އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސާނަވީ ދަރިވަރުންގެ ސްޓޫޑެންޓް ކައުންސިލް އިންތިޚާބު މިއަދު ހެނދުނު ބާއްވައިފިއެވެ.
ތަފާތު 25 މަގާމަކަށް 70 ދަރިވަރަކު ކުރިމަތިލާފައިވާ މި އިންތިޚާބުގައި ސްކޫލް ކެޕްޓަނާއި، އަންހެން އަދި ފިރިހެން ދެ ޑެޕިއުޓީ ކެޕްޓަނުންނާއި މި ސްކޫލްގެ 4 ހައުސް ކަމަށްވާ ޖަނަވަރީ، ކާމިނީ، ހުވަނދުމާ އަދި ޗާންދަނީ ހައުސްގެ ކެޕްޓަނުންނާއި، ޑެޕިއުޓީ ކެޕްޓަނުންނާއި ދިވެހި ޖަމިއްޔާ "ހިޔާ" އަދި އިނގިރޭސި ޖަމިއްޔާ އަޙްމަދިއްޔާ އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަން (އޭލާ) ގެ ލީޑަރުންނާއި ޑެޕިއުޓީ ލީޑަރުންނާއި، ސައިންސް ކްލަބާއި، ބިޒްނަސް ކްލަބާއި، އެންވަޔަރަމެންޓް ކްލަބުގެ އިތުރުން ހިއުމަންރައިޓްސް ކްލަބުގެ ލީޑަރުންނާއި އެސިސްޓެންޓް ލީޑަރުން ހޮވާނެއެވެ.
މި މަގާމްތަކަށް މެންބަރުން ހޮވުމުގައި ދަރިވަރުންގެ ވޯޓުގެ ނަތީޖާގެ އިތުރުން ވޭތުވެދިޔަ ދިރާސީ އަހަރުގެ ފަހު އިމްތިޙާނުގައި ހޯދި ނަތީޖާއަށް ވެސް ބަލައެވެ. އަދި ސްކޫލް ކެޕްޓަންކަމަށް ވާދަކުރާ ދަރިވަރުންނާ ސީނިއަރ މެނޭޖްމަންޓުގެ މެންބަރުން ހިމެނޭ އިންޓަވިއު ޕެނަލްއަކުން އިންޓަވިއުކޮށް، އެ އިންޓަވިއުގެ ނަތީޖާއަށް ވެސް ބަލައެވެ.
މަގާމްތަކަށް ކުރިމަތިލި ހުރިހާ ދަރިވަރުންނަށް ކެންޕެއިންކުރުމުގެ ފަހު ފުރުސަތެއްގެ ގޮތުން މިއަދު ވަނީ ގްރޭޑް 7،8 އަށް ބޭއްވި އެސެމްބްލީ އަކާއި، 9،10 އަކަށް ބޭއްވި އެސެމްބްލީއެއްގައި ދަރިވަރުންނާއި މުޚާޠަބުކޮށް ކެންޑިޑޭޓުން ތަޢާރަފްވެ، ކެމްޕެއިންކުރުމުގެ ފުރުސަތުދީފައެވެ.
ފޯރިގަދަ ކެންޕެއިނަކަށް ފަހު ބޭއްވި މި އިންތިޚާބުގެ ނަތީޖާފާޅުކުރާނީ މިއަންނަ އާދީއްތަ ދުވަހު މިކަމަށްޓަކައި ބާއްވާ ޚާއްޞަ އެސެމްބްލީއެއްގައެވެ.