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި މި އެސެމްބްލީތަކަށް ތައްޔާރުވެފައިވާ ފުރިހަމަކަން ފާހަގަކޮށް، ބައިވެރިވި ހުރިހާ ދަރިވަރުންނަށް ދިވެހި ޑިޕާޓްމަންޓުގެ ނަމުގައި މަރުހަބާއާއި ޝުކުރުއަދާކުރަމެވެ.